މީޓަރު ޓެކްސީ ތައާރަފްކުރުމާއެކު ޓެކްސީ އަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ނާއިބް ޢަލީ މުޙައްމަދު ވިދާޅުވީ ޓެކްސީގެ އަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މީޓަރު ޓެކްސީ ތައާރަފް ކުރުމުން ކަމަށެވެ. އެގޮތުން މިހާރު އަޅަމުންގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމެންވާއިރަށް މީޓަރު ޓެކްސީ ތައާރަފް ކުރެވޭނެ ކަަމަށް އުއްމީދު ކުރަށްވާ ކަމަށް އަލީ މުޙައްމަދު ވިދާޅުވިއެވެ.

"މީޓަރު ޓެކްސީ ތައާރަފްވެގެން ދިޔައީމަ އަޅުގަނޑުމެންނަށް ލިބޭ ލުއި ފަސޭހައަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ކަސްޓަމަރުންނަށް ދަތުރުކުރި ދުރުމިނާ ވަގުތާއި މިހުރިހާ އެއްޗެއް ފެނިގެންދާނެ، އެހެންވީމަ މުޅި އެތި ނިމިގެންދާއިރަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ޓެކްސީ ތެރޭގައި މީޓަރު ކަސްޓަމަރުންނަށް ފެންނަ ގޮތަށް ބެހެއްޓޭނެ ކަމަށް،" ފ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރަށްވާފައިވާ ޢަލީ މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ޢަލީ ވިދާޅުވީ، ކޮންމެ ސަރަހައްދަކަށް ޓެކްސީ އަގުތަކެއް ކަނޑައެޅުމަކީ އެ މިނިސްޓްރީ އަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މީޓަރު ޓެކްސީ ތައާރަފްކުރުމުން ކޮންމެ ސަރަހައްދަކަށް ވަކި އަގެއް ކަނޑައަޅަން ނުޖެހޭނެ ކަމަށް ޢަލީ ވިދާޅުވިއެވެ. މީޓަރު ޓެކްސީ ތައާރަފްވުމާއެކު މިނިސްޓްރީ އާއި އާންމުންނަށް ފަސޭހަ ތަކެއް ލިިބި ޓެކްސީ އަގުތަކުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ޢަލީ ވިދާޅުވިއެވެެ.

"މީޓަރު ޓެކްސީ ތައާރަފްކޮށް އެ މޮނީޓަރކޮށް ބަލަހައްޓަން ވެސް ފަސޭހަވާނެ މީގެ ތެރެއިން، އަޅުގަނޑުމެން ވިސްނުން ބޮޑަށް މިހުރީ ތަންކޮޅެއް ބޮޑަށް ޒަމާނީ ފެންވަރަކަށް ޑިޖިޓަލްކޮށް ޓެކްނޮލެޖީގެ ތެރެއިން ކުރެވޭނެ ކަހަލަ ގޮތަކަށް، އޭރުން މިހުރިހާ ޑާޓާތަކެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ އެހެންވީމަ އިތުރު ލުއި ފަސޭހައެކޭ އަޅުގަނޑު ދަންނަވާނީ ކަސްޓަމަރުންނަށްވެސް ޑްރައިވަރުންނަށް ވެސް އަޅުގަނޑުމެންނަށް ވެސް،" ޢަލީ ވިދާޅުވިއެވެ.

ޓްރާންސްޕޯޓުން މިނިސްޓްރީއިން ދާދިފަހުން ވަނީ ޓެކްސީ އަގުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ހަ ސީޓަށް ވުރެ މަދު އުޅަނދުތަކުގައި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ އަގަކީ 70ރ. ކަމުގައި ހަމަޖައްސައި ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް 80ރ. ވަނީ ކަނޑައަޅާފައެެވެ. އަދި ހުޅުމާލެ 2 އިން އެއާޕޯޓަށް ގެންގޮސްދޭނެ އަގަކީ 85ރ. ކަމަށް ހަމަޖެއްސިއިރު އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާން ބޭނުން ނަމަ، އެ އަގުގެ އިތުރަށް 10ރ. ދައްކާ ގޮތަށް އަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ނަދީމް

15-Jun-2024

ޓެކްސީގެ ދަތުރުގެ އަގު ސަރުކާރުން ކަނޑައަޅަން ތިޔަކުރާ މަސައްކަތަކީ ވަރަށް ބޭއިންސާފުން ކުރާކަމެއް. ސަބަބަކީ ލޯބްޗުތަކުން ބޭނުންއަގެއްގައި ދަތުރުކުރޭ.، ފިހާރަތަކުން ބޭނުންއަގެއްގައި އެއްޗެހިވިއްކާއިރު ސަރުކާރުން އަޅައިނުލާ.



ޓްރެންޑިން