މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތާއިއެކު އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެމްޕީއާރުސީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރިކަން އިއްޔެ އޭނާއަށް ވަނީ އަންގާފައެވެ.

ބައްސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ، ޖަރުމަނުގައި އޮތް މި އަހަރުގެ އައިޓީބީ ބާލިން ފެއާގެ ތެރެއިން ރުހުމަކާ ނުލާ ޖިންސީ ނިޔަތެއްގައި މުވައްޒަފެއް ގަޔަށް އަތްލުމާއި ތިން މުވައްޒަފަކާ ޖިންސީ ނިޔަތެއް އޮވެގެން ބޭއަދަބީ ވާހަކަ ދެއްކުމެވެ.

އެއާއި ގުޅިގެން އެމްއެމްޕީއާރުސީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި، ބުނެފައިވަނީ ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައި ގަންނާނެ އަމަލުތަކެއް ނޫންކަމަށެވެ.

އަދި އެ ކުންފުންޏާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާފަދަ އެއްވެސް މައްސަލައެއް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ނުވާކަމަށާއި ނަމަވެސް މެނޭޖުމަންޓަށް އެކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ބަލަމުން ދާކަމަށެވެ.

އަދި މެނޭޖްމެންޓަށް ލިބިފައިވާ މައުލޫމާތު ޑިސިޕްލިނަރީ ކޮމިޓީއަށް ހިއްސާކޮށްފައި ވާކަމަށާއި އެ ކޮމިޓީގެ ތަހުގީގަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމުގައި އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން