ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޙަސަން ޢަލީ
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޙަސަން ޢަލީ
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިޢުލާނު ކޮށްފައިވަނީ، ވަގަށް ނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. ހަސަން މަގާމުން އިސްތިއުފާ ދެއްވި އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހަސަން ހުންނެވީ ސަސްޕެންޑްކޮށްފައެވެ.

ހަސަން އިސްތިއުފާ ދެއްވުމުން، ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އެހެން ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އިއުލާން ކުރީ ބުދަ ދުވަހު އެވެ. ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރަ އަދި އިނާޔަތްތައް ހިމެނޭ ގޮތަށް މަހަކު 54،300 ރުފިޔާ ލިބޭނެއެވެ. ޖޭއެސްސީންވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ އިތުރުން ކުރިމިނަލް ކޯޓަށްވެސް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައެވެ. ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލެވޭނީ ޢުމުރުން 25 އަހަރުވެފައިވާ މީހުންނަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކު ވާންވާނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގުރީ ޙާޞިލުކޮށްފައިވާ މީހެއް ކަމުގައެވެ. އޭގެ އިތުރުން ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވާންވާނެއެވެ.

ކުރިމިނަލް ކޯޓުގެ ޤާޟީކަމަަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޝަރީޢަތާއި ޤާނޫނުނު ނުވަތަ ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގުރީ ޙާޞިލުކޮށްފައިވާ މީހަކަށްވުމުގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވާންވާނެއެވެ. ކުރިމިނަލް ކޯޓުގެ ޤާޟީއަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 48،300 ރުފިޔާ ލިބޭނެއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރި އިރު އެ ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ހުރީ ސަސްޕެންޑްކޮށްފަ އެވެ. ޝުޖާއު އުސްމާނާ ގުޅޭ ސީރިއަސް މައްސަލަތަކެއް ޖޭއެސްސީން ތަހުގީގު ކުރަމުން އަންނަ އިރު، ޝުޖާއު އުސްމާނާއި އެއް މައްސަލަތަކެއްގައި ހިމެނުނު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުވަނީ މަގާމުން ވަކިކުރަން ނިންމުމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން