އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
އެއް ގޮތަކަށް ވެސް ބުނަން މިއުޅެނީ ނަފްސާނީ ބައްޔަކީ ނުވާ ނޫނީ ނެތް ބައްޔެއްގެ ވާހަކައެއް ނޫނެވެ. ހަގީގަތުގައި ވެސް އެއީ ބައްޔެކެވެ. ނުރައްކާ ބައްޔެކެވެ. ކަމަކާއި ހިތާމަކޮށް ދެރަވުމާއި، ނަފްސާނީ ބަލި ހުރުމަކީ ތަފާތު ދެ ކަމެކެވެ. ނަފްސާނީ ބަލި ހުންނަ މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އެކިއެކި ގެއްލުންތަކާއި ކުރިމަތިވެއެވެ. މިބަލި ހުންނަ މީހުން ދުވަހުން ދުވަހަށް އިތުރު ވެފައިވާއިރު، ދުނިޔޭގެ ނިސްބަތަށް ބެލިކަމުގައިވީ ނަމަވެސް 350 މިލިއަނެއްހާ މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.

އިންސާނާގެ ސިކުނޑިއަކީ ނަފްސާނީ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރާ ގުނަވަނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނަފްސާނީ ބަލިތަކުގެ ސަބަބުން ސިކުނޑިއަށް ބަދަލުތަކެއް އާދެއެވެ، މިގޮތަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނާގެ ހަމަ ބުއްދިން ނެއްޓޭ ފަހަރު ވެސް އާދެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ވަރުވެއެވެ. އިޚްތިޔާރުން ބޭރުން އެތައް ކަމެއް ކުރެވެއެވެ. މިއީ ހަގީގަތެވެ. ނަފްސާނީ ބަލި ނުރައްކާވަނީ މިހެންވެއެވެ.

އެކަމަކު މިފަހަރު ދައްކަން މިއުޅެނީ އާދަޔާ ޚިލާފު ނަފްސާނީ ބައްޔެއްގެ ވާހަކައެވެ. މި ބަލި ޖެހުމުން އިންސާނާގެ ސިކުނޑި އާއި ހިތް ވެސް އެދެނީ އެއްކައުންވަންތަ އިލާޙާއި ހައްގު ދީނާއި، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރާށެވެ. ނޫނީ މިސްކިތްތަކަށް ވަދެ އެ ތަންތަނުގެ ހުރުމަތް ކަނޑައި އެތަންތަނުގައި އަޅުކަން ކުރަންތިބޭ މީހުންނަށް ފުރައްސާރަކޮށް ފޮށި މާރާމާރީ ހިންގާށެވެ.

އާނއެކެވެ. ފަހުގެ ތާރީޚުތަކުގައި ރާއްޖޭން މި ބަލި ޖެހިފައިވާ ގިނަ ބަޔަކު ފެނިފައި ވެއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އަކީ ފަހުގެ ތާރީޚެއްގައި އިސްލާމް ދީނަށް ރައްދުކޮށް އެންމެ ހުތުރު ވާހަކަ އެންމެ ގިނައިން ފާޅުގައި ދެއްކި އެކަކެވެ. ހަމައެކަނި ދީނަށް ފުރައްސާރަ ކުރީއެއް ނޫނެވެ. މާތް ﷲއަށް ގޮންޖަހައި ރަސޫލު ކަމަށް ވެސް ދައުވާކުރީއެވެ. އެވާހަކަތަކަށް ފަހު ދެ އަހަރު ކުރިން ނޮވެމްބަރ މަހެއްގެ 13 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެ އައިސްފައެވެ. ވެލެޒިނީ ރާއްޖެ އައުމާ އެކު އޭނާ ހައްޔަރު ކުރިއެވެ. ނަމަވެސް ވެލެޒިނީ ދޫކޮށްލުމަށް އެދި މި ގައުމުގައި ތިބި މާތް ﷲގެ ދީނުގެ އަދުއްވުން ގޮވާލި ގޮވާލުންތަކުގެ އަޑުއަހާ ދިވެހި ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ވެލެޒިނީ ދިވެހިންގެ ލެޔާ ކުޅެލުމަށް ފަހު ދެއްކި ބަހާނާއަކީ ނަފްސާނީ ބައްޔެވެ. އެކަމަކު އޭނާގެ އެ ބައްޔަށް ފަރުވާ ދޭން އެއްވެސް މީހަކު މަސައްކަތެއް ކުރިކަމެއް އަދިއަދަށް ދާންދެން ވެސް އެނގޭކަށް ނެތެވެ. ފުލުހުން ވެލެޒިނީ ހައްޔަރު ކުރުމަށް ފަހު އޭނާގެ އާއިލާއާ ހަވާލުކުރި ފަހުން ވެސް ފަރުވާއެއް ދިންކަން ފެންނާކަށް ނެތެވެ. ވެލެޒިނީ ހައްޔަރު ކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރު ނުކޮށް އޭނާ ދޫކޮށްލި ފަހުން އޭނާގެ މާބު ޚަބަރެއް ނުވެއެވެ. ދޭތެރެއަކުން ޓިކްޓޮކް ކުޅެލާތަން ފެންނަ ކަމަށް މީހުން ބުނެއެވެ.

ދެން އޮތީ މިދިޔަ އަހަރު ހިނގި ހާދިސާއެކެވެ. މަސްތުވެގެން މާލޭގެ މަގުމަތީގައި މާތް ﷲ އަށް ފުރައްސާރަކުރަމުން ދިޔަ އިންޑިޔާ މީހެއްގެ މައްސަލަ ނިމިގެން ދިޔަ ގޮތެވެ. ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެ މީހާގެ މައްސަލަ ބެލުމެއް ނެތި ކޯޓުން ދޫކޮށްލީއެވެ. މިނިވަން ކޮށްލީއެވެ. އެ މީހާ ވެއްޓިފައި އޮތީ މާލޭގެ އަބަދަށް ފެހި މަގަށެވެ. އެ މީހާ ވެއްޓިފައި އޮތް އިރު އޭނާ ވަނީ އިސްލާމްދީނަށާއި މާތްﷲއަށް ފުރައްސާރަކޮށް ވެސް ވާހަކަތަކެއް ދައްކާފައެވެ. އެ ވަގުތު އެ ސަރަހައްދުގައި ގިނަ ބަޔަކު ތިއްބެވެ. ފަހަރުގައި އޭނާ ދޫކޮށްލީ މަސްތުވެ ނަފްސާނީ ވެފައި ހުރީމާ ކަމަށް ވެދާނެއެވެ. އެ ބަލީގައި ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އަދަބު ދިނުމަކީ އޮންނަ ކަމެއް ނޫންތާއެވެ. އެ މައްސަލަ ވެސް އޮބިގެން ދިޔައީއެވެ. ވީކަމެއް ހަރާމެވެ،

ދެން މި އަހަރުގެ ވާހަކަތަކެވެ. އަނެއްކާ ވެސް ނަފްސާނީ ވެގެން އުޅުނު އިންޑިޔާ މީހެކެވެ. ހުޅުމާލެ މިސްކިތެއްގެ ތެރޭގައި ދޮށީ އުމުރުގެ މީހަކަށް، އިންޑިޔާ މީހަކު ހަމަލާ ދީފައި ވަނީ 15 ޖެނުއަރީ 2021 ގައެވެ. ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތަށް އަސުރު ނަމާދަށް އަރައި އިން ދުވަސްވީ މީހަކާ މިދެންނެވި މީހާ އަޅައިގަތީއެވެ.

އޭނާ ބުނީ އެއީ ކުރިން ދަންނަ މީހެއް ނޫން ކަމަށެވެ. އަސްރު ނަމާދުގެ ފަހު ރަކުއަތް ނިމެން ކުޑަތަން ވެފައި ވަނިކޮށް، މިސްކިތުގެ ތެރޭގައި ހިނގި އެ ކަންތައްގަނޑާއެކު، ސަލާމް ދިނުމަށްފަހު، މިސްކިތުގައި ތިބި އެންމެން “ކެކިއަރައިގަތީ” މި ބޭބެގެ ދިފާއުގައެވެ. ބޭބެގެ ގަމީހުގެ ގިރުވާނުގައި ހިފައި ދެމުންދިޔަ އަނިޔާތަކުން ބޭބެ ސަލާމަތް ކުރުމަށެވެ. މިސްކިތުގައި ނަމާދަށް ހުރި މީހާއަށް މިދެންނެވި އިންޑިއާ މީހާ ހަމަލާދިނުމުން އެ މީހާ ވަގުތުން މިސްކިތުން ނެރުނު ކަމަށްވެ އެވެ. އަދި އެއީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށް ވެސް އެތަނުގައި ތިބި މީހުން ބުންޏެވެ. މިސްކިތުގައި ނަމާދަށް ހުރި މީހާއަށް ހަމަލާދިނީ ކޮން ސަބަބާހެދި ކަމެއް ސާފުވާ ގޮތެއްނުވި އެވެ. ސާފުވާ ކަމަކީ ދެވުނު އަދަބެއް ނެތްކަމެވެ.

މި ފަހުން ވެސް ވަނީ މިސްކިތެއްގެ ތެރޭގައި މިފަދަ އިތުރު ހާދިސާއެއް ހިނގާފައެވެ. ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒަށް ވަދެގަތީ ބަރަހަނާ ހާލުގައި ހުރި ބިދޭސީއެކެވެ. އެއީ ވެސް ނަފްސާނީ ބަލީގެ މީހެކެވެ. ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީ މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ފުލުހުން ވެސް ބުނެއެވެ. ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ބިދޭސީއަކު ވަދެގެން އެމީހާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށް ފަހުއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަދަބު ދިނުމެއް ނެތި، އޭނާގެ ސްޕޮންސަރާ ގުޅިގެން އޭނާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިނޫނަސް ދިވެހި ގައުމަށް ނިސްބަތްވާ މި ޒަމާނުގެ މަދު މީސްކޮޅެއް ފާޅުގައި މީސް މީޑިއާގައި ވެސް މިކަން އެބަކުރެއެވެ. ދޭތެރެއަކުން ހައްޔަރު ވެސް ކުރެއެވެ. ދެން އެހެން އުޅެނިކޮށް މިކަމަށް ތަރުހީބުދޭ ތަންކޮޅެއް ފުންނާބު އުސް ބަޔަކު އެމީހުންނާ ބޭރުގެ ޖަމާއަތަކާ ގުޅުވައިދެނީއެވެ. ދެން ފެންނަނީ އެމީހުން ބޭރުގެ ކޮންމެވެސް މިނިވަން ޖައްވަކަށް އުދުހިދާ މަންޒަރެވެ. ދެން އެއޮތީ އަދި މާބޮޑަށް ނަފުސާނީ ވެފައެވެ. މި ގައުމުގައި ބޮޑެތި ލާދީނީ ރިޕޯޓުތައް ނެރެފައިވެސް އެއްވެސް ހުރަހެއް ނެތި އެގޮތަށް ދެވެއެވެ. އެމީހުންނަށް ވެސް ޖެހެނީ ހަމަ އެބައްޔެވެ.

މި ހުރިހާ ހާދިސާއަކަށް ބަލާލައިފި ނަމަ އަޅުގަނޑަށް ފެންނަނީ މި ބަލީގެ ނުރައްކަލެވެ. ހާއްސަކޮށް މި ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ނުރައްކާ ބޮޑުވެފައި ބިރުވެރިއެވެ. މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކުރުން ފާހަގަކުރެވެނީ ބަލީގެ އަލާމާތްތަކުގެ ގޮތުގައެވެ. އެހެންކަމުން މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހެއެވެ. އަދި މި ބައްޔަކީ ސީރިއަސް ބައްޔެގެ ގޮތުގައި ބަލައި މިކަން ކޮންޓްރޯލްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ފުންކޮށް ވިސްނާން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު


4

މަހުދީ

20-Feb-2021

އެއީ ﷲގެ ކޯފާ


29

ތުނިޔަ

29-Jan-2021

ތިބުނާ ނަފުސާނީމީހުންގިނައީ މިދައުލަަތުގައި ދޯ


21

އުތުރުފެންޑާ

29-Jan-2021

ކުދިނޭ ރަށުކުދިނޭ މޮޅުކުދިނޭ ތިޔަހެންނުތިބޭ މިގައުމު ސަލާމަތް ކުރަން ކުރެވެންހުރި ހުރިހާމަސައްކަތްކުރުމަށް ނަސޭހަތްތެރިވަން މިރާއްޖޭގައި މިއޮތް އިސްލާމްދީނާއި ، ކީރިތި ގުރުއާން އާއި ، ރަސޫލާގެ ސުންނަތް ބަހައްޓާ ދެމެހެއްޓުމަކީ މުސްލިމުންގެ މައްޗަށް ވާޖިކުރައްވާ ފައި ވާކަމެކެވެ


18

އމމ

28-Jan-2021

ވެރިކަމާ ބަލާވެރިކަމާ މިއީ ތަފާތު ދެބާވަތެއްގެ ވެރިކަމެއް ނޫންބާއޭ ހިތަށް އަރާ. ބަލާަ މުސީބާތް މެދުވެރި ކުރައްވާ ސަބަބު ތަކުގެ ތެރޭގަ ﷲ އަށް އުރެދުނވެސް ހިމެނޭ


13

އައިސް

27-Jan-2021

ފައްކާ ލިޔުމެއް%100ތެދު ފުޅެއް..


4

މަރިޔަނބު

26-Jan-2021

އެންމެފަހުން ނަފްސާނީވި ކަލޭގެ ބަރަހަނާވެގެން ހުރެ ކީއްވެބާ ޖުމްހޫރީ މައިދާނަށް ނުނިކުތީ؟ މިސްކިތަށް ވަނީ އޭނަ ނަފްސާނީވެފަ ހުރިލެއްބޮޑުވީމަތަ؟މި ޤައުމުގެ ވެރިން އެބަޖެހޭ ތަންކޮޅެއް ޒިއްމާދާރުވާން،ﷲ ގެ ކޯފާ އަށް ބިރުވެތި ނުވާބަޔެއްގެ ތެރޭގައި މިފަދަ ޢަމަލު ކުރާމީހުން އިތުވެގެންދާނެކަމީ ޝައްކެތްވެސް އޮތް ކަމެއްނޫން.


10

މަރިޔަނބު

26-Jan-2021

އެންމެފަހުން ނަފްސާނީވި ކަލޭގެ ބަރަހަނާވެގެން ހުރެ ކީއްވެބާ ޖުމްހޫރީ މައިދާނަށް ނުނިކުތީ؟ މިސްކިތަށް ވަނީ އޭނަ ނަފްސާނީވެފަ ހުރިލެއްބޮޑުވީމަތަ؟މި ޤައުމުގެ ވެރިން އެބަޖެހޭ ތަންކޮޅެއް ޒިއްމާދާރުވާން،ﷲ ގެ ކޯފާ އަށް ބިރުވެތި ނުވާބަޔެއްގެ ތެރޭގައި މިފަދަ ޢަމަލު ކުރާމީހުން އިތުވެގެންދާނެކަމީ ޝައްކެތްވެސް އޮތް ކަމެއްނޫން.



ޓްރެންޑިން