ޗައިނާއިން ދެކޮޅު ހަދަމުންދަނިކޮށް އެ ގައުމުގެ ދަށުގައި އޮތް ޓައިވާނަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ ވަޑައިގެންފިނަމަ ޗައިނާގެ އަސްކަރިއްޔާއިން ފިޔަވަޅެއް ނާޅާ، ބަލަން ނޯންނާނެކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފިއެވެ.

ޗައިނާ ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ނެންސީ ޕެލޯސީ އޭޝިޔާގެ 4 ގައުމަކަށް އިއްޔެ އެކަމަނާ އިސްކޮށް ހުންނަވައިގެން ފެއްޓެވި ގާނޫނު ހަދާ މަޖިލީހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޓައިވާނަށް ވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ. މި ދަތުރުފުޅުގައި އެކަމަނާ އަރިހުގައި ހައުސްގެ އޮފް ރެޕްރެޒެންޓެޓިވް 5 މެމްބަރަކުވެސް ބައިވެރިވެއެވެ.

ޗައިނާގެ ހަރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ އެކަމުގެ ރައްދުގައި ޗައިނާއިން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅާނީ ކޮންކަހަލަ ފިޔަވަޅެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

ހަރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ ކަމެއް ގޯސްކޮށް ހިނގާތަން ބަލަން ޗައިނާގެ އަސްކަރިއްޔާ މަޑުން ނޯންނާނެކަމަށެވެ. އަދި އެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ މިނިވަންކަން ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަބަރުތައް ބުނާގޮތުން ޗައިނާއާއި ޓައިވާން ގުޅޭ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ މަނަވަރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޗައިނާގެ ޖެޓްތައްވެސް އެ ސަރަހައްދުގައި އުދުހެމުންދާކަމަށް ހަބަރުތައް ބުނެއެވެ. މިއާއެކު ޓައިވާނުންވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ޕެލޯސީގެ އޮފީހުން ދަތުރުފުޅާއި ގުޅޭގޮތުން ނެރުނު ރަސްމީ ބަޔާނުގައި އޮތް ގޮތުން އެކަމަނާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރު، މެލޭޝިޔާ، ދެކުނު ކޮރެޔާ އަދި ޖަޕާނަށެވެ. ނަމަވެސް ޓައިވާންގެ އޮފިޝަލަކާއި ހަވާލާދީ ސީއެންއެނުން ރިޕޯޓްކުރާ ގޮތުގައި މި ދަތުރުގެ ކޮންމެވެސް ހިސާބަކުން އެކަމަނާ ޓައިވާނަށް ވަޑައިގަންނަވާނެއެވެ. އަދި ޓައިވާންގައި އެއް ރޭ މަޑު ކުރައްވާނެކަމަށްވެސް ސީއެންއެނުން ބުނެއެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ އެ ދަތުރު ވެގެންދާނީ 1997 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް އޮފިޝަލަކު ޓައިވާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. އަނެއްކޮޅުން ޗައިނާގެ ދަށުގައި އޮންނަކަމަށް ދުނިޔެއިން ބަލާ ޓައިވާނަށް ވަޑައިގަންނަވާނެކަމަށް ޕެލޯސީ ވިދާޅުވި ހިސާބުން އެމެރިކާ އާއި ޗައިނާގެ އޮފިޝަލުން ވަނީ އެކަން ނުކުރެއްވުމަށް ބުނެ އެކަމަނާއަށް އިންޒާރު ދީފައެވެ. އެއީ ޗައިނާގެ ރުހުން ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބަދަލުގައި ޗައިނާއިން އަޅާނެ ފިޔަވަޅެއް ނޭނގޭނެތީއެވެ.

ޓައިވާނަކީ 1959 ވަނަ އަހަރު ޗައިނާގައި ކޮމިއުނިސްޓު ވެރިކަން ގާއިމުވުމުން އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ނެޝަލިސްޓުން ފިލަން ދިޔަ ކުޑަ ޖަޒީރާ ރަށެކެވެ. އަދި އެ ރަށުގައި އެމީހުން ގާއިމްކުރި ދައުލަތަށް ރިޕަބްލިކް އޮފް ޗައިނާގެ ނަން ދިނެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ގައުމެއް ނޫނެވެ. ދުނިޔެއިން ބަލައިގެންފައިވަނީ ޗައިނާއެވެ. ނުވަތަ ރަސްމީ ނަމުންނަމަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން