ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ އަސަރު ހުންނަނީ ކިހާ މުއްދަތަކަށްތޯ ބަލައި, ޔޫރަޕްގެ ތެރޭގައި ދަތުރުކުރާއިރު ބޫސްޓަރ ޑޯޒް ޖަހާފައި ހުރުން ލާޒިމްކުރުމާމެދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން މަޝްވަރާކުރަން ފަށައިފިއެވެ.


ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ކަރަންޓީނަކާނުލާ ޔޫރަޕްގެ ތެރޭގައި ދަތުރުކުރެވޭ ގޮތް ހަމަޖެހިފައިވާއިރު، ކުރިޔަށް އޮތްތަނުގައި މިކަން މިގޮތުގައި ދެމެހެއްޓުމަށް ބޫސްޓަރ ޑޯޒް ޖަހުން ލާޒިމް ކުރުމަކީ މުހިންމު ކަމެއްތޯ ނުވަތަ ނޫންތޯ މި މަޝްވަރާކުރުމުގައި ކަނޑައެޅިގެންދާނެއެވެ.

ކޮވިޑް-19 ފާސް ބޭނުންކޮށްގެން ޔޫރަޕްގެ ތެރޭގައި ދަތުރުކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ކޮމިޝަނުން މިހަފްތާތެރޭގައި ޕްރޮޕޯސަލެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އީޔޫއިން ކަނޑައަޅާފައިވާ ފާހުގައި ވަނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމާއި ފަހުގެ ތާރީޚެއްގައި ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓް ނުވަތަ ފަހުގެ ތާރީޚެއްގައި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް ޔޫރަޕްގެ ތެރޭގައި ދަތުރުކުރުމުގައި ލުއިތަކެއް ދިނުމަށެވެ.

މިފާހަކީ މޯބައިލުން ބަލާލެވޭގޮތަށް، ކޮންމެ ގައުމަކުން ވަކިވަކިން އުފައްދާފައިވާ ފާހަކަށްވާއިރު، މިފާސް ބަލައިގަންނާނީ ހަމައެކަނި އީޔޫގައެވެ. މިފާސް މިހާރު އަންނަނީ އީޔޫގެ އެކި ގައުމުތަކުގެ އެތެރޭގެ އެކި ކަންކަމުގައިވެސް ބޭނުންކުރަމުންނެވެ.

ޔޫރަޕްގެ ހުރިހާ ގައުމުތަކަކަށް އެއްބަސްވެވޭ ގޮތަށް، އީޔޫ ޑިޖިޓަލް ކޮވިޑް ފާސް ބޭނުންކުރަމުން ދިޔުމަށް ގައުމުތަކުން ވަނީ އެދިފައެވެ. އަދި ސައިންސުން ފެންނަ ހެކިތަކާއެކު، ފާހަށް ބަދަލުތަކެއް ގެނައުމަށް ގައުމުތަކުން ވަނީ ވާހަކަދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު