ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުސްޠަފާ
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުސްޠަފާ
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމާ ގުޅުވައިގެން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ (މުސްތަފާބެ) ދައްކަވަނީ ބުހުތާން ދޮގު ވާހަކަތަކެއް ކަމުގައި ވިދާޅުވެ ޤާސިމް އިބްރާހީމް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަށްވައިފިއެވެ.

ޤާސިމް އިބްރާހީމް ބޭރު މީހެއްގެ އަތުން ފައިސާ ތަކެއް "ކަޓުވާލި" ކަމަށް ބުނެ މުސްތަފާބެ ކުރަށްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ޤާސިމް ވިދާޅުވީ އެއީ ކަނޑައެޅިގެން އެމަނިކުފާނުގެ އަބުރު ކަތިލުމުގެ ގޮތުން ދައްކަވާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ބޮޑު ދޮގެއް، ބުހުތާން ދޮގު ވާހަކައެއް. ހެޔޮނުވާނެ މިވަރުގެ ދޮގު ހަދައިގެން މީހުންގެ އަބުރު ދުއްވާލަން. އެއްވެސް މީހަކަށް ދުވަހަކުވެސް އެއްވެސް މިންވަރެއްގެ ލަނޑެއް ދީފައެއް ނުވާނެ، އަދި އެފަދަ ކަމެއް ނުވެސް ކުރާނަން." ޤާސިމް ވިދާޅުވިއެވެ.



ޤާސިމް ވިދާޅުވީ ޖަޕާނު މީހަކަށް ވެސް އަދި އެހެން ގައުމެއްގެ މީހަކަށްވެސް ދުވަހަކުވެސް މުސްތަފާބެ އެބުނާ ފަދަ ބާވަތުގެ ލަނޑެއް ދީފައި ނުވާނެ ކަމަށެވެ.

"މިއަދުގެ ދުނިޔޭގައި އެވަރުގެ ފައިސާވެރިއަކަށް އެފަދަ ލަނޑެއް ދެވިދާނެތަ؟ ނުދެވޭނެ. އެއީ ވާނެ ކަމެއް ނޫން. ކޮންއެއްޗެއްތޯ ފަޅާއަރުވަން އޮތީ؟" އިތުރަށް އެވާހަކަ ދައްކަން އުޅެފިނަމަ އެކަމާ ގުޅޭ އިތުރު ވާހަކަތައް ފަޅާ އަރުވާލާނެ ކަމަށް ބުނެ މުސްތަފާބެ ކުރަށްވާފައިވާ ޓްވީޓަށް ރައްދު ދެއްވަމުން ޤާސިމް ވިދާޅުވިއެވެ.

"މިފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލަމާތް ކުރައްވާށި." ޤާސިމް ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު، މުސްތަފާ އަކީ މިހާރުގެ ސަރުކާރުގެ ވެސް ވަރަށް ގިނަ ބޭފުޅުންނާ ގުޅޭގޮތުން މާބޮޑު ހަގީގަތެއް ނެތް ދޮގު ވާހަކަތައް ދައްކަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެކެވެ. އެހެންކަމުން މުސްތަފާބެ ދައްކަވާ މިފަދަ ވާހަކަތަކަށް ގިނަ މީހުން ސަމާލުކަމެއް ވެސް ނުދެއެވެ.

ގިނަ މީހުން ބުނާ ގޮތުގައި މުސްތަފާބެ މީހަކާއި ބެހޭގޮތުން އާންމުކޮށް މިފަދަ ނުކިއްސަރު ބުހުތާން ވާހަކައެއް ދައްކަވަނީ އެމީހެއްގެ ފަރާތުން ކޮންމެވެސް ކަމެއް ހާސިލު ނުވުމުން އެކަމުގެ ހަސަދަވެރިކަން ފިލުވާ ލުމަށެވެ. އަދި ގިނަ ފަހަރަށް ސަރުކާރާއި ބެހޭގޮތުން ވެސް މިފަދަ ވާހަކަތައް ދައްކަވާފައި ހުރީ ސަރުކާރުގެ ތެރެއިން ކޮންމެވެސް ކަމެއް ބޭނުން ވެގެން ނޫނީ ހާސިލު ނުވެގެންކަން މުސްތަފާބެ ދަންނަ މީހުން ވިދާޅުވެއެވެ.

"މުސްތަފާބެ ދެން މިހާރު މިގައުމުން ދިމާކުރާނެ މީހުން ހުސްވެގެން އެންމެ ފަހުން ޤާސިމާ ވެސް ބެހިގަތީ. ތިޔަވާނީ ޤާސިމް އަތުން ކޮންމެވެސް ކަމެއް ބޭނުން ވީ ކަމަށް." މުސްތަފާބެގެ ޓްވީޓަށް ޖަވާބުދީފައިވާ މީހަކު ބުނެފައި ވެއެވެ.

މުސްތަފާބެއާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ މިފަދަ ކަންކަމުގައި ދާދި އެއްގޮތް ވިސްނުމެއް ގެންގުޅުއްވާ ދެބޭފުޅުންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން ޖާބިރަށް ވެސް އަދި މުސްތަފާބެއަށްވެސް ބައެއް ފަހަރު ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި މިސަރުކާރުވެސް ވަރަށް ރަނގަޅު ވެފައި އަނެއް ދުވަހަކު އިރުއަރާއިރު ތިއްބަވާ ގޮތަކުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާވެސް މުޅިން ގޯސްވެ އެދުވަހު ސަރުކަރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހިތު ހުރި އެއްޗެއް ގޮވާ ބެވުން ނޫންކަމެއް ނޯންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން