ޢަރަފާތު ދުވަހު މުސްލިމު އަޅުތަކުން ޢަރަފާތު ބިމުގައި
ޢަރަފާތު ދުވަހު މުސްލިމު އަޅުތަކުން ޢަރަފާތު ބިމުގައި
-ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު-

މި ކައުނުގައި ރޭތަކާއި ދުވާތައް ލައްވާފައިވަނީ މާތް ﷲ އެވެ. ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލްޤަދުރި ކަމުގައި މާތް ﷲ ލައްވާފައިވެއެވެ. އަދި ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ޢަރަފާތު ދުވަސްކަމުގައި ލައްވާފައެވެ. އެ ދުވަހަކީ ﷲ ގެ އެއްކައުވަންތަކަން އެންމެ ބޮޑަށް ހާމަވެގެންދާ ދުވަހެވެ. ޝައިޠާނާ ނިކަމެތިވެ ބަލިކަށިވެގެންދާ ދުވަހެވެ. ޙައްޖަށް ނުދެވޭ މީހާއަށް ވެސް އެދުވަހުގެ ހެޔޮކަމުގައި ބައިވެރިވެވެއެވެ. އެގޮތަކީ އެދުވަހު ރޯދަ ހިފުމެވެ.

ޢަރަފާތު ދުވަހުން ދައްކައިދެނީ މި ބިންމަތީގައި މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމެވެ. އެކަން ހާމަ ވެގެންދަނީ ޙައްޖުގެ އަޅުކަމުގެ ތެރެއިންނެވެ. ޙައްޖަކީ އަރަފާތެވެ. މަބްރޫރު ޙައްޖުގެ ޖަޒާއަކީ ސުވަރުގެއެވެ. އިޚުލާޞްތެރިކަމާއެކު ޙައްޖުކޮށްފި މީހަކީ އެމީހެއްގެ މަންމަގެ ބަނޑުން އުފަންވި ފަދަ މީހެކެވެ. އިޙުރާމުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނިޔަތުގައި ކުޑަ ވަގުތުކޮޅަކަށް ވެސް ޢަރަފާތަށް ވަދެވިއްޖެ ނަމަ އެމީހަކަށް ޙައްޖު ލިބޭނެއެވެ. ޙައްޖުގެ އަޅުކަމަކީ މިއުންމަތަށް މާތް ﷲ ލައްވާފައިވާ އެންމެ މަތިވެރި ޖަމާޢީ އަޅުކަމެވެ. އެއީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ރަމްޒުކޮށްދޭ އެންމެ މަތިވެރި އެއްވުމެވެ. ދުނިޔޭގެ އެތަން މިތަނުން މީސްތަކުން އެއް ފޭރާމެއްގައި ޢަރަފާތުގައި ތިބެ އެއް އަޑަކުން އެއްކައުވަންތަކަމުގެ މަތިވެރި ކަލިމަފުޅުތައް ތަކުރާރު ކުރަމުން ދެއެވެ. ދޮންމީހުންނާއި ކަޅުމީހުންނެވެ. ޢަރަބީންނާއި ޢަޖަމީންނެވެ. މުއްސަދިންނާއި ފަޤީރުންނެވެ. ތަޤުވާވެރިކަމުން މެނުވީ އެއުރެން އެންމެންގެ މެދުގައި ވަކި ތަފާތުކަމެއްނޯވެއެވެ. އެންމެ މާތް މީހަކީ ﷲ އަށް ތަޤުވެރިވާމީހާއެވެ.

ޢަރަފާތު ދުވަސް ޚާއްޞަ ވެގެންދާ ގިނަ ސަބަބުތަކެއްވެއެވެ. އޭގެ ތެރޭގައި އެދުވަހަކީ މާތް ﷲ އިސްލާމްދީން ފުރިހަމަ ކުރެއްވިކަން އިޢުލާންކުރެއްވި ދުވަހަށްވުން ހިމެނެއެވެ. އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا) މާނައީ: "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

މީގެ އިތުރުން އެ ދުވަސް ގަންދެއްވައި މާތް ﷲ ހުވާގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ. އަލްބުރޫޖު ސޫރަތުގެ ތިންވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَشَاهِدٍ وَمَشْهُودٍ) މާނައީ: " އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ. " މި އާޔަތުގައިވާ ހެކިދޭ ފަރާތަކީ ހުކުރު ދުވަސްކަމާއި ހެކި ދެވޭ ފަރާތަކީ ޢަރަފާތު ދުވަސްކަމުގައި މުފައްސިރުން ބަޔާންކުރައްވާފައިވެއެވެ.

ހަމަ އެހެންމެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައިވާ ގޮތުން ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ އޭގެ ކުރީ އަހަރާއި ފަހު އަހަރުގެ ކުށްފާފަތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އިތުރު އެކަލޭގެފާނު ޙަދީސްކުރައްވާފައިވެއެވެ. (صيامُ يومِ عرفةَ إنِّي أحتسِبُ على اللهِ أنْ يُكفِّرَ السَّنةَ الَّتي قبْلَه والسَّنةَ الَّتي بعدَه) رواه ابن حبان

މާނައީ: " ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ ޢަރަފާތު ދުވަހުގެ ރޯދައިގެ ސަބަބުން އެދުވަހުގެ ކުރީ އަހަރާއި ޖެހިގެން އަންނަ އަހަރުގެ ފާފަތައް މާތް ﷲ ފުއްސަވާދެއްވާނެކަމަށެވެ."

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސްފުޅުތަކުގައިވާ ގޮތުން ޢަރަފާތު ދުވަހަކީ އެންމެ ގިނަ ޢަދަދަކަށް މީސްތަކުން ނަރަކައިން މުއްތިކުރެއްވޭ ދުވަހެވެ. އަދި އެ ދުވަހު ޙައްޖުގެ އަޅުކަން އަދާކުރަމުންދާ އަޅުތަކުންނާ މާތް ﷲ ކުއްތަންވެވޮޑިގެން އެއުރެންނަށް ފުއްސަވައި ދެއްވައެވެ. އަދި އެއުރެންނާ މެދު ތަބާހީވެ ވޮޑިގަންނަވައެވެ.

ޢަރަފާތު ދުވަހުގެ ޚުޠުބާގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މި އުންމަތަށް އަގުހުރި ވަޞިއްޔަތްޕުޅުތަކެއް ކުރައްވާފައެވެ. އެއިގެ ތެރޭގައި ﷲ އެއްކައުވަންތަކުރުމަށް ވަޞިއްޔަތްކުރައްވާފައިވެއެވެ. އަދި މުސްލިމުންގެ ލެއާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ ކަންކަންކަމަށާއި އެކަންކަމަށް ރައްކާތެރިވުމަށާއި ރިބަވީ މުޢާމަލާތްތަކާއި ދުރުވުމަށާއި ދެމަފިރިން އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި ތެދުވެރިވުމަށާއި އަނބީންނަށް އަނިޔާނުކުރުމަށާއި މީސްތަކުންނަކީ ހަމަހަމަ ބައެއްކަމަށާއި ތަޤުވާވެރިކަމުން މެނުވީ މާތްކަމެއް ނެތްކަމަށާއި މި ފަދަ އެތައް އަގުހުރި ވަޞިޔަތްޕުޅުތައް ކުރައްވާފައިވެއެވެ. ޢަރަފާތު ދުވަހަކީ ކީރިތި ރަސޫލާގެ މި މަތިވެރި ވަޞިއްޔަތްޕުޅުތަކުގެ މަތީން ހަނދާންކޮށް އެއަށް ޢަމަލު ކުރުންމަތީ ދެމި ތިބުމަށް ޢަޒުމް އާކުރަންވީ ދުވަހެވެ.

މިއަހަރު ޙައްޖުވެގެން މިދަނީ ވަރަށް އިސްތިސްނާ ޙާލަތެއްގައި ޤާއިމުވެގެންދާ ޙައްޖަކަށެވެ. މިއަހަރު ޙައްޖަށް ދިއުމަށް އުންމީދުކޮށްގެން ތިބި އެތައް ބަޔަކަށް ޙައްޖަށް ނުދެވުނެވެ. ނަމަވެސް ﷲ ގެ ރަޙުމަތުން މާޔޫސްވެގެން ނުވާނެއެވެ. ﷲ ވޮޑިގެންވެއެވެ. ދުޢާތައް އައްސަވާވޮޑިގެންވެއެވެ. ފާފަތައް ފުއްސެވުމުގައި ދެމިވޮޑިގެންވެއެވެ. މި މާތް ދުވަހުގައި އެކަލާނގެ ރަޙުމަތަށް އެދި އާދޭސް ދަންނަވާށެވެ. އަދި އަޅަމެންނަށް ކުރިމަތިވެފައި މިވާ މުޞީބާތުން އަޅަމެން ސަލާމަތްކޮށްދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން