އަހުމަދު މަސްނޫމް   16 ސެޕްޓެމްބަރު 2022 - 20:53
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅިވަރު ޝަހުސިއްޔަތު އަދި އެންމެ މޮޅު ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސުވިޒަލޭންޑުގެ ރޮޖަރ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

މިމަހު އޮންނަ ލެވަރ ކަޕްއަށްފަހު 41 އަހަރުގެ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާއްމު ކުރި ބަޔާނެއްގައެވެ.

ފެޑެރާ ބުނީ އޭނާގެ އުމުރުން 41 އަހަރު ވެފައިވާއިރު 1500 އަށްވުރެ ގިނަ ޓެނިސް މެޗު ކުޅެވިއްޖެކަމަށެވެ. އަދި ޓެނިހުގެ ދުނިޔެއިން އުއްމީދުކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށްވެސް ފެޑެރާ ބުންޏެވެ.

"އަހަރެން ގަބޫލުކުރަންޖެހޭ މިއީ އަހަރެންގެ ވާދަވެރި ކުޅިވަރު ކެރިއަރ ނިންމުމަކަށް ގެންނަންޖެހޭ ވަގުތުކަން." 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ފެޑެރާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ބަޔާނުގައި ބުންޏެވެ.

ޓެނިސް ކުޅުން ހުއްޓާލާނެކަން ފެޑެރާ އިއުލާންކޮށްފައިވާއިރު މިދިޔަ ދެ އަހަރެއްހާ ދުވަހު އަނިޔާގެ ސަބަބުން އޭނާއަށް ޓެނިހުގައި މާބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ.

ފެޑެރާ ޓެނިސް ކުޅުމުގައި ހޭދަކުރި 24 އަހަރު ތެރޭގައި އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަންސް 6 ފަހަރު، ފްރެންޗް އޯޕަން 1 ފަހަރު، ޔޫއެސް އޯޕަން 5 ފަހަރު އަދި ވިމްބަލްޑަން 8 ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 103 އޭޓީޕީ ޓައިޓްލް، ޑޭވިސް ކަޕް އަދި 2008 ވަނަ އަހަރު އޮލިމްޕިކްސްގެ ރަން މެޑަލެއް ވެސް އޭނާ ހޯދާފައިވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން