އެޕިސޯޑް 11
...............
މިހާރު ޢަމުދުން ދަރިޔަކު ހޯދުން އޭނާ އަވަސް ކުރަންވެސް ބޭނުންވެއްޖެއެވެ. މަލަކާ ޢިމްރާނަށް ކުއްޖަކު ވިހާތަން ދުށުމަކީ ފަހަރެއްގައިވެސް އޭނާއަށް ކުޅަދާނަވާނޭ ކަމެއް ކަމަކަށް ނުބެލެވެއެވެ.
[މަލަކާ ޢިމްރާނަށް ދަރިޔަކު ވިހާ މަންޒަރު ދެކޭނޭ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް...އަޅެ އަހަރެން މޮޔަވެދާނެ.] ސަރާއަށް ރޮވޭގޮތްވިއެވެ.
[ދެރަނުވޭ ސަރާ...މާގިނަ ދުވަހެއްނުވެ މާތްރަސްކަލާނގެ އިރާދަފުޅުން ސަރާވެސް ބަލިވެ އިންނާނެ.] ޢިމްރާން ސަރާގެ ހިތްހަމަޖައްސާލަދިނެވެ. ސަރާ ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ.
ދުވަސްތަކަކަށްފަހު އަނެއްކާވެސް ރައްޒާޤު މަލަކާއަށް ގުޅީ އެދުވަހުއެވެ. ހީވާގޮތުން އޭނާގެ މަންމަގެ ބޭސް ފަރުވާއަށްފަހު މާލެ އައީއެވެ.
[މަލަކާ ފޯނު ނުނަގަފާނެތީ، އެހެން ނަންބަރަކުން މިގުޅީވެސް. ކޮބާ މިހާރު ބަނޑަށް ކިތައް މަސްވެއްޖެ. މަލަކާ ތިއުޅެނީ އަހަރެންގެ ދަރިފުޅު ޢިމްރާންގެ ބޮލުގައި އަޅުވާކަށްނު....އަހަރެން މާލެ އައިސް އެންމެ ފުރަތަމަވެސް ގުޅީ ލޯބިވާއަށް...އަހަރެން ބޭނުން ބައްދަލުކުރަން...ތަނެއް ހަމަޖައްސަންތަ؟] ރައްޒާޤު މަލަކާއަށް ވާހަކަ ދައްކާކަށް ފުރްޞަތެއް ނުދީ، އެއްނޭވާއިން ގިނަ ވާހަކަތަކެއް ދެއްކިއެވެ. މަލަކާ އަނގައިންވެސް ނުބުނެ ފޯނު ބާއްވައިފިއެވެ. ރައްޒާޤު ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. އައި ރުޅީގައި މަލަކާގެ ގެޔަށް ދިޔުމަށްޓަކައި ސައިކަލުގައި ބާރަށް ދުއްވާލިއެވެ.
އެހިނދު ސައިކަލްގެ ދުވެލި ހުރީކީ ރާއްޖޭގައި އެފަދަ ވެހިކަލްތައް ދުއްވުމުގެ ހުއްދަ އޮންނަވަރަށްވުރެން މާބޮޑަށްވެސް ބާރު ސްޕީޑެއްގައެވެ. އޭނާއަކީ ކުރިން ދުވަހަކުވެސް އެހާ ބާރަށް ސައިކަލް ދުއްވި މީހެއް ނޫނެވެ. މާބޮޑަށް ލޭހޫނުވުމުގެ ސަބަބުން، އޭނާވަނީ ހަމައިން ނެއްޓިފައެވެ. އެއީ އޭނާގެ ބަދުނަޞީބު، މަލަކާގެ ނަޞީބު ކަމަށްވެސް ވެދާނެއެވެ.
ރައްޒާޤު ދުއްވަމުންދިޔަ ސައިކަލް، ހަމަ އެއުޞޫލުން ދުއްވަމުންދިޔަ އެހެން ސައިކަލެއްގައި ޖެހި ރައްޒާޤު ބުރައިގެންގޮސް ޖެހުނީ މަޖީދީމަގުގައި ހުރި ފިހާރައެއްގެ ބިއްލޫގަނޑުގައެވެ. ވަގުތުން ރައްޒާޤު ލެއިން ކަޅިވެއްޖެއެވެ. އޭނާގެ ސައިކަލްގައި ޖެހުނު ސައިކަލް ދުއްވަން އިނީ ލައިސަންސްވެސް ނެތް ކުއްޖެކެވެ. އޭނައަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ރައްޒާޤުގެ ހަށިގަނޑުގެ އެތަންމިތަނަށް ވަނީ ބިއްލޫރިތައް ވަދެ ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައެވެ.
އެ އެކްސިޑެންޓްގެ ޚަބަރު މަލަކާއަށް ލިބުނީ، ޖެހިގެން އައި ދުވަހުގެ މިއަދު ނޫހުންނެވެ. ނޫހުގައި ވަރަށް ތަފްޞީލުކޮށް އެ އެކްސިޑެންޓްގެ ވާހަކަ ލިޔެފައި އޮތެވެ. ނޫހުން މަލަކާއަށް މަޢްލޫމާތު ލިބުނު ގޮތުގައި ރައްޒާޤު އޮތީ އައި.ޖީ.އެމް.އެޗް.ގެ އައި.ސީ.ޔޫ ގައެވެ. އެޚަބަރު ކިޔާފައި މަލަކާ ދެރަވެ ރުޔެވެ. ފަހަރެއްގައިވެސް ރައްޒާޤު އެފަދަ ޙާލެއްގައިވާކަށް އޭނާ ނޭދެއެވެ.
ވުމާއެކު ރައްޒާޤުގެ ޙާލު ދެކެލުމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތް ކޮށްލަންވެސް އޭނާ ގަސްދުކުރިއެވެ.
ރައްޒާޤުގެ ޙާލަތާ ބެހޭގޮތުން ޑޮކްޓަރުން ބުނި ކަމަށް ނޫހުގައި ޝާއިޢު ކޮށްފައިވަނީ އޭނަޔަށް ރަނގަޅުވެ މުޅިން ހަމަ މީހަކަށްވުމަށް ވަރަށްގިނަ ދުވަސްތައް ނަގާނޭ ކަމަށެވެ.
ޙަޤީޤަތުގައި އެއީ މަލަކާއަށް ލިބުނު ހިސާބެއްގެ ހިތްހަމަޖެހުމެކެވެ. އޭނާ މިހާރު ފަށައިގެން އެއުޅޭ ދިރިއުޅުމަށް ހުރަސްނޭޅި ކުރިއަށް ދެވޭނީ ރައްޒާޤު އޭނާގެ ޙަޔާތުން އެއްކިބާވެގެނެވެ. އެހެން ނޫނީ އޭނާއަކަށް ޙަޤީޤީ ހަމަޖެހުމެއް ނުލިބޭނެއެވެ.
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ސަރާއަށް ލިބެމުން އަންނަނީ ނުތަނަވަސްކަމުގެ ސިގްނަލްތަކެވެ. ފަހަކަށްއައިސް ޢިމްރާން މަލަކާއަށް ތަފާތު ވައްތަރުތަކުގެ ފުރުޓް ގެނެސްދޭ ތަން ފެނުމާއި، މަލަކާގެ ކޮޓަރިއަށް ވަނުން އިތުރުވާން ފެށުންވީ ސަރާގެ ހިތަށް ކުޅަދާނަނުވާވަރުގެ ކަމަކަށެވެ. ނަމަވެސް އޭނާ ޝަކުވާއެއް ނުކުރެއެވެ. އެއީ ފިރިމީހާގެ ވާޖިބު އަދާކުރުން ކަމަށް އޭނާ ގަބޫލު ކުރެއެވެ.
[އިމޫ...އަހަރެން ވަރަށް ބޭނުން މަންމަޔަކަށްވާން. އޭރުން އިމޫ އަހަންނަށްވެސް ފުރުޓް ކާންދޭން މަސައްކަތް ކުރާނަމެއްނު...އިމޫ...މިއީ ޝަކުވާއެއް ނޫން...އަހަންނަށް އެނގޭ، އިމޫގެ ވާޖިބެއްކަން އެއީ...އެކަމަކުވެސް އަހަރެން ވަރަށް ދެރަވޭ....] ސަރާ ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އޮހެން ފަށައިފިއެވެ.
ޢިމްރާންގެ މަންމަގެ ފިއްތުންތަކުގެ ސަބަބުން ސަރާ މިހާރަކަށް އައިސް ހުންނަނީ މާބޮޑަށް މާޔޫސްވެފައެވެ. އޭނާގެ ކުރިމަތީގައި ފަހީމާ ހުންނަނީ މާބޮޑަށް މަލަކާއަށް ހެޔޮބޮޑުވެފައެވެ. އެއްދުވަހު ސަރާއަކީ ދަރިން ނުލިބޭ އަންހެނެކޭ ކިޔާފައި ފަހީމާގެ ރައްޓެއްސެއްގެ ގާތު ވާހަކަ ދެއްކި އަޑުވެސް ސަރާއަށް އިވުނެވެ. އެދުވަހު އެމީހާ ގާތު އޭނާ ބުނީ ޢިމްރާން ދެއަންބަކަށް މީހަކާ އިނީ ސަރާއަށް ދަރިން ނުލިބޭތީ ކަމަށެވެ.
[އެއީ ދަރިން ލިބޭ އަންހެނެއް ނޫން. އެސޮރުވެސް ތަނަކުން މީހަކު ފެންނައިރަށް އިންނަންޖެހޭވިއްޔަ.] އެދުވަހު ފަހީމާ އޭނާގެ އެކުވެރިޔާ ފައުޒިއްޔާ ގާތު އެހެން ބުނީ ވަރަށް ރުޅިއައިސްފައި ހުރެއެވެ.
އެދުވަހު ސަރާ ވަރަށް ރުޔެވެ. އޭނާގެ ނުކުޅެދުންތެރިކަމާ ދޭތެރޭ ވިސްނައި ވަރަށް ހިތާމަކުރިއެވެ.
[އަޅެ އިމޫ....އަހަރެން ބޭނުން ޓެސްޓް ކުރަން...ޑޮކްޓަރ ޝަހީދު ގާތު ބުނަންވީނު.] ސަރާ މިހާރު ބޭނުންވަނީ އޭނާއަކީ ޙަޤީޤަތުގައިވެސް ދަރިން ނުލިބޭ މީހެއްތޯ ބަލައި ޔަޤީންކޮށްލާށެވެ.
[އިއްޔެގައި ސީދާ ޑޮކްޓަރ ޝަހީދުވެސް ތިވާހަކަ ދެއްކި. ޑޮކްޓަރ ބުނި މިއަދު ޓެސްޓް ކުރަން އޭނާގެ ކުލިނިކަށް ސަރާ ގެންދާށޭ...ހިނގާދަމާ....] ޢިމްރާން ތެދުވިއެވެ. ކުޑަގޮތަކަށް ސަރާ ތައްޔާރުވެލިއެވެ.
ޢިމްރާނާއި ސަރާ ކޮޓަރިން ނުކުތްއިރު ސިޓިންގރޫމްގައި މަލަކާ އިނެވެ.
[އިމޫ...ސަރާ ގޮވައިގެން ކޮންތާކަށް؟] ޢިމްރާންމެން ފަސްދީ ހިނގައިގަތުމުން މަލަކާ އެއްސެވެ. ޢިމްރާން ކުޑަކޮށް ހުއްޓި މިދަނީ ސަރާ ގޮވައިގެން ކްލިނިކަށޭ ބުނެފައ ިއަނެއްކާވެސް ހިނގައިގެންފިއެވެ.
ވަގުތުން މަލަކާ ޑޮކްޓަރ ޝަހީދަށް ގުޅައިފިއެވެ. އޭނާ ޝަހީދު ގާތު ބުނީ އޭނާ ބޭނުންވަރަކަށް ފައިސާ ދޭނޭ ކަމަށާއި، ފުރްޞަތުގެ ބޭނުން ކުރުމަށެވެ. އެކަން އެހެން ކުރާނޭ ކަމުގެ ޔަޤީންކަން ޝަހީދުވެސް މަލަކާއަށް ދިނެވެ.
[އަބަދު މަލަކާ ތިގޮތަށް ގުޅާފައި ނުބުންޏަސް އަހަރެން މަލަކާއަށް ދެރަވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނަމޭ. ދެން ބާއްވަނީ. އެއިވުނީ ޢިމްރާންމެން އައިސް ވަންއަޑު.] ޝަހީދު ފޯން ބޭއްވިއެވެ. އެވަގުތު ޢިމްރާނާއި ސަރާ އެކުއެކީގައި އައިސް އެތަނަށް ވަނެވެ.
ފޯނު ބޭއްވުމަށްފަހު މަލަކާ ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ބޮޑު ކޮޓަރިއަށް ނުކުތީ މައިދައިތަ ފަހީމާ ގާތު އެވާހަކަ ބުނުމަށެވެ. އޭރު ފަހީމާ ކޮންމެވެސް ނޫސް މަޖައްލާއެއް ކިޔަން ބޮޑު ކޮޓަރީގައި ސޯފާގައި އިނެވެ. ކުރިމަތީގައި ހުރި ސޯފާގައި އެގޭގައި ގެންގުޅޭ ބިދޭސީ އަންހެން މީހާ ރުމާލީވެސް އިނެވެ.
[އަނހަ ދަރިފުޅާ އައިސް މަންމަ ގާތު އިށީނދެބަލަ. ޢިމްރާން...މިހާރު ރަނގަޅުތަ؟ އިހަށް ރުމާލީދޭ އެފަރާތަށް.] މަލަކާ އައިސް އިށީނީމާ ރުމާލީ ތެދުވެގެން ބަދިގެ ފަރާތަށް ހިނގައިގެންފިއެވެ.
[މިހާރު ރަނގަޅު. ހީވަނީ ސަރާޔަށް ކުދިން ނުލިބޭތީ ޢިމްރާން ހިސާބަކަށް އޭނަ މަތިން ފޫހިވާން ފަށައިފިހެން. މަންމަ މާބޮޑަށް ކަންބޮޑުނުވޭ. މާގިނަ ދުވަހެއްނުވެ އަހަރެން އެސަރާ މިގެއިން ނެރެލާނަން.] މަލަކާ ވިހަ ހިނިތުންވުމަކާއެކު ބުންޏެވެ.
[ސަރާއަށް ހަމަ ޙަޤީޤަތުގައިވެސް ދަރިން ނުލިބެނީތަ؟] އެއީ ފަހީމާއަށްވެސް ލިބުނު އުފާވެރި ޚަބަރެކެވެ.
[އާނ މަންމާ ޓެސްޓް ކުރަން ގޮސްވީ. ސަރާއަށްވެސް މިހާރު އެނގޭ، އޭނައަށް ދަރިން ނުލިބޭކަން. މިހާރު އޭނާއަށްވެސް އެނގޭނެ، އޭނާއަކީ ޢިމްރާންގެ ދިރިއުޅުމަށް މުހިންމު މީހެއް ނޫންކަން.] މަލަކާ ފަހީމާއަށްވެސް ބައެއް ކަންތައްތައް ސިއްރު ކުރެއެވެ. މަޞްލަޙަތަށްޓަކައެވެ.
[މީގެކުރިން ޢިމްރާން މާވަރަކުން އުޅޭތީ އަހަރެން މާބޮޑަށް އޭނަޔަށް ނުފިއްތަނީ. ދެން އަމިއްލައަށް މިގެއިން ނުކުމެގެންދާ ވަރަށް ދަތިކުރާނަން.] ފަހީމާ ބުންޏެވެ.
[މިގެއިން ދާންޖެހުނަސް އޭނައަށް މިހާރު ވަރިހަމަވާނެއެއްނު. އޭނަގެ ރަށުގައި ހުރިގެ ގަނޑުވަރެއްހެން ހަދާ ނިމެނީވިއްޔަ. ގެ ހައްދަންވެސް އޭނަ ޢިމްރާންގެ ބޮލަށް ވަންނާނީއޭ. އެހެންނުވާނީ، އޭނަ ޢިމްރާނާ އިނީކީ ލޯބިންނެއް ނޫންވިއްޔަ. އެކަހަލަ ނިކަމެތިން ވަރަށް މަސައްކަތް ކުރާނެ، ތަނަވަސްކަން އަތްމަތިކުރެވޭތޯ...] ފަހީމާގެ އަނިޔާވެރިކަން އިތުރުކުރުވުމަށްޓަކައި މަލަކާ ވާހަކަ ހަދަމުން ދިޔައެވެ.
[ފިސާރި ތެދެއް މަލަކާ ތިބުނީ...އެ ސަރާ އިނީކީ މަގޭ ދަރިޔަކާ ނޫން. މުދަލާއި ފައިސާއާ އޭނާ އެއިނީ....އެހެން ނޫންނަމަ، ކައިވެންޏަށް ހަތަރުމަސްވެސް ނުވަނީސް ރަށުގައި ހުރި ގެގަނޑު ކޮޅަށް ޖަހަން މަސައްކަތް ނުކުރާނެ....] ފަހީމާއަށް އެހެން ބުނެވުނު ވަގުތަކީ ސަރާ އައިސް ގެއަށް ވަން ވަގުތެވެ.
ސަރާއަށް ހަމަ ރަނގަޅަށްވެސް މަންމަގެ އެޖުމްލަ އަޑުއިވުނެވެ. ސަރާގެ ފަހަތުން ޢިމްރާންވެސް އަންނާނެ ކަމަށް ހީކޮށް ވަގުތުން ފަހީމާމެންގެ ވާހަކަ މެދުކެނޑުނެވެ.
[ޢިމްރާން ކޮބާ....؟] ސަރާ ފަހަތުން ޢިމްރާން ނުވަނީމާ ތަންކޮޅެއް ހަރުކަށި ރާގެއްގައި ފަހީމާ އެއްސެވެ.
[ޢިމްރާން ދިޔައީ އޮފީހުން ގުޅީމާ...އޮފީހަށް.] ހިތްދަތިވެފައި ހުރެ ސަރާ އިސްޖަހާލައިގެން ހުރެ މައިދައިތައަށް ޖަވާބު ދިނެވެ.
[އެހެންތަ؟ މިހާރު ދަރިޔަކު ލިބޭގޮތް ވެއްޖެތަ؟ ކިތަންމެ ފަރުވާއެއް ކުރިޔަސް ދަރިން ނުލިބޭ މީހަކަށް..އެއުފަލެއް ނުލިބޭނެ.] މަލާމާތުގެ ރާގެއްގައި ވިހަ ހިނިތުންވުމަކާއެކު ފަހީމާ ސަރާ އިތުރަށް ދެރަކޮށްލިއެވެ. ވަގުތުން ސަރާއަށް ރޮވުނެވެ. މަލަކާގެ ގާތަށް އައީ ހިންޏެވެ.
[އަހަންނަށް ކުއްޖަކު ލިބޭނެ...ލިބޭނެ....] ކެތްތެރިކަން ކޮޅުންލީމާ ބޭއިޚްތިޔާރުގައި މިހެން ބުނެފައިމެ، ސަރާ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަދެވުމާއެކު، އޭނާގެ ބަޑިފަޅައިގެން ދިޔައެވެ. އެވަގުތު އޭނާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ކިތަންމެ ވަރަކަށް ރޮވުނަސް ޢިމްރާންގެ މަންމައާ ބެހޭގޮތުން އެއްވެސް ވާހަކައެއް ޢިމްރާން ގާތު ދައްކާކަށް އޭނާއަށް ލާހިކެއް ނޫނެވެ.
އެއްވެސް ފިރިޔަކު އެމީހެއްގެ މަންމައާ ބެހޭގޮތުން އަންބަކު ދައްކާ ވާހަކައެއް ހެޔޮހިތަކުން އަޑެއް ނާހާނެއެވެ. ގިނަ ފިރިހެނުން އެފަދަ ވާހަކަތައް ދެއްކީމާ އަނބިމީހާ މަތިން ފޫހިވެސްކޮށްލައެވެ.
އެކަން ސަރާގެ މަންމަ ނަޖްމާވަނީ ނިކަން ރަނގަޅަށް ސަރާއަށް ވިސްނާދީފައެވެ.
އެހެން ނޫންނަމަ، އޭނާގެ ކެތްތެރިކަން ކުޑަވާވަރަށް މައިދައިތަ އެބަ އުނދަގޫކުރެއެވެ. ތަފާތު ގޮތްގޮތަށް ޢިމްރާންގެ މަންމަ އެދަނީ ސަރާއަށް ޖެއްސުން ކުރަމުންނެވެ.
[މަލަކާ ވިހެއީމާ ޢިމްރާން އެސަރާމަތިން އެއްކޮށް ފޫހިވާނެ. މިހާރު އޭނަގެ ނުކުޅެދުންތެރިކަން ވިސްނިގެން ނިކުމެގެންދާންވެސް ވެއްޖެއެއްނު. ހިތަށްއަރާ ހާދަހާވާ ދަހިވެތި އަންހެނެކޭ....ތިންބުރި ގެއެއް އަޅާދިނީމާވެސް އެއުޅެނީ ހިތް ނުފުރިގެން.] ސަރާ ކޮޓަރިއަށް ވަނީމާ އަނެއްކާވެސް ސަރާއަށް އިވޭވަރަށް ނިކަން ބާރަށް ފަހީމާ ބުނި އަޑު ސަރާއަށް އިވުނެވެ.
މައިދައިތަގެ އެފަދަ ވިހަގަދަ ޖުމްލަތަކަކީ ފަހަރެއްގައިވެސް އޭނާއަށް ކުޅަދާނަވާވަރުގެ ކަމެއް ނޫނެވެ. އޭނާއަށް ގިސްލަ ގިސްލާފައި ރޮވެން ފަށައިފިއެވެ.
ޢިމްރާން ކޮޓަރިއަށް އައިސްވަނީ ސަރާ އެގޮތަށް ރޮއިރޮއި އޮއްވައެވެ.
[ސަރާ ކިހިނެއްވީ؟] އެނދުމަތީގައި ބަންޑުން އޮވެ ރޮއި ގިސްލަމުންދިޔަ ސަރާ ނަގަމުން ޢިމްރާން އެއްސެވެ. ނަމަވެސް ސަރާއަށް ވާހަކަ ދައްކާނޭ ހިތްވަރެއްވެސް ނުލިބުނު ކަހަލައެވެ. މިހާރު ޢިމްރާން ގާތު ހުރިހާ ވާހަކައެއް ކިޔާދޭން ކިތަންމެހާވެސް އޭނާ ބޭނުމެވެ. ނަމަވެސް އޭނާއަށް ހިތްވަރެއް ނުލިބުނެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ގިސްލެވެނީއެވެ.
[އަޅެ...ސަރާ ވީކަމެއް އަހަރެން ގާތު ނިކަން ބުނެބަލަ...ތިގޮތަށް ސަރާ ރުއީމާ އަހަންނަށްވެސް ލައްކަ އަސަރު ކުރެޔޭ...ބުނެބަލަ ކިހިނެއްތަވީ؟] ޢިމްރާން ސަރާ އޭނާގެ މޭގައި ލައްކޮށްލިއެވެ.
އެވަގުތު ސަރާ ނިކަން ހިތްވަރުކޮށްފައި މައިދައިތަގެ ދާއިމީ ފިއްތުންތަކުގެ ވާހަކަ ޢިމްރާނަށް ކިޔާދެވޭތޯ މަސައްކަތް ކުރިއެވެ.
[ކިހިނެއްވީ؟ މިގޭ މީހަކު ސަރާ ހިތުގައި ޖެހޭކަހަލަ ވާހަކައެއް ދެއްކީތަ. ނޫނީ ކިހިނެއްވީތަ؟] ސަރާއަށް ކޮށްފައިވާ އަސަރުތައް އިޙްސާސްވީމާ، ޢިމްރާންވެސް ދެރަވެއްޖެއެވެ.
[އިމޫ...އަހަރެން ކިހިނެއްތަ ކެތްކުރާނީ. އަހަންނަކީ ކިހާބޮޑު ނިކަމެއްޗެއް. އަޅެ އިމޫ ކީއްވެތަ އަހަރެންދެކެ ލޯބިވެ، އެލޯބީގައި އަހަރެންގެ ނިކަމެތިކަން ހިތްގަދަކުރީ....] އިސާހިތު ސަރާގެ އަޑުވެސް ބެދިއްޖެއެވެ.
މީގެކުރިން ދުވަހަކުވެސް ސަރާއަށް އެވަރަށް އަސަރުކޮށްފައި ވަނިކޮށް ޢިމްރާނެއް ނުދެކެއެވެ. ވުމާއެކު ސަރާ ވަރަށްބޮޑު ހިތްދަތިކަމެއް ބަރުދާސްތު ކުރަމުންދާކަން ޢިމްރާން ދެނެގަތެވެ.
[ސަރާ...ނުރޮއި ވެގެން އުޅޭގޮތް އަހަންނަށް ކިޔާދީބަލަ. އަހަރެން މަލަކާ ގާތަށް އެކޮޓަރިއަށްދާތީތަ، ސަރާ ތިވަރަށް ދެރަވެ ތިރޮނީ...ނޫނީ މަންމަ އެއްޗެކޭ ބުނީތަ؟] ޢިމްރާން ސަރާގެ ދަތްދޮޅީގައި ހިފައި، އިސްއުފުލާލިއެވެ.
ޢިމްރާންގެ އެސުވާލުން ސަރާއަށް އިތުރު ހިތްދަތިކަމެއް ލިބުނު ކަހަލައެވެ.
[އަޅެ...އިމޫ....ތިސުވާލު އަހަންނާ ނުކުރޭ...އަހަރެންގެ ކެތްތެރިކަން ކޮޅުންލާފާނެ.] އޭރުވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.
[ކޮންކަމެއްތަ ސަރާ އަހަންނަށް ސިއްރުތިކުރަނީ. ސަރާއަށް ހީވަނީތަ، އަހަރެން ސަރާ ދައްކާ ވާހަކަ އަޑެއް ނާހާނޭ. ވެގެންއުޅޭ ގޮތެއް ދެންވެސް ކިޔާދީބަލަ.] ޢިމްރާން ވަަރަށް ލޯތްބާއެކު ސަރާގެ ދެލޯ ފޮހެދޭން ފެށިއެވެ.
[އިމޫ...އަހަރެން ބުނެފީމެއްނޫންތަ އިތުރަށް ތިޔަ ސުވާލު އަހަންނާ ނުކުރާށޭ...] މައިދައިތަގެ ވާހަކަ ޢިމްރާނަށް ކިޔާދޭން އުޅެފައި، އަނެއްކާވެސް ސަރާގެ ޚިޔާލު ބަދަލުވެއްޖެއެވެ.
އެއީ ޢިމްރާންގެ މަންމަ އަހާލުމެއްވެސްނެތި އައިސް ކޮޓަރިއަށް ވަން ވަގުތެވެ.
[ދަރިފުޅާ...ސަރާ..ރޮނީ ކޮންކަމަކާތަ؟ ބޭރުން އައިސް ވަންގޮތަށް ރޯންފެށީމާ މަންމަވެސް އަހައިފިން...ނަމަވެސް އެއްވެސް ޖަވާބެއް ނުދީ އައިސް މިތަނަށްވަނީ....] ފަހީމާއަކީ މަތިއޮމާން ކުރަންވެސް އަރާހުރި އަންހެނެކެވެ. ޙަޤީޤަތުގައި ސަރާގެ ހިތުގައި ޖެއްސީ ސީދާ އޭނާއެވެ.
[އަހަރެން އަހާއަހާވެސް ނުބުނޭ. ސަރާ ދެންވެސް ވެގެން އުޅޭގޮތެއް ބުނެބަލަ.] ޢިމްރާން މަންމަޔަށް ޖަވާބުދިނުމަށްފަހު އަނެއްކާވެސް ސަރާ ގާތު އެދުނެވެ.
[އަހަރެން ބުނީމެއްނު އެއްވެސް ކަމެއް ނުވެޔޭ....މަންމަޔަކަށްވުމަށް އެދި ކުރެވޭ ފިކުރުތައް ފިޔަވައި އެހެން އެއްވެސް ފިކުރެއް އަހަރެންގެ ނެތް. އަހަރެންގެ ނިކަމެތި ޙާލަތު މިކަހަލަ އުފާވެރި ތަނަވަސް ޢާއިލާއަކާ ގުޅުމުން ބަދަލުވެފައިވާއިރު، އަހަރެން ވިސްނަންޖެހޭ އެހެން ކަމެއްވާނެތަ؟...] ސަރާ ކަރުނަތައް ގަދަކަމުން އެތެރެއަށް ހިންދޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
[މާބޮޑަށް ދެރަނުވޭ ދަރިފުޅާ...އަދި ކަނބުލޮޔަށް ދަރިޔަކު ލިބޭނެ...] ފަހީމާ ހިތިގޮތަކަށް ސަރާއާ ދިމާއަށް ބަލައިލަމުން ސަރާގެ ބުރަކަށީގައި ފިރުމާލުމަށްފަހު ކޮޓަރިން ނުކުތެވެ.
[މަންމަވެސް ކިހާ ހެޔޮ....އަހަރެން ހެނެއްނޫން މަންމަ...މަންމަ އަހަރެންގެ ދެއަނބިންނަށްވެސް އެއްވަރަކަށް އަޅާލާ....އެކަހަލަ ހެޔޮ މަޔަކު ލިބުނީތީ އަހަރެން އުފާކުރަން.] ޢިމްރާން އެހުރީ ހަމަ ރަނގަޅަށްވެސް މަންމަގެ ދަޅަތަކަށް ހެއްލިފައެވެ.
[އެފަދަ މައިދައިތަޔަކު އަހަރެން ކަހަލަ އެހެން އަންހެނަކަށް ނުދައްކަވާށި.] ސަރާއަށް ހިތާހިތާ ކުދިކިޔުނެވެ.
ޖެހިގެން އައި ދުވަހު ޑޮކްޓަރ ޝަހީދު ރިޕޯޓް ހިފައިގެން އެގެޔަށް އައެވެ. އޭނާ ދިނީ ސަރާ އިންތިޒާރު ކުރިފަދަ ޖަވާބެއް ނޫނެވެ. ޙަޤީޤަތުގައި ޑޮކްޓަރ އެހެން ބުނާއަޑު އަހާކަށް އޭނާ ބޭނުމެއް ނޫނެވެ.
ނަމަވެސް ކުއްޖަކު ހޯދަން ބޭނުމިއްޔާ އޭނައަށް ބޭސްކުރަން ޖެހޭނޭ ކަމަށް ޑޮކްޓަރ ޝަހީދު ބުނީ ގޭގައި ސަރާފަކީރު އެކަނިމާއެކަނި ހުއްޓައެވެ.
ރޮއިގެންފައި ސަރާ ބުނީ ބޭސްކޮށްގެންވެސް އޭނާ ކުއްޖަކު ބޭނުންވާ ކަމަށެވެ.
[ތިންމަހުން އެއްމަހު އަހަރެން އިންޖެކްޝަން ޖަހާނަން..އެކަމަކު އަދި ބޭސްކުރެވޭނީ އެކަމަށް ޢިމްރާންވެސް އެއްބަސްވަންޏާތާ.] ޢިމްރާން ގެއަށް އައިސްވަނީ އެވަގުތުއެވެ. ޢިމްރާން ވަނީމާ ރޮއިފައި ސަރާ އެވާހަކަ ކިޔާދިނެވެ. ވަގުތުން ސަރާ ޑޮކްޓަރ ޝަހީދު ގާތު ބޭސްފެށުމަށް އެދުނެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު