ޗައިނާއިން ދެކޮޅު ހަދަމުންދަނިކޮށް، އެ ޤައުމުގެ ހުއްދަ ނުހޯދައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ޗައިނާއިން އެކަން ކުށްވެރިކޮށް ވަރުގަދަ ބަޔާނެއް ނެރެފިއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތީ ރަސްމީކޮށް އެކަން އިއުލާންކުރުމެއްވެސް ނެތިއެވެ. އޭޝިޔާއަށް އެކަމަނާ ފެއްޓެވި ދަތުރުފުޅުގެ ރަސްމީ އެޖެންޑާގައި ޓައިވާނެއް ނެތެވެ. ނަމަވެސް އެކަމަނާ ޓައިވާނަށް ވަޑައިގަންނަވާނެކަމަށް އެމެރިކާާއާއި ބައިނަލްއަޤްވާމީ އެތައް މީޑިއާތަކަކުން ދިޔައީ ބުނަމުންނެވެ. އެންމެފަހުން އެކަން ޔަގީންވީ އެކަމަނާ އިއްޔެ ޓައިވާނަށް ވަޑައިގަތުމުންނެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުގެ ކުރިންވެސް ޗައިނާއިން ވަނީ އެކަން ނުކުރުމަށް އިންޒާރުދީފައެވެ. އެމެރިކާގެ އޮފިޝަލުންވެސް ޕެލޯސީއަށް އިންޒާރުދެއްވިއެވެ. އަދި މިކަމުގެ ސަބަބުން ހީނުކުރާ ފަދަ ކަންތައްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތްކަމަށް އެމެރިކާގެ އޮފިޝަލުންވެސް ވަނީ ކުރިން ބުނެފައެވެ.

ޗައިނާގެ ސަރުކާރުން ޕެލޯސީގެ ދަތުރާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ވަރަށް ހަރުކަށިކޮށް ޕެލޯސީގެ ދަތުރުފުޅު ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި ބުނީ ޕެލޯސީގެ މި ދަތުރަކީ "އެއް ޗައިނާގެ" ސިޔާސަތާއި ގުޅޭގޮތުން އެމެރިކާއާއި ޗައިނާއިން ޤާއިމްކޮށްފައިވާ އެއްބަސްވުންަތަކާއި ހިލާފު ދަތުރެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާވާނެކަމަށްވެސް ބަޔާނުގައިވެއެވެ.

ޗައިނާގެ ބަޔާނުގައި ވަނީ ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް މުޅި ދުނިޔެއާއި އެމެރިކާއިންވެސް ޤަބޫލުކުރާއިރު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ނެންސީ ޕެލޯސީގެ އަމަލުތަކުން ޗައިނާއިން ވަކިވެގަންނަން މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ލިބިގެންދާނެކަމަށެވެ. މީގެއިތުރުން ޓައިވާނުގެ މައްސަލަތަކަކީ ޗައިނާގެ ދާހީލީ މައްސަލަތަކެއްކަމަށާއި، އެކަމުގެ ތެރެއަށް އެމެރިކާއަށް ވަނުމުގެ ހައްގެއް ނޯންނާނެކަމަށްވެސް ޗައިނާގެ ބަޔާނުގައިވެއެވެ.

ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާއި ގުޅިގެން ޗައިނާގެ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދުގައި ހާއްސަ ތަމްރީންތަކެއް ފަށާފައެވެ. މި ތަމްރީންތަކުގެ ތެރެއިން ވަނީ ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަހައްދު ހުރިހާ ކޮޅަކުން ބައްދާލާފައެވެ. މިއާއެކު ޓައިވާނުގެ އަސްކަރިއްޔާވެސް ވަނީ ކުއްލި ހާލަތަކަށް އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން