އަޚުންނޭވެ! ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަސް އަޅުގަނޑުމެނާއި އަލްވަދާޢު ކިޔައިފިއެވެ. މިހާރު އަޅުގަނޑުމެނަށް މަރުޙަބާ ކިޔާފައި މިވަނީ ރަމަޟާން މަހުގެ މެދު 10 ގެ ދުވަސްތަކެވެ.

އެހެންކަމުން ވަޤުތު ފާއިތުވެ ދިއުމުގެ ކުރިން ވަޤުތުގެ ފުރުސަތުގެ ބޭނުން ހިފުމަށް އަޅުގަނޑުމެން އަވަސްވެގަންނަން ޖެހެއެވެ. ފަހެ، ހަމަކަށަވަރުން ދުވަސްތައް ފާއިތުވެދަނީ ނުހަނު އަވަސް މިނެއްގައެވެ.

އިންސާނަކު އޭނާ ހުކުރު ދުވަހެއްގައި އުޅެނިކޮށް، އަނެއް ހުކުރު ދުވަސް އައިސް ބައްދަލުކުރާ ފަދަ އެވެ. އެ ދެމެދުގައި އެންމެ ދުވަހެއް މެނުވީ ހޭދަ ނުވާފަދަ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ.

لا تقومُ الساعةُ حتى يتقاربَ الزمانُ “ޒަމާންތައް ކައިރިވުމަށް ދާންދެން މެނުވި ދުނިޔެ ޤިޔާމަތެއް ނުވާނެ އެވެ.”

ފަހެ، ޒަމާންތައް ކައިރިވުން، މި ބަސްފުޅުގެ މައްޗަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

އޭގެ މާނައަކީ ރަށްތައް (ސިޓީތައް) ބޮޑެތި، ބިޔަވެ، ބޮޑު ދެ ސަހަރު ދެމެދުގައި ކުރިން ދަތުރު ކުރާ މުއްދަތަކީ 10 ދުވަސް ގޮތުގައިވެ އޮތުމަށްފަހު، އެ ދެސަހަރު ބޮޑުވެ އެއްސަހަރާއި އަނެއް ސަހަރު ގާތްވެ އެއަށްވުރެ މުއްދަތު ކުޑަވެގެންދިއުމެވެ.

ފަހެ، އެހިނދު ޒަމާން ކުރުވެގެންދެ އެވެ. އެހެނަސް (ޙަދީޘްގައިވާ އެންމެ ޞައްޙަ) މާނައަކީ، މިއަދު އަޅުގަނޑުމެން މިތިބި ޙާލުގެ މައްޗަށް ތަފްސީރު ކުރުމެވެ. ޒަމާންތައް މިވަނީ ވަރަށްވެސް ވަރަށްވެސް ކައިރިވެފަ އެވެ. ތިބާގެ އަމިއްލަ ނަފްސަށް ތަޖުރިބާ ކޮށްލުން ހުއްޓެވެ.

އެންމެ ފަހުން އަޅުގަނޑުމެން ހޭދަކުރި ރަމަޟާން މަސް ފާއިތުވީ ޝަޢުބާން މަހުގައި މެނުވީ ފާއިތު ނުވާކަހަލަ އެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ދެކޭ ގޮތެވެ.

އާނއެކެވެ. ތިޔަބައިމީހުންނަށްވެސް ފެންނަނީ އެފަދައިންނެވެ. އަދި މި ރަމަޟާން މަސް އިއްޔެ އަޅުގަނޑުމެނާއި ބައްދަކުރި ފަދައެވެ. މިހާރު މިވަނި ތިންބައިކުޅަ އެއްބައި ފާއިތުވެ ގޮސްފަ އެވެ. ފަހެ، ތިންބައިކުޅަ އެއްބަޔަކީވެސް ބޮޑު މިންވަރެކެވެ.

ފާއިތުވީ ދުވަސްތައް ﷲ އަޅަމެނަށް ޢަފޫ ކޮށްދެއްވާށި އެވެ. އަދި ބާކީ އޮތް ދުވަސްތަކުގައި ހެޔޮ ޞާލިޙް ޢަމަލު ކުރުމުގައި ދެމިތިބުމަށް ﷲ އަޅަމެނަށް ވާގިވެރިކަން ދެއްވާށި އެވެ.

ފަހެ، މެދު ދިހައަކީ ފުރަތަމަ ދިހައަކަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކެކެވެ. އަދި ފަހުދިހަ އަކީ މެދު ދިހައަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކެކެވެ.

ފާއިތުވީ ދުވަސްތަކަށް ފަރުވާކުޑަވެ އިހުމާލުވި ފަރާތްތަކަށް އަދިވެސް ފުރުސަތު އެބަ އޮތެވެ. ފާއިތުވީ ތަނުގައި ވެދިޔަ އުނި އަތުލައި ގަނެވޭނެ ކަމުގެ ޔަޤީންކަމާއެކު ކުރިއަށް އޮތް ދުވަސްތަކަކީ އަޚާގެ ޢަމަލު ހެޔޮވެ، ނުހަނު ހެޔޮ ޙާލަތަކަށް ދާނެ ދުވަސްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުން ހުއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން