ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ލޭން މަސްވެރިކަމަށް ހުއްދަ ދޭން އުޅޭ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިހުތިޖާޖް ކުރަން ނިންމައިފިއެެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ މަސްވެރިން އިހުތިޖާޖްކުރަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

"ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރު ވިދާޅުވީ، ޒަމާނުއްސުރެ ބޮޑު ކަންނެލި މަސްވެރިކަމަކީ ގާތްގަނޑަކަށް 10-15 ދުވަހު ކަނޑުމަތީގައި އުޅެގެން މަސްވެރިން ކުރާ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގުގެ ސެކިއުރިޓީ ނެތުން ނުވަތަ އާމްދަނީގެ ރައްކާތެރިކަމުގެ ކަށަވަރުކަން ނެތް މައްސަލަ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަންނެލި މަސްވެރިންގެ ޑިމާންޑަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާއި ދެމެދުގައި އަގު ހިފެހެއްޓުން ކަމަށެވެ.

"ކިތަންމެ ދުވަހަކު ކަންނެލި ބާނައިގެން ފެކްޓަރީ ތަކަށް އަންގާފައި ފެކްޓަރީ އާއި ހަމަޔަށް ކިރަން އަންނައިރު އަގު މި އޮންނަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްލާފައި، 70 ރުފިޔާގައި މިހުންނަ އަގު 30 ރުފިޔާ 40 ރުފިޔާ އަށް ވައްޓާލާފައި. އެހެންވީމަ ކަންނެލި މަސްވެރިންގެ ޑިމާންޑަކީ 80 ރުފިޔާ އާއި 100 ރުފިޔާ ދޭތެރޭގައި ކަންނެލި އެންމެ ދަށް އަގު ކަނޑައެޅުން." މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދާފައިނުވާ ކަމަށެވެެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކަންނެލި މަސްވެެރިންނަށް އެންމެ ދަށް އަގުގެ ގޮތުގައި 80 ރުފިޔާ އާއި 100 ރުފިޔާ ކަނޑައަޅާނެ ކަމަށާއި މިފްކޯއަށް ކަންނެލި ގަނެ ކަންނެލި ބޭރުކޮށް ބޭސް ރޭޓްގައި މަސްވެރިންނަށް ތެޔޮ ދޫކުރަން ސަރުކާރުން ވައުދުވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެކަންކަން ނުކޮށް ސަރުކާރުން އުޅެނީ ކަންނެލި ބޭނުމުގެ ހުއްދަ ނުވަތަ ލޭނު އެޅުމުގެ ހުއްދަ ފެކްޓަރީ ތަކަށް ދޫކޮށްލަން ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ނުގަވާއިދުން ގާނޫނާ ހިލާފު ވަރަށް ގިނަ ކަންކަން ލޭނު އެޅުމުގެ ތެރޭގައި ހިނގާފައިވާ ކަމަށެެވެ. އެހެންކަމުން ލޭނު އެޅުން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"މަސްވެރިންނަށް ވެފައިވާ ވައުދެއް ނުފުއްދައި ލޭނު އަޅަން ހުއްދަދޭ ދިނުމާއި ދެކޮޅަށް ކަންނެލި މަސްވެރިން މި ނިކުންނަނީ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ފަރާތުން މައިގަނޑު ގޮތެއްގައި މިގޮވާލަނީ ސަރުކާރުން ވައުދުވި ކަންކަން މަސްވެރިންނަށް ކޮށްދޭށޭ، ލޭނު އަޅަން ހުއްދަ ދޭން ކަންނެލި މަސްވެރިން ދެކޮޅު. އެއީ ކަންނެލި މަސްވެރި އެތައް އާއިލާތަކެއް ބިކަވެގެން ހިގައިދާނެ ކަމެއް." މައުރޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން