ކޮރޯނާ ވައިރަސް އޭގެ އެންމެ ނުރައްކާތެރި ހާލަތުގައި، މާބޮޑު އަޅާލުމެއް ފަރުވާލެއް ނުބަހައްޓާ ފެތުރޭން ދޫކޮށްލައިފިނަމަ ރާއްޖެއިން އެބަލީގައި 10 ހާސް މީހުން މަރުވާނެ ކަމަށް ޕްރޮފެސަރ އުގައިލް ހިސާބު ޖައްސަވައި އެކަން ހާމަކުރެއްވިއެވެ. މިއާއެކު މީސް މީޑިޔާގައި ބައެއް މީހުން ކެކި އަރައިގަތެވެ. އޭނާގެ އެހިސާބަކީ ތާކުން ތާކު ނުޖެހޭ ޚިޔާލީ ފޮލައެއް ކަމުގައިވެސް މީހުން ބުންޏެވެ. ވަރަށް ރުޅިގަދަވެ އެތިވަރު ގޮވާ ހެދިއެވެ. އެންމެ ފަހުން އުގައިލްއަށް ޖެހިވަޑައިގަތީ ކަރުއެލުވާލާފައި އޭނާގެ އެ ތަޖުރިބާއާއި ޢިލްމީ ގަލަންކޮޅު ބާއްވަވާފައި އެހެން ގަލަން ކޮޅެއް ނަންގަވައިގެން އެހެން ފައިވާނަކަށް އަރުއްވައިގެން ނުކުމެ ވަޑައިގެން ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާށެވެ.

ޕްރޮފެސަރ އުގައިލަކީ ކިތަންމެ ބޮޑު ޢިލްމުވެރިއެއް ނަމަވެސް އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި މޮޅެތި މަޝްހޫރު ޔުނިވަރސިޓީތަކާއި ސައިންސްގެ ހޯދުންތައް ހޯދާ މަރުކަޒުތަކުގެ އިހުތިރާމާއި ގަދަރާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައި ވީނަމަވެސް އޭނާ ދިވެހިރައްޔިތުންގެ ކުރިމަތީގައި ޖެއްސެވީ އިސްދޮށަށެވެ. ވެވަޑައިގެނެނެވީ ވަރަށް "ނިކަމެތި" ބޭފުޅަކަށެވެ. މިހިރީ ޢިލްމާއި އެއްވަރަށް ޙިލްމު ލިބުނީމާ އިންސާނުންގެ ވިސްނުމަށް އަންނަ ބަދަލެވެ.

ޕްރޮފެސަރ އުގައިލް ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެން ކިތަންމެ ތިރިއަކަށް ފައިބައި ވަޑައިގެންނެވި ނަމަވެސް އޭނާ އެދެއްވި މެސެޖަކީ ވަރަށް ވެސް ރަނގަޅު މިލިއަނުން ވެސް އަގު ނުކުރެވޭ ވަރުގެ މެސެޖެކެވެ. ވަރަށް ވެސް ފުން މާނައެއް ދޭހަކޮށްދޭ ވަރަށް ބޮޑު ފިލާވަޅެކެވެ.

ނިކަން ބައްލަވާށެވެ. މި ރޯގާބަލިމަޑުކަމުގެ ކުރިމަތީގައި އެހަރަ ދުނިޔޭގެ ބިޔަ މުއްސަނދި ޤައުމުތައް އެތިބީ ކުޑަވެފައެވެ. ނިކަމެތިވެ ގޮތް ހުސްވެފައެވެ. ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. އެމީހުންނަށް މިހާލަތު ޖެހުނީ ތިމާމެންގެ މޮޅުކަމާއި ބޮޑުކަމާއި މުއްސަނދިކަމާއި ވަސީލަތްތައް ގިނަކަމުން ބޮޑާވެ ގަތުމެވެ. ކުޑަކުޑަ ވައިރަހަކަށް ތިމާމެންނަކާ ނުކުޅެލެވޭނެ ކަމަށް ގަބޫލުކޮށް ބޮޑާވެގަތުމުގެ ނަތީޖާއެވެ.

އެހެރަ ބިޔަ މުއްސަނދި ޤައުމުތަކުގައި މިއަދު ބަލި މީހަކު ބާއްވާލާނެ އެނދުގަނޑެއް ނެތެވެ. ބިޔަ ހޮސްޕިޓަލްތައް ފުރި ބާރުވެފައެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްހީ އެހީތެރިންގެ ބިޔަ ފައުޖުތައް މުޅިން ގުނބުހިލި ވަރުބަލިވެ ހަކަތަ ނެތި ބިންމަތިވެ ހުސްވަނީއެވެ. އެހެރަ މޮޅެތި ބިޔަ ޒަމާނީ ލެބޯޓްރީ ތަކުގައި މިއަދު އެއްވެސް ވަރެއް ބާރެއް ނެތެވެ. އެތަންތާގައި އެހެރެ ޒަމާނީ ބިޔަ މެޝިންތަކުގެ ބޭނުމެއް ނެތެވެ. މިއަދު އެމީހުންގެ ރައްޔިތުން އެތިބީ ގޭ ބަންދުގައެވެ. ސަރުކާރަކަށްވެސް އެކަކު އަނެކަކަށްވެސް އެހީއެއް ފޯރުވައިދެވޭ ހާލަތެއްގައެއް ނޫނެވެ.

ދެން އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމަށް ޕްރޮފެސަރ އުގައިލް ދެއްވި އިންޒާރުގެ މެސެޖުގެ ވާހަކަ ދައްކާލަމާ ހިންގަވާށެވެ. މިއިންޒާރާއި ބަޔަކު ނުރުހުނެވެ. ބަޔަކަށް ކަމަކު ނުދިޔައެވެ. ކަމާބެހޭ އެއްވަސް ފަރާތަކުން އެކަމަކާ އެއްޗެއް ވިދާޅެއް ނުވިއެވެ. އެކަމަކު ހަގީގަތަކީ މިއަދު މިފެންނަ ދިހަ ގިއަރު ކުރިއަށް ޖައްސާލުމުގެ ނަތީޖާގައި އުގައިލްގެ މިދެންނެވި އިންޒާރުގެ މެސެޖު ވަރަށް ބޮޑު ދައުރެއް އަދާކޮށްފިކަމެވެ. އެކަމާއިމެދު ކަމާބެހޭ ބޭބޭފުޅުން ވިސްނާ ފިކުރު ހިންގަވައިފިކަމެވެ. ޑޮކްޓަރުންނާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން ސަމާލުވެއްޖެކަމެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން މިއަދު ރާއްޖޭގެ ޞިއްޙީ ދާއިރާއިން އެންމެ ބޮޑަށް އަމާޒު ހިފާފައި އެވަނީ ބަލި ފެތުރުން ހުއްޓުވުމަށެވެ. ބަލި ޖެހޭ މިންވަރު އިތުރުވިޔަ ނުދިނުމަށެވެ. ތަސްވީރު ދައްކާ ނޫ ރޮނގު މައްޗަށް އަރައިގެން ނުގޮސް އެއްވަރެއްގައި ބަހައްޓައިގެން ވިސްނުންތެރިކަމާއެކު އެރޮނގު ތިރިއަށް ލަނބާލެވޭތޯ ބެލުމެވެ. އެބުނާ ރޮނގުގެ ކާވް ނުވަތަ ގުދު ތިރިއަށް ދަމާލެވޭތޯއެވެ.

ޕްރޮފެސަރ ދެއްވި މެސެޖް ވަރަށް ސާފެވެ. ޕްރޮފެސަރ ވިދާޅުވީ ބޮޑެތި ޤައުމުތަކުން އެކުރާ ތަޖުރިބާ އަޅުގަނޑުމެން ކުރަން ޖެހިއްޖެ ނަމަ ވާނެ ގޮތެވެ. އަޅާނުލާ ފަރުވާ ކުޑަކޮށް ދޫކޮށްލެވުނު ނަމަ ވެދާނެ ގޮތެވެ. ދިވެއްސަކަށް ބައްޔެއް ނުޖެހެއޭ ކިޔައިގެން ހަރުކަށި ފިޔަވަޅުތައް ނާޅާ ތިބި ނަމަ ފެންނާނެ ނަތީޖާއެވެ.

ހުރިހާރިޒޯޓްތައް ހުސްކޮށްގެން މީހުން ކަރަންޓީންކޮށް އެކަހެރި ކުރެވިދާނެއެވެ. އެކަމަކު އެރިޒޯޓުތަކާއި އެނދުތައް ފުރޭވަރަށް ޞިއްހީ ވަސީލަތްތަކާއި އާލާތްތަކާއި މީހުން ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެހެން ޤައުމުތަކުން ހަދާހެން މި ޤައުމު މުޅިން ބަންދުކޮށް ތަޅުލައިގެން ކެއްކޮށްލެވޭނީ ކިހާދުވަހަކު ހެއްޔެވެ؟ މިހާލަތުގައި ރަށުގައި ހުރި ކާއެތިކޮޅުން ރައްޔިތުންނަށް ކާންދެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ރަށުގައި ބޮޑު ތަޅު އަޅުވައިގެން ރައްޔިތުން ގޭ ބަންދުގައި ބޭތިއްބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

މިސުވާލުތަކަށް ދޭނެ ޖަވާބެއް އަޅުގަނޑުމެންގެ އެއްވެސް މީހެއްގެ ކިބަޔަކު ނެތެވެ. އެހެންވީމާ އޮތީ ޕްރޮފެސަރ އުގައިލްގެ ހިސާބަށް ބުރަވެ އެހާލަތަށް ނުދޭތޯ ހިތްވަރާއެކު ގަދައަޅާ މަސައްކަތް ކުރުމެވެ. ރާއްޖެއިން ބޭރުން އައިސް އާންމު ރައްޔިތުން ދިރިއުޅޭ އެއްވެސް ރަށަކަށް ބައްޔަށް ޓެސްޓް ނުކޮށް ސާފުކަށް ކަށަވަރުނުކޮށް އެރިޔަ ނުދިނުމެވެ. ރިޒޯޓްތަކަށް އަންނަ ފަތުރުވެރިން ސީދާ ރިޒޯޓަށް ގޮސް އެރިޒޯޓުގައި އޮޓަމެޓިކުން ކަރަންޓީނު ވާގޮތަށް ބާއްވައިގެން އިޤުތިޞާދުވެސް މުޅިން ނުހުއްޓޭ ގޮތަށް މަޑުމަޑުން ކުރިއަށް ގެންދިއުމެވެ. ކިރިޔާވެސް ބަލީގެ އަސަރެއް ދައްކާލާއިރަށް އަވަހަށް ޓެސްޓް ކުރުމެވެ. އެކަހެރި ކުރުމާއި ކަރަންޓީން ކުރުމެވެ.

ބަލި ރަނގަޅުކުރާން ހިތި ބޭސް ބޯން ޖެހުނީމާ ހިތި ބޭސްވެސް ބޯން ޖެހޭނެއެވެ. ދަތި ދުވަސްކޮޅެކެވެ. އެކަމަކު ރައްޔިތުންގެ އެއްބާރުލުމާއެކު ރާއްޖެއަށް ކާމިޔާބީއާއި ހަމައަށް ވާސިލުވެވޭނެ ކަމުގެ އުއްމީދު މިހާރުވެސް އެބަ ފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަޙުމަދު

17-Apr-2020

ދިވެހިރާއްޖޭގެ މީހުން ޤަބޫލު ކުރާނީ އެތާޢީދު ކުރާ ސިޔާސީ ފަރާތަކުން އެއްޗެއް ބުނީމަ… ޢިލްމީ ހޯދުތަކަށް ބަލައިގެން ވެސް އެ ބަސް އެބުނި މީހާ އަހަރެމެންނަށް މުހިއްމުވާނެ.


3

ރިސޯރޓް ބޯއި އައްމަޑޭ

17-Apr-2020

ރިޒޯޓްތަކަށް އަންނަ ފަތުރުވެރިންނާއި ފުރތަމަ ކޮންޓެކްޓްވާ ބަޔަކީ އެއާރޕޯރޓުގައި މިސައްކަތްކުރާ މީހުން. ޑިއުޓީ ފްރީ ޝޮޕް, އިމިގްރޭޝަން, ކަސްޓަމްސް, ލަގެޖް އުފުލާމީހުން, އެއާރޕޯރޓް ރެޕުން, މިބައިމީހުން އެއްގޮތަކަށްވެސް ކަރަންޓީނު ނުކުރޭ. އެކަމަކު ރިޒޯޓުގައި މަސައްކަތްކުރާ މުއައްޒަފުން އޮޓަމެޓިކުން ކަރަންޓީނު ވާގޮތަށް ބާއްވައިގެން އިޤުތިޞާދު ކުރިއަށް ގެންދަންވީތަ. އެއާރޕޯރޓްގައި މަސައްކަތްކުރާ މީހުންގެ ދިރި އުޅެނީ އެބާއިމީހުންގެ ޢާއިލާއާއެކު. ޏިކަން ވިސްނާފަ ވާހަކަ ދައްކާބަލަ.


25

ާއަހްމަދު ސުޖާއ

28-Mar-2020

އަދުރޭވެސް ވަރަށްމޮޅު މިގޮތަށް ހިސާބްހަދަން


-4

ސުމޭކު

24-Mar-2020

އީރާނުންވެސް އެހިސާބުޖަހައި އެ ޝާއިޢުކުރި. އީރާނުގެ ރައްޔިތުންނެއް އެ ހިސާބުޖެހިފަރާތަށް ހުތުރުބަސްތައް ރައްދުކޮށް ހަޑި ހުތުރު އެއްޗިއްސެއް ނުގޮވާ. ކުނިހުތުރެއް ނުކިޔާ. އަހަރުމެންނަށް ވާގޮތަކީ, ތިމާއަށް ނޭނގޭކަންވެސް ތިމާއަށް ނޭނގެއްޏާވާނީއެހެން.


14

Aalee

24-Mar-2020

Rajje in fiyavalhu akah an feshee Prof ge tweet aa gulhigeney bune ekan gulhuvan ulheny liyuntheriaage amihlla hiyaalah. Ehves sababeh nudhehkey ehen bunan. Miee zimma dhaaru kan kuda noosveri kamakee.


31

Ranbid

24-Mar-2020

Ugail hama zero neii ehves theii kameh hehehe


4

ޢާނު

23-Mar-2020

ޢުގެއިލް ނޫނަސް އެތައް އިލްމުވެރިއެށް މި ވައިރަސް އާގުޅޭގޮތުން ތިހެން ހިސާބުޖެއްސެވި އެކަމަކު އެގައުމު ތަކުގެ މީހުން ނޫޅޭ ހޭބަލިވެގެންނެއް. ދިވެހިންނަކީ ވަރަށްވެސް ބޯހަރު ބައެއް


-17

ބޯގަމާރު

22-Mar-2020

ތާކުންތާކުނުޖެހޭ ލަފާކުރުންތަކެއް އެއީ.


16

ޙައް

22-Mar-2020

ގުޑް އާޓިކަލް. ރާއްޖެއިން އެބަޖެހޭ ރިޒޯޓުތަކަށް ދާ މީހުން ޓެސްޓްކުރެވޭނެ ގޮތް ހަދަން. ލިބޭ ވަރަށް ބޮޑު ކުރިއެރުވުމަކަށްވާނެ. ރިސޯޓްތައް ބަންދުކުރާކަށްވެސް ނުޖެހޭނެ.


1

Ali

22-Mar-2020

He is great no matter wat


15

މާދަމާދެކޭމީހާ

22-Mar-2020

ގިނަދިވެހިންނަކީ އަދިވެސް ދުނިޔެވީ އިލްމާއި ދީނީއިލްމުގެ ކުރިމަތީ ހަމަ ސުމެކެވެ އޭގެ އިތުރުން މިފަދަ ބައެއްގެ ތެރެޔައް ފައިސާގެ ތަނަވަސް ކަމުގެ ކުލައެއް ލިބިއްޖެނަމަ ދެންނުވެ ނުދާނެ ހުރިހާ ކަމެއް މިފެންނަމުން ދަނީ


12

އަލީ

22-Mar-2020

އައިޓީ ދާއިރާ ގެ މީހާ އަށް ނޭގުނު ރާޢްޖެ އަށް އެޕްލިކޭޝަނެއް ހަދާލަންވެސް



ޓްރެންޑިން