ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
އެފްޕީއައީޑީގެ ހިޔާނާތަށް ފަހު ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިންގި ކަމަށް އެނގެން އޮތް އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތުގެ އަގު 3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މި ބޮޑު ޚިޔާނަތް ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި މިހާރު ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް މި މައްސަލައިގައި "އިންސާފަށް" ވާސިލް ވެވިދާނެ ކަމާއި މެދު ގިނަ ބަޔަލު މިއަދު ސުވާލު އުފައްދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެފަދަ ސުވާލުތައް އުފެދި މިވާހަކަ ތަކުގެ އަޑު ގަދަވެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން ޝަމީމްގެ މަސްލަހަތު ފުށުއަރާ އެތައް ކަމެއް މިފަހުން ފެންމަތިވެފައިވާތީއެވެ. މިއީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށް ހުރަސް އެޅިގެންދާނެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމެކެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތު ކުރެވޭ އެެންމެ އިސް ދެބޭފުޅުން ކަމަށްވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެެއްވި ބޭފުޅަކު ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ އެންމެ އިސް ވަކީލެއްގެ ގޮތުގައި ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި މިއަދު ހުންނެވިއިރު މިއީ އެންމެ ފުރަތަމަ ސުވާލު އުފެދޭ ހިސާބެވެ. މައްސަލައިގެ އިންސާފުގެ ތިލަފަތުގެ ވާހަކަ އެއްފަރާތުގައި ބާއްވާފައި "ކޮންފްލިކްޓް އޮފް އިންޓްރަސްޓް" ނުވަތަ އަމިއްލަ މަސްލަހަތާއި ޕީޖީ މިހާރު އިންނެވި ގޮނޑިއާއި ކުރިން އިންނެވި ގޮނޑިއާ އަޅާ ކިޔުންމީ މިފަދަ ހައްސާސް ބިޔަ މައްސަލައެއްގައި ކުރަން ޖެހޭނެ ކަމެކެވެ. މިއަދު ޝަމީމު އެއިންނެވީ ދައުލަތުގެ ފަރާތުން އަދީބާއި ޒިޔަތާއި އަދިވެސް އެމައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުމުގެ ޒިންމާ އުފުއްލަވަން ޖެހޭ ގޮނޑީގައެވެ. ނަމަވެސް 2015 ވަނަ އަހަރު ވަކީލު ޝަމީމު އިންނެވީ އަދީބާއި ޒިޔަތުގެ ވަކީލެއްގެ ގޮތުގައެވެ. އޭރު ވިދާޅުވީ "އަޅުގަނޑުގެ ކްލައިންޓް" ކަމުގައެވެ. 2015 ވަނަ އަހަރު ވަކީލު ޝަމީމު ވަކާލާތު ކުރެއްވީ އަދީބާއި ޒިޔަތާއި އޮއިއްޓެގެ ދިފާޢީ ވަކީލެއްގެ ގޮތުގައެވެ. އެދުވަހު ވަކާލާތު ކުރެއްވީ އެބޭފުޅުން ދިފާޢު ކުރައްވާށެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ވިޑިއޯ ހެކި އެހެރީއެވެ. އޮޅުވާލެވޭ ވަރަށް ވުރެ މާ ފާޅުކަން ބޮޑުކޮށެވެ.



އޭގެ ފަސް އަހަރު ފަހުން މިއަދު އެއިންނެވީ އެބޭފުޅުންނާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާށެވެ. އިއްޔެ އެބޭފުޅުންގެ ދިފާޢީ ވަކީލުގެ ގޮނޑީގައި އެބޭފުޅުން ދިފާއު ކުރައްވައި ވަކާލާތު ކުރައްވާށެވެ. މިތާގައި އެންމެ ފުރަތަމަ މި އުފެދެނީ ޕީޖީ ޝަމީމުގެ އިންސާފުވެރިކަމާއި އަމާނާތްތެރި ކަމާއި ނަޒާހަތްތެރިކަމުގެ ސުވާލެއް ނޫނެވެ. އަދި މިދައްކަނީ، ރައީސް ނަޝީދު ވިދާޅުވާހެން އަމީތާބާއި ދަރޭއާއި ސަތަރޭ ކުޅޭ ހިންދީ ފިލްމެއްގެ ވާހަކައެއްވެސް ނޫނެވެ. އެއްފިލްމެއްގައި އަމީތާބު ބައްޕަގެ ރޯލު ކުޅެފައި ދަރިފުޅުގެ ރޯލު ކުޅެފައި ނުބައިބައި ބޮސް ގެ ރޯލު ކުޅޭ ގޮތަށް އިއްޔެ ދިފާޢީ ވަކީލުގެ ރޯލު ކުޅެފައި މިއަދު ޕީޖީގެ ރޯލު ކުޅެންވީމާ "އޭތި ކަޑަ" ވަނީއެވެ. ގާނޫނީ ގޮތުން، އިލްމީ ގޮތުން މާ ފުންނާބު އުސް މީހަކަށް ނުވި ނަމަވެސް އަޅުގަނޑަށް ވެސް މިވާހަކަ ދައްކަން އެނގެނީ ލޯމައްޗަށް ފެންނާން މިހިރަ ކަންކަން ހުރީމައެވެ. މިއީ ރޮކެޓް ސައިންސުން ޖަވާބު ހޯދަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެހެން ކަމުން އެެމްއެމްޕީއާރުސީގެ މައްސަލަތައް އިންސާފުގެ މަގުން ގެެންދަން ބޭނުން ނަމަ ހުސައިން ޝަމީމު ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާށެވެ. އެހެން ނޫނީ ދެން ދެއްކެވޭނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވެސް ރަނގަޅު ގޮތުގައި ބޭނުން ކޮށްފައި ހުރި ބަޔަކު އުޅޭނެ ކަމުގެ ވާހަކައެވެ. އެފަދަ ފަރާތްތަކުގެ މައްޗަށް ދައުވާ ނުއުފުލާ ވަކި ތަރުތީބަކުން ދައުވާ ކުރާ ވާހަކަ ފަދަ މޮޔަ، ތާކުން ތާކު ނުޖެހޭ ވާހަކައެވެ. ދަށު ކޯޓުގައި އޮތް އަދީބުގެ ހަތް މައްސަލަ ކޯޓުން ބޭރުކޮށްލުމުން ކުޑަކޮށް ރުންކުރުވާ ގޮތް ދައްކަވާ ލައްވާފައި ކެމެރާ ތަކުގެ ކުރިމަތީގައި "އެކްޓް" ޖެއްސިޔަކަސް އެއީ އިންސާފު ކަމަކަށް އަދި ގިނަ މީހުން ނުދެކޭނެއެވެ. މުސްކުޅިން ބުނެ އުޅެނީ "އަތުގައި ހޭކުނު އެއްޗެއް ދަތުގައި ވެސް ހޭކޭނެ" ކަމަށެވެ. އެވާހަކަތައް މިހާރު އެދަނީ ތިލަވަމުންނެވެ. ކޮނުނު ކޮނުނުހެން ފަސް ގިނަވަމުންނެވެ.

ތިމަން މަނިކުފާނަކަށް ވަކާލާތު ކުރުމަކަށް ފުރުސަތު ލިބިވަޑައި ނުގަންނަވައޭ ވިދާޅުވިޔަސް ވީޑީއޯ ތަކުން އެހެރީ ވަކީލު ޝަމީމް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މީޑިޔާއަށް އިންޓަވިއު ދެއްވި އަޑާއި މަންޒަރު ފެންނާށެވެ. ނޫނެކޭ ވިދާޅުވިޔަސް ސަލާމަތްވެވޭ ވަރަށްވުރެ މާ ބޮޑަށެވެ. އެއީ ހަދާފައިވާ ނުވަތަ ކުޅެފައިވާ ވީޑިއޯ ތަކެއް ނޫނެވެ.

ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކާއި މަންފާ ލިބުނު ފަރާތްތަކުގެ ދިގު ލިސްޓު ޕީޖީގެ އަތްޕުޅުގައި އެބައޮތެވެ. އެ ލިސްޓުގެ ވާހަކައަކީ ވަކި މޫސުމަކަށް ވަކި ވަގުތުތަކެއްގައި ދައްކާ ވާހަކައަކަށް މިވަނީ ވެފައެވެ. އެ ލިސްޓުން ދައުވާ މިކުރެވެނީވެސް ހަމަ އެއްބަޔަކަށެވެ. އެއީ ޕީޖީ ވިދާޅުވާ ގޮތުން ނަމަ އެކަމުގެ މުގުލުގައި ތިއްބެވި ކަމަށް ތުހުމަތުކުރާ އަދީބާއި ޒިޔަތެވެ. ދެން ފަހުން އެގޮޅިއަށް ފެތުނީ ރައީސް ޔާމީނެވެ. ދެން ލިސްޓުގެ އެންމެ ކުރީގައި ތިބި މީހުންނާއި އެމީހުން ތިބި ތަންތަން ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ޝަމީމު ކަމަށް ބެލެވެއެވެ. ހަމަގައިމުވެސް "ސްޓީލިންގ ޕެރެޑައިސް" ގެ ނަމުގައި އަލްޖަޒީރާއިން އުފެއްދި ފިލްމަށް އިންޓަރވިއު ދިން މީހުން އެބުނާ ކަރައެއްގައި އެތިބީއެވެ. އޭގެ ތެރެއިން ކޮންމެވެސް މީހެއްގެ ވަކީލެއްގެ ގޮތުގައި އެމީހުން ތިބި ކަރައަށް ވަޑައިގެންނެވި ކަމަށް ވެސް މިހާރު އެބަ އަޑުއިވެއެވެ. އަދި އެ ދަތުރުފުޅަށް އަގު ދެއްވީ އެބުނާ ފައިސާއެއް ދައުރުކުރި ކުންފުނިން ކަމަށްވެސް އެބަ ބުނެއެވެ. ކޮނުނު ވަރަކަށް ފަސް ގިނަވާ އުސޫލުން އިންސާފުން މައްސަލަ ބަލައިފިއްޔާ އެބައި ވެސް އަދި ތިލަވާނެ ކަމަށް ގަބޫލުކުރެވެއެވެ.



ކޯޓުގައި ހުރި އަދީބުގެ މައްސަލަތައް ބޭރުކޮށްލުމުން އަރައިގަތް ރުޅީގައި ޕީޖީ އަށް ދެން ދެއްކެވުނީ ވަރަށް ޒާތެއްގެ މަޖާ ވާހަކައެކެވެ. ފާޑެއްގެ އިޢުތިރާފުގެ އެއްބަސްވުމެއް ހަދައިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިގެން ޕީޖީ ހުންނެވީކީ އަދީބުގެ މައްޗަށް އުފުލާނެ ދައުވާ ނެތިގެނެއް ނޫން ކަމަށް ވިދާޅުވެފައި ވިދާޅުވީ 800 އަހަރުގެ ހުކުމް އަދީބުގެ މައްޗަށް އަންނަ ވަރަށް ހެކި ހިމެނޭ ލިޔުންތައް އަތްޕުޅުގައި، މޭޒުކޮޅު މަތީގައި އެބަހުރި ކަމަށެވެ. އެހުރިހާ ލިޔުމަކާއި ހެއްކެއް އަތްޕުޅުގައި ހުއްޓާ އަދީބު ލައްވައި އިއުތިރާފުގެ އެއްބަސްވުމެއް ހަދައިގެން އޭގެ މައްޗަށް ދައުވާ ކުރި ސަބަބާއި މެދުވެސް މިއަދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

އަދީބާއި އެކު އެބުނާ ޑީލެއް ހެެއްދެވީ ކުރީގެ ޕީޖީ ކަމަށް ވެސް ބުނެއެވެ. ބުނެވޭ ގޮތުގައި ކުރީގެ ޕީޖީ އަދީބާއެކު ޑީލެއް ހެއްދެވި ސީދާ ސަބަބެއް ނޭނގުނަސް އެ ޑީލް ހައްދަވައިގެން ޕީޖީ ބިސާމު ވަނީ އެފައިސާ ލިބުނު މީހުންގެ ލިސްޓެއް ހައްދަވާފައެވެ. އަދި އެލިސްޓު އާންމުވެ މިސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން އެމީހުން އެކަހެރިކޮށްފައި ބައިތިއްބައިގެން ސާފުވެސް ކޮށްފައި ވެއެވެ.

ކޮންމެއަކަސް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ރައީސް ޞާލިހު އައްޔަން ކުރައްވާފައިވާ ޕީޖީ ޝަމީމަށް މިކުރެވެނީ އާދައިގެ ތުހުމަތު ތަކެއް ނޫނެވެ. ޢެމްއެމްޕީއާރުސީގެ މައްސަލަ އާއި ސީދާ ގޮތުން ގުޅިފައިވާ މައްސަލަތައް އިންސާފުވެރިކަމާއި އެކު ބެލުމަށް އަސަރު ފޯރާފަދަ ސީރިއަސް ތުހުމަތުތަކެކެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން ފައިސާ ނެންގެވިކަމާއި، އަދި ނެންގެވި ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެގްރީމެންޓުތަކެއް ހަދައިގެން އެއީ މީހަކު ދިން ލޯނެއްގެ ގޮތަށް ދައްކަން މަސައްކަތް ކުރެއްވިކަމަށްވެސް ޕީޖީ ޝަމީމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެ ފައިސާ ބޭނުންކުރައްވައިގެން ޝަމީމްގެ، ގެ ހެދުމަށް ހަރަދުކޮށްފައިވާ ކަމަށްވެސް، ބާ ކައުންސިލަށް ހުށައެޅި މައްސަލަ އެއްގައި ބުނެފައިވެއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތު ކުރެވޭ ގ.އޮއިވާލި މުހައްމަދު ހުސެއިން (އޮއިއްޓެ) ގެ ވަކީލެއްގެ ގޮތުގައިވެސް ޝަމީމް މަަސައްކަތް ކުރެއްވި ކަމާއި ޕީޖީ ގެ މަޤާމާއި ހަވާލުވެވަޑައިގަންނަވަންދެން އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތަށްވެސް ޤާނޫނީ އެހީ ފޯރުކޮށްދެމުން ގެންދިޔަކަން އެ މައްސަލާގައި ފާހަގަކޮށްފައި ވެއެވެ.

ދައުލަތުގެ އެންމެ އިސް ޕްރޮސެކިއުޓާ ޖެނެރަލަކީ އިންސާފު ގާއިމުކޮށް ދިނުމުގައި އެންމެ އިސް މަގާމު ފުރުއްވާ ބޭފުޅާ އަށް ވާއިރު އެމަނިކުފާނުގެ މައްޗަށް މި ކުރެވޭ ސީރިއަސް ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުވާން އެބަޖެހެއެވެ. އެހެންނޫނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތަށް ދުވަހަކުވެސް "އިންސާފެއް" ލިބިދާނެ ހެނެއް ހިޔެއް ނުވެއެވެ. ވަކީލު ޝަމީމަށް ނާޖާއިޒު ފައިދާ ތަކެއް ނުލިބުނު ނަމަވެސް މިމައްސަލައިގައި އެފަރާތްތަކާއެކު ކުރެއްވި މަސައްކަތްތަކަށް ލިބިވަޑައިގެންނެވި ބަދަލު ލިބިވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިންކަން އެނގިވަޑައިގަންނަވާތީ އެ ޚިޔާނާތުގެ ފައިސާ ހެއުގޮތުގައި ބައެއް ފަރާތްތަކަށް ލިބިފައިވާ ކަމަށް ޝަމީމު ވިދާޅުވާ ވިދާޅުވުމަކީ ޝަމީމުވެސް ހިމަނުއްވައިގެން ވިދާޅުވާ ވާހަކައަކަށް ވިޔަސް އެފައިސާ ވަތް ކުންފުނިންނާއި އެފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ އަތުން ހަމަ އެ ނެންގެވުނީ އެ ޚިޔާނާތުގެ ފައިސާކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.

ރައީސް ޔާމިންވެސް ޝަރީޢަތުގެ އަޑުއެހުމުގައި ވިދާޅުވާ ފަދައިން އެމަކުފާނުގެ އެކައުންޓަށް ވަނތް ކަމަށް ބުނާ ފައިސާގައިވެސް އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ލިޔެފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވާ ބީދައިން ޝަމީމަށްވެސް އެގޮތަށް ވިދާޅުވެވި ދާނެއެވެ. އެހެންވީމާ އެފައިސާ ޖާއިޒު ކުރައްވަން އުޅުއްވުމަށްވުރެ އެ މައްސަލައިގައި ހަމަހަމަ ކަމާއެކު އިންސާފު ގާއިމު ކުރެވޭނީ ޝަމީމު އެއްފަރާތަށް ޖެހިވަޑައިގަންނަވައިގެންނެވެ. އެކަން ގަބޫލު ކުރައްވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން