ސިއްހީ އޮފިޝަލުން ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ސިއްހީ އޮފިޝަލުން ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
މި މަހުގެ 28 ވަނަ ދުވަހު ހއ. ކެލާ ސަވާރީ ބޯޓުގައި މަސައްކަތް ކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ހދ. ނޮޅިވަރަންފަރާއި، ހއ. ވަށަފަރު އަދި ދިއްދޫގެ ކޮންޓެކްޓް ޓޭރޭސިން ހެދުމަށް އެ ރަށްތައް ލޮކްޑައުންކޮށްފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މި ތިން ރަށް ލޮކްޑައުންކުރީ ސަވާރީ ބޯޓު މި 3 ރަށަށް ވެސް ބަނދަރުކޮށްފައިވާތީއާއި އެ ބޯޓުން މީހުން ދަތުރުކޮށްފައިވާތީ ކަމަށެވެ. ސަވާރީ ބޯޓުން ދަތުރުކުރި މީހަކު މި މަހުގެ 28 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާއިރު އޭނާއާއި ކޮންޓެކްޓްވި އިތުރު 9 މީހަކު ކެލައިން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން މައުލޫމާތު ދިންގޮތުގައި މި ބޯޓް ހއ. ކެލާއަށް ގޮސްފައިވަނީ މާލޭގައި ދެ ހަފްތާވަންދެން މަޑުކުރުމަށްފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ. ބޯޓުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބޯޓުގެ ކެޕްޓަނެވެ. އަދި އޭނާ މާލެއިން ފުރި އިރުވެސް ބަލީގެ އަލާމާތްތައް ހުރިކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

މި ކޭސްތަކާއި ގުޅިގެން އިތުރު މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއޯސީ އިން ބުނެ އެވެ. ކެލައަކީ ށ. ނަރުދޫ ފިޔަވައި ރާއްޖޭގެ ރަށަކުން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ރަށް ކަން ފާހަގަކޮށްލެވެއެވެ. ނަރުދޫއިން 11 މީހަކު އަމާޒު ބޯޓު ކްލަސްޓާއާއި ގުޅިގެން ޕޮޒިޓިވްވެފައިވެއެވެ.

މީގެ އިތުރުން ބ. ކަމަދޫގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓް ވަނީ ޕޮޒިޓިވްވެފައެވެ. މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ލ. މާފުށި އަދި ބ. ކަމަދޫ ހިމެނެއެވެ. އަދި ބ. ސީސައިޑް ފިނޮޅު ވެސް ވަނީ މޮނިޓަރިން ގެ ހާލަތަށް ގެނެސްފައެވެ.

މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެ އެވެ. އިއްޔެ ރާއްޖެއިން 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު މީގެ ތެރެއިން 89 މީހުންނަކީ ދިވެހިން ކަން ފާހަގަކޮށްލެވެއެވެ. އޭގެތެރެއިން 10 ކޭސް އަކީ އަތޮޅު ތެރެއަށް ނިސްބަތްވާ ކޭސްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން