ރީނދޫ އަދި ޔޯގަޓް މިކްސް މޫނުގެ ހަންގަނޑު ތެޔޮވުމުން ސަލާމަތްކޮށްދޭ
ރީނދޫ އަދި ޔޯގަޓް މިކްސް މޫނުގެ ހަންގަނޑު ތެޔޮވުމުން ސަލާމަތްކޮށްދޭ
ހޫނުވުމުން ބައެއް މީހުން ވަރަށް ބޮޑަށް ދާހިއްލާނެއެވެ. އަދި މޫނު އާދަޔާ ޚިލާފަށް ތެޔޮވެފައި އަބަދުމެ ހުންނަގޮތް ދިމާވެއެވެ. މީގެ ސަބަބުން މޫނުގައި ބިހިނެގުމާއި މޫނުގައި ހުންނަ ޕޯރސް ނުވަތަ ހަންގަނޑުގައި ހުންނަ ކުދިކުދި ލޯވަޅުތައް ބެދި ހަންގަނޑު ހަލާކުވާގޮތް ދިމާވެއެވެ. މިކަމަށްޓަކައި ގޭގައިހުރެ ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

ރީނދޫ އަދި ޔޯގަޓް މިކްސް އަކީ މިކަމަށް އޮތް ފަރުވާއެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ ބަދަލުފެންނާނެއެވެ.

ރީނދުލުން ހަންގަނޑަށް ލިބޭ ފައިދާތައް:

ރީނދުލަކީ އެންޓި އޮކްސިޑެންޓް، އެންޓި ބެކްޓީރިއާއާއި އެންޓި އިންފްލެމޭޓަރީ ކޮމްޕައުންޑް އެކުލެވޭ ކާކުމިން މާއްދާ ހިމެނޭ އެއްޗެކެވެ. އަދި މިއީ ލޯކައިރި ކަޅުވެފައި ހުންނަ ތަންތަނާއި ހައިޕާރ ޕިގްމެންޓޭޝަން، މޫނުގައި ލައް ޖެހި ކަޅުވެފައި ހުންނަ ތަންތަން އަލިކޮށްދޭ އެއްޗެކެވެ. އަދި ޖައްވުގައި ހުންނަ ވިހަ މާއްދާތަކުން ހަންގަނޑަށް ލިބޭ ގެއްލުންތައް ރަނގަޅުކޮށްދީ ހަންގަނޑު މާއަވަހަށް ރޫޖެހި މުސްކުޅިވުމުންވެސް ސަލާމަތްކޮށްދޭ އެއްޖެކެވެ.

ޔޯގަޓުން ހަންގަނޑަށް ލިބޭ ފައިދާތައް:

މިއީ ޒަމާނުއްސުރެ އެކި ގައުމުތަކުގައި ހަންގަނޑު ރީތިކުރުމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. މީގެ ސަބަބުން ހަންގަނޑު އޮމާންވެ މޫނުގައި ބިހިނެގުމުގެ މައްސަލަ ހައްލުކޮށްދެއެވެ. އަދި މިއީ ހަންގަނޑު މޮއިސްޗަރައިސްކުރުވައިދޭ ނުވަތަ އެއްވަރެއްގައި ހަންގަނޑުގެ ތެއްކަން ހިފަހައްޓުމަށް އެހީތެރިވެދޭ އެއްޗެއްވެސް މެއެވެ. އަދި މީގެ އިތުރުން އިރުގެ އަވިން ހަންގަނޑު ކަޅުވެ ހަލާކުވާ ތަންތަންވެސް އަލިކޮށްދޭ އެއްޗެކެވެ.

ފޭސްޕެކް ތައްޔާރު ކުރާނެގޮތް:

ފޭސްޕެކް ތައްޔާރު ކުރުމަށް ބޭނުންވަނީ ރީނދުލާއި ޔޯގަޓެވެ. ކުޑަ ތައްޓެއްގައި 1 މޭޒުމަތީ ސަމްސާ ރީދުލުގެ ތެރެއަށް 1 މޭޒުމަތީ ސަމްސާ ޔޯގަޓު އެއްކޮށްލާށެވެ. ބޭނުންނަމަ ކުޑަ ލުނބޯ ހުތްކޮޅެއް ޖައްސާލެވިދާނެއެވެ.

މިޕެކް ބޭނުން ކުރުމަށް މޫނުގައި ރީތިކޮށް އުނގުޅާލާށެވެ. އަދި ހިކެންދެން ނުވަތަ 15 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު އާދައިގެ ފެނުން ރީތިކޮށް ދޮވެލާށެވެ. އަދި ތުވާލިކޮޅަކުން މަޑުމަޑުން ފެން ހިއްކާލާށެވެ. އަދި ހަފްތާއަކު 1 ފަހަރު ނުވަތަ 2 ފަހަރު ބޭނުން ކޮށްލާށެވެ. އޭރުން ބޭނުންވާ ނަތީޖާ ފެންނާނެއެވެ.

ނޯޓު: ކޮންމެ ދުވަހަކު މިޕެކް ބޭނުން ނުކުރާށެވެ. އެހެން ނޫނީ މޫނުގެ ހަންގަނޑުގައި ރީނދޫކުލަ ޖެހިދާނެއެވެ.

ޕެކް ބޭނުންކުރުމުގެ ކުރިން އެލާޖިކް ވޭތޯ ޗެކް ކުރަންވާނެއެވެ. މިގޮތުން އަތުގައި އެތިކޮޅެއް އުނގުޅާލައި އެއްވެސް ކަހަލަ ރިއެކްޝަނެއް އާދޭތޯ ބަލާލުން މުހިންމެވެ. ޗެކު ނުކޮށް މޫނުގައި އުނގުޅާލުމުން މޫނު ހަލާކުވެދާނެއެވެ. އެކި މީހުންނަކީ އެކި އެއްޗެއްސަށް އެލާޖިކުވާ މީހުންކަމުން ހަންގަނޑުގައި އެއްވެސް އާއެއްޗެއް ހާކާއިރު މިކަމަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން