މާބޮޑަށް ސްޓްރެސްވާނަމަ، މައިންނަށް ނޭދެވޭ އަސަރުކުރޭ!
މާބޮޑަށް ސްޓްރެސްވާނަމަ، މައިންނަށް ނޭދެވޭ އަސަރުކުރޭ!
އާއިލާގެ ކަންކަން ހަމަޖެއްސުމާއި، ގޭތެރޭގެ ކަންކަން ކުރުމުގައާއި ވަޒީފާގެ ހަލަބޮލި މާހައުލުގައި އަވަދިނެތި އުޅެމުން ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރާ ބަޔަކީ މައިންނެވެ. އެހެންކަމުން ހުރިހާ މަސްޢޫލިއްޔަތުތަކެއް އަތްމަތްޗަށް ލައިގެން ދިރިއުޅެމުން ގެންދާއިރު 'ސްޓްރެސް' ވެ ހާސްވާ ގޮތްވެއެވެ. ވަކިން ޚާއްސަކޮށް، ދަރިފުޅާއިމެދު ކުރެވޭ އުންމީދުތައް ގިނަވުމާއި ހުރިހާކަމެއް ކުރުމަށް ބޭނުންވާ ވުމަކީވެސް ސްޓްރެސް ބޮޑުވެގެންދާން މެދުވެރިވާކަމެކެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެންމެން ޤަބޫލުކުރާ ގޮތާއި އެއްގޮތަށް ދަރިފުޅުގެ ހުރިހާކަމެއް ކޮށްނުދެވިދާނެކަމުގެ ބިރާއި، އެގޮތަށް ކަމެއް ދިމާވެއްޖެނަމަ މުޖުތަމަޢު ދެކޭނެ ގޮތާއިމެދު ވިސްނާ ހާސްވުމަކީވެސް މައިންގެ ދިރިއުޅުމުގައި ސްޓްރެސްވުމަށް މެދުވެރިވާ ސަބަބެކެވެ.

* މާބޮޑަށް ސްޓްރެސްވާނަމަ މައިންގެ ފަރާތުން ފެނިދާނެ އަލާމާތްތައް:

- އަބަދުވެސް 'މޫޑު' ގޯސްވެފައި ހުރުން

ކުރަންޖެހޭ ކަންކަން ގިނަވެ، ކުރަން ބޭނުންވާ ވަރަށް ފުރިހަމައަށް އެއްކަމެއްވެސް ނުކުރެވޭ ކަމަށް ޤަބޫލުކުރެވުމާއި އެންމެންގެ 'އެކްސްޕެކްޓޭޝަން' އާއިއެއްވަރަށް ކަންކަން ނުކުރެވިދާނެތީ ގިނަ މައިން ތިބެނީ ހާސްވެފައެވެ. އަދި މިހެން ދިމާވުމުން ދަރިންނާއީ ދިމާލަށް މާބާރަށް ނުވަތަ ހަރުކަށިކޮށް ވާހަކަދެކެވޭގޮތް މެދުވެރިވެއެވެ.

- ހަމަޔަށް ނިދި ނުލިބުމާއި ވަރުބަލިކަން އިހުސާސްވުން

ސްޓްރެސް ބޮޑުވުމުންނާއި ވިސްނަންޖެހޭ ކަންކަން ގިނަވުމުން، ނިދަން އޮށޯތަސް ނިދަން އުނދަގޫވާގޮތް މެދުވެރިވެއެވެ. އަދި ހަމަނިދި ނުލިބުމުގެ ސަބަބުން އަބަދުވެސް ވަރުބަލިވުމުގެ އިހުސާސް ކުރެވެއެވެ.

- މާގިނައިން ކާހިތްވުން

ބިޒީ ދިރިއުޅުމުގައި ބައެއް މައިންނަށް ހިތްހަމަޖެހުމަށް ކުރެވޭ އެއްކަމަކީ ގިނައިން ކެއުމެވެ. ވަކިން ޚާއްސަކޮށް ގިނައިން ފޮނި އެއްޗެހި ބޭނުން ކުރުމަކީ މިފަދަ މައިންގެ ފަރާތުން ފެންނަ އާދައެކެވެ.

- ބޮލުގައި ރިހުން ގިނަވުން

އާއްމު ދިރިއުޅުމުގައި އަބަދުހެން ބޮލުގައި ރިއްސުމާއި ކަނދުރާ އަދި ބުރިކަށީގައި ރިއްސުމަކީވެސް ސްޓްރެސް ބޮޑުވުމުން ފެންނާނެ އަލާމާތެކެވެ.



- އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ކުޑަވުން

ފިރިމީހާއާއި އޮންނަ ގުޅުން ކުޑަވުމާއި ރައްޓެހިންނާއި އަދި އާއިލާގެ އެހެން މެންބަރުނަށް ވަގުތު ދޭން ބޭނުން ނުވުމަކީވެސް ސްޓްރެސްގެ ސަބަބުން މައިންނަށް ދިމާވާ ކަމެކެވެ. މިގޮތުން ރައްޓެހިންނާއި އާއިލާ މީހުން ގުޅުމުން ފޯނަށް ޖަވާބު ނުދިނުމާއި އާއިލާތެރޭގައި ބޭއްވޭ ހަފްލާތަކުގައި ބައިވެރި ނުވުމަކީވެސް މިކަމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ.

- އަމިއްލަ ނަފްސަށް ބޭނުންވާ ވަގުތު ނުދެވުން

އާއިލާގެ އެންމެންގެ ކަންކަމުގައި އަވަދިނެތި އުޅެންޖެހުމުން މައިން، އެމީހުންގެ އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްނުކުރެވުމަކީވެސް ދިރިއުޅުން މާބޮޑަށް ބިޒީވެ ސްޓްރެސްވެފައިވުމުން މެދުވެރިވާ ހާލަތެކެވެ. އަމިއްލަ މީހާގެ އުފަލަށްޓަކައި ދުވާލަކު މަދު މިނެޓު ކޮޅެއްވެސް ގިނަފަހަރު މައިންނަށް ނުލިބެއެވެ.

މިކަމުން ލުޔެއް ހޯދުމަށް އާއިލާގެ ފަރާތުން އެހިތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ގޭތެރޭގެ ބައެއް ކަންކަމުގައި އަނބިމީހާ އުޅޭއިރު ދަރިފުޅު ގޮވައިގެން ފަރިމީހާއަށް ހުރެވިދާނެއެވެ. އަދި ދެމަފިރިން ދެމެދުގައި ވާހަކަ ދައްކައިގެން ދެމީހުންނަށް ފަސޭހަގޮތަކަށް، ހަފްތާއަކު އެއްފަހަރު ނަމަވެސް އަނބިމީހާއަށް، އޭނާގެ ކަންކަން ކުރުމަށް ހުސްވަގުތު ހޯދައިދެވިދާނެއެވެ. އޭރުން ގެއިން ބޭރަށް ނުކުމެލާ އެކުވެރިންނާއެކު ހީސަމާސާކޮށްލުމުން ހަށިގަނޑަށް ލުޔެއް ލިބިދާނެއެވެ.

މީގެއިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ކަސްރަތު ކުރުމާއި، ރަނގަޅަށް ނިދި ހަމަކުރުމަކީ ހަށިގަނޑުގެ ވަރުބަލިކަން ފިލައި މީހާގެ ސިކުނޑި ތާޒާކޮށްދޭނެކަންކަމެވެ. މިކަންކަމަށް ސަމާލުވެގެން ދިރިއުޅުން ކުރިއަށްގެންދާނަމަ މައިންގެ ދިރިއުޅުމުގައި އުފާވެރިކަން ފެނިގެންދާނެއެވެ. އަދި އާއިލާއަށްވެސް އުފާވެރިކަން ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

Aminath amsoodha

02-Mar-2023

Mee varah vess ragalhu adhi iburahtheri liyumeh mi liyuh kiyaalumuh vess v gina kamuge han lul libihje



ޓްރެންޑިން