ޒިންމާއިން ނުރެކި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަހުމަދު ދީދީ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ މިހެން ވިދާޅުވީ، ސަރުކާރުން ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ގޮވާލައި އިހުތިޖާޖް ކުރުމާއި ގުޅިގެންނެެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މާލޭ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާގައި، މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާތީ އެކަމާ ހިތްހަމަ ނުޖެހުންފާޅުކޮށް، މަސްގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލާފައިވެއެވެ.

އެކަމަށް އިޝާރަތްކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މަސްގަންނަ އަގު ސަރުކާރުން ދަށްކޮށްފި ކަމަށާއި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މި ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ. މެމްބަރު އަޙްމަދު ދީދީ ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުގެނެސް "ކުރީގެ ސަރުކާރޭ" ކިޔައިގެން ޒިންމާއިން ނުރެކުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.



"މަސްވެރިންގެ އުދާސްތަކަށް ތަސައްލީ ހޯދައިދެއްވުމެއް ނެތި، އެކި އެކި ހަފްލާ ތަކުގައި ކުރީ ސަރުކާރޭ، ކުރީ ސަރުކާރޭ ކިޔާ ޒިންމާއިން ރެކެން އުޅުމުގެ ބަދަލުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް މަސްވެރިންނާއި ހަވާލުކޮށްދެއްވާ،" ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ޓެގްކުރައްވައި އެކްސްގައި ދީދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މަސްވެރިންގެ ޔުނިއަނުން އިންތިޒާމުކޮށްގެން އިއްޔެ ކުރި އިހުތިޖާޖާއި ގުޅިގެން އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދެނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށެެވެ. މި ބަޔާނުގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން