އަހުމަދު އިބްރާހިމް   28 ޖުލައި 2023 - 14:17
މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒަކީ މާލޭގެ ސިޔާސީ މަންޒަރު ބަދަލުކޮށްލެއްވި ބޭފުޅެކެވެ. މިހެން މިދެންނެވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބުތައް ބާއްވަން ފެށިފަހުން، ވެރިކަންކުރާ އެމްޑީޕީގެ ފިކުރާ ދެކޮޅު ބޭފުޅަކު މާލޭގެ މޭޔަރުކަން ހޯއްދެވި ފުރަތަމަ ބޭފުޅާއަކީ ޑރ.މުއިއްޒެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކާ ވާދަކުރައްވައި މިވަރުގެ އިންތިޚާބަކުން މާލެއިން މިހާ ބޮޑު ކާމިޔާބެއް ހޯއްދެވުނު ބޭފުޅެއް މުއިއްޒު ނޫނީ ނެތެވެ.

މިކާމިޔާބާއެކު މުއިއްޒުވަނީ މާލޭގެ ވެރިކަން ހިންގަވަން ފައްޓަވާފައެވެ. މުއިއްޒަކީ އިދިކޮޅު ޕާޓީގެ އިސް ބޭފުޅަކަށްވާތީ ސަރުކާރުގެ އިދާރާތަކާއި މުއިއްޒާދެމެދު ބައެއްކަހަލަ ނުތަނަވަސްކަން އުފެދިފައިވެއެވެ. މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށަށްވުމާއެކު ރާއްޖޭގެ އެހެން ސިޓީތަކާއި ރައްރަށާއި މާލެއާ ތަފާތެވެ. މާލޭ ސިޓީކައުންސިލަށް ލިބިދޭ އިޚްތިޔާރުތަކާއި ބާރުތަކަށްވެސް މިކަމުގެ އަސަރު ކުރެއެވެ. ކުރާނެވެސް މެއެވެ. ކުރިންވެސް އޮތީ ކޮށްފައެވެ.

އަމުދުން މުއިއްޒުގެ ޕީޕީއެމްގެ ވެރިކަން އޮތް އިރު ސިޓީކައުންސިލް އޮތީ "ޕެރަލައިޒް" ކޮށްލާފައޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. ޤާނޫނުން ލިބިދޭ އެތައް ބާރެއް ސަރުކާރުން އަތުލިއެވެ. އަތުލާފައި އެބާރާއި އިޚްތިޔާރު ދެއްވީވެސް އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި މުއިއްޒަށެވެ.

ކޮންމެއަކަސް މާލޭގެ މޭޔަރުކަން ލިބިވަޑައިގަތުމުން ޑރ. މުއިއްޒު ވަނީ ވަރަށްގިނަ އާ ކަންކަން ކުރައްވާފައެވެ. އެކަންކަން ކުރެއްވުމުގެ ބާރާއި އިޚްތިޔާރު މިހާރުގެ ސަރުކާރުން އޮތީ ކައުންސިލަށް ދީފައެވެ. އަދި ފަހުން ޤާނޫނަށް ގެނައި ބަދަލާއެކު އިތުރު ބާރުތައްވެސް ކައުންސިލްތަކަށް ދިނެވެ. މިއާއެކު ބޮޑެތި ހޭދަތައް ކުރައްވައިގެން ޑރ.މުއިއްޒު ވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި އެކިއެކި ކަންކަން ކުރައްވާފައެވެ. އޭގެތެރެއިން އެއްކަމަކީ މާލޭގެ ރިންގު ރޯޑުގައި އިންދެވި ކަދުރު ރުއްތަކެވެ.



މާލެ ފެހި ކުރުމުގެ ނަމުގައި ބޮޑުތަކުރުފާނު މަގުގެ އެކިހިސާބުތަކުގައި 200އެއްހައި ކަދުރު ރުއް އިންދެވިއެވެ. މާލޭ ރައްޔިތުންގެ ފައިސާއިން ބޮޑުޚަރަދެއް ކުރައްވައިގެން އިންދެވި ކަދުރު ރުއްތަކަކީ ޢާންމުކޮށް ރާއްޖޭގައި ހެދޭ ބާވަތުގެ ގަހެއް ނޫންކަން ކޮންމެ ދިވެއްސަކަށްވެސް ވަރަށް ސާފުކޮށް އެނގެއެވެ. ރަސްމީ މަޢުލޫމާތުތަކަށް ބަލާއިރު އެއީ ރާއްޖޭގެ ބިމުގައި ހެދޭކަމަށް ރެކޯޑުކޮށްފައިވާ ގަސްގަހާގެހީގެ ބާވަތްތަކުގެތެރޭގައި ހިމެނޭ ބާވަތެއްވެސް ނޫނެވެ.

ރާއްޖޭގައި ޢާންމުކޮށް ނެހެއްދުނަސް މޭބިސް ކަދުރާއި، ސްޓޯބަރީފަދަ ބާވަތްތައްވެސް ބައެއް މީހުން ރާއްޖޭގައި ކޮންމެވެސްވަރަކަށް މިހާރު ހައްދައެވެ. ފަހުގެ ޓެކްނޮލަޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން މިކަން ކުރަނީ ތަޖުރިބާކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް އެއީ ޢާންމުތަންތަނުގައި ދިވެހި ބިންގަނޑުގައި ރަތްދަކާ އަވީގައި ހެއްދޭ އެއްޗެއްސެއް ނޫންނެވެ.

މުއިއްޒު ކަދުރު ރުއްތައް އިންދެވީ މާލޭގެ ބޮޑުތަކުރުފާނު މަގުގައެވެ. މޫދާ އެހައި ކައިރީގައި ރަތްދަކާ އަވިދޭގޮތަށް ބިންގަނޑުގައި ކަދުރުރުއް ހެއްދިދާނެތޯ އޭރުވެސް ބައެއް މީހުން ސުވާލު އުފެއްދިއެވެ. މުއިއްޒުގެ ޓީމުން އެކަމަށް ރައްދުދީ މުއިއްޒު ދިފާޢުކުރިއެވެ.

ރާއްޖޭގެ ތިމަވެއްޓާމެދު ދިރާސާކުރައްވައި މިދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މުޙައްމަދު ޒާހިރު (މޒ) ވިދާޅުވީ މުއިއްޒު އިންދެވި ކަދުރު ރުއްތައް މަރުނުވެ ދުވަސްތަކެއްވަންދެން ހުރެދާނެކަމަށެވެ. އެހެންނަމަވެސް އެއީ ރުއްތައް ދިރި ހެދިފައި ހުންނަ ހުރުމެއް ނޫންކަމަށާ، ކަދުރު ރުއްތަކުގެ މޫތައް ބިންގަނޑުގެ ތެރެއަށް ފެތުރި އޭގެ ޒާތުގައި ހެދުމަކީ ދުރުކަމެއްކަމަށެވެ. މޒ. ނޫނަސް ރާއްޖޭގެ ދަނޑުވެރިކަމާއި ގަސްގަހާގެހީގެ ތަރުޖިބާކާރުން މިފަދަ އެތައް ވާހަކަތަކެއް ދެއްކެވިއެވެ.

އެހެންނަމަވެސް މާލެ ފެހި ކުރުމުގެ ޕްރޮގްރާމުގެ ދަށުން މުއިއްޒު ބޭނުންފުޅުވީ މާލެއަށް ދުބާއީގެ ސިފަ ގެންނަވާށެވެ. ކަދުރުރުއްތައް ހެދިފޯދި ފައްކާވެ ކަދުރު އަޅާ މަންޒަރު ޢާންމުންނަށް ނުފެނުނަސް މުއިއްޒަށް އެމަންޒަރު ފެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ކުރިން ފެންނާނެކަމަށް ހީކުރެވުނު މަންޒަރެވެ. މަޑުމަޑުން ކަދުރު ރުއްތަކުގެ ފަންތައް ހިކި މަރުވަމުން މިއޮއް ދަނީއެވެ. ރުއްތައް މަރުވާން ފެށުމުން މާލޭ ސިޓީ ކައުންސިލުން ބައެއް ރުއްތައް އެތަނުން ނަގައި އާ ރުއްތައް އިންދާފައިވެސް ވެއެވެ. އެހެންނަމަވެސް ޖެހުނީ އެއްތާކުއެވެ. ރުއްތަކެއް ނުހެދެއެވެ. ޚާއްސަކޮށް މޫދާ އެންމެ ކައިރި ހިސާބުތަކުގައި އިންދި ރުއްތައް މަރުވާލެއް އަވަހެވެ.

ކަދުރު ރުއްތައް މަރުވަމުންދާތަން ފެންނައިރުވެސް މޭޔަރު މުއިއްޒު އެކަމެއް ޤަބޫލެެއް ނުކުރައްވައެވެ. މީޑިއާގައި ވިދާޅުވަނީ އެއީ އަދި މަރުވުމެއް ނޫންކަމަށެވެ. މި މޫސުމުގެގޮތުން ތަންކޮޅެއް ބޮޑަށް މޫދުން ލޮނުބުރާތީ ވާގޮތެއްކަމަށެވެ. އެކަން އިސާހިތަކު ރަނގަޅުވެ އަލުން ފެހިކަން ފެނިދާނެކަމަށެވެ.

ދެން މުއިއްޒު އެ ވިދާޅުވާ ގޮތާއި ޚިލާފަށް އެކަން ނިމި ދިއުމުން ވިދާޅުވާނީ ރުއްތަކަށް ބައެއްގެ އެސްފީނާ ޖެހުނީ ކަމުގައި ކަންނޭގެއެވެ.

މާލޭގައި އިންދާފައިވާ ކަދުރު ރުއްތަކަށް ކުރި ހޭދަ ސާފުކޮށް އެނގޭކަށް ނެތެވެ. ނަމަވެސް މާލެ ފެހިކުރުމަށް މޭޔަރު މުއިއްޒު ގެންނެވި ގަސްތަކަށް ކަދުރު ރުއްތަކާވެސް އެކު ބަލާނަމަ، ދެމިލިޔަނެެއްހައި ރުފިޔާ ހޭދަކޮށްފައިވެއެވެ.

ރައްޔިތުންގެ ފައިސާއިން މިލިޔަނުން ހޭދަކުރައްވައި މޭޔަރު މިކުރެއްވިކަމަކުން މާލެއަށް ލިބުނީ ކޮން ފައިދާއެއްބާއޭ ހިތައް އަރައެވެ. މާލޭގައި ރަނގަޅުކުރަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. މާލެ ޒީނަތްތެރި ކުރުމުގެ ގޮތުންވެސް ކުރަންޖެހޭ ކަންކަން ބައިވަރެވެ. އެކަމަކު ކުރަން އުޅެންވާނީ ރާއްޖޭޖެއާއި ގުޅޭ ރާއްޖޭގެ މާހައުލާ ވެއްޓާ ގުޅޭ، ފެތޭ ނުވަތަ ކުރެވޭނެ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން