ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއިން އިދިކޮޅު ކޯލިޝަނަށް ދެއްވަންޖެހޭ ފައިސާ ނުދެއްވައި ހިފެހެއްޓުމަކީ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިޕް ކޯލިޝަންގެ ފަންޑު ފުށި ހުޅުއްވައި ދެއްވައި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޤާނޫނުގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ފައިސާ ނުލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އެއީ ޤާނޫނުން ލާޒިމް ކޮށްފައިވާ ކަމަކަށްވާއިރު އެފައިސާ ނުދީ ހިފެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ޑރ.ވަހީދު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީ ހިންގުމަށްޓަކައި ދައުލަތުން ޤާނޫނީ ގޮތުން ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަންވެސް މިދަނީ ނުލިބި. އެހެންވީމާ ޕާޓީތަކަށް ދިމާވާ ދަތިތައް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް ސަރުކާރުން އެފައިސާ އަޅުގަނޑުމެންނަށް ދެއްވިޔަސް ނުދެއްވިޔަސް އަޅުގަނޑުމެން ޤައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނަން. މެމްބަރުންގެ އެހީތެރިކަން އޮތްހާ ހިނދަކު އަޅުގަނޑުމެންގެ މަސައްކަތް ނުހުއްޓޭނެ." ރައީސް ވަހީދު ވިދާޅުވިއެވެ.

ނަމަވެސް މިފައިސާ ނުދިނުމަކުން ނުވަތަ ނުދީ ހިފެހެއްޓުމަކީ އިދިކޮޅު ސިޔާސީ ހަރަތާކްތައް ހުއްޓޭނެކަމެއް ނޫންކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި މިފައިސާ ނުދީ ހިފަހައްޓަނަކީ އިދިކޮޅު ސިޔާސީ އަޑު ކަނޑުވާލައި ސިޔާސީ ހަރަކާތްތައް ހުއްޓުވަންކަމަށްވާނަމަ އެއީ ވަރަށްބޮޑު ކުށް ހީއެއްކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ހީނުކުރައްވާތި ދައުލަތުން ދެއްވަންޖެހޭ އެއްޗެއް ނުދެއްވައިގެން އަޅުގަނޑުމެން މަސައްކަތް ހީނަރުވެދާނެއޭ. އެހެންނުވާނެ އިރާދަކުރެއްވިއްޔާ." ރައީސް ވަހީދު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ، ގެ ތެރެއިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ލިބޭ ފައިސާ އެ ޕާޓީތަކަށް ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ނިންމާފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގެ ޕާޓީތަކަށް ފައިސާ ދިނުމަށް ނިންމާފައެއް ނުވެއެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ 53،748 މީހުން ހިމެނޭ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793ރ. ލިބެ އެވެ. ބާރަ ހާސް މީހުން ރަޖިސްޓްރީ ވެފައިވާ ޖޭޕީ އަށް ލިބެނީ 3،974،249ރ. އެވެ. އިދިކޮޅު ޕީޕީއެމްގައި 36054 މެމްބަރުން ތިބޭއިރު އެ ޕާޓީއަށް 11،814،609ރ. ލިބެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން