ޕްރޮސިކިއުޓަރ ޖެހެރަލް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެހެރަލް ޙުސައިން ޝަމީމް
ޕީޖީ އޮފީސް ހިނގަނީ ވަކި ނިޒާމެއްގެ ދަށުން ކަމަށާއި، ވަކި މީހެއް ނެތިގެން އެއޮފީހުގެ ހިންގުން ނުހުއްޓޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެހެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، ޕީޖީގެ މަޤާމުގައި ހޭދަކުރެއްވި މުއްދަތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޕީޖީ އޮފީހަކީ ވަކި ނިޒާމެއްގެ ތެރެއިން ހިނގަމުންދާ އޮފީހަކަށް ހެއްދެވުން ކަމަށެވެ. އަދި އޭނާ އެމަޤާމުގައި ނެތް ނަމަވެސް އެ ނިޒާމް އެގޮތަށް މަސައްކަތް ކުރާނެކަމަށް ޔަޤީން ކުރަށްވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އިތުރު ދައުރަކަށް ޕީޖީގެ މަޤާމަށް ކުރިމަތިލުމާމެދު ވަކިގޮތެއް ނުނިންމަވާކަން ހާމަކުރަށްވަމުން ޝަމީމް ވިދާޅުވީ، އޭނާއަށް ދިން ޙަމަލާއާ ގުޅިގެން ހޮސްޕިޓަލުގައި އޮންނެވި އިރުވެސް ޕީޖީ އޮފީހުން ދޭންޖެހޭ ހުރިހާ ޚިދުމަތެއް މެދުނުކެނޑި ދެމުންދިޔަ ކަމަށެވެ.

"ސަރުކާރުގެ އޮފީސްތައް ހިނގަން ވާނީ އެހެން، މީހާއަށް ބަރޯސާވެގެނެއް ނޫން، ނިޒާމަށް ބަރޯސާވެގެން އޮފީސްތައް ހިނގަން ވާނީ." ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވީ ޕީޖީގެ މަޤާމުން އިސްތިޢުފާ ދިނުމަށް ނުވަތަ އޭނާއަށް ނުފޫޒެއް ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެފަދަ މުޢާމަލާތެއް އެއްވެސް ފަރާތަކާއެކު ކުރެވިފައިނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ. އެ ހަމަލާއާ ގުޅިގެން ދެމީހުން ހައްޔަރު ކޮށްފައިވާއިރު އެކަމުގެ އަޑީގައި އިތުރުބަޔަކު ތިބެދާނެ ކަމަށް ބެލެވޭތީ އެކަން ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެެ.

މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލުގައި ގޮސް މަރުތޭލަކުން ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މާލޭގެ ނޫރު މިސްކިތް ކައިރިން ހިންގަވާފައި ވަޑަައިގަންނަވަނިކޮށެވެ. އެހަމަލާގައި ޕީޖީ ޝަމީމްގެ ވައަތުގައި ރެނދުލައި ކަށިގަނޑަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވިއެވެ.

ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން