14 މާރިޗު 2020 - 12:39
(ކުރީގެ އަދަދާއި ގުޅޭ)

[މަޑުކުރޭ....މަޑުނުކޮށްފިއްޔާ ވަޅި މި ހޫރާލަނީ....] ޒާހިރު އުޅުނީ ގީތާ ހުއްޓުވާށެވެ. ނަމަވެސް، ގީތާ އެ އަޑު އިވޭކަމަށްވެސް ނަހަދާ، ދުވަމުން ދިޔައީ އެ އަނިޔާވެރި ވަޙުޝީ ބައްޕަގެ ކިބައިން ސަލާމަތްވޭތޯ ހިތާހިތާ ދުޢާވެސް ކުރަމުންނެވެ.

[މުޑުދާރު މީހާ...އަހަރެންގެ ފަހަތުން ނާދޭ....އަހަރެންގެ ފަހަތުން ނާދޭ....] ގީތާ ދުވަމުން ދިޔައީ ރޮމުން ކޮށިއަރަމުންނެވެ. އޭނާ އަތުވޭތޯ ޒާހިރު މޮޔައެއްހެން ވަޅި ހޫރަމުންދެއެވެ. ގީތާ ދުވަމުން ދުވަމުން ގޮސް ވަނީ، އަނދިރިކަން ވެރިވެފައިވާ ވަލުތެރެއަށެވެ. އެހާ ހިސާބުން ޒާހިރަށް ގީތާގެ ފަސްވެސް ގެއްލުނެވެ. ޒާހިރު މާޔޫސްވިއެވެ. ގީތާ ގެއްލުނު ދިމާ އިރުކޮޅެއް ވަންދެން ހޯދަން ހުރެފައި، ގެޔާ ދިމާއަށް ޒާހިރު ހިނގައިގަތީ، އެހެން ޚިޔާލެއް އޭނާގެ ސިކުނޑިއަށް ވެރިވީމައެވެ.

އޭނާ ނިންމީ، ގީތާ އައިސް ގެޔަށް ވަންނަންދެން ދޮރުމަތީގައި މަޑުކުރުމަށެވެ. ކަޅުފޮއި އަނދިރީގައި އެ އަނދިރި ވަލުތެރެއިން އޭނާ ކިތަންމެ ހޯދިޔަސް، ގީތާ ފެނުން އެއީ ދުރުކަމެއްކަން އޭނާއަށް އެނގެއެވެ.

އިރު އަރަންދެން އޭނާ ހުރީ ދޮރުމަތީގައި ދެކޮޅަށް ކުރުކާލި ކަނޑަކަނޑައެވެ.

[ޒާހިރު! މާ ހެނދުނު ހެނދުނާ ހޭލައިގެން ކީއްތިޔަކުރަނީ؟] ހާސްވެ ކަންބޮޑުވެފައި ހުރި ޒާހިރު ސިހުނީ، ފަހަތުން އިވުނު ޝަޒާދާގެ އަޑުންނެވެ.

[އަހަރެން ފެންބޮވައިގަނެގެން ހޭލެވި، ބޭރަށް ނިކުތްއިރު ދޮރުތައް ހުޅުވާފައި ހުރީމާ، ވަގަކު ވަދެގެން އުޅެނީ ކަމަށް ހީކޮށް، ވަޅިވެސް ހިފައިގެން މިއުޅެނީ.] ކުޑަހިނދުކޮޅެއްގެ ތެރޭގައި ރާވާލައިގެން ޒާހިރު ދޮގު ހެދިއެވެ. އެއަށްފަހު، އޭނާ ޝަޒާދާއާއެކު އެތެރެއަށް ވަނެވެ.

[އެމީހަކު ފެނުނުތަ؟] ޒާހިރުގެ ފަހަތުން އެތެރެއަށް ވަންނަމުން ޝަޒާދާ އެއްސެވެ.

[ދުއްވައިގަތް އަޑު އިވުނު....އެކަމަކު މީހަކު ނުދެކެން.] ޒާހިރު ބުންޏެވެ.

ގީތާ ގޭގައި ނެތްކަން، އެދުވަހު ޝަޒާދާއަށް އެނގުނީ، އޭނާ ނާސްތާ ކުރަން ނައިސް ލަސްވެގެން، ގީތާގެ ކޮޓަރިއަށް ގޮސް ބެލިއިރު، ގީތާ ނެތީމައެވެ.

[ކޮންތާކަށްބާ ގީތާ އެދިޔައީ....މީގެކުރިން ދުވަހަކުވެސް އޭނަ އަހަރެން ގާތު ނުބުނެ، ބޭރަކަށް ނުދޭ....] ޝަޒާދާ ބޯކަހާލީ ކަންބޮޑުވުމުގެ އިޙްސާސާ އެކުގައެވެ.

[ވެދާނެއެއްނު، އެ އިޔާދަކާއެކު ރޭގައި ދަންވަރު ފިލީ ކަމަށްވެސް. ޔަޤީނޭ، އަހަރެން ރޭގައި ވަގެއް ކަމަށް ފެހި މީހަކީ އެއީއޭ.] ޒާހިރު އިޔާދުގެ ބޮލުގައި ތުހުމަތު އެޅުވިއެވެ. ޙަޤީޤަތުގައި ވީވެސް އެހެންނެވެ. ގީތާވީ ތަނެއް ނޭނގިގެން ހޯދަން ފެށުމާއެކު، ރަށުއޮފީހަށާއި އަތޮޅު އޮފީހަށް ގެންގޮސް ސުވާލުކޮށް ތުހުމަތު އެޅުވީ ސީދާ އިޔާދުގެ ބޮލުގައެވެ. ގީތާވީތަނެއް އޭނާއަށް ނޭނގޭ ކަމަށް ތަކުރާރުކޮށް އޭނާ ބުނުމުންވެސް، އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި އޭނާ ހައްޔަރުކުރެވި، އަތޮޅުގައި ހުންނަ ސިފައިންގެ މަރްކަޒާ ޙަވާލުކުރެވުނެވެ.

އެދުވަހު މެންދުރަށް ފެށުމުގެ ކުރިން ސިފައިންނާއި ރަށުއޮފީހާއި ރައްޔިތުން ގުޅިގެން ގީތާ ހޯދުމުގެ މަސައްކަތް ފެށުނެވެ. ގީތާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ލީނާއާއި އޭނާގެ ކްލާސްމޭޓުން ގީތާ ހޯދުމުގެ މަސައްކަތް، ގްރޫޕް ހަދާލައިގެން ކުރިޔަށް ގެންދިޔައެވެ.

[މާތްރަސްކަލާނގެ އިރާދަފުޅުން، ގީތާ ފެންނާނީ އަހަންނަށް...ގީތު ހޯދާނީ އަހަރެން....] ލީނާ އޭނާގެ ބައިވެރިންނަނާއެކު ގަސްތަކުގެ ތެރޭން މަގު ކޮށަމުން ކުރިއަށް (ވަލުތެރެއަށް ވަންނަމުން) ހިނގަމުން ވާހަކަ ދެއްކިއެވެ. ހުރިހާ ކުދިންގެ ޢަޒުމަކީވެސް ގީތާ ފެނުނީމަ ނޫނީ ހޯދުން ހުއްޓާވެސް ނުލުމެވެ.

[އެންމެން ހުއްޓާލިޔަސް، އަހަރެން ހުއްޓައެއްނުލާނަން.] ވަރުބަލިވެގެން މަޑުޖެހިލި ކުދިންނާ ދިމާއަށް އެނބުރި، ލީނާ މިހެން ބުނެފައި، ގަސްތަކުގެ އޮފިތައް ފޭކުރަމުން، ކުރިޔަށް ހިނގަމުންދިޔައެވެ.

[ދެން ތިހެން އުޅެފައި ކަލޭމެން ކުދިން ނުގެއްލެއްޗޭ.] މުސްކުޅިފުރައިގެ ފިރިހެނެއް ކަމުގައިވާ އިދުރީސްބެ، މަޑުކޮށްގެން ތިބި އަންހެން ކުދިންނާ ސަމާސާ ކުރިއެވެ.

[އިދުރީސްބެވެސް ވިސްނައިގެން އުޅެއްޗޭ ގެއްލިދާނެ...] ތިން ކުދިންގެ ތެރޭ ހުރި އެންމެ ލާނެތް އަންހެން ކުއްޖާ، އާދެ! ނާޒްނީން އިދުރީސްބެއާ ދިމާކުރިއެވެ. ގީތާއަށް ގޮވުމަށްފަހު، ނިކަން ބާރަށް ލީނާ ރޮއިގަތް އަޑު އިވުނީ އެވަގުތުއެވެ.

[ގީތު....ގީތު....] އެންމެން އެ އަޑު އައި ދިމާ ފާހަގަކޮށް، އެދިމާއަށް ފިސާރި ބާރަށް ދުއްވައިގެންފިއެވެ. އިދުރީސްބެވެސް މުންޑު އަރުވާޖަހައިގެން ދުއްވައިގަތީ، އެކުދިންނަށްވުރެން ވަކި މަޑެއްކޮށެއް ނޫނެވެ.

އެމީހުންނަށް އެދިމާއަށް ދެވުނުއިރު، އެކި ފަރާތް ފަރާތުން މީހުންތައް އައިސް މުޅި ހިސާބުގަނޑު ވަނީ ތޮއްޖެހިފައެވެ. އެ އެންމެންގެ ތެރޭގައި އޮތް ގީތާގެ ހަށިގަނޑުގައި އޮޅުލަ އޮޅުލާފައި ލީނާ ރޮނީއެވެ. ލީނާގެ ރުއިން މަޑުޖެހުނީ، ގީތާ އޮތީ މަރުވެފައި ނޫންކަމާއި، ގީތާ އޮތީ ހަބަރު ހުސްވެފައިކަން އެނގުނީމައެވެ.

[ގީތާ މަރެއްނުވޭ....ގީތު އެބަ ނޭވާލާ....ނޭވާ އެބަލާ...] މީހުންތަކުގެ ތެރެއިން ފުރޭނިގެން އައިސް، ގީތާގެ ގައިމައްޗަށް ޝަޒާދާ ވެއްޓިގަތީ އެވަގުތެވެ.

މާގިނައިރުތަކެއްނުވެ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގީތާ ގެންދެވުނެވެ. އެހާ ހިސާބުން ޒާހިރުގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ. ގީތާ ހޭއެރީ، ފަރުވާއަށް ފެށިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ.

ލޯ ހުޅުވާލުމާއެކު، ވަށައިގެން ހޯދަން ފަށައިފިއެވެ. އޭނާގެ އެ ޙަރަކާތުން އޭނާ ކޮންމެވެސް ކަމަކާ ފިސާރި ރުޅިއައިސްފައިވާކަން ދޭހަވެއެވެ.

[ކާކު އަހަރެން މިތަނަށް ގެނައީ؟] ގީތާ އޭނާއާ އެންމެ ގާތުގައި ހުރި މަންމަ ގާތު އެއްސެވެ. ޒާހިރު އައިސް އެތަނަށް ވަނީ އެވަގުތެވެ. ޒާހިރު ފެނުމާއެކު، ގީތާއަށް ހީވީ ބިރެއް ފެނުނުހެނެވެ.

[އޭނަ މިތަނުން ނެރޭ....ޑޮކްޓަރު....އޭނަ މިތަނުން ނެރޭ....އަހަރެން ބިރުގަނޭ...] ގީތާ އޭނާގެ ބައްޕައާ ދިމާއަށް އިޝާރާތްކޮށްފައި ބާރަށް ރޮއިގަތެވެ.

[އެއީ ގީތާގެ ބައްޕައެއް ނޫންތަ؟ ހަމަޖެހޭ ގީތާ....މިތާކު ގީތާއަށް އެއްވެސް ނުރައްކަލެއް ނެތް.] ޑޮކްޓަރ ޕްރަކާޝް ގީތާގެ ދެކޮނޑުގައި ހިފާ އެނދުގައި ބާއްވާލިއެވެ.

[ނޫން...އޭނަ މިތަނުން ނެރޭ...އޭނަ އަހަރެން މަރާނެ...އަހަރެން މަރާނެ...މަރާނެ...] ގީތާގެ އަޑު މަޑުމަޑުން މަޑުވަމުން ގޮސް އަނެއްކާވެސް ގީތާގެ ހަބަރު ހުސްވެއްޖެއެވެ. އެވަގުތު ޒާހިރުގެ ސިކުނޑިއަށް ވެރިވެފައިވަނީ، ކަންބޮޑުވުމާއި ހާސްކަމުގެ އަސަރެވެ. މިހާރު ޒާހިރުގެ ހިތަށް އަރަމުންދާ ކަހަލައެވެ. ގީތާ ދެން އެ ލޮލެއް ނުހުޅުވާނެއެވެ. ދުނިޔޭގައި ދެން އުޅެން ޖެހޭނީ އޭނާ ނޫނީ އަހަންނެވެ.

[ޒާހިރު އެއްވެސްއިރަކު އޭނާއަށް ބިރު ދެއްކިންތަ؟ މިބުނީ އޭނައަށް އެއްވެސް އަނިޔާއެއްކޮށް އެއްޗެހި ކިޔާ ހެދިންހޭ؟] ޒާހިރު އެއްފަރާތަކަށް ގެންގޮސް، ޑޮކްޓަރ ޕްރަކާޝް ވާހަކަ ދެއްކިއެވެ.

[އޭނަ ލޯބިވެގެން އުޅޭ ކުއްޖަކާ ވާހަކަ ދެއްކުން އަހަރެން މަނާކުރިން. އިތުރު ކަމެއް ނުކުރަން.] ޒާހިރުގެ ޖަވާބު ނިކަން ހުޝިޔާރެވެ.

[އެހެންދޯ އެވީ....އެކުއްޖަކުދެކެ މާބޮޑަށް ލޯބިވަނީތާދޯ؟] ހިސާބަކަށް ދިވެހިބަހުން ވާހަކަ ދައްކަން ދަންނަ ޑޮކްޓަރ، ދެބަސް މަސްހުނިކޮށްގެން ބުންޏެވެ.

[އަހަރެން އެކަން ހަމަޔަކަށް އަޅުވާނަން...] ޒާހިރު ބުންޏެވެ. ޙަޤީޤަތުގައި މިހާރު އޭނާ އެހުންނަނީ ފިސާރި ބިރުގެންފައެވެ. އޭނާއަށް ޔަޤީނެވެ. ގީތާއަށް ކިރިޔާ ފުރްޞަތެއް ލިބުނަސް، އޭނާ ފަޟީޙަތް ކުރާނެއެވެ. އޭރުން އޭނާގެ ޙަޔާތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރަށުގެ ގިނަބަޔަކު އޭނާއަށް ކުރި ޤަދަރާއި އިޙްތިރާމްގެ އަގު ވެއްޔާ މޮޑެވިގެންދާނެއެވެ. އެދުވަސް ދެކޭކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.

އަމިއްލަ ދަރިފުޅު ކަމުގައިވިޔަސް، އެއަށްވުރެން ކުރިން އެދަރިފުޅުގެ ދުވަސް ނިންމާލުމަށް އޭނާގެ ހިތް އޭނާއަށް މަޖުބޫރު ކުރުވަން ފަށައިފިއެވެ.

ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެރޭ ގީތާ އޮތީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާފައެވެ. ގާތުގައި ހޭހަންކޮށްދޭން ޒާހިރާއި ޝަޒާދާއާ ދެމީހުންވެސް ތިއްބެވެ.

[ޝަޒާ....ދޭ އިބްރާހީމާއެކު ގެޔަށް ނިދަން. ފަތިހު އާދޭ....އެމަންޖެއަށް ހޭލެވޭނީވެސް ހެނދުނު. އޭގެކުރިން ޝަޒާގެ އެހީއެއް ބޭނުމެއް ނުވެސްވާނެ...] ޒާހިރު އޭނާގެ ސަލާމަތަށް މަގުކޮށިއެވެ. ޝަޒާދާ ނުދާން ހުރެފައިވެސް އޭނާގެ ކޮއްކޮ އިބްރާހީމާއެކު ގެޔަށް ދިޔުމަށްޓަކައި ނުކުމެއްޖެއެވެ. ޒާހިރު ވިހަ ހިނިތުންވުމަކާއެކު، ގީތާގެ މަޢުޞޫމް މޫނަށް ބަލައިލިއެވެ. މިހާރު އޭނާ އެވަނީ އެ މަޢުޞޫމް ކުއްޖާގެ ފުރާނައަށް ފެން ބޮވައިގެންފައެވެ. މަޤްބޫލު ކުށަކާ ލައިގެނެއް ނޫނެވެ. ގީތާއަށް ކުރެވުނު ކުށެއް ކަމަށް އޭނާ ޤަބޫލުކުރަނީ، އޭނާގެ ޝަހުވާނީ އުފާތަކަށް މަރުޙަބާ ނުކިޔުމެވެ.

ދަންވަރެވެ. އިޔާދު ސައިކަލް، އޭގެ ބާރު ދުވެލީގައި ދުއްވަމުން ދިޔައެވެ. ހިތަދުއަށް ގޮސް ލޯބިވެރިޔާގެ ޙާލު ދެކެލުމަށެވެ. އޭނާގެ ހިތް އެދެނީ، ލޯބިވެރިޔާއަށް ހޭހަންކޮށްދިނުމަށް ހޮސްޕިޓަލްގައި ހުރުމަށެވެ. ގާތުގައި ނުހުރެވުނަސް، ގީތާ ފެންނަފަށުގައި ހުރުމަށް އޭނާގެ ހިތް އެދެއެވެ. އެހެންކަމުން، ރައްޓެއްސެއްގެ ސައިކަލެއްގައި އަޑިގުޑަން މަގުތައް ކަޑައްތު ކުރަމުން އެދަނީ، ލޯބީގެ ޙައްޤުގައެވެ.

ބައެއް މީހުން ދަންވަރު ދެރަށް ދޭތެރެއިން ދުއްވަން ބިރުގަތަސް، އޭނާގެ ހިތަކު އެއްވެސް ބިރުވެރި ކަމެއް ނެތެވެ. އޭނާގެ ހިތުގައި އެނބުރެމުންދަނީ ހަމައެކަނި ގީތާގެ ހަނދާންތަކެވެ. ގީތާގެ ޙާލު ހިތަށްއަރައަރާހެން އޭނާ ސައިކަލްގެ ރޭހަށް ވާންކޮށް، ދުވެލި ބާރުކުރެއެވެ. އޭނާގެ ހުރިހާ ޚިޔާލަކާއި ފިކުރެއްވެސް ވަނީ ގީތާއާ އެކުގައެވެ. ބާރު ދުވެލީގައި ދުއްވަމުން އައި އިޔާދުގެ ޙަޔާތް، އިތުރު ބަދުނަޞީބަކާ ކުރިމަތިވީ، އޭގެ ފަސްވަރަކަށް މިނިޓް ފަހުންނެވެ. ހިތަދޫއިން މަރަދުއަށް ދުއްވާފައި އައި ކާރެއްގައި ޖެހި، އޭނާ ބުރައިގެން ގޮސް ޖެހުނީ ކާނި ގަހެއްގެ ބުޑަށެވެ. ވީ ހާނީއްކައިގެ ސަބަބުން ވަގުތުން އޭނާ ހޭނެތި، ބޮލާއި ނޭފަތުން ކަށިކަށްޓަށް ލޭ އޮހޮރިގަތެވެ. އެއީ އިތުރު ކާރެއްވެސް އެހިސާބަށް އަރާ ހަމަވި ވަގުތެވެ.

ފަހުން އައި ކާރުގެ ޑްރައިވަރާއި އެކްސިޑެންޓްވި ކާރު ދުއްވަން އިން ޑްރައިވަރުގެ އެހީގައި އިސާހިތު އިޔާދު ހޮސްޕިޓަލަށް ގެންދެވުނެވެ.

ޒާހިރު އޭނާ އިށީނދެ އިން ގޮނޑި ގީތާ އޮތް އެނދާ ތަންކޮޅެއް ކައިރިއަށް ޖައްސާލިއެވެ. އެއަށްފަހު، ނިދިފައި އޮތް ގީތާގެ މޫނަށް އޭނާ ބަލައިލިއެވެ. ނަރުސް ދެކުއްޖަކު އައިސް ވަނީ އެވަގުތުއެވެ. އޭގެތެރެއިން އެކަކީ، ޒާހިރުގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެކެވެ.

[އަނހަ ޒާހިރުބޭ....ދަރިފުޅުތަ؟] ނަރުސް އަންހެން ކުއްޖާ ޝާހިޔާ އެއްސެވެ.

[އާނ، ކޮބާ ބައްޕަމެންގެ ޙާލު ރަނގަޅުދޯ. މިހާރު ނިކަން ދުވަސްވެއްޖޭ، ތިގެޔަށް ނުދެވޭތާވެސް.] ޒާހިރު ބުންޏެވެ.

[މާތްރަސްކަލާނގެ އިރާދަފުޅުން އެންމެންގެ ޙާލުވެސް ރަނގަޅު.] ޝާހިޔާ ބުންޏެވެ.

[ބޭރުތެރޭން މާ ހޭލަމޭލަވުންތަކުގެ އަޑު ގަދަވެގެން އުޅެނީ، އަނެއްކާ ކީއްވީތަ؟] ޒާހިރު އެހިއެވެ.

[އެކްސިޑެންޓެއްވެގެން މީހަކު ގެނެސްގެން އުޅެނީ؟] ޝާހިޔާ އޮޅުންފިލުވައިދިނެވެ. އެއީ ކާކުތޯ ބަލަން ދިޔުމަށް ޒާހިރުގެ ހިތް އެދުނެވެ.

[ކޮން ރަށަކު މީހެއްތަ؟] ޒާހިރު ގޮނޑިން ތެދުވަމުން އެއްސެވެ.

[މަރަދޫ މީހެކޯ....އަދި އޭނާގެ ޢާއިލާގެ ބަޔަކަށްވެސް ނޭނގޭ. ނަން އެނގުނީ ޖީބުގައި އޮތް އައި.ޑީ ކާޑުން...އިޔާދު ކިޔަނީ...] ޝާހިޔާ އޮޅުންފިލުވައިދިނެވެ.

އެއީ ގީތާ ހޭލެވުނު ވަގުތު ކަމަށްވުމުން، ނަރުސް އަންހެން ކުއްޖާ ދެއްކި ވާހަކަ ރަނގަޅަށް ގީތާއަށް އަޑުއިވުނެވެ. އެހެންވެ، އެކްސިޑެންޓް ވެގެން އުޅެނީ އޭނާގެ ހިތުގެ ބައިވެރިޔާކަން އޭނާއަށް ވަގުތުން ޔަޤީން ކުރެވުނެވެ. އޭނާ ސިއްރު ސިއްރުން ޒާހިރު ނުކުތްތަން ބަލަން އޮވެފައި ތެދުވެއްޖެއެވެ. އެއަށްފަހު، އަތަށް ގުޅާފައި ހުރި އައި.ވީ ހޮޅި ނައްޓާލުމަށްފަހު، ސިއްރުން އެތަނުން ނުކުމެއްޖެއެވެ. ނަޞީބު ދިމާކުރިގޮތުން އެ ދަންވަރު އޭނާ އެތަނުން ނުކުތްތަން އެއްވެސް މީހަކު ނުދެކެއެވެ. ލޯބިވެރިޔާގެ ޙާލު ދެކެލުމަށް ކިތަންމެ ހިތް އެދުނު ކަމުގައިވިޔަސް، ފުރަތަމަ އޭނާ ޤަޞްދުކުރީ ބައްޕަގެ ކިބައިން ސަލާމަތްވުމަށެވެ.

އެކްސިޑެންޓްވެ ހާނިއްކަވެފައި އޮތީ އިޔާދުކަން ޔަޤީންވުމުން، ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ޒާހިރު އެނބުރި އައިސް ވޯޑަށް ވަންއިރު، ގީތާ ނެތުމުން ޒާހިރު ފުރަތަމަ ސުވާލުކުރީ، ޖެހިގެން ހުރި އެނދުގައި އޮތް ބަލި މީހާއާއެވެ. ނަމަވެސް، އޭނާ ގީތާދިޔަ ތަނެއް ނުދެކެއެވެ. އޭނާ ބުނީ ގީތާ ދިޔައީ އޭނާއަށް ނިދިޖެހުނު ވަގުތު ކަމަށްވެސް ވެދާނެ ކަމަށެވެ. ޒާހިރު ފުރަތަމަ ހޮސްޕިޓަލްގެ އެތަން މިތަން ހޯދަން ފެށިއެވެ. ނަރުހުންގެވެސް އެހީއާ އެކުގައެވެ.

ގީތާ ކަނު އަނދިރީގައި ހޮސްޕިޓަލްގެ ފުރަގަހުގައި އޮންނަ ބިޔަ ވަލަށްވަދެ، ދުވަމުން ދިޔައީ އެ ގޮތެއް ނެތް ބައްޕަގެ މޫނު ދުވަހަކުވެސް ދުށުމަށް ބޭނުންނުވާތީއެވެ. މިވަގުތު އޭނާ ހަމައެކަނި ބިރުގަންނަނީ އެ ބައްޕަ ދެކެއެވެ. އެ އަނދިރި ވަލުތެރޭން ދުވެފައިދާއިރު، އެ ބިރުވެރިކަން ފިޔަވައި، އިތުރު ބިރުވެރިކަމެއް އޭނާގެ ހިތުގައި ނުވެސްވާފަދައެވެ.

އެރަށުގައި ހުންނަ އޭނާއާ އެއް ކްލާހެއްގައި ކިޔަވާ ރަޙްމަތްތެރިޔާ އޫޝާގެ މަތިން އޭނާ ހަނދާންވީ ކުއްލިއަކަށެވެ. އޫޝާގެ ގެޔަކީ އޭނާ ސްކޫލްގެ އިންޓަވަލް ގަޑީގައި ވަރަށް ގިނައިން ގޮސް އުޅޭވެސް ގެއެކެވެ. އެ ހަނދާންވުމާއެކު، އޭނާ އެގެޔަށް ދިޔުމަށްޓަކައި މިޞްރާބު ބަދަލުކުރިއެވެ. ނަމަވެސް، އެއީ އޭނާއަށް މިހާރު ހުރެވުނު ހިސާބާ ވަރަށް ދުރެވެ. އެހެންކަމުން، އެގެޔަށް ހެނދުނު ދާނަމޭ ހިތާ އޭނާ އުނިގަހެއްގެ ބުޑުގައި ޖައްސާލައި ދިގުދެމިލިއެވެ. އިސާހިތު އޭނާގެ ދެލޮލަށް ބަރުވެފައިވާ ނިދީގެ އަސަރުން އޭނާ ނިންދަވާލައިފިއެވެ.

ގީތާއަށް ހޭލެވުނީ ފަތިހުގެ ފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހި، ހީކަރުވާފާޑުގެ ގޮތްތަކެއްވާން ފެށީމައެވެ. ހޭލެވުމާއެކު އޭނާ ހިނގައިގަތީ، އޫޝާގެ ގެޔަށް ދިޔުމަށެވެ. އޭނާ ބޭނުންވަނީ ބައްޕަގެ ކިބައިން ސަލާމަތްވުމަށް އޫޝާގެ ކިބައިން ވަގުތީ ޙިމާޔަތެކެވެ.

ގީތާގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް، ދެން ލިބޭނީ ކޮންމެވެސް މީހަކަށް ބައްޕަގެ އެ މުޑުދާރު ޢަމަލުތަކުގެ ވާހަކަ ކިޔައިދެވިގެން ކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ.

އެއީ އިންސާނީ ޠަބީޢަތެވެ. އެފަދަ ސިއްރުތައް، ގާތްތިމާގެ މީހަކު ނޫނީ ރައްޓެއްސަކާ ޙިއްޞާ ކުރުން އެއީ ލިބޭނޭ ބޮޑު ހިތްހަމަޖެހުމެކެވެ. ޙަޤީޤަތުގައި މިހާރު ގީތާ އެންމެ ބޮޑަށް ބޭނުންވަނީ އޭނާގެ މަންމައާ އެކަނި ބައްދަލުކޮށް، ބައްޕަގެ އެ ފާޙިޝް ޢަމަލުތަކުގެ ވާހަކަ މަންމައަށް ކިޔައިދޭށެވެ. ނަމަވެސް، އެވާހަކަ ކިޔައިދިނުމުން މަންމަ ފަކީރަށް ވެދާނެ ގޮތަކާ ދޭތެރޭ އޭނާއަށް ވިސްނި، އޭނާވެސް ދެރަވޭމެއެވެ.

ނަމަވެސް، އެނޫން ގޮތަކަށް ޒާހިރުގެ ފުށުން ސަލާމަތްވެވޭނެ ކަމަކަށް ނުފެނެއެވެ.

[ނުފެނެއޭ...ކީއްކުރަންތަ ޒާހިރު އެމަންޖެ އެކަނި ބާއްވާފައި ބޭރަށް ނުކުތީ؟] ޝަޒާދާ ރުޅިގަނޑު ބޭލީ ޒާހިރަށެވެ.

[އަހަރެން ބޭރަށް ނުކުމެ ނުވާނެ، ދިހަވަރަކަށް މިނިޓްވެސް. އޭނައަށް އެހެންއެވީ، ޝަޒާވެސް އޭނަދެކެ މާބޮޑަށް ލޯބިވާތީއޭ.] ޒާހިރު ބުންޏެވެ. ޝަޒާދާއަށް ރޮއިގަނެވިއްޖެއެވެ.

[ހިތްވަރުކުރޭ ޝަޒާދާ.] ޝަޒާދާގެ ބޮލުގައި ޒާހިރު ފިރުމާލިއެވެ.

[ޒާހިރު...އަހަންނަކަށް އެމަންޖެއާ ވަކިން ކެތެއް ނުވާނެ. ދެންވެސް ޒާހިރު، އެމަންޖެގެ އެ ގުޅުމަށް އާނ ބަސް ބުނެބަލަ.] ފިރިމީހާގެ މޭގައި ބޯއަޅައިގެން ހުރެ ޝަޒާދާ ބާރަށް ރޮމުންދިޔައެވެ.

ގީތާއަށް ޙިމާޔަތްދޭން އޫޝާ ފުރަތަމަ ފަސްޖެހުނެވެ. ނަމަވެސް، އެއީ އޭނާގާތު ގީތާ ފުރަތަމަފަހަރަށް ކަމަކަށް އެދޭފަހަރު ކަމަށްވާތީ، އޭނާ ގީތާއަށް ޙިމާޔަތް ދިނެވެ. އެގެޔަށް ވަދެ، އޫޝާއާއެކު އެކަނިވެވުމާއެކު، ގީތާގެ ބަޑި ފަޅައިގެންދިޔައެވެ. އޭނާއަށް އޫޝާގެ ކޮނޑުގައި ބޯއަޅާލެވުމާއެކު، ނިކަން ބާރަށް ރޮއިގަނެވިއްޖެއެވެ.

[އޫޝާ އަހަރެން ސަލާމަތްކުރޭ....] ގީތާއަށް ގިސްލެވެން ފަށައިފިއެވެ.

[ބުނެބަލަ...ގީތު...ކީއްވެތަ ހޮސްޕިޓަލުން ފިލައިގެން ތިއައީ...] ގީތާގެ ބޮލުގައި ފިރުމަމުން އޫޝާ އެއްސެވެ.

[އެއީ އަހަންނަށްޓަކައި އަމާން ތަނެއް ނޫން. ގޭތެރޭން ކުރިމަތިލާން ޖެހުނު ބިރުވެރިކަމާ ހޮސްޕިޓަލުންވެސް ކުރިމަތިވާނެކަން އެނގޭތީ އަހަރެން މިއައީ....] ގީތާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ. މިހާރު އޭނާގެ ހިތަށް އެބައަރައެވެ. ބައްޕަ ޒާހިރުގެ ވަޙުޝީ ވަކިތަކުގެ ވާހަކަ އޫޝާއަށް ކިޔައިދޭށެވެ.

[އޫޝާ، އަހަރެން، އަހަންނަކީ ކޮންފަދަ ބޮޑު ބަދު ނަޞީބުވެރިއެއް...މަންމަގެ ފުރިހަމަ ލޯތްބާއި އޯގާތެރިކަން ލިބުނު ކަމުގައިވިޔަސް....] ގީތާ ކޮށިއެރިއެވެ. ވެދާނެއެވެ. އަމިއްލަ ދުލުން ޙަލާލު ބައްޕައެއްގެ މުޑުދާރު ޢަމަލުތަކުގެ ވާހަކަ ހިލޭ މީހަކަށް ކިޔައިދޭން އޭނާ ފަސްޖެހުނީއެވެ.

[ގީތު...ބުނަން ތިއުޅޭ ވާހަކައެއް، ތަފްޞީލުކޮށް ބުނެބަލަ.] އޫޝާ ބުންޏެވެ.

[އޫޝާ...އޫޝްއަށް އެވާހަކަ ކިޔައިދެވޭހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް....އޫޝްއަށް އެފަދަ ކަމެއް މެދުވެރި ނުކުރައްވާށި...] ގީތާގެ އަޑު ބެދިއްޖެއެވެ.

[ނުރޮއޭ....ގީތު...ގީތު މަންމައަށް ގުޅަންވީނު.] އޫޝާގެ ލޮލުންވެސް ކަރުނަ ހިލިއްޖެއެވެ. މަންމައަށް ގުޅައިދޭށޭ ބުނާފަދަ ގޮތަކަށް ގީތާއަށް ބޯހަލުވާލެވުނެވެ.

[މަންމައަށް އެވާހަކަ ކިޔައިދޭން އަހަންނަށް ހިތްވަރު ލިބޭނެބާ....] ގީތާއަށް ހިތާހިތާ އަހާލެވުނެވެ.

[އަންނާނަން ފޯނު ހިފައިގެން...] އޫޝާ ކޮޓަރިން ނުކުތެވެ. ގީތާ ދެލޯ ފޮހެލިއެވެ. އިރުކޮޅެއްނުވެ އޫޝާ ފޯނު ހިފައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

[އަނ....ގުޅާބަލަ ޝަޒާއްތައަށް....] އޫޝާ އޭނާގެ އަތުގައި އޮތް ކޯޑްލެސް ފޯނު ގީތާގެ އަތަށް ދިނެވެ. ގީތާ ފަސްޖެހިފައި ހުރެ، އޭނާގެ ގޭގެ ނަންބަރަށް ފިތާލިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. އެކޮޅުން ބައްޕަ ޒާހިރު ނަގާފާނެތީ އޭނާ ފަސްޖެހެނީއެވެ.

ވީވެސް އެހެންނެވެ. ފޯނު ނެގީ ޒާހިރެވެ. ޒާހިރުގެ އަޑު ޖެހުމާއެކު، ގީތާ ފޯނު ބޭއްވިއެވެ.

[ކީއްވެ ބޭއްވީ؟] ގީތާ ވާހަކަ ނުދައްކައި ފޯނު ބޭއްވުމުން، އޫޝާ އެއްސެވެ.

[ފޯނު ނެގީ މަންމައެއް ނޫން.] ގީތާ ޒާހިރަށް ބައްޕަގެ ނަމުން މުޚާޠަބު ކުރަންވެސް ބޭނުންނުވާ ކަހަލައެވެ.

[ބައްޕަދޯނެގީ....؟] އޫޝާއަށް ވިސްނުނެވެ. އިރުކޮޅަކުން ގުޅާށޭ ބުނެފައި، އޫޝާ ދިޔައީ ގީތާއަށް ސައި ހަދަން ބަދިގެއަށެވެ. ގީތާ އިރުކޮޅަކުން އަނެއްކާވެސް އެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ނަޞީބު ދެރަ އިއްތިފާޤެކެވެ. މިފަހަރުވެސް ފޯނުނެގީ ޒާހިރެވެ. ގީތާ މިފަހަރުވެސް ފޯނު ބޭއްވީއެވެ.

ޒާހިރަށް ޝައްކު ކުރެވުނީކީ ނޫނެވެ. އެ ގުޅަނީ ގީތާކަން އޭނާއަށް ގައިމެވެ. ޔަޤީން ކުރެވުމާއެކު، އިސްވި ރުޅިއާއެކު އޭނާ ފޯނުގެ ވާގަނޑު އުފުރާލިއެވެ.

[ކިހާބޮޑު ދުއްތުރާލެއްމީ...މިފަދަ ވަގުތެއްގައި ކޮން ޖެއްސުމެއް ކުރާކަށް.] ވާގަނޑު އުފުރާލުމަށްފަހު، ޒާހިރު ފޯނުވެސް ހޫރާލިއެވެ.

[ޒާހިރު....އެމަންޖެގެ ޚަބަރެއް ނުވެގެން އުޅޭއިރު، ފޯނު ހަލާކުކުރީމަޔޯ؟] ޝަޒާދާ ހިތްހަމަނުޖެހިފައި ބުންޏެވެ.

[ރުޅިއާދެވޭނެއެއްނު....ގުޅަގުޅާފައި އެބަ ކަނޑާވިއްޔަ....ދެން ޖެއްސުމެއް ނުކުރެވޭނެއެއްނު.] ފުނޑުފުނޑުވެފައި އޮތް ފޯނު ގެންގޮސް ކުނި ވަށިގަނޑަށް ޒާހިރު ލިއެވެ.

[މިހާރަކަށް އައިސް ޒާހިރު ގާތަށް ތިޔަހަރަ އަންނަނީ ކޮންކަހަލަ ރުޅިއެއްތަ؟] ހިތްދަތިވެ ރޮވިފައި ހުރި ޝަޒާދާ ބުންޏެވެ.

[ރުޅިގަދަވެސްވާނެ. އެ ގީތާވެސް ފިލަފިލައިގެން އެއުޅެނީ އަހަރެމެން ބަދުނާމް ކުރަންތަ؟] ޒާހިރުގެ ގުޅިގަދަވިއެވެ.

[އެމަންޖެއަށް އެހެންއެވީ ޒާހިރުގެވެސް ފާޑުން. އެމަންޖެ އެކުއްޖަކާ ވާހަކަ ދައްކަން އިންދާ ފެނުނު ފުރަތަމަ ރޭވެސް ޒާހިރު ޢަމަލުކުރީކީ މުޅިން ރަނގަޅަކަށް ނޫން.] ޝަޒާދާ ޒާހިރު ކުށްވެރިކުރިއެވެ.

[ހޫނ....އަހަރެންވީ އޭނަ ޖަހާހާ ބެރަކަށް ނަށަންދޯ؟] ޒާހިރު ނުކުމެގެން ހިނގައިގަތެވެ. ގީތާގެ ރަޙްމަތްތެރިޔާ ލީނާ ނިކަން ބާރަށް ހިނގާފައި އައިސް އެތެރެއަށް ވަނީ ޒާހިރު ނުކުމެގެންދިޔަތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ.

[ޝަޒާއްތާ....މިގެއިން ފޯނު ނުނަގަނީ ކީއްވެ؟] އެތެރެއަށް ވަންނަމުން، ލީނާ ވާހަކަ ދެއްކިއެވެ.

[ފޯނު އެއޮތީ ޒާހިރު ހަލާކުކޮށްލާފަ....ކިހިނެއްވީ ގީތާގެ ޚަބަރެއްވީތަ؟] ފޯނަށްވީގޮތް އޮޅުންފިލުވައި ދިނުމަށްފަހު، ޝަޒާދާ އެއްސެވެ. ލީނާ އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ.

[ކޮބައިތަ އެ މަންޖެ....؟] ޝަޒާދާ ތެޅިގަތެވެ. އެގެއިން ފޯނު ނުނަގާތީ، ގީތާ ލީނާއަށް ގުޅި ވާހަކައާއި، އޭނާ މިވަގުތު ހުރީ ހިތަދޫ ގެއެއްގައި ކަމަށް ބުނެ، ލީނާ އޮޅުންފިލުވައިދިނެވެ.

[ނުދޭތަ ނަމްބަރެއް؟] ލިބުނު ހިތްހަމަޖެހުމާއެކު، ޝަޒާދާ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

[ނަމްބަރުވެސް ދިން. އެކަމަކު ބުނީ ޒާހިރުބޭ ގާތު ނަމްބަރާއި، އޭނާހުރި ތަން ނުބުނުމަށް ވަޢުދު ކުރުވާފައި ނުނީ ނަމްބަރުވެސް ނުދޭށޭ....އަދި ބުނީ އަހަރެމެން ގެޔަށް ގޮސް ތިމަންނައަށް ގުޅާށޯ....] ލީނާ ތަފްޞީލު ދިނެވެ. ވަގުތުން ޝަޒާދާ ލީނާއާއެކު ދާން ބޭނުންވިއެވެ.

[އަވަހަށް ހިނގާ....އަހަންނަށް ދެން އެންމެ ހިނދުކޮޅަކަށްވެސް ކެތެއްނުވާނެ.] ޝަޒާދާ ތެދުވެ ލީނާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ހިނގައިގަތީ ޒާހިރު އައުމުގެ ކުރިން ދިޔުމަށެވެ.

[ކޮންތާކަށް؟] ގެއިން ނުކުމެ ނުކުމެ ހުރި ޝަޒާދާ ސިހުނީ ޒާހިރުގެ އަޑުންނެވެ.

[ހޮސްޕިޓަލަށް...އިޔާދު ގާތަށް.] ގީތާ ވާހަކަ ދެއްކީ އޫޝާއާއެވެ. އޭރު ގީތާ އޫޝާގެ ހެދުމެއް ލައިގެން ނަލަހެދެނީއެވެ. އޫޝާ ދެފައި ވައްކޮށްލައިގެން އެނދުގައި އިނެވެ. ގީތާ ބޮލުފުނާވެސް އެޅީ ކުރިން އޭނާ ދުވަހަކުވެސް ނާޅާ ގޮތަކަށެވެ. އޭގެއިތުރުންަ ކުރިން ދުވަހަކުވެސް އޭނާ ނުކުރާ ކަމެއްވެސް ކުރިއެވެ. ތުންފަތާއި ނޭފަތުގައި ކުލަ އުނގުޅައި، ދެކޯތާފަތްވެސް ކުލައިން ރަތް އަރުވާލިއެވެ.

އާއެކެވެ. މިހާރު ލޯގަނޑު ކުރިމައްޗަށް ހުއްޓި އެހުރީ ކުރީގެ ގީތާއެއް ނޫނެވެ. އެއީ މުޅިން ތަފާތު ކުއްޖެކެވެ. ގައިމެވެ. ހެނދުނު ފެނުނު މީހަކަށް މިހާރު އޭނާ ފެނުނަސް އެއީ ކާކު ކަމެއް ނޭނގޭ ވަރަށް މޭކަޕުން އޭނާގެ ސިފަވަނީ ބަދަލުވެފައެވެ.

[އަޅެ ގީތު މާ ރީއްޗޭ، ތިކަހަލަ ހެދުންލީމާ.] އޫޝާ ގީތާގެ ބޮލުގެ މައްޗަށްވާގޮތަށް، ހުޅި ޖަހައިދެމުން ތަޢުރީފް ކުރިއެވެ.

[ނިމިއްޖެއެއްނު...އަވަހަށް ހިނގާ ދާން....މިހާރު އަހަރެންގެ އިޔާ އޮތް ޙާލެއްވެސްނޭނގެ.] ގީތާ އެތާ އެނދުގެ ފަޑިމަތީގައިހުރި މޭޒުމަތީ ގަޑިއަށް ބަލައިލިއެވެ. އޫޝާވެސް ކުޑަގޮތަކަށް ނަލަހެދިލައިގެން ހޮސްޕިޓަލަށް ދިޔުމަށްޓަކައި ގީތާއާއެކު ހިނގައިގެންފިއެވެ.

އިޔާދު އޮތް ވާރޑް ދެނެގަތުމަށްޓަކައި، މަޢުލޫމާތުދޭ ކޮށިގަނޑު ކައިރިޔަށް އެވެރިން ފުރަތަމަ ގޮސް، އިޔާދު އޮތް އެނދު ނަމްބަރު ސީދާ އޮޅުންފިލުވިއެވެ. އެ ހޮސްޕިޓަލަކީ އޫޝާ ނިކަން ގިނައިން އައިސް އުޅޭ ތަނަކަށް ވުމުން، ގީތާ ހީކުރި ވަރަށްވުރެން އެތަނަށް އޫޝާ ފަރިތައެވެ.

މިތާނގެ ހުރިހާ ކަމެއްވެސް އޫޝާއަށް އެނގޭދޯ؟] އޫޝާގެ ޙަރަކާތްތަކާއި ޢަމަލުތައް ބަލަން ފަހަތުގައި ހުރެފައި ގީތާ ބުންޏެވެ.

[ބަލަ...ގީތު މިއީ އަހަރެންގެ ރަށޭ....އަދި އެހެން ނޫނަސް، މަންމަމެން ބުނާއަޑު އަހަން، އަހަރެން އުފަންވީވެސް މިތަނަށޭ....] އޫޝާ ސަމާސާ ކޮށްލިއެވެ.

[މިތަން މިރަށުގައި ހުންނާތީ ވަރަށް ފަޚުރުވެރިވަމުދޯ؟] ގީތާ ބުންޏެވެ. އޭރު އެމީހުނަށް އާދެވިފައި ތިބީ އިޔާދު އޮތް ވާރޑް ކުރިމައްޗަށެވެ. ފުރަތަމަ އެތެރެއަށް ވަނީވެސް އޫޝާއެވެ. ނަމަވެސް، ކުރިން ދުވަހަކުވެސް އޭނާ އިޔާދު ދެކެފައި ނުވާތީ، އެތެރެއަށް ވަންއިރު، އެންމެ ދިމާއަށް ހުރި އެނދުގައި އޮތް އިޔާދު ފެނުމުންވެސް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން، އޭނާ ބަލަމުން ދިޔައީ އެނދު ނަމްބަރަށެވެ. އޭރު ގީތާއަށް ހުރެވުނީ، ޙާލު ދެރަވުމުގެ ސަބަބުން ނިދިފައި އޮތް ލޯބިވެރިޔާއަށް ބަލަހައްޓައިގެން ގަބުއަރާފައެވެ. އޫޝާއަށް ރޭކާލީ، އެ މަންޒަރު ފެނުނީމައެވެ.

[އެއީތަ އިޔާދަކީ...ހިނގާބަލަ އެތާ ކައިރިއަށް.] އޫޝާ ގީތާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އެހިނދު ގީތާގެ ދެލޯ ފެންކަޅިވެ، އިސާހިތު އެ ދެލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. އޭރު އެތާނގައި ހޭހަންކުރަން އިން އިޔާދުގެ ބޭބެ ޝިހާދު ގޮނޑިއަކަށް ދެފައި ދަމާލައިގެން ނިދިޖެހިފައި އިނެވެ. އޭނާއަށްވެސް އަދި އިޔާދަށްވެސް ހޭލެވުނީ ކަރުނުން ބަރުވެފައިވާ ގީތާގެ އަޑަށެވެ.

[އިޔާދު...ކޮން ޙާލެއްގައި އިޔާ ތިއޮތީ....] އަޑު އިވުމާއެކު، މަޑުމަޑުން އިޔާދުގެ އެސްފިޔަ ޙަރަކާތް ކުރިއެވެ.

[ގީ....ގީތު....] އިޔާދުގެ އަޑުގައި ވަރެއނެތެވެ. ހީވީ ގަދަކަމުން އަޑު ނެރުނުހެންނެވެ.

[އާނ...ގީތު....އަހަރެން މިއައީ މާތްރަސްކަލާނގެ އިރާދަފުޅުން، ދާއިމަށް އިޔާދުގެ ގާތަށް. ދެން ދުވަހަކުވެސް އިޔާދާ ދުރަކަށް ނުދާނަން.] ގީތާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިޔާދު އޭނާގެ ޒަޚަމްވެފައިވާ އަތުން ގީތާގެ އަތުގައި ހިފާލިއެވެ. އެއަށްފަހު، އިޔާދު، ގީތާއަށް އޭނާއަށް އެ ޙާލަތު މެދުވެރިވީ ސަބަބު އޮޅުންފިލުވައިދިނެވެ. ގީތާ ބޮޑަށް ދެރަވީ، އިޔާދު އެވާހަކަ ކިޔައިދިނީމައެވެ. އާއެކެވެ. އިޔާދު އޭނާދެކެ ލޯބިވާ މިންވަރު ތަޞައްވުރު ކުރެވުނީމައެވެ. ވުމާއެކު، ކޮށްފައިވާ ފުން އަސަރާއެކު، އެހިނދު އޭނާއަށް ކޮންމެވެސްވަރެއްގެ އުފާވެރި ކަމެއްވެސް އިޙްސާސް ކުރެވުނެވެ.

[ގީތު....ގީތުގެ ބައްޕަމެން ގީތު އެބަހޯދާ...ތިގޮތަށް ފިލައިގެން އުޅޭކަށް ނުވާނެ....އަވަހަށްދޭ ރަށަށް...] އިޔާދު ހިތާދެކޮޅަށް ގީތާއަށް ނަޞޭޙަތްތެރިވިއެވެ.

[އިޔާ...ތިހެން ނުބުނޭ....އިޔާ ބޭނުންވަނީ ދާއިމަށް އެ އަނިޔާވެރި ކިއްލާތެރޭ އަހަރެން ބަހައްޓަން...؟ ދެން އެ ހަތަރުފާރުން އެތެރެއަށް އެންމެ ފިޔަވަޅެއް އަޅާކަށްވެސް އަހަރެން ބޭނުމެއް ނޫން.....] ގީތާއަށް ގިސްލެވެން ފެށުނެވެ. އެހިނދު އެ އަނިޔާވެރި ބައްޕަގެ ވާހަކަ ލޯބިވެރިޔާއަށް ކިޔައިދިނުމަށްޓަކައި އޭނާގެ ދޫ ޙަރަކާތް ކުރިއެވެ.

[އިޔާ...އަހަރެން...ކިހިނެއްތަ، އިޔާއަށް މިވާހަކަ ކިޔައިދޭނީ...އިޔާ...] ގީތާ ކޮށިއެރިއެވެ. ދެންވެސް އޭނާ މަސައްކަތް ކުރީ އެވާހަކަ ކިޔައިދޭށެވެ. އެހެން ނޫނީ ދުވަހަކުވެސް އޭނާއަށް އެ ބައްޕަގެ ކިބަޔަކުން ސަލާމަތެއް ނުވެވޭނެއެވެ.

ނަމަވެސް އޭނާއަކަށް ހިތްވަރެއް ނުކުރެވުނެވެ. ހީވީ އޭނާގެ އަނގައިގައި ވާގި ނެތުނުހެންނެވެ.

[ގީތު....އެއްވެސް މަޔަކާއި ބަފަޔަކު ދަރިއަކަށް ދެރައެއްދޭކަށް ނުވިސްނާނެ. މައިންބަފައިންގެ ކޮންމެ ނިންމުމަކާވެސް ގުޅިފައިވާނީ، އެ ދަރިއެއްގެ މުސްތަޤްބަލާ. ގީތާގެ މަންމައާއި ބައްޕަގެ ހުރިހާ ވިސްނުމެއް ވާނީވެސް ގީތާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގައި.] އިޔާދު ކުޑަކޮށް ބުރަކަށި ހިއްލަން މަސައްކަތް ކުރަމުން ބުންޏެވެ. ގީތާ ރޮއިރޮއިފައި ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ.

[ތިހެން ނުބުނޭ އިޔާ...ހުރިހާ މައިންބަފައިންނެއް ދަރިންގެ މުސްތަޤްބަލަކަށް ނުވިސްނާނޭ....ބައެއް މައިންބަފައިން ވިސްނާނީ، އެމީހުންގެ އަމިއްލަ އުފަލަށް.] ގީތާ ކުޑަކަކޫ ޖަހައިގެން އެނދާ ދިމާއަށް ތިރިވެލިއެވެ. ގީތާގެ މަންމަ ޝަޒާދާއާއި އެކުވެރިޔާ ލީނާ އައިސް އެ ވާރޑަށް ވަނީ އެވަގުތެވެ. މަންމަ ކުއްލިއަކަށް ފެނުމުން ޙައިރާންވެ ބިރުގެންފައި، ގީތާއަށް ބަލައިލެވުނީ ފަހަތުން އިތުރު މީހަކު ވަދޭތޯއެވެ.

[ދަރިފުޅުގެ ބައްޕައަށް ނާންގައޭ މިއައީ....] ގީތާއަށް ހިތްހަމަޖެހުން ލިބުނީ، އޭނާއާ ދާދި ގާތަށް ހުއްޓެމުން މަންމަ ބުނި ޖުމްލައިންނެވެ.

[މަންމާ...އަހަރެން ސަލާމަތްކުރޭ މަންމާ...] ގީތާ ރޮމުން މަންމަގެ ގައިގައި އޮޅުލައިގަތެވެ.

[ނުރޮއޭ...ދަރިފުޅާ...އަވަހަށް ހިނގާ ގެޔަށްދާން...ދަރިފުޅުގެ ބައްޕަވެސް މިހާރު ބުނެފި، ވަރިހަމަޔޯ ދަރިފުޅުމެންގެ ގުޅުން ކުރިޔަށް ގެންދިޔަސް.] ޝަޒާދާ ނުހަނު އަސަރާއެކު ގީތާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެދޭން ފެށިއެވެ.

[މަންމާ....އަހަރެން ދެން ތިގެއަށް ދާނީ....ގޮތެއްގެ މަތިން...ދޮގު ނަހަދާ، ތެދަށް މަންމަ ބުނޭ...އެއީ ހަމަ ޙަޤީޤަތުގައިވެސް އަހަރެންގެ ބައްޕަތަ؟ އެކަމަކު އަހަންނަކަށް ޤަބޫލެއް ނުކުރެވޭ...] ގީތާ ކަރުނުން މަންމަގެ މޭ ތެންމަމުން، ގިލަންވެރި އަޑަކުން ވާހަކަ ދެއްކިއެވެ. ޝަޒާދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެއްޖެއެވެ. އޭނާއަށް އިޙްސާސް ކުރެވުނީ، މީހަކު އޭނާގެ ބޮލުގައި ބާރު ބޮނޑިއެއް އެޅީކަމުގައެވެ.

[ދަރިފުޅާ....ކޮން ވާހަކައެއްތަ ދަރިފުޅު ތި ދައްކަނީ.....ނޫނީ ކީކޭ ކިޔަންތަ ދަރިފުޅު ތިއުޅެނީ....] ޝަޒާދާގެ އަނގަވެސް އޮޅޭގޮތްވިއެވެ. ގީތާ ހުރީ މަންމަގެ މޫނުމައްޗަށް އަރަމުންދިޔަ ނުތަނަވަސް ކުލަތައް ބަލާށެވެ. މަންމަ ކޮންމެވެސްކަމެއް އޭނާއަށް ސިއްރު ކުރަމުންދާކަން، އެހާހިސާބުން އޭނާއަށް ޝައްކުވިއެވެ.

[ކިޔާނެ އެއްޗެއްވެސް، ބުނާނެ އެއްޗެއްވެސް އަހަންނަކަށް ނޭނގެ....އެކަމަކު...އެއީ އަހަރެންގެ ބައްޕަނަމަ...] ގީތާ ކޮށިއެރިއެވެ.

[ބައްޕަ ކިހިނެއްވީތަ؟ ދަރިފުޅާ...] އޭރު ޝަޒާދާގެ ލޮލުންވެސް ކަރުނަ ފައިބަމުންދަނީއެވެ. ލީނާއާއި އޫޝާގެ ގާތު އެތާނގައި މަޑުކުރުމަށް ބުނެފައި، މަންމަގެ އަތުގައި ހިފައިގެން ގޮސް ގީތާ އެތަނުން ނުކުތެވެ. އޭނާ މަންމަ ގޮވައިގެން ގޮސް ހުއްޓުނީ، ހޮސްޕިޓަލްގެ ފުރަގަހުގައި އޮން މަގަށެވެ.

އެއަށްފަހު، ގީތާ ފެށުނީއްސުރެން އޭނާގެ ބައްޕަ ޒާހިރު އޭނާއާމެދު އަމަލު ކުރަމުން އައި ގޮތް، ނިކަން ތަފްޞީލުކޮށް މަންމައަށް ކިޔާދިނެވެ. ލިބުނު ހިތްދަތިކަމާއެކު، ކުރި ފުން އަސަރުން ޝަޒާދާއަށް އެވާހަކަ އަޑުއަހަން، މާ ގިނައިރެއް ވަންދެން ނުހުރެވުނެވެ. ރޮއިގަނެވުމާއެކު އޭނާ އަނބުރައިގަތެވެ. ދުވަހުގެ ބާކީ ވަގުތު އޭނާވެސް ހޭދަކުރަންޖެހުނީ ހޮސްޕިޓަލްގެ ބަލި އެނދުގައެވެ.

[ދަރިފުޅާ...ޒާހިރަށް މަޢާފް ނުކުރިޔަސް، މި މަންމައަށް މަޢާފްކުރޭ....އެ ރަޙުމްކުޑަ ފާޙިޝް އިންސާނާ މަންމަ ބޭނުން ބޭނުންވަނީ ސިފައިންނާ ޙަވާލުކުރަން...އުފަން ދަރިއެއްގެ ޢިއްފަތް ނަގާލާކަށްވެސް އެފަދަ މީހަކު ފަހެއްނުޖެހޭނެ.....] ޝަޒާދާއަށް އެންމެފަހުން ބުނެވުނީ، އޭނާ މިއޮއްހާ ދުވަހު ނުބުނެ ކެތްކުރި ވާހަކައެވެ.

ޝަޒާދާގެ އެ ޖުމްލައާއެކު، އެތާނގައި ތިބި އެންމެންގެ ލޯމައްޗަށްވެސް ޙައިރާންމާކްތައް ފުނިޖެހިއްޖެއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން