ނިމިދިޔަ ސަރުކާރުން ފްލެޓާއި ގޯތި ލިބޭނެކަމަށް ކަނޑައަޅައި ގެޒެޓް ކޮށްފައިވާ އެއްވެސް ފްލެޓެއް އަދި ގޯއްޗެއް އަތުލައި ނޫނީ ނުދީ ހިފެހެއްޓުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތެއް އަދި ވިސްނުމެއްވެސް ނޫންކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އާއި މިއަދު ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރީ ސަރުކާރުން، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ފްލެޓާއި ގޯތި ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ލިސްޓަށް އެއްވެސް އުނިއިތުރެއް ގެނައުމަކީ މިސަރުކާރުން ގެންގުޅޭ ވިސްނުމެއް އަދި ސިޔާސަތެއް ވެސް ނޫނެވެ.

އޮފިޝަލް ވިދާޅުވީ މިހާރު އޭސީސީން ބަލަމުންދާ މައްސަލައަކީ ވެސް މިސަރުކާރުން އަންގައިގެން، ހުށައަޅައިގެން ނުވަތަ އެދިގެން ބަލައި ތަހުގީގު ކުރާ މައްސަލައެއް ވެސް ނޫން ކަމަށެވެ.

"މި ސަރުކާރު ވެރިކަމާ ހަވާލުވި އިރުވެސް އޭސީސީން ވަނީ އެ މައްސަލަ (ފުލެޓް ލިސްޓު މައްސަލަ) ބަލަން ފަށާފަ. އޭސީސީން މައްސަލަ ބަލަން ފެށީ އާންމު ރައްޔިތުން ތަކެއް ޝަކުވާ ހުށައެޅުމުން. ދިވެހި ރައްޔިތަކު ނުވަތަ ރައްޔިތުން ތަކެއްގެ ހައްގު ގެއްލޭތީ އޭސީސީއަށް މައްސަލަ ހުށައެޅީމަ އެކޮމިޝަނުން ވެސް ކޮމިޝަންގެ ގާނޫނީ ވާޖިބު އަދާ ކުރައްވަނީ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތަކަށް ލިބިފައި އޮތް އެއްޗެއް އަދި ލިބެން އޮތް އެއްޗެއްވެސް އެމަނިކުފާނުގެ ވެރިކަމުގައި އަތެއް ނުލާނަމޭ. އަޅުގަނޑުމެންގެ، މިސަރުކާރުގެ ސިޔާސަތަކީ އެއީ. އެކަމަކު ގާނޫނާ ގަވާއިދުތަކާއި އުސޫލުތަކުގެ ބޭރުން ކަމެއް ކޮށްފައިވާ ނަމަ އެކަންކަން ބަލާން ގާނޫނީ ގޮތުން މަތިކޮށްފައިވާ މުއައްސަސާތަކުން އެކަކަން ބަލައި ފިޔަވަޅު އެޅުމަކީ ސަރުކާރަށާ ހުއްޓުވޭނެ ކަމެއް ނޫން. މިސަރުކާރުން އެފަދަ މިނިވަން އެއްވެސް މުއައްސަސާއަކަށް ނުފޫޒެއް ނުފޯރުވާނަން. އަދި ގޮތް ކިޔައި ޖަދަލު ކޮށެއް ނުހަދާނަން." އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން މިހާރު އޮތް ލިސްޓުގެ އިތުރުން އިތުރު އެއްވެސް ލިސްޓެއް ހަދައިގެން ނޫޅޭ ކަމަށެވެ. އަދި މިސަރުކާރުން މަސައްކަތް ކުރާނީ އޭސީސީއަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އެ ބުނަނީ އޭސީސީން ތަހުގީގެއް ކޮށްފަ ތިމަންނާމެން ގާތުގައި އެބަބުނެޔޭ ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައިވާ ފޯމުތަކުގެ ތެރެއިން މިވެނި އަދަދެއްގެ ފޯމުގަ މައްސަލަ އެބަހުއްޓޭ. ޝަރުތު ފުރިހަމަ ނުވެގެން ކަމަށް ބުނެ ނޫނީ ލިބުނު ޕޮއިންޓް ދަށްވެގެން ކަމަށް ބުނެ މި 4000 މީހުންގެ ތެރޭގައި ނުހިމެނުނު ބަޔަކު އޭސީސީއަށް މައްސަލަ ހުށައަޅަނީ، ނޫނެކޭ ތިމަންނާ ޝަރުތު ހަމަވެއޭ މިވެނި ވަރަކަށް ޕޮއިންޓް ލިބޭނެއޭ، ނޫނީ މިވެނި އެވެނި ކަހަލަ މައްސަލަތަކެއް ލިސްޓުގެ އެބަހުއްޓޭ. ދެން އޭސީސީން އެމީހުންގެ ހައްގު ގެއްލޭތީ، ނޫނީ ގޯސްކޮށް ކަމެއް ހިނގާފަ އޮތްތޯ މި ބެއްލެވީ. ބައްލަވާފަ ސަރުކާރުގެ ކަމާބެހޭ ފަރާތަށް މިއަންގަނީ ތިމަންނާމެން ކުރި ތަހުގީގުގެ ނަތީޖާއަކީ މިއޭ، މިވެނި އެވެނި ގޯސްތައް އެބަހުއްޓޭ، ގޯސްތައް ހުރި ފޯމްތަކުގަ ހުރި ގޯސްތައް ހުރީ ކީއްވެގެންތޯއާ އެއީ ބަޔަކު ގަސްތުގަ ނާޖާއިޒު ފައިދާއެއް ހޯދަން ނޫނީ ބާރާ ނުފޫޒުން ކޮށްފައި ހުރި ކަމެއްތޯ ބަލާނަމޭ. އެކަންކަން ބަލައި ނިމުނީމައޭ މި މައްސަލަ އުޅޭ ފޯމުތަކާމެދު އަޅުގަނޑުމެންނަށް، ސަރުކާރަށް ގޮތެއް ނިންމޭނީ. އެހެން ބުނީމާ ދެން ސަރުކާރުން މި ބަލަން އުޅެނީ އެއްކަލަ މައްސަލަ ނޫޅޭ ފޯމުތަކާއިމެދު އަމަލުކުރަންވީ ގޮތެއް ބަލަން. ދެން ކުރިއަށްދާނެ މަގެއް ހޯދަން. ސިޔާސީ ގޮތުން ހަލަބޮލި ކުރަން ނަފާ ހޯދަން އުޅޭ ބަޔަކު މިފަދަ ހައްސާސް މައްސަލައެއްގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރަނީ، ހަމަނުޖެހުން އުފައްދަން." އޮފިޝަލް ވިދާލުވިއެވެ.

ސަރުކާރުން ބުނީ އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަމެއް ލިބޭ ގޮތަށް އެއްވެސް ކަމެއްގައި މި ސަރުކާރުން ގޮތް ނުނިންމާނެ ކަމަށެވެ. އަދި ފްލެޓް ދިނަސް، ގޯތި ދިނަސް މިސަރުކާރުން އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން ގޯތި ލިބޭނެ ކަމަށް ކަނޑައަޅައި ގެޒެޓް ކޮށްފައި އޮތް ލިސްޓަށް ގޯތި ދެމުން މިދަނީ މިހާރުވެސް. އަދި ނުހިކި ހުރި ތަންތަނުން ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް އެލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ވެސް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. މި ސަރުކާރަކުން ނުބަލަން ގޯތި ދީފަ އޮތީ ކިހިނެއް ކޮން ގޮތަކަށް ކަމެއްވެސް. އެ ސުވާލުވެސް ނުއުފައްދަން. ގޯތި ލިބެނީ ދިވެހި ރައްޔިތަކަށް ނޫންތޯ؟ އެއީ ރައްޔިތުންގެ ހައްގެއް. ދެން ކީއްކުރަންތޯ މި ސަރުކާރުން ފްލެޓް ނުދީ ހިފަހައްޓައިގެން އުޅެންވީ. ފްލެޓަށްވުރެ މާ ބޮޑު ކަމެއްގެ ވާހަކަ މިދެންނެވީ." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އޮޅުވާލައިގެން ނުބައި، ދޮގު މައުލޫމާތު ސަރުކާރަށް ދީގެން ނުހައްގު އެއްޗެއް ހޯދުމަކީ ކުށެއް ކަމަށެވެ. އެފަދަ މައްސަލަތައް ބަލާނެ ގާނޫނީ މުއައްސަސާތައް ހުންނާނެ ކަމަށާއި އޮޅުވާލައިގެން، ދޮގު މައުލޫމާތު ދީގެން ފްލެޓް ހޯދިޔަސް އެމުއައްސަސާތަކުން އެކަން ބަލައި އެމީހަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންގެ އަތުން ބޯހިޔާވަހިކަން އަތުލައި އަދި ނުދީ ހިފެހެއްޓުން ނޫންކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ރައްޔިތަކަށް ލިބެން ނުވަތަ ދެވެން އޮތް އެއްޗެއް އަވަހަށް، ވީ އެންމެ ބޮޑުކޮށް އެންމެ ރަނގަޅަށް ދިނުން ކަމަށެވެ.



އެހެންވީމާ މި ސަރުކާރުގެ ސިޔާސަތަކީ ކުރީ ސަރުކާރުން ފްލްޓް ދީފައި ހުރި މީހުންނަށް ވީ އެންމެ އަވަހަކަށް ފްލެޓް ދީ ނިންމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ރައީސް ޑރ މުއިއްޒު ވަޢުދުވެ ވަޑައިގެންފައިވަނީ އެމަނިކުފާނުގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަން ކަށަވަރު ކުރުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން