އޮސްޓިއޮޕޮރޯސިސްގެ ސަބަބުން އުމުރުން ދުވަސްވަރަށް ކަށިގަނޑަށް އަންނަ ބަދަލުދައްކުވައިދޭ ކުރެހުމެއް
އޮސްޓިއޮޕޮރޯސިސްގެ ސަބަބުން އުމުރުން ދުވަސްވަރަށް ކަށިގަނޑަށް އަންނަ ބަދަލުދައްކުވައިދޭ ކުރެހުމެއް
އޮސްޓިއޮޕޮރޯސިސް އަކީ އިންސާނާއަށް ބޭނުންވާ ކެލްސިއަމް އާއި މިނަރަލްތައް އިންސާނާގެ ކަށިތަކުގައި އެކުލެވޭ މިންވަރު ދަށްވުމުގެ ސަބަބުން އެކަށިތަކަށް ލިބޭ ނިކަމެތިކަމާއި ބަލިކަށިކަމާއެކު ތަހައްމަލް ކުރަންޖެހޭ ދާއިމީ ބައްޔެކެވެ.

މިބަލީގެ އަސަރު ފެންނަން ފަށަނީ އުމުރުން ދުވަސްވެ ކަށިތައް ނިކަމެތި ވާން ފެށުމުންނެވެ. މިބަލި ޖެހުމުން ކަށިތަކަށް ލިބޭ ހީނަރުކަމުގެ ސަބަބުން ކަށިތައް ފިތޭގޮތްވެ، ބުރަކަށީގައި ރިއްސައި މީހާގެ އިސްކޮޅުކުރުވެ، ގުދުލާގޮތް ދިމާވެއެވެ. އަދި މިބަލީގައި އެންމެ ބޮޑަށް އަސަރުކުރާ މީހުންގެ ކަށީގައި ރެނދުލުން އަދި ވެއްޓިޖެނަމަ ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި އެމީހަކު ޖެހިއްޖެ ނަމަ ފަސޭހައިން ކަށިތައް ބިންދައިގެންދިޔުން ފަދަ ކަންކަން ދިމާވެއެވެ.

އުމުރުން ދުވަސްވާވަރަކަށް އިންސާނުންގެ ކަށިތައް ބަލިކަށިވެ، ހަށިހަނޑުގެ ބަރުދަން ލުއިވެގެންދާނެއެވެ. މި ލުއިވެގެންދާ ދިޔުމުގައި އެންމެ ބޮޑުވަރުވަނީ އަދި ހަލުވިކަމާއެކު މިބަލިޖެހެނީ އަންހެނުންނަށެވެ. ސަބަބަކީ އިއްދައިން ކެނޑޭތާ ފުރަތަމަ ކޮޅު ކަށީގެ ބަރުދަން ވަރަށް ހަކުއި މިނެއްގައި ލުއިވަމުންދާތީއެވެ.

ތަފާސް ހިސާބުތަށް ދައްކާގޮތުން އޮސްޓިއޮޕްރޯސިސް އަންހެނުންނަށް ޖެހޭ މިންވަރު ފިރިހަނުންނަށް ވުރެ 3 ގުނަ އިތުރެވެ. މިހެންދިމާވަނީ އިއްދައިން ކެނޑުމުން އަންހެނުންގެ ހަށިގަނޑުގައި އުފައްދާ އީސްޓްރޯޖަން ހޯމޯން މިންވަރު ވަރަށް ދަށަށް ދާތީއެވެ. މިހޯމޯންއަކީ ކަށިތައް ނިކަމެތިވުމުން ދުރުކޮށްދޭ ހޯމޯން އެކެވެ. އުމުރުން 70 އަހަރާއި ހަމައަށްދާއިރު، ގިނަ އަންހެނުންގެ ގާތްގަޑަކަށް 30 އިންސައްތައަށް ކަށި ތުނިވެއެވެ. ކޮންމެ 3 އަންހެނަކުން އެކަކު އަދި ކޮންމެ 12 ފިރިހެނަކުން އެކަކު އުމުރުން 50 އަހަރުން މައްޗަށްދާއިރު ކޮންމެވެސް ކަށިގަނޑެއް އޮސްޓިއޮޕްރޯސިސްގެ ސަބަބުން ބިންދައިގެން ދެއެވެ.



* އޮސްޓިއޮޕޮރޯސިސް ޖެހެނީ ކީއްވެ؟

އޮސްޓިއޮޕޮރޯސިސް ބަލިޖެހެންދިމާވާ ސަބަބެއް މާރަނގަޅަށް އެނގިފައެއް ނުވެއެވެ. ނަމަވެސް މިބަލީގެ އަސަރު ފެންނަ މީހުންގެ ތެރޭގައި ތިރީގައި މިދަންނަވާ ގިންތީގެ މީހުން ހިމެނެއެވެ.

- ޢާއިލާތެރޭގައި މިބަލިވާރުތަކުރާ ގޮތް ހުރުން

- ބަލިކަށިކޮށް ތިބޭ މީހުން (ކަށިތައް އުފެދެމުންދާ ޅައުމުރުގެ ދުވަސްވަރުގައި ބޭނުންވާ ކެލްސިއަމް ނުލިބި، ބަލިކަށިކޮށް ކަށިތައް އުފެދި ބޮޑުވާ މީހުން)

- އުމުރުން ދުވަސްވުން

އުމުރުން ދުވަސްވެ ކަށިތައް ބަލިކަށުވެ ފީވާ އަތަށް އެޅުމުން މިބަލިޖެހުން ގާތެވެ.

- ގިނަދުވަސްތަކެއް ވަންދެން ޑައެޓްކުރުން

ގިނަ ދުވަސްތަކަށް ޑައެޓްމުރާ މީހުންގެ ތެރެއިން ޚާއްސަކޮށް އެނޮރެކްސިޔާ ނަރުވޯސާ ނުވަތަ ބުލީމިއާ ހުރި މީހުންނަށް އެމީހުންގެ ހަޑިގަނޑުގައި ހުންނަ އީސްޓްރޯޖަން ހޯމޯން މަދުވެގެން ދިޔުމުން ކަށިތައް ނިކަމެތިވެ ބަލިކަށިވެއެވެ.

- މައްސަރުކަންތައް ދިމާވުމުގައި މައްސަލަ ދިމާވުން (މައްސަރުކަންތައް މެދުކެނޑުން)

- ހަށިގަނޑަށް ބޭނުންވާ ވަރަށް ކެލްސިއަމް ލިބިފައި ނުވުން

- ގަވައިދުން ކަސްރަތު ނުކުރުން ( ދުވުން، ހިނގުން، ޔޯގާ އަދި އެރޮބިކްސް ފަދަ ކަސްރަތުތައް ގަވައިދުން ނުކުރުން)

* އޮސްޓިއޮޕޮރޯސިސް ބަލި ޖެހުމަށް މެދުވެރިވާ އެހެނިހެން ސަބަބުތައް:-

- ދުންފަތުގެ އިސްތިޢުމާލް ކުރުން

- ހެލިފެލިވެ އުޅުން މަދުވުން

- ބައްޔެއްގެ ސަބަބުން ދިގުމުއްދަތަކަށް ބޭހެއް ކާންޖެހުން

* އޮސްޓިއޮޕޮރޯސިސް ހުރިކަން ދެނެގަންނާނީ ކިހިނެއް؟

އޮސްޓިއޮޕޮރޯސިސް ހުރިތޯ ބެލުމަށް ބަލާނީ އެކަމަށް ހާއްސަކުރެވިފައިވާ އެކްސްރޭތަކުން ނުވަތަ ކޮމްޕިއުޓެޑް ޓޯމޮގްރަފީ ކިޔާ ސްކޭންތަކުންނެވެ. އެގޮތުން، ބޯން ޑެންސިޓީ ޓެސްޓަކީ ކަށީގެ ބޯމިން ބެލުމަށް ކުރެވޭ ޚާއްސަ ސްކޭނެކެވެ. މިސްކޭން ޓެސްޓް ދެގޮތަކަށް ހެދެއެވެ. އެއް އެނަރޖީ އެކްސްރޭ ބޭނުންކޮށްގެންނާއި އަދި ދެ އެނަރޖީ ސްކޭން ބޭނުންކޮށްގެންނެވެ. މިސްކޭން ކުރާއިރު އެއްވެސް ކަހަލަ އިންޖެކްޝަނެއް އަދި ޑައެޓެއް ބޭނުމެއް ނުވެއެވެ. އަދި އެއްވެސް ތަދެއް އިޙްސާސެއްވެސް ނުކުރެވޭނެއެވެ.

* ބޯން ޑެންސިޓީ ޓެސްޓް ހަދާނީ ކޮންބަކަށް؟

- އޮސްޓިއޮޕޮރޯސިސްގެ އަލާމާތްތަށް ހުރި މީހުން.

- ހޯމޯން ރިޕްލޭސްމެންޓް ތެރަޕީ ނަގާ މީހުން.

- އިއްދައިން ކެނޑެން ކައިރިވެފައިވާ ނުވަތަ ކެނޑިފައިވާ އަންހެނުން.

- ޢާއިލާގައި މީހަކަށް އޮސްޓިއޮޕޮރޯސިސް ޖެހިފައި ހުރި ނަމަ، އެޢާއިލާގެ އަންހެނުން.

- ތައިރޮއިޑުގެ މައްސަލަ ހުންނަ މިހުން.





* އޮސްޓިއޮޕޮރޯސިސް އަށް ފަރުވާ ކުރާނީ ކިހިނެއް؟

ބަލިހުރިކަން ޔަޤީންވެއްޖެ ނަމަ ނުވަތަ ޝައްކުވި ނަމަވެސް އެކަމަށް ލަސްނުކޮށް ފަރުވާ ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

އެގޮތުން ފަރުވާ ކުރުމުގައި އެންމެ ބޮޑު ސަމާލުކަންދޭންވީ މައިގަނޑު ނުކުތާތައް ފާހަގަކޮށްލާނަމެވެ.

1. އެންމެ ފުރަތަމަ ޑޮކްޓަރަކަށް ދެއްކުމަށްފަހު، އެޑޮކްޓަރެއް ދެއްވާ ލަފާގެ މަތިން ކަސްރަތުތަކެއް ގަވައިދުން ކުރުން.

2. ހަށިގަނޑަށް ކެލްސިއަމާއި ވިޓަމިންޑީ އިތުރަށް ލިއްބައިދިނުމަށްޓަލައި އެމާދާއްތައް އެކްލަވާލާފައި އޮތުން.

3. އިއްދައިން ކެނޑުމުން އަންހެނުންގެ ކަށި ތުނިވުން އަވަސްވެ އިތުރުވެގެން ދެއެވެ. މިކަން ކުޑަކުރުމަށްޓަކައި ޑަކްޓަރާއި ވާހަކަ ދައްކައިގެން ހޯމޯން ރިޕްލޭސްމެންޓް ތެރަޕީއެއް ނެގުން.

4. ކެލްސިއަމް އަދި ވިޓަމިންޑީ ހިމެނޭ ބޭސްބޭނުން ކުރުން

* ދުވާލެއްގެ މައްޗަށް ކެލްސިއަމް ބޭނުންވާ މިންވަރު:-

އުމުރުން 19 އަހަރާއި 50 އަހަރާއި ދެމެދުގެ ކޮންމެ އަންހެނަކާ ފިރިހެނަކަށް ބޭނުންވާނީ 1000 އާއި 12000 އާއިދެމެދުގެ މިލިގްރާމެވެ. މިމިންވަރަށް ކެލްސިއަމް ލިބޭނެ ގޮތަކީ

- ދުވާލެއްގެ މައްޗަށް 02 ތަށީގެ ކެލްސިއަމް އެކުލެވޭ ކިރު ނޫންނަމަ އެފަދަ ބުއިމެއް ބުއިން

- ދުވާލެއްގެ މައްޗަށް 60 ގްރާމް ހަރު ޗީޒް ނުވަތަ ޝެޑަރޑް ޗީޒް ކެއުމުގައި ބޭނުންކުރުން.

- ދުވާލެއްގެ މައްޗަށް 125 ގްރާމް ޔޯގަޓް ނޫންނަމަ 60 ގްރާމް ސާޑިން ކުދިމަސް ކެއުން

* ޑޮކްޓަރަށް ދައްކަންޖެހެނީ ކޮން އިރަކުން؟

- އުމުރުން 35 އަހަރަށްވުރެ މައްޗަށް ދިޔުމުން ބަލި ދެނަގަނެ ބަލިބޮޑުނުވާނެ ގޮތްތަކަށް އަމަލުތައް ބެހެއްޓުމަށްޓަކައި ޑޮކްޓަރާއި މަޝްވަރާކޮށް އިރުޝާދު ލިބިގަތުމަށް

- އަންހެނުންގެ ތެރެއިން އިއްދައިން ކެންޑެން އުޅޭކަމުގެ އަލާމާތްތައް ފެންނަ މީހުންނަށް ހަދާ ހޯމޯން ރިޕްލޭސްމެންޓް ތެރަޕީއާއިގުޅޭ ގޮތުން ޑޮކްޓަރުގެ އިރުޝާދު ހޯދުމަށް

- އޮސްޓިއޮޕޮރޯސިސްގެ އަލާމާތެއްގެ ގޮތުގައި އުމުރުން ދުވަސްވުމުން ދިމާވާ އިސްކޮޅުން ކުރުވުން، ގުދުލުން ނުވަތަ ބުރަކަށީގައި ރިއްސުންފަދަ ކަމެއް ފާހަގަ ކުރެވުމުން

* އަމިއްލަ އަށް ކުރެވޭނީ ކޮން ކަމެއް؟

އާއިލީ ގޮތުން މިބަލި ޖެހުން އެއީ ބަދަލުކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް ރަނގަޅު ސިއްޙީ އާދަތަކެއް ގެންގުޅެގެން އޮސްޓިއޮޕްރޯސިސް ޖެހުމަށް މެދުވެރިވާ ސަބަބުތައް ކޮންޓްރޯލް ކުރެވިދާނެއެވެ. އެގޮތުން، މިބައްޔާއި ދުރުހެލިވުމަށް ތިންކަމެއް ކުރެވިދާނެއެވެ. އެއީ

1- ކާނާގައި ކެލްސިއަމް ފުދޭވަރަށް އެކުލެވުން (ޚާއްސަގޮތެއްގައި ޅައުމުރުގައި، ކަށިތައް އުފެދެމުންދާ ދުވަސްވަރު ކެލްސިއަމް ލިބިދިނުން މުހިއްމެވެ. ބޭނުމަކީ ހަށިގަނޑުގައި ބަރުދަން ރަނގަޅު ކަށި އުފެއްދުމެވެ.)

2- އެކަށީގެންވާވަރަށް ކަސްރަތުކުރުން ކުރުން. (ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ކަށިތަކަށް ހަރަކާތް ލިބިދިނުމަށް ބޭނުންވާ ވަރަށް ކަސްރަތުކުރުން ކުރުން)

3- ދުންފަތުގެ އިސްތިއުމާލް ކުރާ މީހެއްނަމަ، އެކަން ހުއްޓާލުން

* އިތުރަށް ސަމާލުކަންދޭންވީ ކަންތައްތަކަކީ:

- ދިރިއުޅޭތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ބެހެއްޓުން.

- ސިޑިތަކުގައި އަތްގަނޑުލުމާއި ސިޑިތަށް ނުކައްސާގޮތް ހެދުން.

- ބިންމަތި އޮމާންނަމަ ފައިފުހި ނުބެހެއްޓުން

- ފާޚާނާއާއި އެހެނިހެން ތަންތާނގައިވެސް ހުންނަ ތަށިމުށިތަކަކީ ނުކައްސާ ތަކެއްޗަކަށްވުން.

* އޮސްޓިއޮޕްރޯސިސް މީ ކިހާވަރެއްގެ ބައްޔެއްތަ؟

އުމުރުން ދުވަސްވާ މީހުންނަށްދިމާވާ މިބައްޔަކީ ފަރުވާ ނުކުރެވިއްޖެނަމަ، ވަރަށް ނުރައްކާތެރި މައްސަލަތައް ދިމާވާ ބައްޔެކެވެ. މިގޮތުން އުނަގަނޑުގައާއި މައިބަދައިގައި ބޮޑެތި ރެނދުލުން ހިމެނެއެވެ. އަދި މީގެ ސަބަބުން އުމުރު ދުވަހަށް ނުކުޅެދޭ މީހަކަށްވެސް ވެދާނެއެވެ.

އޮސްޓިއޮޕްރޯސިސް އަކީ އާއްމު ބައްޔެއް ނަމަވެސް ބަލިން ރައްކާތެރިވެގެން އުޅުމަށްޓަކާ އުމުރުގެ ކުރީކޮޅުން ފެށިގެން ވިސްނައިގެން ރަނގަޅު ސިއްޙީ އާދަތަކެއް ގެންގުޅެވިއްޖެ ނަމަ ވަރަށް ފަސޭހައިން ރައްކާތެރި ވެވިދާނެ ބައްޔެކެވެ.

........................

* މިލިޔުމަކީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އިން އާއްމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ނެރެމުން އަންނަ "ކުލުނު"ގެ 181 ވަނަ އަދަދުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން