ބިޔަ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެނެންވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް މިވަނީ ދެއަހަރުވާން ކައިރިވެފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް އަހާރާއި ދުވަސްކޮޅެއް ވެފައި ވަނިކޮށް މުޅި ދުނިޔެ ކުރިމަތިލާން ޖެހިފައި މިވާ ދަތި އުނދަގޫ ދުވަސްވަރާއި ކުރިމަތިލާން މި ޖެހިވަޑައިގެންނެވީ އެމަނިކުފާނާއެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ގައުމަށާއި އަދި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ދަތި ހާލުގައި ބޮޑެތި ގޮންޖެހުންތަކާއިއެކު ވެރިކަން ކުރައްވަން ޖެހިވަޑައިގެންފައި މިވަނީ ރައީސް ޞާލިހަށެވެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑު ކަމާއި އިޤްތިޞާދީ ފުން އަނދަވަޅުގެ ސަބަބުން ޤާއުމުތަކުގެ ސަރުކާރުތަކަށް ކުރިމަތިވެފައިވާ ދަތިއުނދަގޫތައް ތަހައްމަލު ނުކުރެވިގެން، އޮބިނޯވެގެން ބައެއް ޤައުމުތަކުވެރިން އިސްތިއުފާ ދެއްވައި އަނެއްބައި ޤައުމުތަކުގައި ވެރިކަން ވައްޓާލަމުންދާ މަންޒަރުވެސް މިހަރަ ދަނީ ފެންނަމުން ތަޖުރިބާ ކުރެވެމުންނެވެ.

ރާއްޖެއަކީ މިހުރިހާ ގޮތަކަށް ބެލިޔަސް މިހާލަތުގައި އިޤްތިޞާދީ ގޮތުންވެސް އަދި ޞިއްޚީ ގޮތުންވެސް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ އެއްޤައުމެވެ. ނަމަވެސް ސަރުކާރުގައި ތިއްބެވި މަދު ބޭފުޅުން ކޮޅެއްގެ ގަދަ ހިތްވަރާއި ރައީސުލްޖުމްހޫރިއްޔާގެ ހިތްވަރު ގަދަ މިންނެތް މަސައްކަތުން ރާއްޖެއާއި ރައްޔިތުން ހާލުގައި ޖެހުނަނުދީ ރައްޔިތުންގެ ކަންކަން ދުވަހުން ދުވަހަށް ކޮށްދެއްވޭތޯ މަސައްކަތް ކުރައްވަމުން ތަރައްޤީގެ މަޝްރޫޢުތައްވެސް މިހާލަތުގައިވެސް ވެވުނު ވަރަކުން އެދަނީ ކުރައްވަމުންނެވެ.

މިހުރިހާ ކަމަކާއިއެކު ސަރުކާރަށް މިއަދު އޮތް ޕްރެޝަރު ވެސް ވަރަށް ބޮޑެވެ. ސަރުކާރުގެ އެތެރެއާއި ޕާޓީގެ އެތެރެއާއި ބޭރުން، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފުލު ފުލުގައި ދެމުންދާ ވަރުގަދަ ހަމަލާތަކަށް ކެތްތެރިކަމާއި ހިކުމްތެތެރިކަމާއިއެކު ކުރިމަތި ލައްވައި އައްޑަނައެއްގެ ގޮތުގައި އަމިއްލަ މޭފުޅު ދިއްކުރައްވައިގެން ޤައުމު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ ދަނީ ސާބިތުކަން ދައްކަވަމުންނެވެ. ސަރުކާރަށް ކުރިމަތިވެފައިވާ އުނދަގޫ މިވަގުތުގައި ބޭރުން ނުވަތަ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރަމުންދާ ޕްރެޝަރަށްވުރެ އެތެރޭގައި، އެމަނިކުފާނާއި އެންމެ ގާތުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތައް އެހެން ހުރިހާ ކަމަކަށްވުރެ ވެސް މާ ބޮޑުކަން މިއަދު މިވަނީ ހާމަވެގެން ގޮސްފައެވެ.

މި ބޮޑު ކޯލިޝަން ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ތިބި ވަކިވަކި ވަޒީރުންގެ މަސައްކަތުގެ ރޭޓަށާއި އެމީހުންގެ "ޕާފޯމަންސް" އަށް ބަލާއިރު، ނުވަތަ ސުމަކުން 10 އަކާއި ދެމެދުން ރޭޓް ކުރާނަމަ ތިނަކުން މަތިން ރޭޓް ކުރެވޭނެ ވަޒީރުން އެއްއަތުން ގުނާލެވޭހާ މަދު ކަމަށް ދުރުގައި މަންޒަރު ބަލާން މިތިބަ ރައްޔިތުން އެބުނަނީ ކަމެއް ވެގެންނެވެ. އެމީހުން އެބުނަނީ ނޫނީ ތިނަކުން މަތި ނުވަތަ ފަހަކުން މަތިން ވެސް ރޭޓް ކުރާ މަދު ވަޒީރުންނަކީ ރައީސް ޞާލިޙުގެ މަސައްކަތުގައި ވަފާތެރިކަމާއި އިހުލާސްތެރި ކަމާއެކު ބައިވެރިވާ ވަޒީރުންނެވެ. މިދެންނެވި ވަޒީރުން، ރައީސް ހިންގަވާ މަގުން ރައީސް ހިންގަވާހާ ބާރު މިނުގައި ކުރިއަށް ވަޑައިގެންނެވޭތޯ އެބަ ހިތްވަރު ކުރަށްވައެވެ.

އެހެން ނަމަވެސް މިދެންނެވި ގޮތަށް ބާރު ސްޕީޑްގައި ކުރިއަރާ ދާ މީހުން ދަތިއަޅުވާ ވައްޓާލުމަށް އަމިއްލަ ޕާޓީގެ ތެރެއިން ރޭވުންތައް ރޭވުމުގައި ޕާޓީގެ އެންމެ މަތީން ފެށިގެން ބައިވެރިވަމުން ދިއުމަކީ މިއަދު ރައްޔިތުން ސުވާލު އުފައްދާ ކަމެކެވެ. މިދެންނެވި ވަޒީރުން ދަތިއަޅުވާ ވައްޓާލަން ދިމާކުރައްވައިގެން އެންމެ އިސްކޮށް ޖަޑިބަކަށް ހުންނެވީ އެޕާޓީގެ ރައީސެވެ. ރައީސް ޞާލިހުގެ އެންމެ ގާތް އެކުވެރި މަދަދުގާރު ކަމުގައި ބެލެވުނު، ސިފަކުރެވުނު، ގަބޫލުކުރެވުނު އެމްޑީޕީގެ ރައީސެވެ. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. މިއީ އެބޭފުޅުންގެ ތެރެއިން ދައްކާ ވާހަކައެވެ. ފެންނަ މަންޒަރު ތަކެވެ.

މިދެންނެވި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތުގައި އެންމެ ބޮޑަށް އަތްގާތް ކޮށްދޭ ކަމަށް ބުނާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ނޫނީ އެ ވަޒީރުން މަގާމު ވަކިކޮށް ބޭރު ކުރުމަށް މިއަދު މިވަނީ ވަރަށް ފާޅުގައި ވަރަށް ބާރަށް މަސައްކަތް ފަށާފައެވެ. ހަމައެކަނި އޮތް ތުހުމަތަކީ ވައްކަމެވެ. ނޫނީ ޚިޔާނާތާއި ކޮރަޕްޝަނެވެ. ދެން އޮތިއްޔާވެސް އޮތީ މިދެންނެވި ބޭފުޅުން ރައީސާއި އެއްވަރަށް މާ ބާރަށް ހިންގެވުމެވެ. މި ބަދުނާމުތައް އެބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދަވަނީ ސަރުކާރުގެ އެތެރޭގައި ނޫނީ އެމްޑީޕީގެ އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނެވެ. ބޮޑު މެޖޯރިޓީ އޮތް މަޖިލީހުގެ މެންބަރުންނެވެ. މިދެންނެވި ވަޒީރުން ހަތަރެސްފައިން ހޯހޯ ގޮވައި ތިމަންމެން ތިބުނާ ކަމެއް ނުކުރަމޭ ގޮވިޔަސް ގަބޫލެއް ނުކުރެއެވެ. އެބޭފުޅުން ވިދާޅުވާހެން ތުހުމަތެއް ކުރެވެންޏާ ރަނގަޅަށް ހާވައި މައްސަލަ ބެލެން ވެސް އޮތީ އެބޭފުޅުންނަށެވެ. ހުރިހާ މުއައްސަސާއެއްގައި މިއަދު ތިބީ އެބޭފުޅުންގެ ބޭފުޅުންނެވެ. އެބޭފުޅުން އައްޔަން ކުރި ބޭފުޅުންނާ އެބޭފުޅުން ވަޒީފާ ދެއްވި ބޭފުޅުންނެވެ.

ދެން އެތެރެއިން ތަޅައިގަތީމާ، ހިފައިގަތީމާ އެކަމާ ދެކޮޅަށް ދުވެ ވަރުބަލިވެ ލޮޑުވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ދެން މިހާރު އެކަމަކާއި ދެކޮޅަށް ދުވަން ހަދައިގެން އެމަނިކުފާނުގެ ހަކަތަ އެކަމަށް ގޮސް ހުސްވަނީއެވެ. ދެން ވަށައިގެން ތިއްބެވީ ވަރަށް އަބުއި ވަޒީރުން ކޮޅެކެވެ. އެބޭފުޅުންގެ މަސައްކަތަކީ އިރުއިރުކޮޅާ ފޯނުން އެ ހައްދަވާ ހެޑްލައިންތައް ވިދާޅުވުމެވެ. އޭގެ ސްކްރީން ޝޮޓެއް ކޮންމެވެސް ތާކުންތާކު ނުޖެހޭ ވައިބަރ ގްރޫޕަކަށް ވައްޓާލާފައި ހޭން ތިބުމެވެ. މިހާލަތުގައިވެސް އެބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އެތިއްބެވީ ހަނެވެ. ރައީސުލްޖުމްހޫރިއްޔާއަށް އެއަންނަ ޕްރެޝަރ ކުޑަކޮށްލުމަށް ކޮނޑު ވިއްދާލަން އެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވެއެވެ. ނޫނީ ކެރިވަޑައެއް ނުގަނެއެވެ.

ސިޔާސީ ގޮތުން އެކި ވަރުވަރުން އެކި މަޤާމުތަކަށް ލައްވާފައިވާ ބޭފުޅުންނާއި ވެރިކަން ގެނައުމަށް ހުއްޓުމެއްނެތި އަޑު އުފުލަމުންދިޔަ މީހުންނަށް މިއަދު އެތިބީ ކިހިނަކުން ވެފައިބާވައޭ ހަމަ ސުވާލު އުފެދެއެވެ. އެމީހުން ހަމަ ކުޑަވާއިނގިލިވެސް ހިއްލާލާތަނެއް ނުފެއެވެ. ތިމަންނާމެންގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެރިކަން ނިންމައި ރައީސް ޞާލިހު ވެރިކަމަށް ގެނައުންކަމަށްވާނަމަ އެކަން އޮތީވެފައެވެ. ނަމަވެސް ޤަބޫލު ކުރަންޖެހޭ ހަގީގަތަކީ ވެރިކަން ހޯދުމަށް ކުރާ މަސައްކަތަށްވުރެ ވެރިކަން ލިބުމުން ވެރިކަން ދަމަހައްޓާން ކުރަންޖެހޭ މަސައްކަތް މާބޮޑުވާނެކަމެވެ. މިއީ މިރާއްޖެއިން ފެނިފައިވާ ތަޖުރިބާއެވެ. އެބޭފުޅުންނަށް އެކަން އިހުސާސް ވާނީ އަނެއްކާވެސް އެއްރެއަކު ނިދާފައި ހޭލާއިރު ވެރިކަން ނެތި މަގުމަތީގައި ތިބެން ޖެހުނީމާ ކަންވެސް ނޭނގެއެވެ.

މިއަދު ސަރުކާރަށް މިހުރިހާ ޕްރެޝަރެއް ކުރިމަތިކުރުވާއިރުވެސް ސަރުކާރުގެ ދިފާއުގައި އެއްޗެއް ބުނަން ކެރޭ ވަޒީރަކު ނެތެވެ. ބޮޑެތި މުސާރައިގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ޓްވީޓްގަޑެއްވެސް ކޮށްލައްވަން ކެރިވަޑައެއް ނުގަނެއެވެ. ތިޔަ ހައްދަވަނީ ގޯހެކޭ ވިދާޅުވެލާން ވެސް ކެރިވަޑައެއް ނުގަންނަވައެވެ. ތިޔަ ކަނޑާލަން އުޅުއްވަނީ އަމިއްލައަށް އަރާ އިންނެވި ގޮފިގަނޑުކަން ހަނދާން ކޮށްލަދޭންވެސް ކެރިވަޑައެއް ނުގަންނަވައެވެ. ސަރުކާރުގެ އެތެރެއިން، ޕާޓީގެ އެތެރެއިން ތަޅާ ސަރުކާރު ބަލިކޮށް ބިމަށް ތިރިކުރަމުންދާއިރު އެބޭފުޅުން އަދިވެސް އެތިއްބެވީ ރައީސް ދެއްވި ފަތްކޮޅު ބޮޑުފޮށްޓައް ލައްވައިގެން އެ ރައްކާކުރައްވައިގެންނެވެ. އެކަމަކު ސަރުކާރު ނެތިއްޔާ އެއިން ކުރާނެ ފައިދާއެއް ނެތްކަން ވެސް އެނގިވަޑައެއް ނުގަންނަވައެވެ. ނޫނީ ހަނދުމަފުޅެއް ނެތެވެ.

މިސަރުކާރުގެ ވަޒީރުންގެ ތެރޭގައި ތިއްބެވި ގިނަ ބޭފުޅުންނާއި، މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުންނާއި ސިޔާސީ ބިޔަ މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަކީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ދުވާލަކު ދެދަޅައަށް މަގުތަކަށް ނުކުމެ މުޒާހަރާކޮށް ޖަލަށްވަޑައިގެން އުޅުއްވި ބޭފުޅުންކަމަށް ބެލެވެއެވެ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން އޭގެ ތެރެއިން ގިނަ ބޭފުޅުން މަގާމު ތަކުގައި އެތިއްބެވީ މި ވެރިކަން އޮތީމައެވެ. އަދި ވެރިކަމުގައި އެހުންނެވީ އެބޭފުޅުން ގެނައި ކަމަށް ބުނާ ވެރިމީހާއެވެ. އެބޭފުޅުންގެ މަސައްކަތަކީ ވެރިކަން ހޯއްދަވައި ރައީސް ސާލިހު ވެރިކަމަށް ގެނެސް ވާނެއެއްޗެއްވާން ދޫކޮށްލުންކަމަށްވާނަމަ މިދަނީ އެކަންވަމުންނެވެ. ޕާޓީގެ ރައީސް ކުރެއްވިޔަސް އަދި އެބޭފުޅުން ގަބޫލުކުރައްވާ އެބޭފުޅުންގެ ލީޑަރު ކުރެއްވިޔަސް ގޯސް ވާނީ ގޯހަށެވެ. ހަމަގައިމުވެސް މިވަގުތު ސަރުކާރު ބަލިކަށިކޮށްލައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ވަޑައިގެންނެވިޔަ ނުދީ ދަތިއަޅުވާ ވައްޓާލައިގެން އެމްޑީޕީއަކަށް ވެސް ވާނެ ފައިދާއެއް ނެތެވެ. ފައިދާ ވިއްޔާވާނީ އިދިކޮޅުގައި ތިބި ބަޔަކަށެވެ.

ރާއްޖެ މިއަދު މިއޮތް ހާލަތަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި، އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަމާއި މަދަދާއެކު އުޅެވެން އޮތް ދަތި އުދަގޫހާލަތެކެވެ. މިހާލަތުގައި އެކުވެރި އެއްވެސް ޤައުމަކާއި ޖެހޭ ގޮތަށް ސަރުކާރުގައި ތިއްބެވި ސަރުކާރަށް ހެޔޮއެދޭބަޔަކު މަަސއްކަތެއް ނުކުރާނެއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ލީޑަރެއްގެ ގޮތުގައި އިހަކަށް ދުވަހު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި އަލީ އާޒިމް ފަދަ ބޭފުޅުންނަށް މިހާލަތު ވަޒަން ނުކެރެވުނު ކަމުގައި ވީނަމެސް ހާލަތުއެނގޭ އެމްޑީޕީގެ އެތެރެއާއި ބޭރުދަންނަ ޕާޓީ ދެކެ ލޯބިވާ އިހުލާސްތެރި ޤާބިލް ބޭފުޅުން ޕީޖީ ތެރޭގައިވެސް އެބަތިއްބެވިއެވެ. އިންޑިޔާ ޗައިނާގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ބޮޑުކޮށްގެން ދައްކައި ދެޤައުމު ޖައްސައިގެން އެމީހުންގެ އަތުން ލިބެން އޮތް އެހީތެރިކަމަށް ހުރަސް އެޅުމަކީ އިދިކޮޅުގެ މަޤްސަދެވެ. އެއީ އިދިކޮޅުން ޒާތުގެ ކަމެކެވެ.

ނަމަވެސް މިއަދު މިކަން އެމީހުންނަށް ހާސިލް ކޮށްދެއްވަނީ ޕާޓީގެ އެތެރޭގައި ތިއްބެވި އެމްޑީޕީގެ ޕީޖީލީޑަރު ފަދަ ބޭފުޅުންނެވެ. މިހާލަތުގައި ވެސް އެބޭފުޅުން އެކިޔާ ލަވައަކީ ޗައިނާއިން އިދިކޮޅަށް ފަންޑު ކުރާ ވާހަކައާއި، ޗައިނާއިން ރާއްޖެ ދަރުވާލާފައިވާ ވާހަކައާއި، ޗައިނާއިން ރާއްޖެއަށް ހެޔޮ ނޭދޭނޭކަމުގެ ވާހަކައެވެ. އެފަދަ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މިފަދަ ވާހަކަތައް ދެއްކެވުމަކީ މިއަދު ރާއްޖެއަށް އެންމެ ބޭނުންވި ވަގުތު އެހީ ދިނަ ނުދޭން ލިބޭ އެއްޗެއްގައި އަތް އެޅުން ފަދަ ކަމެކެވެ. މިވަގުތަކީ އެމްޑީޕީގެ ޕީޖީ ތެރޭގައިވެސް ތިއްބެވި ތަޖުރިބާކާރު އިހުލާސްތެރި ސިޔާސީ ދާއިރާގައާއި ޕާޓީއަށް ޚިދުމަތްތެރި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފަދަ ބޭފުޅުން ކުރިއަށް ނެރެންވީ ވަގުތެވެ. އެބޭފުޅުންނަކީ އަމިއްލަ ޒަމީރުން ވިސްނަވައިގެން ކަންކަން ކުރައްވާ އަދި ވަގުތީ މަންފާއަކަށްޓަކާ އެއްވެސް ވިއްނުމެއްނެތި ގައުމު ހަލާކުގެތެރެއަށް ވައްޓާލަން މަސައްކަތް ކުރައްވާނެ ބޭފުޅުންނޫންކަން މާޒީން ދައްކަވާފައިވާ ބޭފުޅުންނެވެ.

މިއަދު ފެންނަމުންދާ މަންޒަރަކީ އިދިކޮޅުން ރޯކުރާ އަލިފާނަށް ސަރުކާރުގެ ތެރެއިން ދަރު އަޅާ މަންޒަރެވެ. އިޚުލާސްތެރި ނިޔަތެއްގައި ސަރުކާރު ދިފާއުކުރުމަށް އެއަލިފާންގަނޑަށް ފެން ފޮދެއް ޖަހާލާނެ ބޭފުޅަކު މިއަދަކު ނުފެނެއެވެ. ތިމާމެން ކުރި މަސައްކަތުގެ އަގަކީ ބޮޑު މަޤާމެއްކަމަށްދެކި ސަރުކާރުގެ ދިފާއުގައި، ރައީސުލްޖުމްހޫރިއްޔާގެ ހައްގުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރާނަމަ މިބޭފުޅުންގެ ނިޔަތާއި، މަޤްސަދާއިމެދު ސުވާލު އުފައްދަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު


25

ދިފާއު

13-Sep-2020

ކިތަންމެ ވަރަކަށް ސަރުކާރަށް ވައި ޖެހިއަސް ހިނދެމުންދާ އެއްޗެއް ފުފޭނެގޮތެއް ނޯންނާނެ, އެ އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ބީވެ ދާނީ ވެސް.


16

ދިފާއު

13-Sep-2020

ކިތަންމެ ވަރަކަށް ސަރުކާރަށް ވައި ޖެހިއަސް ހިނދެމުންދާ އެއްޗެއް ފުފޭނެގޮތެއް ނޯންނާނެ, އެ އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ބީވެ ދާނީ ވެސް.


26

ދިފާއު

13-Sep-2020

ކިތަންމެ ވަރަކަށް ސަރުކާރަށް ވައި ޖެހިއަސް ހިނދެމުންދާ އެއްޗެއް ފުފޭނެގޮތެއް ނޯންނާނެ, އެ އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ބީވެ ދާނީ ވެސް.


27

އަހުޒަން

12-Sep-2020

ސަރުކާރުން ކުރާ ހުރިހާ ވައްކަމެއް ފޮރުވަން މަޖުބޫރު ވީމަ ކޮންމެހެން އަނގަ ބަންދު ކޮއްގެން ތިބޭކައް ޖެހޭނި އެހުރި އެއް ސަރުކާރުގެ ވައްކަން ތައް އަނގަ ހުޅުވާތީ އެ ހުރީ އެއްނުން އަލީވަހީދު ވަކިކޮއްފަ ދެން ކުރިއައް އޮތީ ފައްޔާޒް އައްނި އައް ކަމުނުގޮސް ސިއައްސް ހަމަ އެވަރު.


12

އައި

12-Sep-2020

ބަރާބަރު ލިޔުމެއް....


26

އމމ.

11-Sep-2020

މިވެސް ލިއުމެއް ދޯ


23

އަބްދޫ

11-Sep-2020

ރައީސް ބާރާއި ޕާޓީގެ ބާރުވެސް އަދި ގާނޫނުއަސާސީގަ ބުނާ ރައީސްގެ ހުރިހާބާރެއް ނަސީދަށް ދޫކޮށްލާ ޕަޕެޓަކަށް ވެގަތީމަ އެންމެނަށް އެގުނީ ސަރުކާރުގެ ގާބިލްކަން ނެތްކަން ދެންސަރުކާރު ދިފާއު ކުރަން ތެދުވާނީ މޮޔައެެއް.ކޯޓް ތައް ނަސީދުގެ ގޭ އެތެރެކޯލަށް ބަދަލު ކޮށްލިއިރު ރައީސް ހުރީ އެއްމިޔަކަނުން ހެވިފާ.ގާނޫނުައަސާސީއާ ހިލާފަށް ބާރުތައް މުށަށްލައިގެން ނަސީދު ހިންގާެއިރު ބައިވެރިޔާއަށްވެގެން ހުރީމަ ސަރުކާރަށް އިތުބާރުކުރާނީ ކާކު.ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރާނީ ކާކު ފައްޔާޒު ސަރުކާރު ދިފާއު ކުރަން ފެށީމަ ވާގޮތް ފެނޭތަ.


34

ހަސަނު

11-Sep-2020

މީ ވަރަށް ދިރާސާ ކޮށްފައި ހަގީގަތް އެނގި ހުރެ ލިޔެފައިވާ މޮޅު ލިޔުމެއް ހަގީގަތުގަ ވެސް ސަރުކަރުގެ އިސްމަގާމުތަކުގަ ތިބި ގިނަމީހުން ބޭނުމެއް ނުވޭ ސަރުކާރުގެ ދިފާއުގަ އަނގައިން ވެސް ބުނެލާކަށް


9

ޖައުފަރު

10-Sep-2020

ފުރިހަމަ މޮޅު ލިޔުމެއް މީ ހަމަ ހަގީގަތް


8

ޖައުފަރު

10-Sep-2020

ފުރިހަމަ މޮޅު ލިޔުމެއް މީ ހަމަ ހަގީގަތް


5

ޖައުފަރު

10-Sep-2020

ފުރިހަމަ މޮޅު ލިޔުމެއް މީ ހަމަ ހަގީގަތް


7

ޒަރީރު

10-Sep-2020

ވަރަށް މޮޅު ހަގީގަތަށް ލިޔެފައިވާ މަޒުމޫނެއް މިޔަކު ނެތް މީހަކު ދޮގުކުރާނެ އެއްމެ ފިއްޔެއްވެސް ސަޅި ހަބޭސް



ޓްރެންޑިން