18 ޖުލައި 2020 - 17:45
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެއްވެފައިތިބި ބިދޭސީ ބަޔަކު
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެއްވެފައިތިބި ބިދޭސީ ބަޔަކު
މުހަންމަދު ނަޝީދު، ގ.ކެނެރީގެ

ކޮވިޑު ރޯގާއާ ގުޅިގެން ފަހާގަވި އެއް ކަމަކީ ރާއްޖޭގައި ދިރިއުޅެ، މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބޭރުމީހުންނާ ގުޅިގެން ހާމަވަމުން ދިޔަ ގިނަގުނަ މައްސަލަތަކެވެ. އެމީހުންގެ ދިރިއުޅުމުގެ ފެންވަރުގެ މައްސަލަތަކެވެ. އެމީހުނަށް ދޭންޖެހޭ މުސާރަ ނުދިނުމުގެ މައްސަލައެވެ. އެމީހުންނާ މެދު އަމަލުކުރާ ނިކަމެތި ގޮތްތަކުގެ މައްސަލަތަކެވެ. މި އެންމެ މައްސަލަތައް ބޭރުމީހާއަށް މަޖްބޫރުކޮށްފައި ވަނީ މަގުމަތީގައި ގިނަވެފައި ހުރުމަށެވެ. މާލޭގައި ދިރިއުޅޭ ދިވެހި މީހާއާއި ބޭރުމިހާއާއި މައްސަލަ ދިމާވަނީ މާލޭގައި ދިރިއުޅޭ ދިވެހި މީހާގެ ޖާގައިގާ ބޭރުމީހާ ހުންނާތީއެވެ. މާލެ ތޮއްޖެހިފައި މިއޮތް މިންވަރުން ބޭރު މީހުންނާއި ދިވެހިންނާއި އެންމެނަށް މިތަނުގައި އުޅުމުގެ ޖާގަ ނެތީއެވެ.

ރާއްޖޭގައި ބޭރުމީހުން ގިނަވެދިޔަ އެންމެ ބޮޑު އެއްސަބަބަކީ ރާއްޖެ ތަނަވަސް ވީކަމުންނެވެ. ދެކުނު އޭޝިޔާގެ ހުރިހާ ގައުމަކަށްވުރެ ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވީއެވެ. ހަގީގަތުގައި މި އިތުރުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ބޭރު މަސައްކަތު މީހާއެވެ. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން 5 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގެންދެވިފައި މިވަނީ، ވަރަށް ހެޔޮ އަގުގައި، އަދި ވަރަށް ނިކަމެތި ހާލަތުގައި މީހުން ގެންގުޅެ، އެމީހުން ލައްވާ ވަރަށް ބުރަ މަސައްކަތް ވަރަށް ގިނަ ދުވަސްވަންދެން ކުރުވީތީއެވެ. އެފަދަ ކަންކަން ހިންގުމުގައި އެތައް ބަޔަކަށް ލިބޭ ޖާއިޒް އަދި ނާޖާއިޒު ފައިދާ ބޮޑުވުމުން އެކަންކަން ހިންގުމަށް ޖާގަ ދެވިފައި އޮތަތީއެވެ. ރިސޯޓެއްގެ އަގަށް ވިސްނަވާށެވެ. މި ޒަމާނުގައި އެއީ ވިހި ތިރީސް މިލިއަން ޑޮލަރެވެ. އެފަދަ އަގުހުރި އެއްޗެއް އުފެއްދުމަށް މަސައްކަތު މީހުންނަށް ހަރަދު މިކުރީ ވަރަށް ކުޑަމިންވަރެކެވެ. ފަސްލައްކައެއްހާ ޑޮލަރުވެސް ނުޖެހެއެވެ.

މާލޭގެ ބިމުގެ އަގު އުފުލި ދިއުމުން، މާލޭ ބިން ކުއްޔަށް ދޫކޮށް، މާލޭ ވަރަށް ގިނަ މީހުން އެމީހުންގެ އަތުން ފައިން އޭގެ ކުރީގައި ކުރަމުން ދިޔަ ވަރަށް ގިނަ ކަންކަން ކުރުން ހުއްޓާލައިފިއެވެ. ބަދަލުގައި އަގު ހެޔޮކޮށް ބޭރު މީހެއް ގެނުވާ އެމީހުން ލައްވާ ގުލާނު ކުރުވާން ފެއްޓީއެވެ. އަޅުގަޑުމެން ބޮޑެތި ވެގެންއައިއިރު ގޭގެ ވަޅުދިޔަ ހިއްކުމާއި، ފުރާޅު ސާފުކުރުމާއި، މަގުމަތި ކުނިކަހާ ފެންޖެހުން މިހެންގޮސް ހަފަތާއެއްގެ ތެރޭ އެކުރުވާހާ ކަންކަން މިއަދު ހިތައް ގެނައީމާ، ރާއްޖޭގެ ޒުވާން ޖީލު މަސައްކަތުގެ ތެރެއަށް ނުކުންނާން ޖެހިފައި އޮތް މިންވަރު ސާފުވެއެވެ.

ބޭރުމީހާ އެހުރީ ރާއްޖޭގައެވެ. އޭނާ އަކީ ކާކު ކަމެއް އަންގައިދޭ އެއްވެސް ލިޔުމެއް އޭނާ އަތަކު ނެތެވެ. އޭނާ އަމިއްލައަށް ވީދާލީކަމުވުމީ ވަރަށް ގާތް ގޮތެކެވެ. ނޫންނަމަ އޭނާ ގެނައި މީހާ އެ ލިޔެކިޔުން ނައްތާލީއެވެ. އޭނާ ރާއްޖެ އައީ ވަރަށް ބޮޑު ދަރަންޏެއްގައި އެޅި އެ ފައިސާ އަނބުރާ ނުދެއްކިއްޖެނަމަ އޭނާގެ މުޅިހަޔާތް ގެއްލޭ ހަމަތަކަކަށް ރޭވިފައި އޮތް ނިޒާމެއްގެ ތެރެއިންނެވެ. އޭނާއަކީ ކާކުކަން ދިވެހި ސަރުކާރަށްވެސް އަދި އޭނާ ގެ އަމިއްލަ ޤައުމަށްވެސް ސާފުކުރެވޭނެ ގޮތެއް ނެތެވެ. ދިވެހި ސަރުކާރުން އޭނާ ފޮނުވާލުމަށް އެދުނު ނަމަވެސް އޭނާ ފޮނުވުމަށް މަސައްކަތް ކުރާ ރަށުގެ ސަރުކާރުން އޭނާ އެ ރަށަށް ގެނެއުމަށް އެއްބަސްވެ، އެއްބާރުލުން ނުދެނީ ނަމަ އޭނާ ރާއްޖެ އިންފޮނުވާލެވޭނެ ގޮތެއް ނެތެވެ.

ރާއްޖޭގައި ލިޔެކިޔުން ނެތި ހަތްދިހަ ހާސް މީހުނާ ގާތްކުރާ އަދަދަކަށް ބިދޭސިން އެބައުޅެއެވެ. މި ހުރިހާ މީހުން ހިފާ ހައްޔަރުކޮށް ތަންތަނުގައި ބަންދުކޮށްފައި ބޭތިއްބޭނެ ގޮތެއްވެސް ނެތެވެ. ހިގާނެ ހަރަދު ބޮޑުވާނެ ކަމުން އެކަންޏެއްނޫނެވެ. އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާން ޖެހޭކަމުންވެސް މެއެވެ.

ލިޔެކިޔުން ގެއްލުވާ ލާފައިވާ ބޭރުމީހުން އެމީހުންގެ ރައްކަމަށް ލަފާކުރެވޭ ރަށައް ފޮނުވާލައި، އެމީހުންގެ މައްސަލަ ހައްލު ކުރެވުނު އެއްވެސް ޤައުމެއް ނެތެވެ. ތަރައްގީ ވެފައިވާ ޤައުމު ތަކަށްވެސް ޖެހެނީ އެމީހުނަށް ތިބެވޭނެ ގޮތް ހަދައިދޭށެވެ. ނަވާރަސަތޭކައިގެ އަހަރުތަކުގައި ޔޫރަޕްގެ ގައުމުތަކުން ފެންނަމުން ދިޔަ އެއް މަންޒަރަކީ އެމީހުންގެ ގައުމުތަކަށް ހެޔޮއަގުގައި މަސައްކަތް ކުރުމަށް މީހުންގެނައި މިންވަރު އިތުވެރުވެ ދިޔަ މަންޒަރެވެ. ޔޫރަޕްވެސް ބިނާކޮށް ނިމުމުން އެމީހުން ފޮނުވައެއް ނުލެވުނެވެ. އިގިރޭސިވިލާތުގެ ގިނަ ބޮޑެތި ސިޓީ ތަކުގައި އިންޑިޔާ ދަރިކޮޅާއި، އަދި އެފްރިކާގެ އެކިއެކި ދަރިކޮޅުގެ ރަގަނޅު ޓައުންތައް އެހުރީ ބިނާވެފައެވެ. ސައުތްހޯލް އާއި، ބްރިކްސްޓަން ފަދަ ތަންތަނަކީ އިގިރޭސި ވިލާތުގައި މަޝްހޫރު ތަންތަނެވެ. އިގިރޭސިން ބޭރު މީހުންގެ ކަންތައް ކޮންމެވެސް މިންވަރަކަށް ހައްލުކޮށްފައިއެވަނީ އެމީހުންގެ "ބޭރުކަން" ކަޑާލައިގެންނެވެ. އެމީހުނަށް އިގިރޭސި ވިލާތުގައި ތިބެވޭނެ ގޮތް ހަދައިދީގެންނެވެ. ދިރިއުޅޭނެ ތަނާއި އަދި ކުރާނެ މަސައްކަތް ދީގެންނެވެ. އެމީހުންގެ އާއިލާތަކަށް ރަގަޅު ދިރި އުޅުމެއް ހޯދައިދީގެންނެވެ. މި ބަދަލުތައް ވެދިޔައީ އިގިރޭސި އިގްތިސާދަށްވެސް ނުހަނު ހެޔޮ އަސަރު ކުރި ބަދަލުތަކަށެވެ. މިއަދުގެ އިގިރޭސި ދާހިލީ ވަޒީރަކީ އަދި މާލީ ވަޒީރަކީވެސް އިންޑިޔާ ދަރިކޮޅު މީހުންނެވެ. ލަންޑަނުގެ މޭޔަރު ވެސް އެފަދައެވެ. ކިތަންމެ މީހުންނެކެވެ. ކިތަންމެ ވިޔަފާރިއެކެވެ. މިއަދު ލަންޑަނުގައި ބިމުގެ އަގު އެންމެ ރަގަޅު އެއް ތަނަކީ ބްރިކްލޭނެވެ.

ރާއްޖޭގައި ދިރިއުޅޭ ކާކުކަން ނޭގޭ ބޭރު މީހުންގެ މައްސަލަ ހައްލު ކުރުމަށް އޮތް މަގަކީ އެމީހުން ފޮނުވާލުން ކަމަށް ދެކިއްޖެ ނަމަ އެއީ މައްސަލައަށް ހައްލެއް ގެނެވިދާނެ ގޮތެއްނޫނެވެ. ހުރިހާ އެންމެން ފޮނުވައެއް ނުލެވޭނެއެވެ. ދިވެހި އެއްވެސް ވެރިއެއް އެގޮތަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވަނީ ނަމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެކެވެ. އަޅުގަޑުމެންގެ އުންމީދަކީ، ނުވަތަ އެދޭ ގޮތަކީ ކަން ކުރެވޭން އޮތްގޮތެއް ނޫނެވެ. ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައެވެ.

ރާއްޖޭގައި ދޮޅު ލައްކައަށްވުރެ ގިނަ ބޭރުމީހުން އެބައުޅެއެވެ. މީގެ ތެރެއިން 75 ހާހެއްހާ މީހުން މިއުޅެނީ ކާކު ކަން ނޭގޭ ގޮތަށެވެ. ޤަވައިދާ ހިލާފަށް އުޅޭ މީހާ ޤަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހެއެވެ. އަދި އޭނާ އުޅޭނެ ތަނެއް ދޭން ޖެހެއެވެ. އަޅުގަޑު ދެކޭ ގޮތުގައި މި ދެކަންވެސް ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއްނޫނެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަގަޅު އަސަރު ކުރާނެއެވެ. އަޅުގަޑު މިބަސްތައް ލިޔުމުން ބައެއް ބޭފުޅުން ނުރުހިދާނެއެވެ. އެހެން ނަމަވެސް މީގެ ފަސް ދިހަ އަހަރުފަހުން މި މައްސަލަ އޮންނާނީ އަދި މާ ބޮޑުވެފައެވެ. އޭރުންވެސް، އަމަލު ކުރާން ޖެހޭނީ އަޅުގަޑު މިއަދު މިދަންނަވާ ބާވަތުގެ ގޮތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު


19

އަލީ ނަސީމް

22-Jul-2020

އެހެންވީމާ ޑްރަގް މައްސަލަ ޙައްލުކުރަން ވެސް އެއީ ހުއްދަ އެއްޗެއް ކަމަށް ޤާނޫނު ފާސްކޮށްލާ! އޭރުން ޙައްލުވީތާ ތިޔަ ބުނާ ގޮތުން. ބަދުއަޚުލާޤީ މައްސަލަ ވެސް ޙައްލުވާނީ ރުހިގެން ދެމީހުން ކޮށްފި ނަމަ އެއީ ހުއްދަ ކަމެއްކަމަށް ޤާނޫނު ހެދުންތާ! މިއީތާ ތިޔަ ބުނާ އާ ޤައުމިއްޔަތު މި ގައުމަށް ގެންނަ ގޮތަކީ. ދިވެހިޤައުމުގެ ދުވަސް މިއޮއްގެން ދުއްވައިލަނީ ހަމަ. މި ކޮމެންޓް ޖަހާން ކެރޭނެބާ! މިއީ އަންނިއާއި އިބޫއަށް ވިކި ހުސްވެފައި އޮތް ނޫހެއްވީމާ?


23

ހަސަނިކާ

18-Jul-2020

ދިމާވާ މައްސަލައަކީ ތިކަމުގެ ފަހަތުން ދެން އޮތް ހައްގޭ ކިޔާނީ ދީނީ މިނިވަންކަމޭ ކިޔާގެން... ތިޔައި ހޭވެރި ނުވެއްޖެނަމަ މިފަސްގަނޑުން ދީން ފޮހެލަން ދެވޭ ޖާގައެއް ކަމުގައި ނޫނީ ނުވާނެ ކޮންމެ ނަމެއް ތިކަމަށް ކިޔަސް... ކާފަރުން އެތިބީ ހޭލާ ފާރައަށް ހަމަ ތިކަމުގާޓްރެންޑިން