ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދަ މަސް ފަހުން ބާއްވަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވާށެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ކުރީކޮޅާ އެވެ. ނަމަވެސް ރޯދަ މަހާ ދިމާވާނަމަ، އެ އިންތިހާބެއް ބޭއްވުން ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުގެ ތަޅުމުން މި މަހުގެ 11 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް އަދިވެސް އެ ބިލު ތަސްދީގެއް ނުކުރެއެވެ.

މިއަދު އައްޑޫ ސިޓީ ހުޅުމީދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ރޭވިފައި އޮތް ގޮޮތުން ސަރުކާރުން އަދި ކިތަންމެ ކަމެއް ކޮށްދޭން ބޭނުންވިޔަސް ރައްޔިތުންގެ މަޖިލިސް ސަރުކާރާ އެއްކޮޅަށް ނުނިންމައިދީފިނަމަ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް ހުރަސް އެޅުމުގެ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގައި އެބައޮތް ކަމަށެވެ.

ގާނޫނު އަސާސީގައި ވާގޮތުން ބިލެއް ފާސްކުރާ ހިސާބުން އެ ބިލެއް ތަސްދީގުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސަށް ބަންދު ދުވަސްތައް ނުގުނައި 15 ދުވަސް ލިބިވަޑައިގަންނަވާނެ އެވެ، އަދި އެ މުއްދަތުގައި އެ ބިލު އަނބުރާ މަޖިލީހަށް ވެސް ފޮނުވާލެވިދާނެ އެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލިސް އެބަ ވާންޖެހޭ، މި ފުރުސަތު، މި ރަނުގެ ފުރުސަތު ތިބޭފުޅުންގެ އަތްޕުޅަށް ކުރިއަށް އޮތް މަހުގެ 17 ވަނަ ދުވަހު ލިބިގެންދާއިރުގައި އެ ފުރުސަތަކީ ތިޔަ ބޭފުޅުން ޒިންމާދާރުކަމާއެކީގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި ރައްޔިތުންނަށް، ތިބޭފުޅުންނަށްޓަކައި މި ސަރުކާރުން ތިބޭފުޅުން ތި އެދިލައްވަމުން ގެންދަވާ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އިންތިހާބުގައި ކަންކަން ނިންމައިދޭ އިންތިހާބަކަށް ހަދައިދިނުމަކީ ތިބޭފުޅުން ކުރައްވާނެ ކަމެއްކަން އަޅުގަނޑު ޔަގީން ކުރަން،" ރައީސް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހް ގެނައި ބިލު ތަސްދީގު ނުކުރައްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަށްވައި އެ ބިލު ތަސްދީގުކުރަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް މިއަދު ވަނީ ގޮވާލައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން