ޕޭމަންޓް ސިސްޓަމްތައް އޮޕަރޭޓް ކުރަމުން އަންނަ ފަރާތްތަކުން އެކަމަށް ބޭނުންވާ ލައިސަންސަަށް އެދި ހުށަހަޅަން މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިފިއެވެ.

ގައުމީ ޕޭމެންޓް ސިސްޓަމުގެ ޤާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތްދެމުންގެެންދާ ފަރާތްތަކުންނާއި ސިސްޓަމެއް އޮޕަރޭޓް ކުރަމުން ދާ ފަރާތްތަކުން، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ލަައިސަންސަށް އެދި ހުށަހަޅަންޖެހެއެވެ.

ގައުމީ ޕޭމެންޓް ސިސްޓަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މޭ މަހުގެ 18 ވަނަ ދުވަހެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ގާނޫނު ގެޒެޓުގައި ޝާއިއުކުރިތާ ހަތަރު މަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.

އެމްއެމްއޭއިން ބުނީ ލައިސަންސަށް އެދި ހުށަހަޅާއިރު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަމާއި، ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތާއިބެހޭ ކުރު ތައާރަފެއް ހުށައަޅަން ޖެހޭނެ ކަމަށެވެ. އަަދި އެމްއެމްއޭއިން އިތުރު މައުލޫމާތު ހޯދަން ބޭނުންވެއްޖެނަމަ ގުޅޭނެ ފަރާތެއްގެ ނަމާއި ގުޅޭނެ ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް ހުށަހަޅަންޖެހޭނެކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ލައިސަންސަށް އެދި ހުށަހަޅަންޖެހޭނެކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެއެވެ. ހަމައެއާއެކު ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އިންޓަރ އޮޕެރަބިލިޓީ ޤާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ޤާއިމުކުރުމަކީވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

މިޤާނޫނުގައި ޤައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަރސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން މި ޤާނޫނު ހިންގައި ތަންފީޛުކުރުމަށް އަދި މަސްއޫލިއްޔަތު އަދާކުރުމަށް، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވާކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ދަށުން ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަން ދިނުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައްވެސް މި ޤާނޫނުގައި ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން