ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ "ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) ގެ ފަރާތުން ބާއްވާ، އެ ޖަމިއްޔާގެ މެމްބަރުންގެ ތެރެއިން، އޭޝިޔާ ބައްރަށް ނިސްބަތްވާ ގައުމުތަކުގެ ރައީސުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މޮންގޯލިއާގެ ވެރިރަށް އުލާންބަޓާރުގައި، މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރަނީ، ރާއްޖޭގެ ޝެފުންގެ ގައުމީ ޖަމިއްޔާ 'ޝެފްސް ގިލްޑް އޮފް މޯލްޑިވްސް' ގެ ރައީސާ މަރްޔަމް ނޫރައްދީނާއި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އަދި ވެކްސް ކޮންޓިނެންޓަލް ޖަޖު މަރްޔަމް ޝިއުނާ އެެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން، މޮންގޯލިއާ، ކެމްބޯޑިއާ، ޗައިނާ، ހޮންގކޮންގ، އިންޑިޔާ، އިންޑޮނޭޝިޔާ، މެލޭސިޔާ، ނޭޕާލް، ފިލިޕީންސް، ސިންގަޕޯރ، ސައުތުކޮރެޔާ، ސްރީލަންކާ، ޓައިވާން، ތައިލެންޑް، އަދި ވިއެޓްނާމް، ގެ ރައީސުންގެ އިތުރުން، ޝެފުންގެ މައި ޖަމިއްޔާ ވެކްސްގެ ފަރާތުންވެސް ބައްދަލުވުމުގައި ބައިވެރިވެއެވެ.

އެ ބައްދަލުވުމުގައި ކޮންމެ ގައުމެއްގެ 'ކަންޓްރީ ރިޕޯޓް' ހުށަހަޅާއިރު ރާއްޖޭގެ ކަންޓްރީ ރިޕޯޓް ހުށަހަޅުއްވާ ދެއްވާނީ ރައީސާ މަރްޔަމް ނޫރައްދީނުއެވެ.

ކަންޓްރީ ރިޕޯޓްތަކުގެ އިތުރުން، މަޝްވަރާ ކުރެވޭ މުޙިއްމު ކަންތައްތަކުގެ ތެރޭގައި، މިއަހަރު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ޝެފުންގެ އެންމެ ބޮޑު ބައްދަލުވުން "ޝެފްސް ކޮންގްރެސް 2024" ގެ މުހިއްމު ކަންތައްތަކާއި، އޭޝިޔާ ބައްރުގެ ޤައުމުތަކަށް ކަލިނަރީ ދާއިރާއިން ކުރިމަގުގައި ހުރި ފުރުސަތުތަކާއި، އިޖުތިމާއީ ޒިންމާގެ ތެރެއިން ޝެފުންނަށް ކުރެވެން ހުރި ކަންތައްތަކާއި، އަދި ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާއިބެހޭ ގޮތުން މުހިއްމު މަޝްވަރާތައް ކުރާނެ އެވެ.

ދެހާސް ސޯޅަވަނަ އަހަރު އުފެދުނު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ކުރިއަރުވާ ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ، ވަރަށް ހަރަކާތްތެރި ޖަމިއްޔާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން