(ތިންވަނަ ބައި)

އެއްވެސް ރަހުމެއް ހަމްދަރުދީ އެއްނެތި ބޮޑު މީހަކާ މުހާތަބުކުރާ ބީދައިން ވަދީފާ އޭނާގެ ދަރިފުޅާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމާއި ހަސަދަވެރި ކަމުގެ ގޮތްގަނޑެވެ. ވަދީފާގެ އަމުރުވެރި ގަދަ އަޑުފަށްގަނޑު އިވިފައި ކުޑަކުޑަ ޒަހާ ދިޔައީ ސިއްސައިގެނެވެ.

އެއަޑަށް ޒަހާ ސިހިގެން ގޮސް ބޭއިހުތިޔާރުގައި އެމީހުންނާ ދުރަށް ޖެހިލެވުނެވެ. ޒަހާއަށް ބިރުންގޮސް ރޮވުނީއެވެ.

"ދަރިފުޅު ރޮނީތަ؟.. އެހެން ނުހަދާ، ރޯކަށް ނުވާނެ... ބޮޑެތިކުދިން ނުރޯނެ.... ދަރިފުޅު މިހާރު ތިޔައީ ބޮޑުކުއްޖެއްނު ދޯ؟... މާމަކުރިންވެސް ބުނީމެއްނު،. އަބަދު ދަރިފުޅު ބަލާކަށް މާމައެއް ނުހުންނާނެއޭ.. ދަރިފުޅު ދެން އުޅޭނީ މިގޭގަ... ދައްތަ ކައިރީގަ... ދަރިފުޅު މިގޭގައި ހުއްޓަސް މާމަ ދަރިފުޅު ގާތަށް އަންނާނަމޭ..."

"މާމަ އަބަދުވެސް ބުނަމެންނު... މާމަ އެންމެ އުފާވާނީ ދަރިފުޅު ބަސް އެހީމައޭ... މާމައުފާ ކޮށްދޭން ބޭނުމިއްޔާ ދަރިފުޅު މިގޭ ދައްތަ ބުނާ ގޮތެއް ހަދައިގެން ބަސްއަހައިގެން އިންނާނެ... މާމަ އޭރުން ވަރަށް ލޯބިވާނެ،.... ވަރަށް ލޯބިވާނެ.. "

މިހާހިސާބުން ހަލީމާގެ އަޑު ބެދުނީއެވެ. މައިވަންތަ ކަމާއި އޯގާތެރި ކަމާއި ހަމްދަރުދީން ފުރިފައިވާ އޭނާގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. އޭރު ހަލީމާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދެއެވެ.

ބޭއިހުތިޔާރުގައި އޭނާއަށް އިނދެވުނީ ނަޖުދާގެ ބޮލުގައި އޭނާގެ ނިތްކުރި ޖައްސާލައިގެންނެވެ. ހަލީމާގެ ދެމައިންގެ ލޯބިން ފުރިގެންވާ އަސަރުގަދަ އެމަންޒަރު ހަމަލޮލަށް ފެނުނު ކޮންމެ އިންސާނަކަށް އެވަގުތު ރޮވޭނެކަން ކަށަވަރެވެ. އެއީހަގީގީ މައިވަންތަކަމުގެ ލޯތްބާއި ކުލުނެވެ. އެލޯބީގައި ގުދުރަތުން ލައްވާ ފައިވާ ހަގީގީ އަސަރެވެ.

އެހުރިހާ އިރަކު ވަދީފާ ކަޅިޖަހާނުލާ އެމަންޒަރުތައް ދެކެން އިނެވެ. މަންމަ ދެއްކި ހުރިހާ ވާހަކައެއް އޭގެ އެންމެ އަސަރާއިއެކު އިވޭނެ މީހަކީ ވަދީފައެވެ. ދެންތިބީ އުޑެއް ބުޑެއް ނުދަންނަ ވަރުގެ އޭނާގެ ދެދަރިންނެވެ.

"މަންމަ ދެން އޭނާ ޅަކުރަން އިތުރަށް ވާހަކަ ނުދައްކާ... ދެން އޭނާ ގެންގުޅޭނީ މަށެއްނު… ދެން އެގޭނީ މަށަށް... ތިޔަ ކޮތަޅުގަނޑު ގެންގޮސް އެހެރަ ހަދަންފަށާފައި ހުރި ކޮޓަރި ތެރެއަށް ލާފައި މަންމަ ގޭދޮށަށް ދާންއުޅޭ… ތިޔަ ތާނިޔާގަނޑު ދަމާކަށް މިތާކު އިންނާނެ ކަމެއްނެތް.."

ވަދީފާ މޫނު ހަދައިގެން އިނދެ އެއްނޭވާއިން އޭނާ ބޭނުންވާ ގޮތް ބުނެ ނިންމާލުމުން ވަދީފާ އިޝާރާތް ކުރި ކޮޓަރިއާއި ދިމާއަށް ހަލީމާ ބަލައިލިއެވެ. އެއީ އަދި ރާނާނިމި މުޅިން ފުރިހަމަ ނުވެ ހުރި ތަނެކެވެ. ހަގީގަތުގައި އެތަންހުރީ އަދި މުޅިން ހިޔާކޮށް ވެސް ނުނިމިއެވެ. ދޮރެއް ދޮރުފަތެއްހާ ހިސާބުވެސް އެތާކު ނެތެވެ. ރާނާނިމި ދޮރުކަނިތައް އެރުވި ގޮތަށް ހުރި ތަނެކެވެ. ހިޔާކުރަން ގެނައި ޓިނުތައް ހުރީ އެގޮތް މިގޮތަށް މަތިވަޑާންގަނޑު މައްޗަށް އަޅާލާފައެވެ. ވިއްސާރަވެހޭ ނަމަ ރަގަޅަށް ހިޔާވާނޭ ކަމެއްވެސް ނޭގެއެވެ.

ހަލީމާ މަޑުމަޑުން ތެދުވެ އެދިމާއަށް ހިގައިގަތެވެ. މަޑުމަޑުން ހިރެމުން ގޮސް އެކޮޓަރިއަށް ވަދެ ދެކޮޅު ހޯދާ ބަލައިލިއެވެ. އެތަނުން އެކޮތަޅު ބަހައްޓައިލާނެ ތަނެއް ފެނޭތޯއެވެ. އެތަނުގައި ހުރީ އަރިއަޅަން ބޭނުން ކޮށްފައި ހުރި ފިލާ ތަކާއި ދެތާނގީ އެކެވެ. އެއްޗެއް ބަހައްޓާލާނޭ ފަދަ ތަނެއް އެތާކުން ހަލީމާއަކަށް ނުފެނުނެވެ. ނަމަވެސް އެކޮތަޅު ނުބަހައްޓާ ނުކުންނާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށް ފަހު އެތަނުން ސިމެންތިހުސްކުރި ގޯނިގަނޑެއް ނަގައި ރަގަޅަށް ފޮޅާލި އެވެ. އަދި އެތަނުން އެއްތާގީގެ މަތީގައި ރަގަޅަށް ހެއުވަރުކޮށް ގޯނިގަނޑު އަޅާލުމަށްފަހު އޭގެ މަތީގައި ކޮތަޅު ބަހައްޓަން އަތްހިއްލާލިއެވެ. އެވަގުތު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އެއީ މިހުރިހާ ދުވަހު އޭނާގެ އަތުންދޮވެ ހުވަދުލައި، މާ އަޅައިގެން އޭނާގެ ފޮއްޓަށްލައި ރައްކާކޮށްގެން ގެންގުޅުނު އޭނާގެ ދެލޯފަދަ މާމަދަރިފުޅުގެ އަންނައުނު ކޮޅެވެ. ކިތަންމެ ދުވަސްވެ ބާވެފައި ހުރި ނަމަވެސް އޭނާ މިހުރިހާ ދުވަހު އެތަކެތި ގެންގުޅުނީ ނުލާހިކު ފަރުވާތެރިކަމާއި ލޯތްބާއި އެކުގައެވެ. ނަމަވެސް މިއަދު އޭނާގެ އަތުން އެތަކެތި އެއްލާލަން އެޖެހުނީ ކުނިގޮނޑަށްވުރެވެސް ނިކަމެތި ތަނަކަށެވެ.

ހަލީމާ ދެލޯ މަރައިގެން ހުރެ އަތުގައި އޮތް ކޮތަޅު ތާގީ މަތީގައި ބެހެއްޓިއެވެ. ކުރާނޭ ކަމެއް ނެތެވެ. މިއަދު އެކުއްޖާފުޅަށް ހުރި ގޮތެވެ. އަދި ފަހުންވާނެގޮތެއް ނޭގެއެވެ. މިއަދު ހިތްވަރުކުރުން ނޫންގޮތެއް ހަލީމާއަށް ނެތްކަން އޭނާއަށް ވެސް އެނގެއެވެ.

އޭނާ އެވަގުތު ވެސް ހިތްމައްޗަށް ގެނަސްގަތީ ކުޅަދުންވަންތަ މާތް ރަސްކަލާނގެ މަތިވަރިކަމެވެ. އޭނާ ހިތުގެ އަޑިން ޝުކުރު ކުރިއެވެ. އޭނާގެ ދަރިފުޅަށް ހެއު ރަހުމަތް ލެއްވުން އެދި ހިތާ ހިތުން ދުއާ ކުރިއެވެ.

ކޮތަޅު ބަހައްޓާފައި ނިކުމެ އަނެއްކާވެސް ހަލީމާ ހިގައިގަތީ ޖޯލިފައްޗާއި ދިމާއަށެވެ.

"އަނެއްކާ ވެސް އަންނަނީ... މިހާރު ދާށޭ ބުނެފީމެންނު..."

ހަލީމާ މަޑުން ހިނގާފައި އައިސް އުދޯލިގެއާ އަރާ ހަމަވީތަނާ ވަދީފާގެ ވަރުގަދަ ހަމަލާއެއް އައެވެ. އެއާއިއެކު ހަލީމާ ބިރުން ހުއްޓުނީއެވެ. އެވަގުތު ނަޖުދާއާއި ހަލީމާގެ ހަތަރު ކަޅި ބައްދަލުވިއެވެ. ދެމައިންމެ ފެންކުޅިވެފައެވެ. އަޅައި ލުމަށް ބޭނުންވެފައެވެ. ހަލީމާ ބޭނުންވީ ނަޖުދާ އޭނާގެ އަތުން ދޫކޮށްލުމުގެ ސަލާން ކޮށްލުމުގެ ގޮތުން އޭނާގެ ގައިގާ ބައްދާލާ ބޮލުގައި ފިރުމާލާށެވެ. ނަޖުދާ ވެސް ބޭނުންވެފައި އިނީ އޭނާގެ ލޯބިވާ މާމަގެ ގައިގާ ލޯބިން ބައްދާލާ މާމަ ކައިރީގާ އަދިވެސް ރޮއި ޝަކުވާ ކޮށްލާށެވެ. |

ހަލީމާގެ ދެމައިންގެ ހަރަކާތްތަކަށް ބަލަންއިން ވަދީފާ އެއްވެސް އަސަރެއް ނެތި ލޯ އަޅާލައިގެން އިނެވެ. އޭނާގެ ކުރިމަތީގައި މިހާރު ނިކަމެތިވެގެން އެހެރަ މުސްކުޅި މީހަކީ އޭނާ ބަނޑުއަޅައި ވިހެއި މައިމީހާކަންވެސް އެވަގުތު އޭނާ ހަދާން ނެތް ކަހަލައެވެ. ގަދަ އަވީގައި ހިގާފައި އައުމުގެ ސަބަބުން އަރުތެރެ ހިކި ކަޅިއަރާފައި ތިބި ހަލީމާގެ ދެމައިންނަށް އަރުތެރެ ތެއްމާލާނޭ ފަދަވެސް އެ ހިއްގަދަ ވަދީފާ ދިއްކޮށްލަން ޚިޔާލު ނުކުރިއެވެ. ހަލީމާގެ ހިތުގައި އެކަން އޮތް ނަމަވެސް އަމިއްލައަށް އެކަމަށް އެދޭކަށް އޭނާގެ ހިތެއް އެވަގުތަކު ނުރުހުނެވެ.

ކުޑަކުޑަ ނަޖުދާގެ ފެންކަޅިވެފައިވާ ލޮލަށް ބަލައިގެން ހުރެފައި މާމަ ދެން ދަނީއޭ ބުނާ ކަހަލަގޮތަކަށް ނިއްއަރުވާލުމަށްފަހު ގަދަކަމުން ތުންފަތް މައްޗަށް ހިނިތުން ވުމެއް ގެނެވޭތޯ ހަލީމާ މަސައްކަތް ކުރިއެވެ. މާމަ ނިކުމެގެން ދާތަން ބަލަން ކުޑަކުޑަ ނަޖުދާ ފެންކަޅިވެފައި އިނެވެ. މާމަގެ ފަހަތުން ދުވެފައި ދާންވެސް އޭނާ ކިތަންމެ ފަހަރަކު ހިތައް އެރިއެވެ. ނަމަ ވެސް ގަނެފައި އިން ބިރެއްގެ ސަބަބުން ތަނެއް ގުޑުވާލަންވެސް ނުކެރިފައި އިންގޮތަށް ޖޯލީގައި އެފަކީރު އިނީއެވެ. ހަލީމާގޮސް އެތެރެގެތެރެއަށް ވަދެ ދޮރާއި ނިވާވަންދެން އެދިމާއަށް ކަޅިޖަހާނުލައި ބަލަހައްޓައިގެން ނަޖުދާ އިނެވެ.

ގެއިން ނުކުތުމާއެކު ހަލީމާއަށް ބާރަށް ރޮވެން ފެށިއެވެ. ގޭތެރެއިން ފެނުނު މަންޒަރު ތަކުންނާއި ހިތައްއެރި އެއްޗެހިތަކެއްގެ ގިނަކަމުން މައިލަގޮނޑިއަށް ކެތް ނުވީއެވެ. ހަލީމާ ރޮމުން ގިސްލަމުންހުރެ މަޑުމަޑުން ހިރެމުންކަހަލަ ގޮތަކަށް ގެއާއި ދިމާއަށް ދެވޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް މާދުރަކަށް ދެވޭވަރެއް ނުވިއެވެ. ބޮލަށް އެނބުރުން އަރަން ފެށުމުން ކައިރި ގެއަކަށް ވަނީއެވެ.

ހަލީމާއަކީ ރަށުގެ އެންމެންހެން ދަންނަ ގިނަ ބަޔަކު އިހުތިރާމު ކުރާ ފޫޅުމައެކެވެ. މުސްކުޅިވެ ލޯބޯ ކޮށިވުމުގެ ސަބަބުން މިހާރު އެމަސައްކަތް ހުއްޓާލައިގެން ހުރި ނަމަވެސް އަދިވެސް އެފަދަ ކަންކަމުގައި ރަށުމީހުން ހަލީމާގެ ކިބައިން ޚިޔާލާއި މަޝްވަރާ ހޯދައެވެ. އެހެންކަމުން އެގޭދޮރާށި ހުޅުވާލުމާއެކު އެގެއިން ހަލީމާއަށް ނުހަނު ހޫނު މަރުޚަބާއެއް ކިއެވެ.

ހަލީމާ ގެއިން ނުކުމެގެންގޮސް އޮބާލުމުން ވަދީފާ ދެދަރިންގެ އަތުގައި ހިފައިގެންވަނީ ގޭތެރެއަށެވެ. ކުޑަކުޑަ ނަޖުދާ އޭރުވެސް އިނީ އެތެރެއަށް ރޮއިލަ ރޮއިލައެވެ. އެކުއްޖާފުޅުގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަފައިބާ ހުއްޓެވެ. އެމީހުން ގޭތެރެއަށް ވަނުމާއެކު ބީރައްޓެހިވެފައިއިން ނަޖުދާއަށް އަޑުވީއްލައި ރޮއިގަނެވުނެވެ.

ނަމަވެސް އޭނާ އެރޮނީއަކީ މާގިނަ އެއްޗެހިތަކެއް ވިސްނިގެނެން ނޫނެނެވެ. އަދި އޭނާގެ މުސްތަޤުބަލާމެދު މާބޮޑު ފިކުރުތަކެއް ކޮށްފައެއްވެސް ނޫނެވެ. އޭނާގެ ހަމައެކަނި ޝަކުވާއަކީ އަދި ހިތާމައަކީވެސް މާމައާއި ވަކިވާން ޖެހުމެވެ. ނަޖުދާ އަކީ އަދި މާގިނަ އެއްޗެހިތަކެއް ވިސްނޭ ވަރުގެ ހޭޖެހޭ ކުއްޖެއް ނޫނެވެ. އަދި އޭނާއަކަށް ފަރުދާގެ ފުރަގަހުގައި ހިނގާ އެއްވެސް ކަމެއް ވިސްނޭ ވަރެއް ނުވެއެވެ.

ނަޖުދާ އެގޮތަށް ޖޯލީގައި އެކަނި އިނދެ ރޮއިރޮއި ވަރުބަލި ވެގެން އެންމެ ފަހުން ހުއްޓާލީއެވެ. ކުޑަކުޑަ ނަޖުދާ މިހާރު އިނީ ފެންބޮވައިގަނެގެން ކުޑަ ދޫ ނިކުންނަ ހިސާބަށް ގޮސްފައެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލު


20

މާޖިދު

11-Apr-2022

ރީތި



ޓްރެންޑިން