ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެމައްސަލައިގައި ދައުވާ ލިބޭ އެމީހުން މިކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖްކަމަށެވެ. އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުންކަމަށް ނިންމަން ދަތިކަމަށް ހުކުމްގައި ބުނެފައިވެއެވެ. މީގެއިތުރުން ފުލުހުންނާ ދައުލަތުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ސާބިތު ނުކުރެވޭނެ ކަމަށް ހުކުމްގައިވެއެވެ.

މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ފެންނަނީ މި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންކަން ސާބިތު ކުރެވޭނެ ވަރުގެ އިތުރު ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމްގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގައި ހުކުމްގައި ބުނީ މައްސަލައިގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށާއި، އެއީ ދިފާއާ ހިއްސާ ކުރެވިފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އަދި މި ރިޕޯޓަކީ ޝަރީއަތުން ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށާއި އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުން ރިއާޔަތް ކުރެވިދާނެ އެއްޗެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. އެ ހާދިސާ ހިނގިއިރު އެ ކުއްޖާ އަށްވީ 17 އަހަރުކަމުން ޖުވެނައިލް ކޯޓުން އެ ކުއްޖާ ސަލާމަތްވި ނަމަވެސް ފަހުން ހައިކޯޓުން ވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެެވެ. އެހެންކަމުން އެކުއްޖާ 18 އަހަރާއި 9 މަހަށް ޖަލަށްލާން ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން