މީހާ ނިދަން އޮށޯތުމުން ލަޢުނަތް ލެއްވިގެންވާ ޝައިޠާނާ އޭނާގެ ބޮލުގައި ތިންގޮށަކުން ގޮށްޖަހާ ބަނދެލައެވެ.
މީހާ ނިދަން އޮށޯތުމުން ލަޢުނަތް ލެއްވިގެންވާ ޝައިޠާނާ އޭނާގެ ބޮލުގައި ތިންގޮށަކުން ގޮށްޖަހާ ބަނދެލައެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލިމް އެކަލޭގެފާނުގެ ލޮބުވެތި އަޞްޙާބުންގެ ތެރެއިން ބައެއް އަޞްޙާބު ބޭކަލުން ތިއްބެވީ އަވަހާރަ ލައްޕަވާފައެވެ. އަދި ﷲ ރުއްސުންލެއްވި އަބުއްދަރުދާ ހޭފުޅުލައްވައިގެން އިންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ނަމާދު ކުރައްވަން ހުންނަވަނިކޮށެވެ.

ކުއްލިއަކަށް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ވިދާޅުވިއެވެ. "ﷲ ކަލޭގެ ކިބައިން އަހުރެން ދުރުކުރައްވާށިއެވެ." މިފަދައިން ތިންފަހަރު މަތިން ވިދާޅުވިއެވެ. " ﷲ ގެ އެންމެހާ ލަޢުނަތެއް ކަލޭގެ މައްޗަށް ހުއްޓެވެ." އެއަށްފަހު އެކަލޭގެފާނު އަތްޕުޅު ދިއްކުރެއްވިއެވެ. ހީވީ އެއްޗެއްގައި ހިއްޕަވަނީ ހެންނެވެ. ދެން އަތްޕުޅު ގާތަށް ދެންމެވިއެވެ. އެއަށްފަހު ނަމާދު ފުރިހަމަ ކުރެއްވިއެވެ.

ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ނަމާދުން ނިމިވަޑައިގަތުމުން، ﷲ ރުއްސުންލެއްވި އަބުއްދަރުދާއު ތެދުއެވަޑައިގެން ރަސޫލާގެ އަރަހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ނަމާދުގައި ހުންނަވައިގެން ވިދާޅުނުވާ ކަހަލަ އެއްޗެހިތަކެއް ވިދާޅުވި އަޑު މިއަދު އަޅުގަނޑު އެހީމެވެ. އަދި އަތްޕުޅު ދިގުކުރައްވާ ހައްދަވާތަންވެސް ދުށީމެވެ. އެއީ ކޮންކަމެއްތޯއެވެ؟

އެހިނދު ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް، މާތް ﷲ ގެ އަދުއްވާ އިބްލީސް ތިމަންކަލޭގެފާނުންގެ ގާތަށް އައީއެވެ. އަދި އަލިފާނުގެ ހުޅުގަނޑެއް ހިފައިގެން އައިސް ތިމަންކަލޭގެފާނުންގެ މޫނުފުޅުގައި ޖައްސަން އުޅުނީއެވެ. ދެން ތިމަންކަލޭގެފާނު "أَعُوذُ بِاللَّهِ" ވިދާޅުވުމުންވެސް އެކަލޭގެ އެނބުރި ނުދިޔައެވެ. އެހިނދު ތިމަންކަލޭގެފާނު އެކަލޭގެ ގައިގައި ހިފަހައްޓަވަން އުޅުއްވީމެވެ. ﷲ ގަންދެއްވަމެވެ. ތިމަންކަލޭގެފާނުގެ އަހު ސުލައިމާނުގެފާނު މިދުޢާ ކުރައްވާފައި ނުވާނަމަ މަދީނާގެ ކުޑަކުދީން ކުޅޭނެ އެއްޗެއްގެ ގޮތުގައި އެކަލޭގެ މިސްކިތުގެ ތަނބަކާ އެއްކޮށް ބަނދެފައި ބެހެއްޓެވީމުހެވެ."

(މުސްލިމު، ނަސާއީ)

(އަޅުގެ ވެރިރަސްކަލާކޮ! އަޅުގެ ފާފަ ފުއްސަވާނދޭވެ. އަދި އަޅަށްފަހު އެހެން މީހަކަށް ނުދެއްވާނެ ވެރިކަމާއި ބާރު އަޅަށް ދެއްވާނދޭވެ. ތިޔައީ ކޮޅުނެތްކޮޅަށް ދެއްވާ ރަސްކަލާނގެއެވެ.)

އިރުޝާދު:

ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލިމްގެ އަރިހުން ޞައްޙަމަގުން ވާރިދުވެފައިވާ ގޮތުގައި މީހާ ނިދަން އޮށޯތުމުން ލަޢުނަތް ލެއްވިގެންވާ ޝައިޠާނާ އޭނާގެ ބޮލުގައި ތިންގޮށަކުން ގޮށްޖަހާ ބަނދެލާނެއެވެ. ދެންފަހެ ހޭލާފައި ﷲ އަށް ޛިކުރުކޮށްފިނަމަ އެބަހީ ހޭލާފައި ކިޔާ ދުޢާ ކިޔައިފިނަމަ ތިންގޮށުން އެއްގޮށް މުހެވިގެންދާނެއެވެ. ދެން ވުޟޫކުރުމުން އަނެއް ގޮށް މުހެވިދާނެއެވެ. ދެން ނަމާދު ކުރުމުން ތިންވަނަ ގޮށް މުހެވި ޝައިޠާނާގެ ކިބައިން އެމީހަކު ސަލާމަތް ވާނެއެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން