އަގުބޮޑު ގިނަ ތަރިންތަކެއްގެ ފުޓްބޯޅަ އޭޖެންޓް އަދި ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ އެޖެންޓުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މިނޯ ރަޔޯލާ މަރުވެއްޖެއެވެ.

އުމުރުން 54 އަހަރުގައި ރަޔޯލާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އޭނާ މަރުވިކަން އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ޔަގީންކޮށްދީފައެވެ.

އިޓަލީއަށް އުފަންވިޔަސް ރަޔޯލާ އުޅެ ބޮޑުވީ ހޮލެންޑުގައެވެ. ފުޓްބޯޅަ އެޖެންޓުކަން ކުރުމުގެ މަސައްކަތް އޭނާ ފެށީ 1980ގެ އަހަރުތަކުގައެވެ. އޭނާގެ ނަން މީޑިއާގެ ސަމާލުކަމަށް އެންމެ ބޮޑަަށް އައީ 1996 ވަނަ އަހަރު ސްޕާޓާ ޕެރާގަށް ކުޅެމުންދިޔަ މަޝްހޫރު ތަރި ނެޑްވެޑް، ލާޒިއޯއަށް ބަދަލުވެގެންދިޔަ ޑީލަށްފަހުއެވެ.

ރަޔޯލާގެ އެންމެ އަގުބޮޑު ޑީލަކީ، ޔުވެންޓަސްއަށް ކުޅެމުންދިޔަ ޕޯލް ޕޮގްބާ އެނބުރި މެންޗެސްޓަރ ޔުނައިޓަށް ބަދަލުވުމަށް 2016 ވަނަ އަހަރު ހެދި 105 މިލިއަން ޑޮލަރުގެ ޑީލެވެ. މިފަދަ އެއްބަސްވުންތަކުން އޭނާއަށް ކޮމިޝަންގެ ގޮތުގައި 20 މިލިއަނާއި 30 މިލިއަން ޑޮލަރުވެސް ބައެއް ފަހަރު ލިބެއެވެ.

އެޖެންޓެއްގެ ގޮތުގައި ރަޔޯލާ ގެންގުޅޭ އަދި ގެންގުޅުނު ކުޅުންތެރިންގެ ތެރޭގައި ޒަލަޓާން އަބްރަހަމްވިޗް، ޕޯލް ޕޮގްބާ، މަތިސް ޑިލައިޓް، މާރިއޯ ބަލޮޓެލީ، މާކޯ ވެރާޓީ އަދި މިހާރު މާކެޓްގައި އެންމެ އަގުބޮޑުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ހާލާންޑްވެސް ހިމެނެއެވެ.

ރަޔޯލާ މަރުވުމާއި ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކޮށް، އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން