ކޮވިޑާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭ ބަންދު ވަނީ ދިވެހި ރައްޔިތުން އެކަނިތޯ ވިދާޅުވެ ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ސުވާލު އުފައްދަވައިފިއެވެެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިހެން ވިދާޅުވީ، އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓެއްގައި އައިސް ރާއްޖެއަށް ފޭބި އިންޑިއާ ސިފައިންގެ ކަރަންޓީނާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވާހަކަ ދައްކަން ދެކޮޅު ހެދި މައްސަލަ އަށް އިޝާރަތްކުރައްވަމުންނެވެ. ކުރީގެ އިކޮންމިކް މިނިސްޓަަރ މުހަންމަދު ސައީދު ކުރެއްވި ޓުވީޓްގައި ކަރަންޓީނުވެ ގޭބަންދުވާންޖެހެނީ ދިވެހި ރައްޔިތުން އެކަނިތޯ ސުވާލު އުފައްދަވާފައި ވެއެވެ.

އިންޑިޔާގެ ސިފައިން ރާއްޖެއައިސް ކޮވިޑާ ގުޅިގެން އަމަލުކުރަން އަންގާފައިވާ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް އިންޑިއާގެ އަސްކަރީ ފައުޖުގެ މީހުން ކަރަންޓީނު ނުވާ މައްސަލައިގައި އެޗްޕީއޭގެ އިސްވެރިން ޒިންމާ ނުނަގައިފިނަމަ ގާނޫނުގެ ބާރު ކެނޑެނީތޯ ވިދާޅުވެ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

"މިދުވަސް ވެސް ދާނެ ކަން ޔަގީން، ރައްޔިތުން އިސްކުރައްވާ!" ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ޓެގް ކުރައްވައި ސައީދު ވިދާޅުވިއެވެ.

އިންޑިއާއަކީ މިހާރު ދެވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ގައުމަށްވާއިރު، އިންޑިއާގައި ކޮވިޑް- 19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 4.2 މިލިއަނަށް އަރާފަ އެވެ.

އިއްޔެ އައި އިންޑިއާ ސިފައިން ކަރަންޓީނު ކުރުމާ ގުޅޭގޮތުން، އެޗްޕީއޭ އާ ސުވާލު ކުރުމުން، އެތަނުންވެސް އެ ސުވާލަކަށް ޖަވާބެއް ނުދިނެވެ. އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއަން ނޭވީއާ ގުޅިގެން ހިންގާ އޭރިއަލް ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށް އިންޑިއަން ނޭވީގެ ޑޯނިއާ ދެ ފްލައިޓެއް އިއްޔެ ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭގައި އައި އިންޑިއާ ސިފައިންގެ އަދަދެއް ސަރުކާރުން ހާމަ އެއް ނުކުރެއެވެ.

އެގޮތުން، އިއްޔެ އިން ފެށިގެން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެކުރިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއެކު އައި އިންޑިއާގެ އަސްކަރީ ފައުޖު ރާއްޖޭގައި ތިއްބާ އަނެއްކާވެސް އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓަކާއެކު އިތުރު ސިފައިން ރާއްޖެއަށް އައިސް ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ އަސްކަރީ ފައުޖުގެ އަދަދު އިތުރު ކުރުމަކީ ގިނަ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


7

ރައްޔިތުން

09-Sep-2020

ސައީދުމެން ތި ދައްކަނީ ރޮދިކެނޑިފަ ތިބޭ މީހުން ދައްކާ ޒާތުގެ ވާހަކަ. ސައީދުމެންގެ ވެރިކަމެއްނަމަ ތިޖުމްލަ ބުނާނީ އަނެއް ކޮޅަށް.



ޓްރެންޑިން