ބަދިގޭގައި ބޭނުންކުރާ ގިނަ ތަކެއްޗަކީ ހަށިގަނޑުގެ ރީތިކަމަށާއި، ސިއްޙަތަށް އޭގެ ސަބަބުން ގިނަގުނަ ފައިދާތައް ލިއްބައިދޭ ފައިދާ ކުރުވަނިވި ތަކެއްޗެވެ. އެގޮތުން ހަނޑުލަކީވެސް އޭގައި ގިނަގުނަ ފައިދާތައް އެކުލެވިގެންވާ އަދި ކެއުމުގެ އިތުރުން، އިތުރު ބޭނުންތަކަށްވެސް އޭގެ ބޭނުން ހިފިދާނެ އެއްޗެކެވެ. ގިނަ ބަޔަކަށް ނޭނގުނަސް ހަނޑޫ ދޮވުމަށްފަހު އުކާލާ ފެނަކީ ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އޭޝިއާގެ ގިނަ ގައުމުތަކުގައި ހަންގަނޑުގެ ރީތިކަމަށާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން އެކިކަހަލަ ބަލިތަކުގެ ފަރުވާ އަށް ހަނޑޫފެން ބޭނުން ކުރެއެވެ.



ހަނޑޫ ފެނަކީ ހަނޑޫ ކައްކާފައި ބާކީ ހުންނަފެން ނުވަތަ ހަނޑޫ ދޮންނަ ފެނެވެ. ހަނޑުލު ފެނުގައި އެކުލެވިގެންވާ މާއްދާތަކުގެ ތެރޭގައި ޕްރޮޓީންސް، ލިޕިޑް، ސްޓާރޗް އަދި ކާރބޯހައިޑްރޭޓްސް ހިމެނެއެވެ.



ހަނޑުލު ފެނުން ލިބޭ ސިއްހީ ފައިދާތައް



-ހަށިގަނޑުގެ ދިފާއީ ނިޒާމު އަދި މެޓަބޮލިޒަމްއަށް އެހީތެރިވެދޭ.

ހަނޑުލު ފެނަކީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެކެވެ. އެހެންކަމުން ގިނަގުނަ ބަލިތަކާއި އިންފެކްޝަނުން ރައްކާތެރި ކޮށްދެއެވެ. އޭގައި އެކުލެވިގެންވާ މާއްދާ ތަކުގެ ތެރޭގައި ހިމެނޭ ވިޓަމިންސް އަދި މިނެރަލްސްގެ ސަބަބުން ހަށިގަނޑުގައި މެޓަބޮލިޒަމް އިތުރު ކޮށްދެއެވެ.



-ލޮލުގެ ފެނުން ފުސްވިޔަ ނުދިނުމަށް އެހީތެރިވެދޭ:

ހަށިގަނޑުގައި ހިމެނޭ އެމީނޯ އެސިޑް ހުންނަންވާ ވަރަށް ވުރެއް މަދުން ހުރެއްޖެ ނަމަ ލޮލުގެ ފެނުން ފުސްވުން އެކަށީގެންވެއެވެ. ހަނޑުލު ފެނުގައި އެ އެސިޑުގެ 8 ވައްތަރެއް އެކުލެވިގެންވެއެވެ. އެހެންކަމުން ހަނޑުލު ފެން ބޭނުން ކުރުމުން ލޮލުގެ ފެނުން ފުސްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.



-ފާޚާނަ ކުރުމަށް ފަސޭހަ ކޮށްދެއެވެ:

ހަނޑުލު ފެނުގައި ހިމެނޭ އެކި އެކި މާއްދާތަކުގެ ސަބަބުން ފާޚާނާ ކުރަން އުނދަގުވާ މީހުންނަށް ފަސޭހަވެގެންދެއެވެ. ކާއެއްޗެހި ހަޖަމު ކުރާ ނިޒާމުގައި މައްސަލަ އުޅޭ މީހުންނަށްވެސް މިފެނަކީ ވަރަށް ރަނގަޅުއެއްޗެކެވެ.



ހަނޑުލު ފެނުން ހަންގަނޑަށް ލިބޭ ފައިދާތައް:



- މޫނުގެ ހަންގަނޑު ރަނގަޅުކުރުމަށް އެހީވެދޭ:

އުމުރުން ދުވަސްވުމުގެ ސަބަބުން މޫނުގައި ނަގާ އޮށާޅަ އާއި މޫނުގައި ނަގާ ޗޮކްލެޓް ކުލައިގެ ތަންތަށް ދުއްވާލައި މޫނު އަލިކޮށްދެއެވެ. ކަފަ ކޮޅަކުން މިފެނުން ތެއްމާލުމަށްފަހު އެތަންތާގައި ކޮންމެ ދުވަހަކު ބޭނުން ކުރުމުން ކުލަ އަލިވެއެވެ.



- މޫނުގައި ރޫޖެހުން ދުރުކޮށްދޭ.

ހަނޑުލު ފެނުގައި އެކުލެވިގެންވާ މާއްދާ ތަކުގެ ތެރޭގައި ހިމެނޭ ވިޓާމިން އޭ، ސީ، އީ، ފެނޮލިކް އެސިޑް އަދި ފްލެވަނޮއިޑްސްގެ ސަބަބުން ހަނގަޑު އޮމާންކޮށް މަޑުކޮށްދެއެވެ.



- އިރުގެ ދޯދިތަކުގެ ސަބަބުންވާ ގެއްލުންތަކުން ރައްކާތެރި ކޮށްދޭ:

ހަނޑުލު ފެނަކީ އިރުގެ ދޯދިތަކުން ރައްކާތެރި ކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑު އަނދާފައިވާނަމަ އެފެން ހޭކުމުން އަވަހަށް ރަނގަޅުވެއެވެ.



- ހަމުގެ ކެންސަރު ޖެހުމުން ރައްކާތެރި ކޮށްދޭ:

ހަނޑުލު ފެނުގައި އެކުލެވިގެންވާ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަމުގައި ހުންނަ ސެލްތަށް އަލުން އުފެއްދުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ހަނޑުލު ފެން އުނގުޅުމުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވެއެވެ.



ހަނޑުލު ފެނުން އިސްތަށިގަނޑަށް ލިބޭފައިދާ:



- އިސްތަށިގަނޑު އޮމާން ކޮށްދޭ

އިސްތަށިގަނޑު އޮމާން ކުރަން ބޭނުންވަނީ ނަމަ ރޯސް ފެން އަދި ހަނޑުލުފެން އެއްކޮށްފައި އުނގުޅުމުން އިސްތަށިގަނޑު ވަރަށް އޮމާންވެއެވެ.



- އިސްތަށިގަނޑުގެ ކޮޅުތައް ހަލާކުވިޔަ ނުދިނުމަށް އެހީތެރިވެދޭ

އިސްތަށިގަނޑުގެ ކޮޅުތައް ހަލާކުވުމަކީ އިސްތަށިގަނޑަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިކަން ރަނގަޅުކުރުމަށް އިސްތަށިގަނޑުގެ ކޮޅުތައް ހަނޑޫ ފެނު ތެރޭގައި 10 ވަރަކަށް މިނެޓު ބެހެއްޓުމަށްފަހު ރީއްޗަށް ދޮވެލުމުން އިސްތަށިގަނޑު ރަނގަޅު ކޮށްދެއެވެ.



- ބޮލުގައި އިސްތަށި ފެޅުމަށް އެހީތެރިވެދޭ

މިފެނުގައި ހިމެނޭ ސްޓަރޗް، އަމީނޯ އެސިޑް، އެންޓިއޮކްސިޑެންޓް، މިނެރަލްސް، ވިޓަމުން ބީ އަދި ވިޓަމިން އީގެ ސަބަބުން އިސްތަށިގަނޑު ދިގުކޮށް އަދި އިތުރަށް ފެޅުމަށް އެހީވެދެއެވެ.



ހަނޑޫ ދޮވުމަށްފަހު އަޅުގަނޑުމެން ދިވެހިން އުކާލާ ފެނަކީ މިހާ ފައިދާ ހުރި އެއްޗަކަށް ވާއިރު، މިއީ އެއްގޮތަކަށްވެސް އުކާލައިގެން ފަރުޖެއްސޭނެ އެއްޗެއް ނޫނެވެ. ތާޒާ ހަންގަނޑަކާއި ރީތި އިސްތަށިގަނޑެއްގެ ވެރިއަކަށް ވުމަށް ހަނޑުލުފެނުގެ އަޖުމަ ބަލާލުން ކީއްތޯއެވެ.



ކިޔުންތެރިންގެ ހިޔާލު


11

ޒީނަ

17-Aug-2020

ފައްކާ އެހެންވީމާ މަ ވެއްޖެ މި ޓްރައި ކޮށްލަން


25

ޒީނަ

17-Aug-2020

ފައްކާ އެހެންވީމާ މަ ވެއްޖެ މި ޓްރައި ކޮށްލަން



ޓްރެންޑިން