ރަމަޟާން މަހު ޓެސްޓް އޮންނާތީ ރޯދަ ދޫކޮށްލުން

ރަމަޟާން މަހުގައި ހަގަޑިއިރު ބައިގެ އިމްތިޙާނަކަށް ވަންނަން ޖެހެއެވެ. 45 މިނިޓްގެ ބްރޭކެއް ލިބެއެވެ. މިދިޔަ އަހަރުވެސް ހަމަ މިއިމްތިޙާނުގައި ބައިވެރިވީމެވެ. ނަމަވެސް ރޯދަ އަށް ހުންނަން ޖެހުމުން ޓެސްޓަށް ދޭން ޖެހޭ ސަމާލުކަމެއް ނުދެވުނެވެ. އެހެންކަމުން، ޓެސްޓް އޮންނަ ދުވަހު ރޯދަ ދޫކޮށްލުން ހުއްދަވާނެތޯއެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ބަޔާން ކުރެވިފައިވާ ކަންތައް ތަކަކީ ޝަރްޢީ ގޮތުން ރޯދަ ދޫކޮށްލުން ހުއްދަވާ ވަރުގެ ކަންތައް ތަކެއް ނޫނެވެ. އެހެންކަމުން ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. والله أعلم

އިންސުލިން ޖެހުމުން ރޯދަ ގެއްލޭނެބާ؟

އަޅުގަޑުގެ އަޚަކީ ހަކުރު ބަލީގެ މީހެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އިންސުލިން ނަގަން ޖެހެއެވެ. މިކަމަށްޓަކައި ޖަހާ އިންޖެކްޝަންގެ ސަބަބުން ރޯދަ ގެއްލޭނެތޯއެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

އިންސުލިން އިންޖެކްޝަނަކީ ދެހަން ދޭތެރެއަށް ނުވަތަ މަސްގަނޑަށް ޖަހާ އިންޖެކްޝަނެކެވެ. އެއަކީ އޭގެ ސަބަބުން ހަށިގަނޑަށް އިތުރު ހަކަތަ އެއް ލިއްބައިދޭނެ އެއްޗެއް ނޫނެވެ. ވީމާ، އޭގެ ސަބަބުން ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ. والله أعلم

ފިރިމީހާގެ އިޛްނަ އާއި ނުލާ ގަޟާ ރޯދަ ހިފުން

ފިރިމީހާގެ އިޛްނަ އާއި ނުލާ ރަމަޟާން މަހު ގެއްލިފައިވާ ރޯދަތައް ގަޟާ ކުރެވިދާނެތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ފިރިމީހާގެ އިޛްނަ އާއި ނުލާވެސް ރަމަޟާން މަހު ގެއްލިފައިވާ ރޯދަތައް ގަޟާ ކުރަން ޖެހޭނެއެވެ. ވާޖިބު ރޯދަ އެއް ހިފުމަށް ފިރިމީހާގެ އިޛްނަ ހޯދާކަށް ނުޖެހޭނެއެވެ. ނަމަވެސް ވާޖިބު ނޫން ރޯދަ އެއް ހިފާނަމަ، ފިރިމީހާ ރަށުގައި ހުރެއްޖެ ހިނދެއްގައި އޭނާގެ އިޛްނަ ނުހޯދާ ރޯދަ ހިފައިގެން ނުވާނެއެވެ. ސަބަބަކީ އެކަމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމަކަށްވާތީވެއެވެ. والله أعلم

ވިހެއުމުގެ ކުރިން ކުރިމަތީ ފަރާތުން އަންނަ ފެނާއި ލޭގެ ޙުކުމް

ވިހެއުމުގެ ދެދުވަސް ނުވަތަ ތިންދުވަސް ކުރިން އަންހެނުންގެ ކުރިމަތީ ފަރާތުން އަންނަ ފެނާއި ލޭގެ ޙުކުމަކީ ކޮބައިތޯ؟ މިފަދަ ތަކެތި އައުމުން ނަމާދާއި ރޯދަ ދޫކޮށްލަން ޖެހޭނެތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

މާބަނޑު އަންހެނުންގެ ކުރިމަތީ ފަރާތުން އަންނަ ތަކެތީގެ ޙާލަތްތައް ތިރީގައި މިވަނީއެވެ.

1. ވިހެއުމުގެ ދެދުވަސް ނުވަތަ ތިންދުވަސް ކުރިން ބަނޑުގައި ރިހުމާއި އެކު ކުރިމަތީ ފަރާތުން އައިސްފައިވަނީ ލޭ ކަމުގައިވަނީނަމަ، އެއީ ނިފާސްގެ ލެޔެވެ. ނަމަވެސް މިމުއްދަތަކީ ނިފާސްގެ މުއްދަތުގެ ތެރޭގައި ގުނޭނެ މުއްދަތެއް ނޫނެވެ. މިނޫން ގޮތަކަށް އައި ލެޔެއްނަމަ އެއީ ފަސާދަ ލެޔެކެވެ. އޭގެ ސަބަބުން ނަމާދާއި ރޯދަ ދޫކޮށްލާކަށް ނުޖެހޭނެއެވެ.

2. ކުރިމަތީ ފަރާތުން ނިކުމެފައިވަނީ ފެން ކަމަށް ވަނީނަމަ، އެއީ ރަޙިމް އިން ނިކުންނަ ޞާފު ފެނެކެވެ. އޭގެ ސަބަބުން ވުޟޫ ގެއްލޭނެއެވެ. އެއީ ނިފާސް އެއް ނޫނެވެ. ވީމާ، ނަމާދާއި ރޯދަ ހިފޭނެއެވެ.

ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީނާއި ސުވާލު ކުރެވުނެވެ. ވިހެއުމުގެ ތިންދުވަސް ކުރިން ބަނޑުގައި ރިހުމަކާއި އެކު ކުރިމަތީ ފަރާތުން ފެންތަކެއް ފޭބިއެވެ. މިއީ ނިފާސަށް ވާނެތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. "މިއީ ނިފާސެއް ނޫނެވެ. ސަބަބަކީ ނިފާސަކީ ލެޔެކެވެ. ފެނެއް ނޫނެވެ. އަދި ނިފާސް ކަމުގައިވާނީވެސް ވިހެއުމުގެ ދޭއް ނުވަތަ ތިންދުވަސް ކުރިން ރިހުމަކާއި އެކު އައުމުންނެވެ. ނަމަވެސް ވިހެއުމުގެ އެތައް ޒަމާނެއް ކުރިން ލޭ އަޔަސްވެސް އެއީ ނިފާސް ކަމުގެ ލެޔެއް ނޫނެވެ. ސަބަބަކީ ނިފާސް ކަމުގެ ލެޔަކީ ވިހެއުމުގެ ދޭއް ނުވަތަ ތިންދުވަސް ކުރިން ރިހުމަކާއި އެކު ނިކުންނަ، ނުވަތަ ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށްފަހު އަންނަ ލެޔެވެ. ކުރިމަތީ ފަރާތުން އަންނަ ފެނަކީ ނިފާސެއް ނޫނެވެ." والله أعلم

އަންހެނުންގެ ކުރިމަތީ ފަރާތުން އަންނަ ތަކެތީގެ ސަބަބުން ރޯދަ އަށް ކުރާނެ އަޘަރު

ކުރިމަތީ ފަރާތުން ހުދުކުލައިގެ އެއްޗެހިތަކެއް ފައިބާނަމަ އަޅުގަޑުމެންގެ ނަމާދު ޞައްޙަވާނެތޯ؟ ހިނައިގަންނަން ޖެހޭނެތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ކުރިމަތީ ފަރާތުން އެއްޗެތި ފޭބުމަކީ ވަރަށް ގިނަ އަންހެނުންނަށް މެދުވެރިވާ ކަމެކެވެ. އެއީ ޠާހިރު އެއްޗެކެވެ. ނަޖިސް އެއްޗެއް ނޫނެވެ. އޭގެ ސަބަބުން ހިނައިގަންނަން ޖެހޭ ވަރުގެ އެއްޗެއްވެސް ނޫނެވެ. އެހެންނަމަވެސް، އޭގެ ސަބަބުން ވުޟޫ ގެއްލޭނެއެވެ.

މިމައްސަލާގައި ޝައިޚް ޢުޘައިމީނާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.

އަންހެނުންގެ ކުރިމަތީ ފަރާތުން ފައިބާ އެއްޗިއްސަކީ ރަޙިމުން ފައިބާ އެއްޗެކެވެ. އެއީ ޠާހިރު އެއްޗެކެވެ. މިތަކެތީގެ ސަބަބުން ހެދުމެއްވެސް އަދި ހަށިގަނޑެއްވެސް ނަޖިހެއް ނުވާނެއެވެ. ނަމަވެސް ވުޟޫ ގެއްލޭނެއެވެ. މެދުކެނޑުމެއްނެތި ފެން އަންނަ ކަމަށް ވަނީނަމަ ވުޟޫ އެއްވެސް ނުގެއްލޭނެއެވެ. ނަމަވެސް، ނަމާދު ވަގުތު ވަނުމުން މެނުވީ ނަމާދަށް ވުޟޫކޮށްގެން ނުވާނެއެވެ. އަދި ވީވަރަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ. އެގޮތުން ފެން އައުން ބަންދުކޮށްލަންވާނެއެވެ.

ފެން އައުން ވަކި ވަގުތެއްގައި މެދުކެނޑޭނަމަ، އެވަގުތަކަށް ނަމާދު ކުރުން ލަސްކުރަންވާނެއެވެ. ނަމަވެސް، ނަމާދު ވަގުތުން ބޭރުވެދާނެ ކަމަށް ބިރު ހީވާނަމަ، ފެން އައުން މެދު ނުކެނޑުނަސްވެސް ނަމާދު ކުރަންވާނެއެވެ. (ފަތާވާ އިބްނު ޢުޘައިމީން 11/284). والله أعلم

ޙައިޟުގެ ކުރިންނާއި ފަހުން ހަފްތާ އެއްވަންދެން ކުރިމަތީ ފަރާތުން ތެތް އެއްޗެއް ފޭބުން

ޙައިޟުގެ ލޭ އަންނަން ފެށުމުގެ އެއްދުވަސް ކުރިން އަދި ޙައިޟުގެ ފުރަތަމަ ދެދުވަހު ހުދު ކުލައިގެ ތެތް އެއްޗެއް ފައިބައެވެ. ބައެއް ފަހަރަށް ޙައިޟު ނިމިގެން ހަފްތާ އެއް ފަހުންވެސް މިތަކެތި ފައިބައެވެ. މިތަކެތި ފައިބާ ދުވަސްވަރުގައި ނަމާދާއި ރޯދައިގެ ޙުކުމަކީ ކޮބައިތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ފުރަތަމަ:

ކުރިމަތީ ފަރާތުން އަންނަ ހުދުކުލައިގެ ތަކެތީގެ ޙުކުމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

އެތަކެތި އަންނަނީ ދާއިމީ ގޮތެއްގައި ކަމަށް ވަނީނަމަ، އޭގެ ޙުކުމަކީ ހިފެހެއްޓުމެއް ނެތި ހީސްލެވޭ މީހާގެ ޙުކުމެވެ. އެފަދަ މީހުން ކޮންމެ ނަމާދު ވަގުތެއް ވަނުމުން ވުޟޫކޮށްގެން ނަމާދު ކުރާނީއެވެ. ވުޟޫ ކުރުމަށްފަހު ފައިބާ ތަކެތީގެ ސަބަބުން އަލުން ވުޟޫ ކުރާކަށް ނުޖެހޭނެއެވެ. ނަމާދަށް ހުއްޓާ ފޭބިނަމަވެސް ނަމާދު ފުރިހަމަ ކުރާނީއެވެ.

އެތަކެއްޗަކީ ދާއިމީ ގޮތެއްގައި އަންނަ އެއްޗަކަށް ނުވާނަމަ، އޭގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ވުޟޫ ގެއްލޭނެއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވަނީ ވުޟޫ ނުގެއްލޭނެ ކަމަށެވެ. އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ޖުމްހޫރުންގެ ރައުޔުގައި ހިފާ ވުޟޫ އާކޮށްލުމެވެ.

ދެވަނަ:

މިގޮތަށް އަންނަ ތެތް އެއްޗިއްސަކީ ޠާހިރު އެއްޗިއްސެވެ. އޭގެ ސަބަބުން ހެދުން ދޮވެ ހަދާކަށް ނުޖެހޭނެއެވެ. މިއީ އަބޫޙަނީފާ، އަޙްމަދު، އަދި އިމާމް ޝާފިޢީގެ އެއް ރިވާޔަތެވެ. ފަހުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ޢުޘައިމީންގެ ރައުޔަކީވެސް މިއީއެވެ.

ތިންވަނަ:

މިގޮތަށް ކުރިމަތީ ފަރާތުން އަންނަ ފެން ނުވަތަ ތެތް ތަކެތީގެ ސަބަބުން ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ. އެހެންކަމުން، މިފަދަތަ ތަކެތި އަންނަ ދުވަސްވަރުގައިވެސް ނަމާދުކޮށް، ރޯދަ ހިފާ ހަދަންވާނެއެވެ. ނަމަވެސް މުޅި ދުވަހު މެދުކެނޑުމެއްނެތި މިތަކެތި ފައިބާނަމަ، ކޮންމެ ނަމާދު ވަގުތެއް ވަނުމުން ވުޟޫކޮށްގެން ނަމާދު ކުރާނީއެވެ. އެގޮތުން ކުރާ ވުޟޫ މަތީގައި ހުރެގެން ކިތަންމެ ބައިވަރު ސުންނަތް ނަމާދެއްވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް އަނެއް ފަރްޟު ނަމާދު ވަގުތު ވަނުމުން ފަރްޟު ނަމާދު ކުރުމަށް ވުޟޫ އާކުރަންވާނެއެވެ. والله أعلم

ނިފާސްކަމުގެ ލޭވަނީ ކެނޑި، ތިކިތިކި އަންނަ ކަމަށް ވަނީނަމަ ހަދާނެގޮތް

މީހަކު ވިހައިގެން ފުރަތަމަ ފަސްދުވަހު ވަރަށް ގަދަޔަށް ލޭއައެވެ. އެހެންނަމަވެސް ދެން ލޭ އަންނަނީ ދުވާލަކު ތިއްކެއް ވަރަށެވެ. ވީމާ، ނަމާދާއި ރޯދައިގާ ކަންތައް ކުރަންވީ ގޮތް އަންގަވާލަ ދެއްވުން އެދެމެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ވިހެއުމާއި ގުޅިގެން އަންނަ ލެޔަކީ ނިފާސްކަމުގެ ލެޔެވެ. ނިފާސްގެ އެންމެ ކުޑަމިން ކަނޑައެޅިފައެއް ނުވެއެވެ. ނިފާސްގެ އެންމެ ދިގު މިންވަރަކީ 40 ދުވަހެވެ. މިއީ ޢިލްމުވެރިންގެ ރައުޔު ތަކުގެ ތެރެއިން އެންމެ ރާޖިޙް ރައުޔެވެ.

ޙައިޟު ނިފާސް އިން ޠާހިރުވެއްޖެކަން އެގޭނެ ދެގޮތެއް ވެއެވެ. އެއީ:

1. ލޭ ކެނޑުމަށްފަހު ހުދު ކުލަޔެއްގެ ފެނެއް ފޭބުން.

2. ލޭތައް ހިކުން. އެގޮތުން ކުރިމަތީ ފަރާތަށް ކަފަބުރެއް ފަދަ އެއްޗެއް ކޮއްޕާލައިގެން ބެލިނަމަވެސް ލޭގެ އެއްވެސް އަޘަރެއް އަދި ރީނދޫ ކުލަޔެއްގެ އަޘަރެއްވެސް ފެންނަން ނެތުން.

މިދެންނެވި ދެޢަލާމާތް ތަކުގެ ތެރެއިން ޢަލާމާތެއް ފެނިއްޖެނަމަ، ނަމާދުކޮށް ރޯދަ ހިފާ ހަދަންވީއެވެ. ލޭކެނޑި އެހެން ނަމަވެސް މުޅިން ލޭ ނުހިކޭނަމަ، އޭގެ މާނައަކީ ނިފާސްގެ ލޭ ނުކެނޑުމެވެ. ސާޅީސް ދުވަހަށްވުރެ އިތުރުވެއްޖެނަމަ ބެލެވޭނީ އިސްތިޙާޟާ ކަމަށެވެ. ނަމަވެސް ޙައިޟު ގެ މުއްދަތާއި ދިމާވެއްޖެނަމަ ބެލެވޭނީ ޙައިޟު ކަމަށެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން