ހއ. ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ އުފާފާގަތިކަން ހޯދާދިނުމަށް ކެމްޕެއިން ތެރޭ ވީވައުދާއެކު އަޙްމަދު ސަލީމު (ސައްލެ) ކުރައްވާ މަސައްކަތަކީ ފާހަގަ ކޮށްލެވޭ އަދި އެދާއިރާގެ ރައްޔިތުން ފަޚުރުވެރިވާ ހިކުމަތްތެރި މަސައްކަތް ތަކެކެވެ. ރައްޔިތުންގެ ޙައްޤުގައި ބަސްވިދާޅުވަނީ ވަރަށް ސާބިތު ކަމާއެކު ގައެވެ. މަޖިލީހުގެ ބަހުސްގައި ކޮންމެ މައުޟޫއަކަށް ވާހަކަ ދެއްކެވި ކަމުގައި ވިޔަސްވެސް ސަލީމުގެ ވާހަކަ އަކީ މުޅިގައުމަށް ފައިދާ ވާގޮތަށް ދައްކަވާ ހަރުދަނާ ވާހަކަތެކެއް ކަމީ ފެންނަންއޮތް ދެބަސްނުވެވޭނެ ހަގީގަތަކެވެ.

ސަލީމުގެ ކެމްޕެއިން ބޮޑު ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުވަނީ އެދާއިރާގެ ތަރައްގީގެ ތަސައްވަރު ވަރަށް ސާފޮކޮށް ރައްޔިތުންނަށް ހާމަކޮށްދެއްވާފަ އެވެ. ރައީސް ވިދާޅުވީ ހއ. ހޯރަފުށީގައި އެއާޕޯޓު އަޅައި ތުރާކުނުގެ ބިން ހިއްކައި އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީކޮށް، އެ ދާއިރާއަށް ޓޫރިޒަމް ފުޅާކޮށް ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދޭނެ ކަމަށެވެ.

މިތައްސަވަރަކީ ހަމަ ޔަގީނުންވެސް ސަލީމުގެ ބައިވެރި ވުމާއެކު ރައީސް ރައްޔިތުންނަށް ހާމަކޮށްދެއްވި ތަސައްވަރެއް ކަމީ ޔަގީންވާ ކަމަކެވެ. ސަބަބަކީ އެއީ ރައްޔިތުންގެ ވިންދެވެ. ރައްޔިތުންގެ އިޙްސާސެވެ. ރައްޔިތުން ދެކެން ބޭނުންވާ ތަރައްގީއެވެ. ދާއިރާގެ ގޮނޑި ކާމިޔާބުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން ރައީސް ހާމަ ކުރެއްވި ތަސައްވަރު ޙަގީގަތަކަށް ހެއްދެވުމަށް ސަލީމު އަތުކުރި އޮޅާލީ ފަހަތް އެނބުރި ބެލުމެއްނެތި ވަރަށް ކެރިގެން ސާބިތު ކަމާއި އެކުގައެވެ. ރައްޔިތުންގެ ކަންކަން ފުރިހަމަ ކުރެއްވުމަށް ސަލީމު ގެންދަވަނީ ހުރިހާ ދޮރޯއްޓެއްގައި ޓަކި ޖައްސަވަމުންވެ. ވަކާލާތު ކުރައްވަމުންނެވެ. ދާއިރާގެ ރައްޔިތުންގެ ޙާލު ވަރަށް ގާތުން ބައްލަވަމުން އޯގާތެރި ކަމާއި ކެތްތެރި ކަމާއެކު ރައްޔިތުންގެ އަޑުއައްސަވަމުންނެވެ. މިއީ ހަމަ ނަމޫނާ މެމްބަރެކެވެ.

ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ސަލީމުގެ ހަރުދަނާ ދުރުވިސްނޭ ތަސައްވަރުގެ ތެރެއިން އެންމެފުރަތަމަ ހިނގައިގަތް ތަރައްގީގެ މަޝްރޫޢުއަކީ އެދާއިރާގެ އެއާރޕޯޓުގެ މަސައްކަތެވެ. ކުރިން ކުރެހިފައި އޮތް ޕްލޭނަށް ހެޔޮބަދަލެއް ގެނުވައި ތިމާވެއްޓަށް ގެއްލުން އެންމެ ކުޑަވާގޮތަށް އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ 16 އޭޕްރީލް 2019 ވަނަދުވަހު އެވެ.

އެމްޓީސީސީއާއި ހަވާލުކޮށް 345,500 އަކަމީޓަރުގެ ބިން ހޯރަފުށީ ފަޅުތެރެއިން ހިއްކަން ނިންމާފައި ވީނަމަވެސް މަސައްކަތް ނިމުނު އިރު އެމްޓީސީސީއިން ވަނީ 842,200 އަކަމީޓަރުގެ ބިން ހަމައެއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭ ހިއްކާ ނިންމާލާފައެވެ. ބިން ހިއްކުމާއެކު އެއާރޕޯޓުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ހިނގައިގަތެވެ. މަސައްކަތުގެ ވަކި ހިސާބަކުން ދާއިރާގެ ރައްޔިތުން ބޭނުންވީ ހޯރަފުށީ އެއާރޕޯޓުގެ ވަކި ޖެޓީއެއްވެސް ހެދުމަށެވެ. މިކަމަށް މަސައްކަތްކޮށްދެއްވައި މެމްބަރު ސަލީމު ވަނީ ރައްޔިތުންގެ އެދުމުގެ މަތިން އެކަން ކުރުމުގެ މަގު ފަހިކޮށް، ރައްޔިތުން ހެއްވާލަ ދެއްވާފައެވެ. ސަލީމަކީ ހަމަ ހަގީގަތުގައިވެސް ރައްޔިތުންގެ މެމްބަރެކެވެ.

ހޯރަފުށީ އެއާރޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާ ޓެސްޓް ފްލައިޓް ޖެއްސީ 16 ނޮވެމްބަރު 2020 ވަނަ ދުވަހުގައެވެ. އެއެއާރޕޯޓަކީ ހއ. އަތޮޅަށް އަދި ޚާއްސަކޮށް އެންމެ އުތުރުގައި އޮންނަ އެ އަތޮޅުގެ އިހަވަންދިއްޕޮޅަށް ދަތުރުކުރުމުގައި ބޮޑު ފަސޭހައެއް ލިބިގެންދިޔަ އެއާޕޯޓެކެވެ. އަދި މިއެއާރޕޯޓަކީ ރައީސް ސޯލިޙުގެ ސަރުކާރުގެ ފުރަތަމަ އެއާރޕޯޓެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ޓެކްސީވޭއަކާއި އެކު 8635 އަކަ މީޓަރުގެ އޭޕްރަންއެއްވެސް ތަރައްގީ ކޮށްފައި ވެއެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއް ހަދާފައި ވެއެވެ. އަދި ހަމައެއާއެކު 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް ހަދާ ފުރިހަމަ ކުރި މިއެއާރޕޯޓަކީ ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް ދާއިރާގެ މެމްބަރު ސަލީމު ކުރެއްވި މިއްނެތް މަސައްކަތުގެ ފޮނި މޭވާ އެކެވެ. ރައްޔިތުން ސަލީމަށްޓަކައި ފަޚުރުވެރިވަނީ އިސްއުފުލައިގެން ކެރިގެން ތިބެއެވެ. އިވެނީ ހަމަ ހެޔޮދުޢާގެ ޝުކުރުގެ އަޑެވެ.

މިއެއާރޕޯޓު މުސްތަގުބަލުގައި ވެގެންދާނީ ހަމަޔަގީނުންވެސް، ޚާއްސަކޮށް ހޯރަފުށީގެ އިގްތިސާދީ ތަރައްގީގެ މައި ދޮރު ކަމުގައެވެ. އެއާރޕޯޓާއި ރަށާއި ގުޅުވައިދޭ ފާލަމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. އިސާހިތަކު ރައީސް ސޯލިޙު ކުރަހާ ދެއްވި ތަސައްވަރުގެ އަނެއްބައި ފުރިހަމަ ވެގެންދާނެ އެވެ. ސަބަބަކީ މިކަމުގެ މޭސްތިރިއަކީ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ރައްޔިތުންގެ ޚާދިމު މެމްބަރު ސަލީމު ކަމަށް ވުމެވެ. ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނުމަށް ސަލީމު ދެން އަތުކުރި އޮޅާލާނީ އެސަރަހައްދުގެ ފަތުރުވެރި ކަމަށެވެ. ހަގީގަތުގައިވެސް ސަލީމަކީ ރައްޔިޔުންގެ ސްޓާރެކެވެ.

މެމްބަރު ސަލީމުގެ ފަރާތުން އެހެން ހުރިހާ މެމްބަރުން ފިލާވަޅު ދަސްކުރަން އެބަޖެހޭ ނޫންތޯއެވެ؟ ސަލީމު ފަދައިން ބޭކާރު އަނގަ ނުތަޅާ ރައްޔިތުންގެ ޙައްގުގައި ހަރުދަނާ މަސައްކަތެއް ކުރުމަށް އެހެން މެމްބަރުން ގާބިލު ނޫނީތޯއެވެ؟ މިއީ އެހެން ދާއިރާތަކުގެ ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލު ތަކެވެ. ޚާއްސަކޮށް އައްޑޫ ސިޓީގެ ރައްޔިތުންގެ ހިތުގައި މިސުވާލު އުފެދޭނެއެވެ.

ރައީސް ސޯލިޙުގެ ސަރުކާރަށް އެންމެ ތާޢިދު އޮތީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ ހުރިހާ މަޖިލީސް މެމްބަރުންނާއި އަދި ކައުސިލަރުންނަކީވެސް ހަމަ ރައީސް ސޯލިޙުގެ ޕާޓީގެ ކުރީ ސަފުގައި ހަރަކާތްތެރިވާ މެމްބަރުންނެވެ. ނަމަވެސް އައްޑޫ ސިޓީގެ މެމްބަރުންގެ ފަރާތުން މިފަދަ ހިކްމަތްތެރި ދުރުވިސްނޭ ގާބިލު ކަމެއް ނުފެނެއެވެ. ހަމަ ޔަގީނުންވެސް ހޯރަފުށީ މެމްބަރު ސަލީމުފަދަ މެމްބަރުން އައްޑޫއަށާއި އެހެން ހުރިހާ ދާއިރާއަކަށް އެބަ ބޭނުންވެއެވެ. ސަލީމެވެ. ތިކުރައްވާ މަސައްކަތަށް ހަމަ ސާބަސް ޙައްގެވެ. ތިޔައީ ނަމޫނާ މެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކަފަކުޑަސޮރު

20-Dec-2020

ސަލީމަށް ހަމަ ސާާބަސްސާބަސްސާބަސް



ޓްރެންޑިން