ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އާއްމުން ވޯޓެއް ނަގަން ތައްޔާރަށް ހުންނެވިކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު އެމްޑީޕީއަށް ލިބޭނީ ނިޒާމީ ވޯޓެއް ނަގަން އެއްބަސްވުމުންކަމަށް ދަ ޑިމޮކްރެޓްސްއިން ހުށައަޅާފައިވާ ނިޒާމީ ވޯޓުގެ ގަރަރާމެދު އެމަނިކުފާނުގެ ނިންމެވުން ހާމަކުރަށްވަމުންނެވެ.

އިންތިހާބުގެ ކެމްޕެއިނަށް މިއަދު ޑޯޓުޑޯގައި އުޅުއްވަމުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ސާލިހު ވަނީ ދަ ޑިމޮކްރެޓްސްއާއެކު ބާއްވަމުންދާ މަޝްވަރާތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ދަ ޑިމޮކްރެޓްސްްއިން މައިގަނޑު ގޮތެއްގައި ހުށަހަޅަނީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، މިމަހުގެ 25ގައި ވެރިކަމުގެ ނިޒާމު ކަަނޑައެޅުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްކަމަށެވެ. ނަމަވެސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެއީ ކުރެވޭނެކަމެއް ނޫންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނުނެގުނަސް ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓެއް ނެގުމަށް އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި އެގޮތަށް އެކަން ކުރެއްވުމަށް ދަ ޑިމޮކްރެޓްސްްއަށް ހުށަހަޅާފައިވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން." ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެނޭތޯ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރުމަށްފަހު އެމަނިކުފާނަށް ފޮނުއްވުމުން ނިޒާމީ ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ނިޒާމީ ވޯޓް ނެގުމަށް އެމަނިކުފާނުގެ ހުށަހެޅުން ދަ ޑިމޮކްރެޓްސްްއަށް ހުށަހަޅުއްވާފައިވާކަމަށާއި، ނަމަވެސް އެ ޕާޓީން މިހާތަނަށް އެކަމަށް ޖަވާބެއް ދީފައިނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން