މައިބަފައިން ދައްކާ މީހަކާ ނޫނީ ކައިވެނި ނުކުރުމަށް އިންޑިޔާގެ ކޮލެޖެއްގައި ކިޔަވަމުންދާ އަންހެން ދަރިވަރުންތަކެއް ހުވާކޮށްފިއެވެ.

ލޯބިވެރިންގެ ދުވަހާއި ގުޅުވައިގެން އިންޑިޔާގެ ކޮލެޖެއްގައި ކިޔަވަމުންދިޔަ 40 އަންހެން ދަރިވަރަކު ވަނީ މިހުވާގައި ބައިވެރިވެފައެވެ. މިހުވާގައި މައިންބަފައިން ދައްކާ މީހަކާ ނޫނީ ކައިވެނި ނުކުރުމަށް ފާހަގަ ކޮށްފައިވާއިރު، އިންޑިޔާގައި ޑައުރީގެ ގޮތުގައި ކައިވެނި ކުރުމަށް އަންހެން ކުއްޖާގެ އާއިލާއިން ފިރިހެން ކުއްޖާގެ އާއިލާއަށް ދޭންޖެހޭ ފައިސާ އާއި ދެކޮޅަށް ތެދުވުމަށްވެސް ހުވާގައިވެއެވެ.

މިހުވައި އެކުދިންނަށް ލައިދީފައިވަނީ އެކޮލެޖުގައި ކުރިއަށް ގެންދިޔަ ނެޝަނަލް ސާވިސް ސްކީމް ކޭމްޕެއްގެ ތެރެއިންނެވެ. މި ކޭމްޕުގައި 100 އެއްހާ ދަރިވަރުން ބައިވެރިވެފައިވާއިރު، 40 އަންހެން ދަރިވަރުން ވަނީ މިހުވާގައި ބައިވެރިވެފައެވެ.

މިހުވާގައި މައިންބަފައިންނަށް އިތުބާރު ކުރާކަމަށާއި، ލޯބީގެ ގޮތުން އެއްވެސް މީހަކާއި ނުގުޅޭނެކަމަށާއި، އަދި ލޯބީގެ ގުޅުމަކުން ކުރެވޭނެ ކައިވެންޏެއް ނުކުރާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މަޖުބޫރީ ހާލަތެއްގައި އިންނަން ޖެހޭ ފިރިހެން ކުއްޖާގެ އާއިލާއަށް ޑައުރީގެ ގޮތުގައި ފައިސާ ދޭންޖެހުނަސް، އަމިއްލަ ދަރިންގެ ކައިވެނި ކުރުމަށް ޑައުރީގެ ގޮތުގައި ފައިސާ ނުދައްކާނެކަމަށްވެސް ހުވާކޮށްފައިވެއެވެ.

މިފަދަ ހުވައެއް ލައިދިނުމަށް ހިޔާލު ލިބުނީ ކޭމްޕު ތެރޭގައި ދަރިވަރުންނާއެކީ ކުރެވުނު މަޝްވަރާ ސެޝަންތަކެއްގެ ތެރެއިންކަމަށް އެކޮލެޖުގެ ޕްރިންސިޕަލް ފާހަގަކޮށްފައިވެއެވެ. އަދި މިމަޝްވަރާތަކުގައި ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ލޯބީގެ ގޮތުން މީހަކާއި ގުޅިގެން ކައިވެންޏަކާއި ހަމައަށް ދާހިތްވަނީ ކީއްވެގެންތޯއާއި، ލޯބީގެ ގޮތުން ގުޅޭ ފިރިހެނުންނާއެކީ އަންހެން ކުދިން ފިލާ ސަބަބު ތަކާއި، މިފަދަ ކަންކަމުގައި މައިންބަފައިންނަށް ކުރެވޭ އިތުބާރު ގެއްލިފައިވޭތޯ މަޝްވަރާކުރެވުނު ކަމަށް އެކޮލެޖުގެ ޕްރިންސިޕަލް ފާހަގަކޮށްފައިވެއެވެ.

މިހުވައި ލައިދެވުނީ އެއްވެސް ވަރަކަށް މަޖުބޫރުކޮށްގެން ނޫންކަމަށްވެސް އެކޮލެޖުގެ ޕްރިންސިޕަލް ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން