ޗެއަރމަން ޖާބިރު
ޗެއަރމަން ޖާބިރު
ޗެއަރމަން ޖާބިރު، ކ. ކާށިދޫގައި ތަރައްގީ ކުރާ އެއަރޕޯޓުގެ ކޮންސެޕްޓް އެޕްރޫވަލްއަށް އެ ރަށު ކައުންސިލަށް ހުށަހަޅުއްވައިފިއެވެ.

ޑީއާރުޕީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ، ޑީއާރުޕީގެ ލިޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ އަމިއްލަ ހަރަދުގައި ކާށިދޫގައި ގާއިމުކުރާ "ޖާބިރު އެއާޕޯޓް" ގެ ކޮންސެޕްޓް އެޕްރޫވަލްއަށް ކާށިދޫ ކައުންސިލަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ކާށިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ޖާބިރުގެ އިންތިހާބީ ވައުދެކެވެ. ޖާބިރު ކާށިދޫ ކައުންސިލަށް ފޮނުވި ޕްރޮޕޯސަލުގައިވާ ގޮތުން، އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1320 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނާނެއެވެ. އަދި 60 މީޓަރުގެ ޓެކްސީވޭއަކާއި 45 މީޓަރުގެ އޭޕްރަން އެއް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.

މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ޖާބިރު ވަނީ، އެއާޕޯޓް އެޅުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިމަހުގެ ހަވަނަ ދުވަހު ޖާބިރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޖާބިރު އެއަރޕޯޓް ތަރައްޤީ ކުރާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް ކަމަށާއި، އެ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި، އަހުމަދު މައުރީން ހަމަޖައްސާފައިވާ ކަމަށެވެ.

ޖާބިރު ވަނީ، އޭނާ ކާށިދޫއަށް ދަތުރު ކުރުމަށް ޕްރައިވެޓް ހެލިކަޕްޓަރެއްވެސް ބައްލަވައިގެންފައެވެ. އަދި ހެލިކޮޕްޓަރ ޖެއްސުމަށް ހެލިޕެޑެއް ކާށިދޫގައި ގާއިމް ކުރައްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޗެއަރމަން ޖާބިރުގެ އިންތިޚާބީ ވަޢުދެއް ކަމަށްވާ، ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރަން އިޓަލީގެ އެންމެ ބޮޑު އިންޖީނިއަރިން ކުންފުނި ކަމަށްވާ ސިންޓެކްނިކާ އިންޖީނިއަރިންގެ ރައީސް ލުކާ އަދި އެސޯސިއޭޓް މާކްސް މީގެ ކުރިން ރާއްޖެ އައިސް ކަމާގުޅޭ ދިރާސާއެއް ކޮށްފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު އެއަރޕޯޓްގެ ކޮންސެޕްޓް އެޕްރޫވަލް އަށް ކައުންސިލަށް ހުށައެޅުއްވި ކަމަށް ޑީއާރްޕީން ބުނި ނަމަވެސް ކާށިދޫ ކައުސިލަކުން އަދި މިކަން ހާމަކޮށްފައެއް ނުވެއެވެ. ޖާބިރު ދައްކަވާ މިފަދަ ވާހަކަތައް ހަގީގަތަކަށް ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން