އދ އިން ފަލަސްތީނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޕޯޗުގަލްއިން 10 މިލިޔަން ޑޮލަރު ދޭން ނިންމައިފިއެވެ.

އދ ގެ އެ އިދާރާ އަށް ޕޯޗުގަލް އިން ދޭން ނިންމި މި މާލީ އެހީތެރިކަމަކީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ކާނާ އާއި، ބޭހުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދޭ ފައިސާ އެވެ.

މިކަމާ ގުޅިގެން ޕޯޗުގަލްގެ ވަގުތީ ބޮޑު ވަޒީރު އެންޓޯނިއޯ ކޮސްޓާ ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް ގުޅާ މާލީ އެހީގެ ގޮތުގައި 10 މިލިޔަން ޑޮލަރު ދޭން ޕޯޗުގަލް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

ޕޯޗުގަލްއިން ވަނީ ފެބްރުވަރީ މަހުވެސް 1 މިލިޔަން ޑޮލަރުގެ އެހީއެއް އެ އިދާރާއަށް ފޯރުކޮށްދީފައެވެ. ނަމަވެސް އޭގެ ކުރިން ޕޯޗުގަލް ހިމެނޭހެން 15 ގައުމަކުން އދ އިން ފަލަސްތީނަށް އެހީވެދޭ ހާއްސަ އިދާރާއަށް މާލީ އެހީ ފޯރުކޮށްދިނުން ދުވަސްތަކަކަށް މެދުކަނޑާލިއެވެ. އޭރު މާލީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ ދައުރެއް އޮތް ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ. މި މައްސަލަ ވަނީ އދ އިން ތަހުގީގުކޮށް ބަޔެއް މުވައްޒަފުންނަށް ފިޔަވަޅު އަޅާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 31000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން