މިހާރު ރާއްޖެއިން ފެންނަ އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ތަސައްވަރު ކުރެވެނީ ނުރައްކާތެރި ކޯވިޑްގެ އާލަމީ ވަބާގެ ހަމަ އެއްވެސް އަސަރެއް ނެތް ހެންނެވެ. މީހުން ހެލިފެލިވެ އުޅުމާއި ދަތުރުފަތުރު ކުރުމާއި ތަންތަނަށް ޖަމާވެ އުޅުމުގައި ވެސް ހަމަ ހީވަނީ ކޯވިޑްގެ މަތީން މުޅިން ހަނދާން ނެތިފައިވާ ހެނެވެ. ލިބުނު ސްކޫލް ޗުއްޓީއާއެކު ރަށްރަށަށް ފުރަފުރައިގެން ދާމީހުންގެ ސިކުނޑީގައި ވެސް ދަތުރާއި ޗުއްޓީ ނޫން އެހެން ކަމެއް ނެތެވެ. ރަށްރަށުގައި ކޯވިޑްގެ ހާލަތު އޮތް ގޮތެއް ތިމާ އުޅޭ މާހައުލުގައި އެހާލަތު އޮތްތޯއެއް، ދަތުރުކުރާއިރު ތިމާގެ ކިބައިގައި ކޯވިޑްގެ އަލާމާތެއް ހުރިތޯ އެއްވެސް ނުބަލައެވެ. ރަށްރަށުން މާލެއަންނަ މީހުންގެ ހާލަތުވެސް ހުރީ ހަމަ މިދެންނެވި ހެނެވެ. މާލެއަށް ދަތުރު ކުރުމުގައި ވެސް ކުޑަވެސް ވަރަކަށް ވިސްނާލުމެއް ނެތެވެ. މާލެ ތޮއްޖެހިފައެވެ. މާލެއައިސް އާދައިގެ މަތީން ކުދި ކުދި ކޮޓަރިތަކުގައި އާއިލާތައް ތޮއްޖެހިގެންނެވެ.

ގިނަ ރަށްރަށުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެރަށްރަށަށް މާލެއިން އަރާ މީހުން ގިނައެވެ. މިދެންނެވި މީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގޭއިރު އެމީހުން މުޅި ރަށުގައި އެނބުރި، އެމީހުންނާއި ގައިގޯޅި ނުވާ މީހަކު ރަށުގައި މަދެވެ. މިއީ ކޯވިޑްގެ ހާލަތުގައި ދަތުރުފަތުރު ކުރުމާއި އާންމު ދިރިއުޅުން ބައްޓަން ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދީ އަންގާފައިވާ ގޮތާއި މުޅިން ޚިލާފު ކަންކަމެވެ.

ކޯވިޑްގެ އާ ވޭރިއަންޓުތަކާއެކު ކޯވިޑް މާ ބާރަށް ފެތުރިދާނެ ކަމުގެ އިންޒާރުގެ ރަނގަބީލުގެ އަޑު އަދި ހަމަ މަޑެއް ނުވެއެވެ. ކޯވިޑުން ސާފުވެ ތާހިރުވެ އެބިރުވެރިކަމުން ސަލާމަތްވެފައިވާ ހަމަ އެއްވެސް ގައުމެއް، މުޖުތަމަޢެެއް ދުނިޔެއަކު އަދި ނެތެވެ. ރާއްޖެ ވެސް އަދި އޮތީ ހަމަ އެހާލަތުގައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެއިންޒާރުގެ ރަނގަބީލު ރާއްޖޭގައި ވެސް ނުޖަހަނީއަކީ ނޫނެވެ. އެކަމަކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތައް އަޑުއަހާ މީހަކު ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ޕަބްލިކް ހެލްތުން އަންގަނީ މަގުމައްޗަށް ނުކުންނަންޏާ އަނަގައާއި ނޭފަތް ރަނގަޅަށް ފޮރުވޭ ގޮތަށް ހަމަ ރަނގަޅަށް މާސްކް އަޅައިގެން އުޅޭށެވެ. މީހުން ގިނައިން އެއްވެ އުޅޭ ކަހަލަ ހަފުލާތަކާއި ހަރަކާތްތައް ނުބޭއްވުމަށެވެ. ބައިހަދާފައި ގޭގެއަށް ޒިޔާރަތް ނުކުރުމަށެވެ. ކޮންމެހެން ކުރަން ޖެހިގެން، ނުވަތަ މަޖުބޫރުވެގެން ނޫނީ ދަތުރުކޮށް ނުހެދުމަށެވެ.

އެކަމަކު މިހުރިހާކަމެއް ހެލްތުގެ އެންގުމާއި ދިމާ އިދިކޮޅަށް އަޅުގަނޑުމެން އެބަ ކުރަމުއެވެ. ޕަބްލިކް ހެއްލުތުގެ ވެސް އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ނަސޭހަތާއި އިރުޝާދުތަކާ ވެސް ޚިލާފަށެވެ. ގިނަ މީހުން މާއްކް އަޅަނީ ދަތްދޮޅީގައެވެ. އަނެއް ބަޔަކު އަމްދުން އޭގެ މަތީން މިހާރު ހަނދާންވެސް ނެތެވެ. ސެނިޓައިޒަރ ފުޅި ވީތަނެއް ވެސް ނޭނގެއެވެ. ޗުއްޓީ ހޭދަކޮށްލަން ރަށްރަށް ދަތުރުކުރަނީއެވެ. ޚިތާނީ ކޭމްޕް ބާއްވައި، ޕާޓީތަކާއި ހަފުލާތައް ބާއްވަނީއެވެ. ސިޔާސީ އެއްވުންތަކާއި ކެމްޕޭންތަކާއި ހަފުލާތަކަށް ކުޑަވެސް މަޑުޖެހުމެއް ނެތެވެ. މިހާތަނަށް ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު އެންމެ ގިނަ މީހުން އެއްތަނަކަށް އެއްވެ ތޮއްޖެހި އުޅޭ މަގުމަތީ ބާޒާރު ވެސް މާލޭގައި އެދަނީ ކުރިއަށެވެ. މީހުން ގިނަވެ ތޮއްޖެހޭތީ އެބާޒާރު، "އުނގުޅޭ ބާޒާރު"ގެ ގޮތުގައި މަޝްހޫރުވެފައިވަނީ ވެސް އެބާޒާރަށް މީހުން ޖަމާވާލެއް ގިނަކަމުންނެވެ. އެކަކު އަނެކަކު ގައިގޯޅިވެގެން ނޫނީ އެތަނުގައި ނޫޅެވޭތީއެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި މިހާރު އެބާޒާރު ކުރިއަށްދާއިރު ހީވަނީ މި ރާއްޖޭގައި ނުވަތަ މި މާލޭގައި ކޯވިޑްގެ އެއްވެސް އަސަރެއް މިހާރަކު ނެތް ހެންނެވެ. އެސަރަހައްދަށް ކޮންމެ ރެއަކު މިހާރު އެޖަމާވާ މީހުންނާއި އެމީހުން ހެލިފެލިވެ އެއުޅޭ ގޮތް ފެނިފައި ކޯވިޑްގެ ބިރުވެރި އާލަމީ ވަބާގެ ނުރައްކާ އިހުސާސް ކޮށްފައިވާ ނުވަތަ ކުރެވޭ މީހުން ބިރުން ގޮސް ގައިން ހީބިހިނަގައިގަންނަ ވަރުވެއެވެ. އެސަރަހައްދަށް ބަލައިލުމުން ކޯވިޑްގައި އެތައް އާއިލާއެއްގެ މާމަޔާ ކާފަޔާއި މަންމައާއި ބައްޕަޔާއި ދައްތައާއި ބޭބެގެ ފުރާނަ ދިޔަ ހިތާމަވެރި ހަނދާނުގެ ކަންފުޅެއްވެސް ނެތްކަހަލައެވެ. ރާޅަކަށްފަހު ރާޅެއްއަރައި ބިންދަމުން މުގުރަމުން ފުރާނަތައް ނެތިކުރަމުން ގޮސް މިހާރު ވޭރިއަންޓަކަށް ފަހު ވޭރިއަންޓެއްގެ ނުރައްކާ އޮތްކަމުގެ އިހުސާސެއް އެތަނަކުން ނުވެސް ކުރެވޭ ކަހަލައެވެ.

މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގައި ރައްޔިތުންނަށް މާމޮޅު ޚިދުމަތްތަކެއް ދޭކަމަށް ދައުވާކުރާ އުރީދޫ ކަހަލަ ބޮޑެތި ކުންފުނިތަކުން ވެސް ހޭދަކޮށް އަމަލީ ގޮތުން ބައިވެރިވުމަކީ މިހާލަތުގައި ފާހަގަ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއްނޫނެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅު ތަކުގައި ރައްޔިތުން މިފަދަ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ ޒިންމާ ނަގަންޖެހޭ އަދި މިފަދަ ކަންކަމަށް ތަރުހީބު ނުދޭންޖެހޭ އަމިއްލަ ފަރުދީ ޒިންމާ ތަކެއް ނަގަންޖެހޭ، މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏަކުން އެމީހުންގެ ޚިދުމަތް އިސްތިހާރު ކުރުމުގެ ނަމުގައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާ މިފަދަ ހަރަކާތެއްގައި ބައިވެރިވެ އެކަމަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށް ވެސް އެވާހަކަ ނުދައްކައި ތިބެވޭ ވަރަށް ވުރެ މާ ގޯސް އަދި ހައްސާސް ކަމެކެވެ.

ސަރުކާރު ހިއްސާވާ މުއާސަލާތީ ކުންފުނިން މުއާސަލާތީ ޚިދުމަތް މޮނަޕޮލައިޒް ކުރުން ނިމުމަކަށް ގެންނަން ކަމަށް ބުނެ ރާއްޖެއަށް ގެނައި އުރީދޫ ކުންފުންޏަކީ ސައްތައިން ސައްތަ ބޭރުގެ ކުންފުންޏެކެވެ. އެކުންފުނި ގެނައި އަނެއް ބޭނުމަކީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތުގައި ވާދަވެރިކަން އުފައްދައި ޚިދުމަތް ރަނގަޅުކޮށް އަގުހެޔޮ ކުރުމަށެވެ. ނަމަވެސް މިހާތަނުން އުފެދޭ ސުވާލަކީ މުވާސަލާތީ ޚިދުމަތްދޭ ބޭރުގެ ކުންފުންޏެއް ރާއްޖެ ގެނަސްގެން މިއިން އެއްވެސް ކަމެއް ހާސިލުވެއްޖެތޯ އުފެދޭ ސުވާލެވެ. އުރީދޫއިން ރައްޔިތުން "ފެލާލައިގެން" ލިބޭ ލާރިކޮޅު ބޭރަށް ގެންދިއުން ނޫން ކަމެއް ހާސިލު ވެއްޖެތޯއެވެ؟

ދިވެހި ސަރުކާރު ހިއްސާވާ ދިރާގު އެކަނި އޮވެގެން މިއަދު ސަރުކާރުން ބޭނުންވާ ގޮތަށް އެކުންފުނީގެ ޚިދުމަތާއި އަގުތައް ބައްޓަން ނުކުރެވޭނެ ހެއްޔެވެ؟ މުއާސަލާތީ ޚިދުމަތުގައި ވާދަވެރިކަން އުފައްދައި ފެންވަރު ރަނގަޅުކޮށް އަގުހެޔޮކުރަން ގެނައި ބޭރުގެ ކުންފުންޏަށް ވެސް މުއާސަލާތީ ޚިދުމަތުގެ އަގު ނެގެނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އެޚިދުމަތް ދޭ ފެންވަރަށް ޚިދުމަތްދޭ އަގުތަކުގައި، އެޚިދުމަތް ނުދެންޏާ އެއީ ދިރާގަކަސް އުރީދޫއަކަސް އަދި މިތަނަށް އިންޑިއާގެ ރިލަޔަންސް ކުންފުނި ގެނަޔަސް ދިވެހީން ބަލައެއް ނުގަންނާނެއެވެ. މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ.

އުރީދޫ ގެނަޔަސް ނުގެނަޔަސް ދުނިޔޭގައި މުވާސަލާތީ ޚިދުމަތަށް އައި ކުރިއެރުމާއި ތަރައްގީއާއި އަގަށް އައި ހެޔޮ ބަދަލުތައް ގެންނަން ދިރާގަށްވެސް މަޖުބޫރުވީހެވެ. އަދި އެކަން އެގޮތަށް ކުރަން ސަރުކާރުގެ ސިޔާސަތުތަކުގައި ކަނޑައެޅުނީހެވެ. މިއަދު ދުނިޔޭގެ ފެންވަރުގައި ގުނައިވެސް ނުލެވޭ އުރީދޫ ކަހަލަ ބޭރުގެ ކުންފުންޏެއް ރާއްޖެ ގެނައުމުން ދިވެހީންނަށް ވީ މާބޮޑު ފައިދާއެއް ނެތް ނަމަވެސް އެކުންފުންޏަށް ދެވެހީންގެ އަތުން ބޮޑު ފައިދާއެއް ލިބޭކަން އެކުންފުނީގެ ހިސާބުތަކުން ކަށަވަރުވެއެވެ. އެގޮތުން އެކުންފުނީން މިހާރު ޚިދުމަތްދޭ މަދު ގައުމު ތަކުގެ ތެރެއިން ނިސްބަތުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ދިވެހި ރާއްޖެއިންކަން ކަށަވަރު ވުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

އެހެންވީމާ ރާއްޖެއަށް އުރީދޫ އައިސްގެން މިހާތަނަށް ވީ ފައިދާއެއް ނުވަތަ ޚިދުމަތަށް އައި ބަދަލެއް ނެތެވެ. ދިރާގުން ވަކި ނުދޭ ޚިދުމަތެއް އުރީދޫއަކުން ނުދެއެވެ. ދިރާގަށް ވުރެ ވަކި އަގުހެޔޮ އަދި މޮޅު ޚިދުމަތެއްވެސް އުރީދޫއަކަށް ނުދެވެއެވެ. މުޅިން ވެސް ދައްކަނީ މޮޅު ވާހަކައެވެ. ދައްކަނީ މޮޅު އިސްތިހާރެވެ. މޮޅެތި ނަންނަން ކިޔާފައި ޕެކޭޖް ހަދައިގެން "އޮޅުވާލައިގެން ފެލުން" ނޫންކަމެއް އެވެރިން ނުކުރާ ކަމަށް ބުނަނީ އަޅުގަނޑުމެނެއް ނޫނެވެ. ޚިދުމަތް ހޯދަން ތިބި ރައްޔިތުންނެވެ.

ރައްޔިތުން އެދެނީ އުރީދޫއެއް ނޫނެވެ. މިގައުމަށް ގެންނަންޏާ މިތަނުގައި ވާދަކުރެވޭ ވަރުގެ ދުނިޔޭގެ ފެންވަރުގެ ނަންހިނގާ ބޮޑު ކުންފުންޏެއް ގެނަސް އިންޓަނެޓާއި މޮބައިލް ފޯނުގެ ޚިދުމަތަކީ ދިވެހީން ހެއްވާލާ، ހިތްހަމަޖެހޭ ވަރުގެ ޚިދުމަތަކަށް ހަދައި ދިނުމަށެވެ. ގެންނަންޏާ ދިރާގާ ވާދަކުރެވޭ ފެންވަރުގެ ކުންފުންޏެއް ގެނަސްގެން ނޫނީ ދެން ދިވެހީން ބަލައެއް ނުގަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ާމީ

06-Jan-2022

ފެށުމާ ނިމުން ވަރަށް ތަފާތު ލިޔުމެއް.


-9

ސޮލަމަން ބެލް

06-Jan-2022

ކޮވިޑު މުޅި ރާއްޖެއަށް ފަތުރާލަން ސަރުކާރުން ފުރުސަތުދީފަ ދައުލަތުން ކޮންހާ ބޭކާރު ޚަރަދެއްކުރާކަށް.ސަރުކާރުގެ ހުއްދަނެތި ނައިޓްމާކެޓް ބޭއްވޭތޯ..ފުރޮންޓްލައިން އެލަވަންސޭ އިންކަމް ސަޕޯޓް އެލަވަންސޭ ކިޔައިގެން ދައުލަތުގެ ބަޖެޓުން ވައްކަންކުރަން އުޅެނީ.ކޮވިޑޭ ކިޔައިގެން.ސަރުކާރުގެ ބަހަކާ އަމަލަކާ ދިމާނުވޭ.


12

ފާތުމަ

31-Dec-2021

މީ ރޭވިގެން ކުރުވާ ކަމެއް


7

ކޮބަޑި

31-Dec-2021

ތިބުނާ ަަރުނުރައްކާތެރި ކޮވިޑެއް އޮތްނަމަ ދޫކޮށްލައިފައެއް ނުތިބޭނެ! ބުނީމާ ކޮވިޑް ބުނީމާ ކޮބަޑި



ޓްރެންޑިން