ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކުރާ ޒަމާނީ އިންޖީނުގެ އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މޭނޭޖިންގ ޑިރެކްޓަރ އަޙްމަދު ޞަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ސަރަޙައްދީ އިންޖީނުގެއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޒަމާނީ އަދި އެންމެ ބޮޑު އިންޖީނުގެ ކަމަށެވެ. ޞަޢީދު ވިދާޅުވީ، ތިނަދޫ އިންޖީނުގެގޭ މަސައްކަތް އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދިޔަނަމަވެސް އުންމީދަކީ ދާދި އަވަހަށް އެތަނުން ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފާރުތަކުގައި ވޯލްސީލާ ލުމާއި ކުލަލުންފަދަ މަސައްކަތްތައްކަން ފާހަގަކުރައްވައި ޞަޢީދު ވިދާޅުވީ، ތިނަދޫ އިންޖީނުގެ ނިމިގެންދިޔުމުން އެރަށުގައި އެ ޤާއިމްކުރެވުނީ ދިވެހިރާއްޖޭގެ ރަށެއްގައި ޤާއިމްކުރެވޭ އެންމެ މިޒަމާނުގެ އިންޖީނުގެ ކަމަށެވެ.

މިއިންޖީނުގެއާއެކު ތިނަދޫ ހިމެނޭ ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޚިދުމަތްތައް ފުޅާކޮށް މައްސަލަ ދިމާވާ ޖެންސެޓްތަކާއި އެހެނިހެންވެސް ކުންފުނިން ގެންގުޅޭ މެޝިނަރީޒްތައް އެސެމްބަލްކޮށް، މަރާމާތު ކުރުމަށް އެރަށުގައި ސަރަހައްދީ ވޯކްޝޮޕެއް ޤާއިމް ކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި އެވޯކްޝޮޕް އޮޕަރޭޝަނަަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.

"ސަރަޙައްދީ ބޮޑު ވޯކްޝޮޕެއް ތިނަދޫގައި ހަދަނީ. އަންނަ އަހަރުގެ މެދުތެރޭގައި އެތަން ބޭނުންކުރެވެން ފަށާނެ. އެތަން ވެގެންދާނީ ރާއްޖޭގައި ހުރި އެވަރުގެ އެންމެ ކޮލިޓީ ރަނގަޅު، ޚިދުމަތްދެވޭ ބޮޑު، ވޯކްޝޮޕަކަށް ވެގެންދާނެ." ޞަޢީދު ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އެތަން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް ތިނަދޫއަށް ކަރަންޓުގެ ޚިދުމަތްދެމުންގެންދަނީ އިންޖީނުގެ ސަރަޙައްދުގެ މަގުމަތީގައި ހިޔާކޮށްގެން ހަދާފައިވާ ވަގުތީ ތަނެއްގައެވެ.

ސަރުކާރުން ގދ. ތިނަދޫގެ އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން