ރާއްޖޭގައި މިހާރު ދެ ލައްކައާ ކައިރި ކުރާ ވަރަށް ބިދޭސީން އެބަ މަސައްކަތް ކުރެ އެވެ. މިދެންނެވީ ވެސް މުޅިއަކުން ރަނގަޅު ހިސާބަކަށް ނުވެދާނެއެވެ. މިދެންނެވި ހިސާބު ކަށަވަރުން ބުނަން އެނގޭ ހަމަ އެކަކުވެސް ނެތެވެ. މާލެ ސަރަހައްދުގައި މީގެ ތެރެ އިން ލައްކައެއްހާ މީހުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން 60،000 އަށްވުރެ ގިނަ ބިދޭސީންނަކީ "އަން ޑޮކިއުމެންޓެޑް" ނުވަތަ އެއްވެސް ލީގަލް ޑޮކިއުމެންޓެއް ނެތް ގަވާއިދާ ޚިލާފަށް އުޅޭމީހުންނެވެ. މިއީ ހަމަ ޚިޔާލަށް ގެނެވޭ އަދަދެކެވެ. ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގައި އުޅޭ ބަނގްލަދޭޝްގެ މަސައްކަތު އާބާދީގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުންގެ އަދަދު ދެބައިކުޅަ އެއްބަޔާއި ގާތް ކުރާނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ވެސް ބިދޭސީން މިހާރު އުޅެ އެވެ. ބައެއް ރަށްރަށުގައި އެ މީހުން މަހަށް ގޮސް، ވިޔަފާރިތައް ހިންގަ އެވެ. އަދި ހުވަފަތް ވެފައި ތިބޭ އަދި ވަރިކޮށްފައި ތިބޭ އެކަނިވެރި "ދައްތަމެންނާ" ވެސް އެމީހުން އިނދެގެން އުޅޭލެއް މަދެއް ނޫން ކަމަށް ވެއެވެ. އިނދެގެން ނޫޅުނަސް ކޮންމެވެސް ގޮތަކުން ރަށްރަށަށް އެތެރެވެގެން ދައްތަމެން ބަލަހައްޓައިގެން ރަށްތަށުގައި މަސައްކަތްކޮށް އާމްދަނީ ހޯދައިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. މިދެންނެވި ރަށްރަށުގައި ރުކަށް އަރަނީ އެމީހުންނެވެ. ދަނޑު ހައްދަނީ އެމީހުންނެވެ. އެމީހުން އަތުން މުދާ ގަނެ ބޯޓު ފަހަރުގައި މާލެ ގެންނަނީ ވެސް އެމީހުންގެ މީހުންނެވެ. ބޯޓުގައި މުދާ ހިފައިގެން މާލެއަށް އައިސް ވިއްކަނީ ވެސް އެމީހުންގެ މީހުންނަށެވެ. އެތަކެތި ވިއްކާން މާލޭގެ މާރުކޭޓުގައި ވެސް އެމީހުންނެވެ. މާލޭ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ހިފައިގެން ވިޔަފާރިކުރަނީ ވެސް އެމީހުންނެވެ. އެހެން ވީމާ މިހުރިހާ ކަމަކުން ލިބޭ ހުރިހާ ފައިސާ އެއް ފުރަތަމަ އަރަނީ އެމީހުންގެ އަތަށެވެ. ދިވެހީންނަށް ލިބެނީ އެމީހުން ދިން އެއްޗެކެވެ. އެއްގޮަތަކަށް ވެސް މިއީ އެމީހުންގެ މައްސަލައެކޭ ދަންނަވަނީއަކީ ނޫނެވެ. މިއީ ހަމަ އަޅުގަނޑުމެންގެ މައްސަލައެކެވެ. މިތާނގައި ދެވަނަ ދަރަޖައިގެ މީހުންނަށް އަޅުގަނޑުމެން ދިވެހީން މިވީ އަޅުގަނޑުމެންގެ ކަންނެތް ކަމުންނެވެ. ކަންފަސޭހަ ކަމުންނެވެ. ދެން މިވާގޮތަކީ ކޮންމެ މަހަކު ރާއްޖެ އިން ބޭރަށް އެތައް ހާސް ޑޮލަރެެއް ބޭރުވަނީއެވެ.

މީގެސަބަބުން އިޖުތިމާޢީ އެތައް ބަލިމަޑުކަމެއް ވަނީ ފެތުރިފައެވެ. ނުތާހިރުކަމާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރޯގާ ބަލިމަޑުކަން ފެތުރުމަށް ވެސް މަޑުޖެހުމެެއް ނާދެއެވެ. ގަވާއިދާ ޚިލާފަށް އުޅޭ މިދެންނެވި ފަދަ ގިނަ މީހުންގެ އެއްވެސް ބިރެއް ޖެހިލުމެއް ނުހުރެއެވެ. ކުށްވެރިވެދާނެތީ ބަންދުކޮށް ހައްޔަރު ކޮށްފާނެތީ އެއްވެސް ބިރެއް ޖެހިލުމެއް ނުވެއެވެ. އެހެންވީމާ ބޮޑެތި ކުށްތައް ކުރުމަށްވެސް އެމީހުން ޖެހިލުމެއް ނުވެއެވެ. މީހުން މެރުމާއި، ޖިންސީ ގޯނާ ކުރުން ފަދަ ބޮޑެތި ޖިނާއީ މައްސަލަތަކުގައި އެމީހުން ޝާމިލްވެއެވެ.



ރަނގަޅު ވާހަކައެކެވެ. ގަވަޢިދާ ޚިލާފަށް ރާއްޖޭގައި މިމީހުން އުޅެންފެށީ ގިނަވީ އިއްޔެއަކު މިއަދަކު ނޫނެވެ. އެއީ ބަޔަކު ބޮޑު ވިޔަފާރިއަކަށް ހަދައިގެން އާމްދަނި ހޯދަން ކުރަމުން އައި ފައިދާ ބޮޑު މަސައްކަތެކެވެ. ދެން އެމީހުންގެ ތެރެއިން މީހުން ވެސް މި ވިޔަފާރި ކުރަން ފެށީއެވެ. ރަށުގައި އާމްދަނީ ލިބޭނެ ވަޒީފާއެއް ފަސޭހައިން ނުލިބޭތީ، ދިރިއުޅޭނެ ގެދޮރެއް އާއިލާއެއް ވެސް ނެތުމުން ކޮންމެވެސް ރަހުމަތްތެރިއަކު މެދުވެރިއަކަށް ވެގެން ކޮންމެ ހާލެއްގައި ވެސް ރާއްޖެއަށް އެތެރެވަނީއެވެ. ދެން އެއަށްފަހު އެމީހުންގެ މީހުންނާއި އެކުވެ މުޅި ރަށުތެރޭގައި އެނބުރިގަންނަނީއެވެ. ބައެއް މީހުން އޮޑިދޯނި ފަހަރަށް އަރައިގެން ރަށްރަށަށްވެސް ދަނީއެވެ.

އަދުގެ ސަރުކާރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ވެސް މަސައްކަތް ކުރެ އެވެ. އެކަމަކު މިއީ ގޮން ޖެހުން ބޮޑު އަދި ދުވަސް ނަގާނެ މަސައްކަތެކެވެ. ސަބަބަކީ މައްސަލާގައި މޫ ލާފައިވާލެއް ފުން ކަމެވެެ. ރާއްޖޭގައި އެތަށް ހާސް ބިދޭސީން އުޅެމުންދާއިރު، ވިސާ އާއި ވޯކްޕާމިޓް ނެތް އަދި ކާކު ކަން ނޭގޭ، އެއްވެސް ޑޮކިއުމަންޓެއް ނެތިވެސް އެމީހުންނަށް އެބައުޅެވެއެވެ. އަމިއްލަ ފަސްގަނޑުގައި ދިރިއުޅޭހެން މިގައުމުގައި އެދަނީ ބޭނުުންހާ ގޮތަކަށް އުޅެމުންނެވެ. ވޯކް ޕާމިޓެއް ވިސާ އެއް ކީއްކުރަން އެއްވެސް ލިއުމެއް ބޭނުމެއް ނުވެއެވެ. އެކަމަކާއި ސުވާލު ކޮށްލާ މީހަކު ވެސް ނޫޅެއެވެ. ބޭނުންވާ މުއްދަތެއް ވަންދެން ހަމަ ރާއްޖޭގައި މިނިވަންކަމާއެކު އުޅެވެއެވެ. ބޭނުން ޚިދުމަތެއް ލިބެއެވެ. ވަޒީފާ ލިބެއެވެ. މަސައްކަތް ވެސް ލިބެއެވެ. ދަތުރުފަތުރު ކުރެވެއެވެ. ކޮންމެވެސް މީހަކު ހަޅޭއްލަވައި ގަތުމުން ނޫނީ ކޮންމެވެސް ބޮޑު ހާދިސާއެއް ދިމާވުމުން ދެތިން ދުވަސް ވަންދެން ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން "ރެއިޑެއް" ޖަހާފާނެއެވެ. އެދުވަހު ބާޒާރުމަތިން ހައެއްކަ މީހުން ނަގައިވެސް ފާނެއެވެ. ދެން ބޮޑުވެގެންވާ އިންޓަރވިއުތައް މީޑިއަށް ދީފައި އެކަން އެހާހިސާބުން ނިމޭނީއެވެ. ބުނެ އުޅެނީ އެކަމުގެ މުގުލުގައި އެވިޔަފާރީގެ ފައިދާ ސީދާ ލިބޭ މީހުން ހެޔޮނިޔަތުގައި އެކަން ނުކުރަނީ ކަމަށެވެ.

މިދެންނެވީ ރާއްޖޭގައި ބިދޭސީންނަށް އެއްވެސް ވިސާއެއް ލިއެކިޔުމެއް ކާކުކަން ނޭނގި އެއްވެސް ދަތިކަމެއް ނެތި އުޅެވޭ ވާހަކައެވެ. އެކަމަކު މި ދިވެހި ރާއްޖެ ނޫނިއްޔާ މިގޮތަށް ވިސާ ނެތި އެހާ ފަސޭހައިން އުޅެވޭ ގައުމެއް މި ދުނިޔޭގައި އޮތްކަމަކަށް އަޑެއް ނާހަމެވެ. ދިވެހީން އާންމުކޮށް ދަތުރުކޮށް އުޅޭ އަވަށްޓެރި އެކުވެރި ގައުމުތަކަށް ބަލާލިއަސް ރާއްޖެ މިއީ މިކަމުގައި އާދަޔާ ޚިލާފު ގައުމެކެވެ. ރާއްޖެއިން ބޭރަށް އެކިއެކި ކަންކަމުގައި ދަތުރުކުރާ ދިވެހީންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަކަށް ނޫނީ އެހެން ކޮންމެވެސް ޒަރޫރީ ބޭނުމެއްގައި ދާ ދިވެއްސަކުވެސް އެންމެ ސަމާލުކަން ދޭންޖެހޭ އެއްކަމަކީ ވިސާގެ މައްސަލައެވެ. ވިސާގެ މުއްދަތު ހަމަވެ ނޫނީ ވިސާނެތި އެންމެ 24 ގަޑިއިރު އެއިން ގައުމެއްގެ ފަސްގަނޑުގައި ހޭދަކޮށްލިއަސް އެދެން ކަންތަކާ ޖެހުނީއެވެ. އެގައުމުތަކުގެ ސަރުކާރުގެ މުވައްސަސާތަކުން ދިވެހިންނަށް އެތައް އުދަނގޫ ތަކާއި ތަކުލީފެއް ޖައްސައެވެ. އެގައުމުތަކުގެ ފުލުހުންނާއި އިމްގްރޭޝަނާއި މިނިސްޓްރީތަކުން ދެ ފައި އެއްތާ ނުޖަހައި ހީވަނީ އެހެން ފަދަ ކަމެއް ލައިގަނެގެން އުޅޭހެންނެވެ. ވަގުތުން އުފުރާލައިގެން ހައްޔަރަށެވެ. ދެން ސަލާމަތްވާނީ އެތައް ސަކަރާތެއް ޖަހައިގެންނެވެ. ގިނަ ފަހަރަށް ޖަލުގެ ތޭރިތަކުން ފުރުސަތު ނުލިބިއެއް ނުދާނެއެވެ. އެންމެ ފަހުން މިކަން ނިމިގެންދާނީ ދެގައުމުގެ ދެމެދުގައި އޮންނަ ދޭދޭ ސިޔާސީ ގުޅުމަށްވެސް ބުރޫއަރާ ވަރުގެ ބޮޑު ކަމަކަށެވެ. މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް އަރައި މީހާ ހަވަރަށްދީ ނިންމާލާނެއެވެ.



ރާއްޖޭގައި ކަން ހިގަނީ މިއާއި ދިމާ އިދިކޮޅަށެވެ. ދިވެހިރާއްޖޭގައި "ރަސްކަން" ކުރަނީ އެހެންގައުމުތަކުން އެތެރެވެގެން އުޅޭ ބިދޭސީންނެވެ. އެހެން ގައުމުތަކުގައި އޮންނަ ހަރުކަށި އުސޫލުތަކެއް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްޗަކަށް ނުހިގައެވެ. އެމީހުންނަށް ދީފައި އޮންނަ "މިނިވަންކަން" އޮންނަނީ ހައްދުން ނައްޓާފައެވެ. އެމީހުން ގަދަ ހަދާފައި ނުކުމެ ހަޅުތާލު ކޮށްފިނަމަ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ވެސް ނުހިފެއްޓޭނެ ކަން ބޮޑުފިނޮޅުގައި ހިނގި ހާދިސާ އިން ކަށަވަރުވެ ޔަގީންވެއްޖެއެވެ. ރާއްޖޭގެ ސަލާމަތީ ބާރު ތަކާއި ކުރިމަތިލައި ދަނގަނޑު ބުރިއާއި އޮއްގަލުންނާއި އަތުޖެހުނު އެއްޗަކުން ހަމަލާދީ ފުލުހުންގެ ފައުޖު ބޮޑު ފިނޮޅަށް އެރިޔަ ނުދީ ހިފަހައްޓާލުން އެއީ މިކަމުގެ އެއް ހެއްކެވެ. މިސަގާފަތް ވެސް މިއޮތީ ފެށިފައެވެ. މިފަދަ ދެތިން ހަދިސާއެއް މާލެ ސަރަހައްދުގައި މިފަހުން ވެސް ހިނގައިފިއެވެ.

މިއީ ބިރުވެރިކަމާއި ނުރައްކާތެރިކަން އިންތިހާ އަށް އޮތް ސީރިއަސް މައްސަލަ އެކެވެ. މުސާރަ ނުދީގެން ކަމަށް ބުނެ ދިވެހިންގެ ފަސްގަނޑުގައި ތިބި ދިވެހިން ރަހީނުކުރާނީ އެމީހުން މި ފަސްގަނޑުގައި ކިހާބާރުގަދަ ކަމަށް ވިސްނޭތީ ހެއްޔެވެ؟ ބޮޑު ފިނޮޅުގައި ހުރި ވެހިކަލްތަކާއި އިމާރާތްތަކާއި އޮފީސްތައް ތަޅާ ސުންނާފަތިކޮށްލައި އެމީހުންގެ ހުރި "ނުލަފާ" ކަން މިފަހަރު ވަރަށް ރަނގަޅަށް ދައްކާލައިފިއެވެ. މިއީ އެހެންގައުމެއްގައި ހިނގި ކަމެއް ނަމަ ސަލާމަތީ ބާރުތަކުން އެބަޔަކަށް ހަމަ ރަނގަޅަށް ވެސް "ހޭއަރުވާލާނެ" ކަން ޔަގީނެވެ. އެހެން ނަމަވެސް ރާއްޖޭގެ ސަލާމާތީ ބާރުތަކުން އިސްކުރީ މަސްލަހަތެވެ. ދިވެހީންނަށް ދަސްކޮށްދީފައި މިވާ ބޮޑު ހިއުމަން ރައިޓްސްއެވެ. ބިދޭސީންނާއި މަޝްވަރާކޮށް ސުލްހަވެރި ހައްލެއް ހޯދީއެވެ.

ދިވެހިންގެ ފަސްގަނޑުގައި ބާރުގެ ބޭނުންކޮށްގެން ބިދޭސީންގެ ބަޔަކު ދިވެހިން ރަހީނުކުރުން އެއީ ނުރައްކާތެރި އިންޒާރެކެވެ.ގައުމު ނުބައި މިސްރާބަކަށްދާ ކަމުގެ އަލިގަދަ ދަލީލެކެވެ. ދިވެހިން އަމިއްލަ ފަސްގަނޑުގައި ދިވެހިން "ރެފިއުޖީން"ނަކަށް ނުހެދޭނެއެވެ. ދެވަނަ ދަރަޖައިގެ މީހުންނަށް ހެދިޔަ ދީގެން ނުވާނެއެވެ. އެޖާގަ އެއްވެސް ބަޔަކަށް ދެވިގެންވެސް ނުވާނެއެވެ. ދިވެހި ރައްޔިތުންނަށް ރާއްޖެއިން ބޭރު ގައުމުތަކުގައި ނުލިބުނު މިނިވަންކަމެއް ނުލިބޭ ފުރުސަތެއް، ހިމާޔަތެއް، މޮޅެއް ދިވެހި ފަސްގަނޑުގައި ބިދޭސީންނަށް ލިބިގެންދިޔުމަކީ މައްސަލައެކެވެ. ދިވެހީންނަކީ ޚުލުގު ހެޔޮ ބަޔަކަށް ވުމީ ނޫނީ ދިވެހީންނަކީ މެހެމާންދާރީ އަދާ ކުރުމުގައި ނަމޫނާ ބަޔަކަށް ވުމީ ދިވެހީން އަދާކުރާން ހުރި ވަޒީފާތައް ބިދޭސީންނަށް ދީގެން ގަވާޢިދާ ޚިލާފަށް އެމީހުން ދިވެހި ފަސްގަނޑުގައި އުޅުމަށް ފުރުސަތު ދިނުމެއް ނޫނެވެ. އެއީ އެއްވެސް ގައުމެއްގައި ދީފައި އޮންނަ ފުރުސަތެއް ނޫނެވެ. ގަވާއިދުން ދިވެހި ރާއްޖޭގައި އުމުރު ދުވަހަށް ވެސް އުޅެވޭނެއެވެ. މިއީ ދިވެހީން ދުވަހަކުވެސް ދެކޮޅު ހަދާ ކަމެއްނޫނެވެ. އަދި މިފަދަ މީހުންނަކީ ދުރު ބައެއްގެ ގޮތުގައި ދިވެހީން ނުވެސް ދެކެއެވެ. ރާއްޖޭގައި ދިވެހީން ފަދައިން، ދިވެހި ރައްޔިތުންނަށް ލިބޭ ގިނަ އިނާޔަތްތަކާއި ފަސޭހަތަކާއެކު އުމުރު ދުވަސް ރާއްޖޭގައި ހޭދަކުރާ ބިދޭސީން މަދެއް ނޫނެވެ. އެފަދަ މަސައްކަތް ތެރީންނާއި ވިޔަފާރިވެރީން ދިވެހި ބަލައިގަނެއެވެ. އެކުވެރިންގެ ގޮތުގައެވެ. ހަމަ މި ގައުމުގެ މީހުންގެ ގޮތުގައެވެ.

އެކަމަކު އެއްވެސް ސަބަބަކާއި ހެދި ބާރުގެ ބޭނުންކޮށްގެން އެއްވެސް ބައެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އެއްވެސް ހައްގެއް ދޭސީ އަކަސް ބިދޭސީ އަކަސް ނޯއްނާނެއެވެ. އެހެން ގައުމުތަކުގައިވެސް ގާނޫނު ހިނގާ ބީދައިން ދިވެހި ފަސްގަނޑުގައިވެސް ގާނޫނު ހިނގަންޖެހޭނެއެވެ. ދިވެހި ފަސްގަނޑުގައި ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަކަށް ނުހެދޭނެއެވެ. ދިވެހި ފަސްގަނޑުގައި ދިވެހިންގެ އަމިއްލަ މިނިވަންކަން ނިގުޅައިގަންނަމުންދާނަމަ އެކަން ހުއްޓުވައި މި ފަސްގަނޑު އެމީހުންގެ ވަކިތަކުން ސަލާމަތް ކުރުމަށް ދިވެހިން ނުކުންނާނެއެެވެ. ދިވެހިންގެ މިނިވަންކަން ކޮންމެ ފަދަ ހާލެއްގައި ނަމަވެސް ދިވެހިން ދިފާއު ކުރާނެ ކަމީ ތާރިޚުގެ ފަތްފުށްތަކުން ލިބޭ އަގުހުރި ފިލާވަޅެވެ.

އެހެން ގައުމުތަކުގައި ނުދޭ ނުވަތަ އަމަލު ނުކުރާ ހިއުމަން ރައިޓްސްއެއް މިގައުމުގައި އޮވެގެނެއް ނުވާނެއެވެ. ވިސާ ނެތި އަދި ސައްހަ ލިޔެކިޔުން ވެސް ނެތި ކާކުކަން ނޭނގި ރާއްޖޭގައި އުޅޭ މީހާ ހައްޔަރު ކުރަން ވީމާ އެއީ އިންސާނީ ހައްގު ކަމުގައި ބަލައި އޭނާއަށް ހަތްތަރީގެ ޚިދުމަތްދީ މަތިންދާ ބޯޓެއް ޗާޓަރުކޮށް ރަށަށް ފޮނުވައި ދީގެން މިގައުމަކީ އެބުނާ ހިއުމަންރައިޓްސް އެންމެ ފުރިހަމަ ގައުމު ކަމަށް ދައްކާން އުޅުނަސް ގައުމެއްގެ ގާނޫނާ ގަވާޢިދާ ޚިލާފު ވުމަށް އޮތް ފަރުވާ އަކީ ހިއުމަން ރައިޓްސް ކަމުގައި ވެއްޖެ ނަމަ އެއީ އަޅުގަނޑުމެންގެ ވިސްނުމުގައި އުޅޭ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު


23

މޯޑު

05-Jul-2020

2 ދެވަ ނައެއް ނޫ އެއަށް ވުރެވެސް ދަށުގަ ކޮންމެ ކަމެއްގަ ވެސް އަމު ރުވެރިން ނަކީ އެވެރިން


35

ހުދު ފޮށާ

05-Jul-2020

ދިވެހީން ދެވަނަ ދަރަޖައިގެ ރައިޔަތުންނަށް ވާން ވަރަށް ކާރިވެއްޖެ.. އިންޑިޔާއިން އެކަން އެބަކުރޭ ބާރުމިނުގައި, އައްޑޫގައި މިހާރުވެސް އެވަނީ އެމީހުންގެ ޖަގަހަ ހަދާ ފައްކާކޮށްފައި, އެއާރޕޯޓުން ނޭރިޖެނަމަ, ކަނޑުމަގުން އެރޭގޮަތަށް ބޮޑު ބަންކަރެއް ތައްޔާރު ކޮށް ނިމިޖެ.! އެކަމަކު އައްޑޫމީހުން އެތިބީ ހެވި ދިއްލިފަ.. އެމްޑީޕީ ކިޔާ އުފާ ފާޅުކުރުމުގައި.. ރަށާއި އަތޮޅު ވިއްކާލީ 200ޑޮލަރަށް މިސަރުކާރުން.. މިކަމާއި ކަންބޮޑުވާ ހަމަ އެކަކުވެސް އުމަރާއި މަށައި ދެމީހުން ފިޔަވައި ތިބިހެން ހީނުވޭ.. ޚާއްސަކޮށް އައްޑޫ މީހުން އަދި ޕޮލިޓިކަލް ބަޔަކުވިޔަސް މިކަން ކުށްވެރިވެސް ނުކުރޭ.. ހުއްޓުވަންވެސް ނޫޅޭ..! ދެން އެބުނާހެން މުޅިގައުމު ރަހީނުވެ.. ދިވެހީން މަރާތަން ފެންނާނީ.. ކަޝްމީރުގެ ދެވަނަ މަންޒަރު ފެންނާނީ މިދިވެހިރާޢްޖެއިން.. އަހަރުމެން ހޭނާރާފިނަމަ..!


15

ހުދުފޮށާ

05-Jul-2020

ގަމާރު ވިޔަސް ބޮޑުވަރު،... ދީނަށް އަސަކުރ ކުރާކަންކުރާތަނެއް ތިމަޖިލީހަކީ. ތިބޭފުޅާގެ އުދޯލި ގެ އެއްނޫން.. ދީނީމީހުން ބެހޭނެ.. ބެހޭވަރު ކަންކަން ކުރީމަ..! ކަލޭގެ ވެސްޒިންމާއެއް ގާނޫނާއި ޚިލާފު ކަންކަން މަޖިލީހުގައި ހިނގާއިރު އެކަމާއި ބަސްބުނުން.. އެލެކްސް ރުއްސާކަށް ނޫން ތިމަޖިލީހަށް ހޮވާފަ ތިހިރީ.



ޓްރެންޑިން