މާލޭ ލޯކަލް މާރުކޭޓް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭ ލޯކަލް މާރުކޭޓް (ފޮޓޯ: ސޯޝަލް މީޑިއާ)
ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

"ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު"ގެ ދަށުން ތަނެއްގައި ޤާއިމުވެ ނުވަތަ ތަނެއްގައި ޤާއިމުނުވެވެސް ތަރުކާރީ ނުވަތަ މޭވާ އާންމުންނަށް ވިއްކޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ. އަދި އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކުމާއި، އިލެކްޓްރޯނިކް ޒަރީޢާއިން އާންމުންނަށް ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ އިތުރުން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތަކަށް ވަކި ތަނެއްގައި ތިބެގެން ތަރުކާރީ ނުވަތަ މޭވާ ވިއްކޭނީވެސް ރަޖިސްޓްރީކޮށްގެންނެވެ.

ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓަރީކުރުމުގެ ޤަވާއިދަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލު ކުރުމަށް ފަށާފައެވެ. ޤަވާއިދުގައިވާ ގޮތުން ގަވާއިދަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އެފަދަ ތަންތަން ރަޖިސްޓްރީކުރަން ހުށައަޅަން ޖެހެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މި ޤަވާއިދުގައިވާގޮތުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް، ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، 10000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާނަމަ، 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތަކުގެ ތެރެއިން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމަށް ހަމަޖެހިފައިވަނީ، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ. އަދި ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން