image ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު   24 ޖޫން 2020 - 15:53
ދުނިޔޭގެ އެކި ޤައުމުތަކުގައި ވަކި [ސަރަޙައްދުތަކަކަށް] ސިޓީއޭ ކިޔައި އުޅެއެވެ. އެއީ ކަނޑައަޅައިފައިވާ ވަކި ފެންވަރަކަށް އެ [ތަނެއް] ތަރައްގީ ވެފައިވާ ސަހަރުތަކެވެ. އަޅުގަނޑު މި ލިޔުމުގައި ސަހަރޭ މި ދަންނަވަނީ "ޓައުން"ގެ މާނައިގައެވެ. ރަށްފުށުގެ ސަރަހައްދު ފިޔަވައި، އެއީ ރަށްފުށަށް ވުރެ ބޮޑެތި، އަދި ތަރައްގީގެ ވަސީލަތްތައް ފަހިވެފައިވާ ސަހަރުތަކެވެ. ޓައުންތަކެވެ. ސިޓީއޭ މި ކިޔަނީ މި ފަދަ ބޮޑެތި ސަހަރުތަކަށެވެ. ސަރަހައްދު ވަކިވެފައިވާ ބޮޑެތި ޓައުންތަކަށެވެ.

ދިވެހިރާއްޖެ ވެސް ތަރައްޤީގެ ހަރުފަތުން މައްޗަށް ފިޔަވަޅު އަޅަމުން އައި އައުމުގައި ރާއްޖޭގައި ވެސް "ސިޓީތަކެއް" އުފަންވެއްޖެއެވެ. އެންމެ ފުރަތަމަ، ސިޓީއެއް ކަމުގައި ދިވެހީން ބަލައިގަތީ ވެރިރަށް މާލެއެވެ. ދުނިޔޭގެ ނިސްބަތުގައި ކިތަންމެ ކުޑަ ފަސްކޮޅެއް ނަމަވެސް ރާއްޖޭގެ ނިސްބަތުގައި ބޮޑު ރަށެކެވެ. އެ ފަދައިން ރަށްފުށާ އަޅައި ބަލާއިރު ޚިދުމަތްތައް ފަހިވެފައިވާ ތަނެކެވެ. ފާޅުކަން ބޮޑު ގޮތެއްގައި ސަރަހައްދު (ކަނޑުން) ވަކިވެފައިވާ ރަށެކެވެ. އެހެންވީމާ އެއީ ރަށްފުށުގެ ސަރަހައްދެއް ކަމަށް ބެލެން ނެތިގެން ސިޓީއެއްގެ ދަރަޖަ ދެވުނީއެވެ. ތެދުފުޅެކެވެ. ވެރިރަށް މާލެއަކީ ސިޓީއެކެވެ. މާލޭގައި އޮންނަނީ ސިޓީ ކައުންސިލެކެވެ. ރަށު ކައުންސިލެއް ނޯވެއެވެ. އެހެންވީމާ މާލެއަކީ ސިޓީއެއް ކަމާމެދު އަޅުގަނޑުމެން އެކަކު ވެސް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. މާލޭގެ ދަރަޖައަކީ އެއީއެވެ.

އޭގެ ފަހުން ސިޓީއެއްގެ ދަރަޖަ ދެވުނީ އައްޑުއަތޮޅުގެ ހުރިހާ ރަށެއް އެއްކޮށްލައިގެން އެ އަތޮޅަށެވެ. އައްޑުއަތޮޅަށް ވެސް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ހައިސިއްޔަތު އޮތް ފަރާތަކުން އެކަން ކުރައްވައިފިއެވެ. އައްޑުއަތޮޅުގައި އޮންނަނީ ސިޓީ ކައުންސިލެކެވެ. އަތޮޅު ކައުންސިލެއް ނޯވެއެވެ. އެހެންވީމާ ސިޓީއެއްގެ ދަރަޖަ އެ އަތޮޅަށް ވެސް ދެވިއްޖެ ކަމަށް އަޅުގަނޑުމެން ޢާއްމުން މި ތބީ ގަބޫލުކޮށްގެންނެވެ. ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ވަރަށް ވަސީލަތްތައް ފަހިވެފައިވޭތޯ ނުވަތަ އެހެން ޝަރުޠުތައް ފުރިހަމަވެފައިވޭތޯ ބައްލަވާނީ ކަމާބެހޭ ފަރާތްތަކުންނެވެ. އެ އަތޮޅުގެ ރައްޔިތުންނެވެ. ކޮންމެ ގޮތަކަށް އެކަން އޮތަސް އެއީ ޤާނޫނީ ގޮތުން ސިޓީއެއްގެ ދަރަ ލިބިފައިވާ އަތޮޅެކެވެ. އައްޑު އަތޮޅު ނޫނީ މުޅި އަތޮޅުގެ ވަކިވަކި ރަށްތައް (ހިމެނޭ ގޮތުން) އެއްކޮށްލެވިގެން ސިޓީއެއްގެ ދަރަޖަ ދެވިފައިވާ އެހެން އެއްވެސް އަތޮޅެއް ނެތެވެ.

ދެން އިވުނީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެވުނު ވާހަކައެވެ. މިއީ ވެސް މުޅި އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދެވުނު އަތޮޅެކެވެ. ނަމަވެސް އައްޑުއަތޮޅާ ޚިލާފަށް މި އަތޮޅުގައި އޮންނަނީ ވެސް އެންމެ ރަށެކެވެ. އެ ރަށަށް ވެސް އެ އަތޮޅަށް ވެސް އަދި އެ ސިޓީއަށް ވެސް ކިޔަނީ ހަމަ ފުވައްމުލަކެވެ. މިއީ ވެސް މާލެ ފަދައިން އެއް "ރަށެއް"ގެ މައްޗަށް އެކުލެވިގެންވާ "ސިޓީއެކެވެ. ފުވައްމުލަކުގައި ވެސް އޮންނަނީ ސިޓީ ކައުންސިލެކެވެ. އަތޮޅު ކައުންސިލެއް ނޯވެއެވެ. ރަށު ކައުންސިލުތަކެއް ވެސް ނުހުރެއެވެ.

ދާދި ފަހުން ސިޓީއެއްގެ ދަރަޖަ ލިބުނީ ކުޅުދުއްފުއްޓަށެވެ. މިއީ އަތޮޅެއްގެ ވަކި ރަށެކެވެ. ނަމަވެސް ރާއްޖޭގެ ނިސްބަތުން ތަރައްގީވެފައިވާ ރަށެކެވެ. އެ ރަށުގައި ވެސް ރަށު ކައުންސިލެއް ނޯވެއެވެ. އޮންނަނީ ސިޓީ ކައުންސިލެކެވެ.

ރާއްޖޭގެ ސަރަހައްދުތަކުން، ފެންނަ ފެނުމުގައި ސިޓީއެއްކަން އެނގޭ ހަމައެކަނި ސިފައަކަށް، އަޅުގަނޑަށް ފާހަގަކުރެވުނީ އެ ސަރަހައްދުތަކުގައި ޤާނޫނީ ގޮތުން ނަންދެވިފައިވާ ސިޓީ ކައުންސިލްތަކެއް ހުންނަ ކަމެވެ. އެހެން ތަފާތެއް އަޅުގަނޑުމެން ޢާއްމުންނަކަށް ބަލާ ބެލުމަކަށް ފާހަގައެއް ނުކުރެވެއެވެ. މި ދެންނެވި ސަރަހައްދުތަކާ އެއް ފެންވަރަށް ވަސީލަތްތައް ޤާއިމުވެފައިވާ، "ތަރައްޤީވެފައިވާ" އެހެން ސަރަހައްދުތައް ވެސް އެބަހުއްޓެވެ. އަދި ބިމުގެ ގޮތުން މާ ބޮޑެތި ސަރަހައްދު ވެސް އެބަ ހުއްޓެވެ. ނަމަވެސް އެއީ އާބާދީގެ ކުޑަބޮޑުމިނަށް ބަލައިގެން ކުރާ ކަމަކަށް ވާނަމަ، ޢާއްމުންނަކަށް އެކަމެއް ނޭނގޭނެތާއެވެ.

އަޅުގަނޑު ދައްކާން މި އުޅެނީ ހައިސިއްޔަތު ދިނުމުގެ ވާހަކއެއް ނޫނެވެ. އެހެން ރަށްރަށް ނުވަތަ އަތޮޅުތައް ސިޓީތަކަކަށް ހަދާން ޖެހޭނެ ވާހަކައެއް ނޫނެވެ. އެއީ ކަމާ ބެހޭ ފަރާތްތަކަށް އޮންނާނެ ބާރެކެވެ. ޒިންމާއެކެވެ. އަދި ސިޓީއަކަށް ވިޔަސް ނުވިޔަސް ޢާއްމު ރައްޔިތެއްގެ ގޮތުން އަޅުގަނޑުމެން ޢާއްމުންނަށް ވަކި ތަފާތެއް ވެސް ނުފެންނާތީ އެ ކަމާ ވަކާލާތު ކުރުމުގެ ބޭނުމެއް ވެސް ނެތްތާއެވެ. އަޅުގަނޑުގެ ހިތުގައި އުފެދިގެން މި އުޅެނީ އެހެން ސުވާލެކެވެ.

ބައެއް ރަށްރަށާއި "ސިޓީތަކަށް" ސިޓީއެއްގެ ދަރަޖަ ލިބުމާއެކު، އެ ސިޓީތަކުގެ ނަން ބަދަލުވާތަން ފެންނާތީ، އުފެދޭ ސުވާލެވެ. އެޑްރެސް ލިޔާއިރު "އައްޑޫ ސިޓީ"، "ފުވައްމުލައް ސިޓީ"، "ކުޅުދުއްފުށި ސިޓީ" ލިޔެފައި ހުއްޓައި ފެންނާތީއެވެ. ސިޓީއެއްގެ ދަރަޖަ ލިބުނީމާ އެހާ ހިސާބުން ނަން ބަދަލުވާތީ އެއީ ކިހިނެއް ވާކަމެއްކަން ނޭނގޭތީ އުފެދޭ ސުވާލެވެ. މި ސުވާލު ބޮޑަށް މި އުފެދުނީ، ފަހުން ސިޓީއަކަށް "ދަރަޖަ އުފުލުނު" ސަރަހައްދުތަކުގެ ނަތްތަކަށް މި ބަދަލު އައި އިރު، އެންމެ ކުރީން ސިޓީއަކަށްވި "މާލެ" އަށް އަދިވެސް ކިޔަނީ "މާލެ" ކަމަށް ވާތީއެވެ. އެއް ވެސް ލިޔުމަކުން ނުވަތަ އެޑްރެސް ލިޔެފައިވާ ލިޔުމެއްގައި ވެސް "މާލެ ސިޓީ" މިހެން ލިޔެ ނޫޅޭތީއެވެ.

ވީމާ، ސިޓީއެއްގެ ދަރަޖަ ލިބުމާއެކު އެ ސިޓީއެއްގެ ނަމަށް ވެސް ބަދަލު އަންނަނީތޯ ސުވާލު އުފެދުނީއެވެ. އެހެން ކަމަށް ވާނަމަ، މާލެއަށް "މާލެ ސިޓީ" އޭ ލިޔެކިޔުންތަކުގައި ނުލިޔަނީ ކީއްވެގެންތޯ ސުވާލު އުފެދުނީއެވެ.

އަޅުގަނޑުގެ ނަޒަރުގައި އައްޑުއަތޮޅަށް ސިޓީއެއްގެ ދަރަޖަ ލިބުނަސް އެއީ ހަމަ "އައްޑުއަތޮޅެވެ." އައްޑުއަތޮޅަކީ ސިޓީއެކެވެ. އެ ސިޓީގެ ނަމަކީ އައްޑުއަތޮޅެވެ. ފުވައްމުލޮކަކީ ވެސް ރަށެކެވެ. އަތޮޅެކެވެ. އެ އަތޮޅަކީ ސިޓީއެކެވެ. އެ ސިޓީގެ ނަމަކީ ފުވައްމުލޮކެވެ. ކުޅުދުއްފުށީގެ ނަމަކީ ހަމަ ކުޅުދުއްފުއްޓެވެ. އެއީ ސިޓީއެކެވެ. އެކަމަކު އެ ސިޓީގެ ނަމަކީ "ކުޅުދުށްފުށި" އެވެ.

އެހެން މި ސާލެއް ވެސް ދަންނަވައިލާނަމެވެ. ގާކޮށީ ސަރަހައްދުގައި ބިނާކޮށްފައިވާ ފްލެޓްތަކަކީ ފްލެޓްތަކެއްކަން އެންމެންނަށް ވެސް އެނގެއެވެ. އެކަމަކު އެތާގެ ނަމަކީ "މާލޭ ސްކުވެއަރއެވެ." "މާލޭ ސްކުވެއަރ ފްލެޓް"އެއް ނޫނެވެ. ކުރީން ޢަރަބިއްޔާ ސްކޫލް ހުރި ސަރަޙައްދުގައި ވެސް ފްލެޓް ޢިމާރާތްކުރެވިފައިވާކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެ ތަނަށް "މާލޭ ގްރޭންޑް" ކިޔައި ނަން ދީފައިވާކަން ވެސް އެނގެއެވެ. އެއީ ފްލެޓް ޢިމާރާތެކެވެ. ނަމަވެސް އެތާގެ ނަމަކީ "މާލޭ ގްރޭންޑް ފްލެޓް"އެއް ނޫނެވެ. ޓީވީ ކޮށީގައި ވެސް ތިން ހަތަރު ފްލެޓް ޢިމާރާތް އެބަހުއްޓެވެ. އެ ތަނަށް ކިޔަނީ "ރެހެންދި-1"، "ރެހެންދި-2"، "ރެހެންދި-5"، "ރެހެންދި-6"އެވެ. އެ ތާގެ ނަމަކީ "ރެހެންދި ފްލެޓް"އެއް ނޫނެވެ. "ވީބީ މާރޓް" އަކީ ފިހާރައެއްކަން ގިނަ މީހުންނަށް އެނގޭނެއެވެ. ނަމަވެސް އެތާގެ ނަމަކީ "ވީބީމާޓް ފިހާރަ"އެއް ނޫނެވެ. ހަމަ އެކަނި "ވީ.ބީ.މާރޓް"އެވެ. ނަމަވެސް އެ ފިހާރައާ ޖެހިގެން ހުރި އަނެއް ކަންމަތީގައި ހުރީ "އިޙްސާން ފިހާރަ"އެވެ. އެއީ ވެސް ފިހާރައެކެވެ. އެ ތާގެ ނަމަކީ ވެސް "އިޙްސާން ފިހާރަ"އެވެ. ވީމާ ވަކި މިންވަރަކަށް ދަރަޖަ އުފުލުމުން ނުވަތަ ވަކި ހައިސިއްޔަތެއް ލިބުމުން، އެ ތަންތާގެ ނަން ބަދަލުވަނީތޯ ހަމަ ސުވާލު އުފެދުނީ އެވެ. މި ގޮތަށް ބަދަލުވާ ނަމަ، އެޑްރެސް ލިޔާއިރު "މާލެ" ލިޔުމުގެ ބަދަލުގައި "މާލެ ސިޓީ"އޭ ނުލިޔަނީ ކީއްވެތޯ ވެސް ސުވާލު އުފެދުނީއެވެ. މިއީ އަޅުގަނޑުގެ މަޢުލޫމާތުގެ މަދުކަމުން ގޮވުނު ހާސަރަކަށް ވެސް ވެދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


20

މާޒީ

16-Jul-2020

ބޮލަށް އުނދަގޫ ދިގު ހާސަރެއް. ޢަބްދުލް ޢަޒީޒް ޖަމާލު ކިޔެވިކަން ދައްކަންތޯ ތިޔާއްޗެއް ބޮލަށްކޮށްޕައިން ތި ދައްކަނީ. ތިޔައީ މިޒަމާނުގަ ބޮޑުގުޅަ އެއްޗެއް. މިހާރު މަސްވެރިން ވެސް އުޅޭނެ މާސްޓަރސް ހަދައިން އުޅޭ ޒުވާނުން. ހަހަހާ



ޓްރެންޑިން