ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން އައްޝައިޚް ފަޒްލޫން ބިން މުޙައްމަދާއި ޝައިޚް އާދަމް ނިޝާން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ހަމަނުޖެހުމާ ގުޅިގެން ތިން މީހަކު މިއަދު ހަވީރު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއްް ނުވެއެެވެ. އެހެން ނަމަވެސް އެނގިފައިވާގޮތުގައި އެމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އައްޝައިޚް ފަޒްލޫން ބިން މުޙައްމަދާއި ޝައިޚް އާދަމް ނިޝާންގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެއެެވެ.


ޝައިޚް އާދަމް ނިޝާނާއި ޝައިޚް ފަޒްލޫން ބިން މުޙައްމަދު ހައްޔަރު ކޮށްފައިވަނީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ރެހެންދި ފްލެޓް ސަރަހައްދުންނެވެ.

އިއްޔެ ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން މީގެކުރިން ހަމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ. ފުލުހުން ގެންދަނީ ގަލޮޅު ދަނޑުގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް އެކަމަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު