ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި ޒުވާން ވިޔަފާރިވެރިޔާ މަސްއޫދު ހިލްމީއަށް ދަގަނޑުބުރިއަކުން މީހަކު ހަމަލާދީ ޒަހަމްކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިޔާއަށް ވައިރަލްވެގެން ދިއުމާއި އެކު އެތައްބަޔަކު ކަންބޮޑުވެ ގައުމުގައި ކުއްވެރިންގެ ހާލަތާއި މެދު ފުންކޮއް ވިސްނަން މަޖުބޫރުވި އެވެ.


އޭގެ ގާތްގަނޑަކަށް 8 މަސް ދުވަސް ފަހުން އަނެއްކާ ވެސް މީޑިޔާތަކާއި ސޯޝަލް މީޑިޔާގައި ރައްޔިތުން އުތުރި އަރައިގެން ދިޔައީ އެ މައްސަލައިގެ ހުކުމް އައިގޮތުން ނެވެ. އެމީހާ އެރޭ މަސްއޫދަށް ހަމަލާދިން މަގުން ކީއްކުރަންތޯ އެވެ. އެސަރަހައްދަށް ވެސް ނުދާކަމަށް ހުކުމްކޮށް މިނިވަން ކުރީ އެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް އެއީ ހަމަ ހަގީގަތެވެ. އިންސާނުންގެ ތެރޭގައި ހާއްސަ ބާރުތަކެއް ހިމެނޭ އިންސާނުން އުޅޭކަމަށް ގަދީމީ ޒަމާނުން ސުރެ ދެކެވަމުންދާ ވާހަކަތަކުގައި ހަގީގީ ކުލަ އިސް މެޖިސްޓްރޭޓް ޖައްސަވައިދެއްވައިފި އެވެ.

ސޯޝަލް މީޑިޔާގައި ސުއޫރު ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ މިއަދު ރާއްޖޭގެ ސަރުއީ ކޯޓުތަކުގެ ހާލަތު ލޫތުގެފާނުގެ ސަދޫމްގެ އަދުލް އިސްސާފްގެ ނިޒާމައްވުރެ ކުރި އަރައިގެން ގޮސްފައިވާކަމާއި މި ހިސާބަށް ދިއުމުން ރައްޔިތުން ނިކުމެ މައްސަލަ ހައްލު ކުރަންޖެހޭ ކަމަށެވެ.

ލާމް އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކުގެ އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރ އަލީ ޝަރީފް ކޮށްފައި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި މައިގަނޑު ހެކިތައް ސަރީއަތުން ބޭރުކޮށްފަ އެވެ. 

މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވާގޮތުން ގާޒީންގެ ކަންކަމާއި ބެހޭ އިދާރާގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ އަލީ ސަރީފް ބެއްލެވި މިމައްސަލާގެ ހުކުމްގައި ބުނެފައި ވަނީ ސާބިތު ނުވާ ކަމަށް ހުކުމް ކުރަނީ ސަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ އެވެ.

މިމައްސަލާގައި ދައުލަތުން ވަނީ ހެކީ ގޮތުގައި 11 ހެއްކެއް ހުށަހަޅާފައި ވެއެވެ. މި ހެކި ބަހުގެ ތެރޭގައި މަންޒަރު ދުއް 2 މީހެއްގެ ހެކި ބަހާއި އެސަރަހައްދުން ހަމަލާދިން މީހާ ފެނުނު ކަމުގެ ހެކި ބަހާއި ވީޑިޔޯ އާއި ވީޑިޔޯ ތަހްލީލް ރިޕޯޓާއި ތަހްލީލްކުރި ފުލުސް އޮފިޝަރުގެ ހެކި ބަހުގެ އިތުރުން މަސްއޫދަށް ފަރުވާދިން ޑޮކްޓަރާއި ފޮރިންސިކް ރިޕޯޓްވެސް ހެކިބަހުގެ ގޮތުގައި ހުށަހަޅާފަ އެވެ. އެހެންނަމަވެސް ހުކުމް ކުރިއިރު ސަރީއަތުން ވަނީ ހެކިތައް ބަލައި ނުގަންނަން ނިންމާފައެވެ.

މިމައްސަލާގައި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ސަރީއަތުން ގަބޫލުކޮށްފައި ވަނީ އެސަރަހައްދުން ހަމަލާދިން މީހާ ފެނުނު ކަމަށް ބުނެ ދައުލަތުން ހުށަހަޅާފައިވާ މީހާގެ ހެކި ބަސް އެކަންޏެވެ. ދައުލަތުން މައި ހެކީގެ ގޮތުގައި ހުށަހެޅި ވީޑިޔޯ އާއި ވީޑިޔޯ ތަހްލީލް ރިޕޯޓާއި ފޮރިންސިކް ރިޕޯޓާއި މަންޒަރު ދުއް ފަރާތްތަކުގެ ހެކި ބަސްހާއި ޑޮކްޓަރުގެ ހެކި ބަހަށް ވެސް ހުކުމް ކުރުމުގައި ސަރީއަތުން ރިއާޔަތް ކޮށްފައެއް ނުވެ އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ ފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް އަލީ ސަރީފް އިސްމެޖިސްޓްރޭޓްކަން ކުރައްވާ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދެ ފަހަރަށް ދޫކޮށްލުމުން ހައިކޯޓުން ނެވެ.

މި އަހުމަދު ސަމީމް އަކީ ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ވެސް ފުލުހުން ތަހްގީގު ހިންގަމުންދާ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު


0

މަރީ

30-Apr-2022

ދޮގުހެކި ދީގެން ވެސް މިދުނިޔޭ އުޅޭވިދާނެ.