ރ. އުނގޫފާރުގައި މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓުގައި ޖެހުނު 18 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އުނގޫފާރު މަގުމަތީގައި ޖަހާފައިހުރި ބައްތިއަކުން އެ ބައްތި ކައިރީ ހެދިފައި އޮތް ކޯރުގަނޑަށް ކަރަންޓު ލީކުވެފައި ވަނިކޮށް ދެ ކުއްޖަކަށް ކަރަންޓުގެ އަސަރު ކުރުމާއި ގުޅިގެން އެކުދިން ސަލާމަތް ކުރުމަށް އެތަނަށް ދިޔަ 18 އަހަރުގެ ފިރިހެން ކުއްޖާ ވެސް ވަނީ ކަރަންޓުގައި ޖެހި ބޮޑެތި އަނިޔާތަކެއް ވެފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާގެ ހިތް މަސައްކަތް ކުރަން ފެށީ އެތައް އިރަކު ސީޕީއާރު ދީ ހެދިފަހުންނެވެ. އަދި ބޭރުފުށުން ފެންނަންހުރި އަނިޔާތައް ކުޑަނަމަވެސް، އެ ކުއްޖާއަށް ބޮޑަށް އަނިޔާ ލިބިފައިވަނީ އެތެރެހައްޓަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ކުއްޖާ މިހާތަނަށް ވެސް އޮތީ ވެންޓިލޭޓަރުގައެވެ. އަދި އިތުރު ފަރުވާ ބޭނުންވާތީ އޭނާ މިރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލާ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން